އެއްވެފައިވާ މީހުންގެ ތެރެއަށް ސަމީރުގެ ނަޒަރު ހިންގާލިއެވެ. އޭނާގެ ހަނދާނަށް އައީ މީގެ އެތަކެއް ދުވަސްތަކެއްގެ ކުރީގެ ހަނދާނެކެވެ. މިނިވަން 25 އެއްގެ އުފާ މިފަސްގަނޑުގައި ކުރަމުންދިޔަ ހަނދާންތަކެވެ. އެ އުފަލުގައި މިތާ ފާހަގަކުރި ބޮޑު މުނާސަބާއެވެ. މިއަދު މިއޮތްގޮތަށް އެދުވަހުވެސް މި މައިދާނަށް މީހުން ޖަމާވެފައި އޮތްގޮތެވެ. މުޅިންވެސް މިނިވަން 25 ގެ ކެޕްސޫލު ވަޅުމުގެ ތާރީޚީ ރަސްމިއްޔާތު ދެކިލުމަށް ރަށުގެ މި ތާރީޚީ އާފާރު ގަސްދޮށަށް އައިސްތިބި މީހުންނެވެ.

އެދުވަހު އޭނާ މިތަނުގައި ހުއްޓިލައިގެން ހުރީ ތަޢުލީމީ މަރުކަޒުގެ އެންމެ އިސްވެރިއެއްގެ ޙައިސިއްޔަތުންނެވެ. އެހެނަސް މިއަދު އޭނާ އައިސް އެހުރީ ދުވަހުގެ ޝަރަފުވެރިއެއްގެ ހައިސިއްޔަތުންނެވެ. އޭނާގެ ވަށައިގެންވަނީ އުފާވެރިކަމެވެ. މުޅި ތަން ފެންނަނީ މިނިވަން 50 ގެ ކުލަތަކާއެކު ވަރަށް އުޖާލާކޮށެވެ. މިނިވަންކަމުގެ އުފާ ނުކުރާ އެކަކުވެސްނެތެވެ. ވަޠަނީ ރޫޙެއްގައި އެ ޝުޢޫރާއި އެ އިޙުސާސްގެ ވިންދު ނުޖަހާ އެންމެ ހިތެއް ވެސް ނެތެވެ.

ކިތަންމެ ހިތްހަމަޖެހިފައި ހުއްޓަސް ނޭނގޭ ބިރުވެރިކަމެއްގެ ކުއްލިއަކަށް ސަމީރަށް އިޙުސާސް ކުރެވެން ފެށިއެވެ. އޭނާގެ ހިތް ތެޅެން ފެށިއެވެ. މިވަނީ ކީއްކަން ޚުދު އޭނާއަށްވެސް ނޭނގޭ ކަހަލައެވެ. އެއްވެފައިވާ މީހުންގެ ތެރެއަށް ދެވަނަ ފަހަރަށް އޭނާގެ ނަޒަރު ހިންގާލިއެވެ. އޭނަޔާ އެންމެ ގާތުގައި ތިބި މީހުންނަށެވެ. ދެލޮލަށް ވެރިވެގަތީ ފަސް މަގުގެ ހަނދާނެކެވެ.

ގާތުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން ޒުވާން އަންހެން ކުއްޖާ ފެނުމުން އޭނާގެ ޙަޤީޤީ މާޒީގައި ޖެހިފައިވާ ގޮށްތައް މޮހެން ފަށައިފިއެވެ. އެއީ އެދުވަހުވެސް އޭނާ ދުށް މޫނެކެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ ތަފާތު ސޫރައެއްގައެވެ. ހުދު ސުނޯކޮޅެއްފަދަ ސާފު ޔުނީފޯމުގައި އެދުވަހު ފެނުނު ކުއްޖާ ފެންނަމުން ދިޔައީ ޒުވާން ކަމުގައި ފަރިވެ ފޮޅިފައިވާތަނެވެ.

އަންހެންކުއްޖާގެ އަތުގައި ހިފަހައްޓާލައިގެންހުރި ތުއްތުތުއްތު ކުއްޖާގެ ޙަރަކާތްތަކުން އެއީ އޭނާގެ ދަރިފުޅުކަން ދެނެގަންނާކަށް ސަމީރަކަށް މާއުނދަގުލެއް ނުވިއެވެ. ފަސްމަގުގެ ދުރުމީން އެތައް މަންޒަރުތަކެއް ދެކެމުން ދަނިކޮށް އޭނާއަށް ހިމޭންކަން ގެނެސްދިނީ ކޮންނަ ސާމާނުތައް ހިފައިގެން އައި ހައެއްކަ މީހުން ފެނިފައެވެ. އިންތިޒާރީގެ ގަޑި ނިމުމަކަށް އައީއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލިގެން ދިޔައެވެ. މީހުންތައް ހަލަބޮލިވިއެވެ. ކޮންނަމުންދާ ވަޅުގަނޑާ ކައިރިއަށް ޖެހެން ފެށިއެވެ. ސަމީރަށް ހުރެވުނީ އެމަންޒަރު ދެކޭން ވަރަށް ކައިރީގައެވެ.

މަސައްކަތުގައި ޙަރަކާތްތެރިވަމުންދިޔަ މީހުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮންކްރީޓް ކޮށްފައިވާ ސިމެންތި އޮނިގަނޑު ފުނޑުފުނޑުކޮށްލިއެވެ. އަދި އޭގައިވާ އެއްޗެއް ފަރުވާތެރިކަމާއެކު ނެގުމަށްފަހު ކައިރީގައި ހުރި ފޮތި އަޅާ ޒީނަތްތެރިކޮށްފައިވާ މޭޒުމަތީގައި ބާއްވާލިއެވެ. އެވަގުތު އެ ރީތި ކެޕްސޫލަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ބޭރުފުށުން އެއަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަކަށް ނުފެނެއެވެ. ހަމަ އެރީތި ކަމުގައި ރަތާއި ފެހީގެ ދެބުރި ދެކުލައިގެ ބޭސް ގުޅައެއްގެ ސިފައިގައި އޮތެވެ.

ރަސްމިއްޔާތުގެ ކަމާކެމި ހަމަޖެހިފައިވާގޮތުން ދެން އޮތީ ކެޕްސޫލް ކަނޑާލުމުގެ ވަގުތުކޮޅެވެ. މި ޝަރަފު ލިބިގެންވާ ފަރާތަކީ ކެޕްސޫލް ވަޅުލި ދުވަހު އެ ހިފަހައްޓާލުމުގެ ޝަރަފު ހޯދި މަރުކަޒުގެ އޭރުގެ އެންމެ ހަނގު ދަރިވަރެވެ. ގުރޭޑު 1 ގައި އޭރު ކިޔަވަމުންދިޔަ ޢުމުރުން އެންމެ ހަނގު ކުއްޖާއެވެ.

ޒުލާގެ ނަން އިޢުލާން ކުރުމާއެކު އޭނަޔާ އެންމެ ކައިރީގައި ހުރި ތުއްތު ތުއްތު މައުޞޫމު ކުއްޖާ އަތުގައި ހިފަހައްޓާލައިގެން ހިނގާފައިގޮސް ކެޕްސޫލް ބާއްވާލާފައިވާ މޭޒުގެ ކުރިމައްޗަށްވާގޮތަށް ހުއްޓުނެވެ. ހަމައެއާއެކު ތުއްތު ކުއްޖާ އުފުލާލާފައި ކެޕްސޫލް އޮނިގަނޑުގެ ތެރެއިން އެންމެ މައްޗަށް އޮތް ކަރުދާސްކޮޅު ނެގުމަށް އެކުޑަ ނާޒުކު އަތްތިލަ މަޑުމަޑުން އޭގެ ތެރެއަށް ކޮށްޕާލިއެވެ. ތުއްތު ކުއްޖާ ނެގި ކަރުދާސްކޮޅު އެންމެ ކައިރީގައި ހުރި ކާކުކަން ނޭނގޭ މީހާގެ އަތަށް ޒުލާ ދިއްކޮށްލިއެވެ. އެވަގުތު ފަސްމަގުގެ ދުރުމީން އެތައް މަންޒަރުތަކެއް އެއްފަހަރާ ދައްކާލިހެން ސަމީރަށް ހީވިއެވެ. ތުރުތުރު އަޅާ އަތަކުން އެ ކަރުދާސްކޮޅު ނިއުޅާލުމަށްފަހު އޭނާގެ ލޮލާ ކައިރިކޮށްލިއެވެ. ލޮލުގެ ފުސްކަން އެކިޔުމަށް އޭނާއަށް ހުރަހަކަށްވި ކަހަލައެވެ. އަވަސް ޙަރަކާތަކާއެކު ޖީބުގައިވާ ނަންބަރު އައިނު ނަގާ ލޮލުގައި އަޅާލިއެވެ.

އެކަރުދާސްކޮޅުގެ ދެލިގަނޑަށް ބަލާލުމާއެކު ސަމީރު ތުރުތުރު އަޅައިގެން ދިޔައެވެ. މިއީ ޒުލްފާގެ ފަރާތުން އޭނާއަށް ދީފައިވާ އިންޒާރުގެ ނޯޓެކެވެ. މިނޫނަސް މިޒާތުގެ ނޫން އެތައް ނޯޓެއް މީގެކުރިންވެސް އޭނާއަށްވަނީ ލިބިފައެވެ. އެކަމަކު މިކަހަލަ އަޑެއް ނީވޭތާވެސް އެތަކެއް ޒަމާނެއް މިހާރު ފާއިތުވެދިޔައީއެވެ. އެ ހަނދާންތައް އޭނާގެ ހިތުން ފުހެލިތާވެސް މިއީ ކޮން ދުވަހެއް ހެއްޔެވެ؟ ނަމަވެސް ތާރީޚު އަލުން އެ އިޢާދަވީއެވެ.

ސަމީރުގެ މުޅި ހަށިގަނޑުން ނޭނގޭ ދަލެއް ހިއްލަން ފެށިއެވެ. މުޅި މީހާ ތެމެމުންދާކަމުގެ އިޙުސާސް އޭނާއަށް ކުރެވެން ފެށިއެވެ. އަތުގައިވާ ނޯޓާ މެދު އޭނާއަށް ޚިޔާލު ކުރެވެން ފެށިއެވެ. އޭގެ ދެލިގަނޑަށް ބެލިބެލިހެން އޭނާއަށް ހީވަމުން ދިޔައީ ޒުލްފާ އޭނާގެ ކުރިމަތީގައި ހުރެގެން މަލާމާތްކޮށްފައި ބުނާ ހެންނެވެ.

"ސަމީރު! ސަމީރު! ކަލޭ ހީކުރީ އަހަންނަށް ބޭވަފާތެރިވެފައި އުފަލުގައި ހުރެވިދާނެ ކަމަށްތަ؟........ ވިސްނާލަބަލަ! ކަލޭ އަހަންނާ ވަކިވުމުން އަހަރެންގެ މުޅި ދިރިއުޅުމަށް ކޮށްފައިވާ އަސަރު..... ކަލޭ މިހާރު އުފަލުގައި ހުއްޓަސް މީގެ 25 އަހަރު ފަހުން، މިކަން ނުފިލާވަރުގެ ބައްޔަކަށްވުމަކީ އެކަށީގެންވާ ކަމެއް. އަހަރެންނަށް ދުނިޔޭގައި ހުރުމުގެ ނަޞީބެއް ނުލިބުނަސް އަހަރެންގެ ހަނދާންތައް ކަލޭ ވަށައިގެން އެދުވަހަކުން އެނބުރޭނެ. އެކަމަކު އޭނާއަކަށް އެކައްޗެއްވެސް ނޭނގޭނެ...... މިދައްކާ އެއްވެސް ވާހަކައެއް ކުޑަކޮށްވެސް ނޭނގޭނެ..... ކަލެޔަކީ ކާކުކަން އެނގިއްޖެއްޔާ އޭނާ ކަލޭ ބަލައިގަންނާނީ ކޮން ސިފައެއްގައިކަމެއް ބުނެދޭކަށް ނޭނގޭ...... އޭނާ މިއަދު ތަފާތު ސިފައެއްގައި ފެނުމަކީ އެކަށީގެންވާ ކަމެއް..... އަދި ކާފަ ދަރިއެއް ދުށުމުގެ ނަޞީބު ލިބުމަކީވެސް އެކަށީގެންވާ ކަމެއް........

ސަމީރު! މިހުރިހާ މަންޒަރެއް ވަގުތުން ފެނިގެންދާއިރު ކަލޭ ހުންނާނީ ވަރަށް ހާސްވުމުގެ ތެރޭގަ. ސަބަބަކީ މިކަންވާނީ ކަލެއަށް ވަރަށް ބޮޑު ޢަޖައިބަކަށް!.......... ޢަޖައިބުން ޢަޖައިބަކަށް!....... ތަޤުދީރު ކަލެޔާ ކުޅެލި ކުޅިގަނޑަކަށް..........."

މަތިމަތިން ކިޔަމުންދިޔަ ޒުލްފާގެ ނޯޓުގެ ތަންތަންކޮޅުން ސަމީރުގެ ސިކުނޑި ގަނޑުކޮށްލި ކަހަލައެވެ. ތެދެކެވެ. މިއަދަކީ އެދުވަހެވެ. އެ ނޯޓަށް ބަރާބަރު 25 އަހަރު ފުރުނު ދުވަހެވެ. އޭނާގެ ހިތް ބުނެދިންގޮތަށް ހުރިހާ ކަމެއްވެސް މިވަނީ ކުރިމަތިވެފައެވެ.

އަންހެންކުއްޖާ ކުރިން ފެނުނު ދިމާއަށް ސަމީރުގެ ނަޒަރު ހިންގާލިއެވެ. އޭނާގެ ދުރުމީއަކަށް މިފަހަރަކު އެ ތަޞްވީރެއް ނޭރިއެވެ. އެ ތުއްތު މައުޞޫމު މޫނެއްވެސް ނުފެނުނެވެ. އެއްވެފައިވާ މީހުންތަކަށް ވަށައިގެން ސަމީރުގެ ކަޅި ހިންގާލިއެވެ. އެއްވެސް ދިމާއަކުން އޭނާގެ ނަޒަރު ސީދާވާގޮތެއް ނުވިއެވެ. ސަމީރު މާޔޫސްވިއެވެ. ފެންނަމުންދާ މަންޒަރުތައް މަޑުމަޑުން ފުސްވަމުންދާހެން އޭނާއަށް ހީވިއެވެ.

ފާރުގައިވާ ގަޑިން ޖަހަންފެށި ބާރު މިޔުޒިކާއެކު ސިއްސައިގެންގޮސް ސަމީރުގެ ބަރު ދެލޯ ހުޅުވުނެވެ. ގަޑިން މެންދަމުން އަލިވެ 12 ޖެހިކަން އިޢުލާން ކުރީއެވެ. އައު ދުވަހަކަށް ގަޑީގެ ކަށި ދަތުރު ފެށީއެވެ. އޭނާއަށް ޚިޔާލު ކުރެވެން ފެށީ ފެނުނު ހުވަފެނާ މެދުގައެވެ. އެއާއެކު އެއްވެސް އިޚުތިޔާރަކާ ނުލާ އޭނާއަށް ބުނެލެވުނެވެ.

"ޒުލްއެވެ! އާނއެކެވެ. މާދަމާ އިތުރު 25 އެއް ފުރެނީއެވެ. މިނިވަން 50 އަކަށެވެ. ކަލާގެ ނޯޓު އަހަންނަށް ލިބިއްޖެއެވެ. ދަރިފުޅާއި ކާފަ ދަރިފުޅުވެސް ފެނިއްޖެއެވެ. ވަރަށް ލޯތްބެވެ. އެކަމަކު އަދި ހުވަފެނެއްގައެވެ. އަހަރެން މިހުރީ އެ ދަރީންނާ އެއްފަސްގަނޑެއްގައެވެ. އިންތިޒާރު ކުރެވެމުން މިދަނީ މާދަމާއަށެވެ. އަދި މިރޭ އައު ދުވަހަކަށް އަލިވިލުމާ ދެމެދު ހަތަރު ފަސް ގަޑިއިރެއް އެބައޮތެވެ.

މުޅިން އައު ދުވަހެކެވެ. ހަމަ އެމަންޒަރެވެ. އެ ތާރީޚީ އާފާރު ގަސްދޮށެވެ. އެ މޫނުތަކެވެ. އެކަމަކު ތަފާތު ސޫރައެއްގައެވެ. މުޅިން ވެސް 25 އަހަރުގެ ބަދަލެވެ. ކެޕްސޫލް ކަނޑާލުމުގެ ރަސްމިއްޔާތަށް ޙާޟިރުވެ ހުރިއިރު ވެސް ސަމީރަށް ޚިޔާލު ކުރެވުނީ ރޭގައި ފެނުނު ހުވަފެނާ މެދުގައެވެ. މިތާ ދައުރުވަމުން މިދާ މަންޒަރާ އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެކުލަތަކެވެ.

ކެޕްސޫލުގެ ތެރެއިން ނެގި ލިޔުންތައް އޭގެ ޙައްގުވެރިންނަށް ބަހަމުން ދަނީއެވެ. ސަމީރު އިނީ ދުވަހުގެ ޝަރަފުވެރިޔާގެ ގޮނޑީގައި މި މަންޒަރަށް ބަލަހައްޓައިގެންނެވެ. ކޮންމެވެސް ލިޔުމެއް އޭނާގެ އަތަށްވެސް އަރާނެކަމުގެ ފޮނި އުއްމީދުގައެވެ. މިޚިޔާލުގައި އިންދާ ކޮންމެވެސް ޒުވާން އަންހެން ކުއްޖަކު އައިސް އޭނާގެ އަތަށް ދިއްކޮށްލީ ކަޅުކުލައިގެ ކަރުދާހަކުން އޮޅާލާފައިވާ ލިޔުމެކެވެ. ސަމީރަށް ހީވީ ރޭގެ މަންޒަރު ކުރިމަތިން ސިފަވިހެންނެވެ. އޭނާ ހިނިތުންވުމަކާއެކު އެ ލިޔުން ބަލައިގަތެވެ.

ސަމީރު ހިތް އަވަސްވަމުން ދިޔައީ އޭގައިވާ އެއްޗެއް ކިޔާލުމަށެވެ. ކިތަންމެ ހިތް އެދެމުން ދިޔަސް އޭނާ އެކިޔުމަށް ކެތްތެރިވިއެވެ. އޭނާ ކޮޓަރިއަށްގޮސް ކަރުން ޓައީ ދޫކޮށްލިއެވެ. އެ ކަރުދާސްތައް ނިއުޅާލިއެވެ. ހިމަ ކުދި އަކުރުތަކަކުން ލިޔެފައިވާ ލިޔުމެކެވެ. ކިތަންމެ ޒަމާންކޮށްފައި ލިބުނަސް އެލިޔުމެއް އޭނާއަކަށް ނޯޅޭނެއެވެ. އޭގެ ފުރަތަމަ ޞަފުޙާއަށް އޭނާގެ ކަޅި ހިންގާލިއެވެ. ހުވަފެނުގައި އޭނާއަށް ފެނުނު ސިޓީގެ ޢިބާރާތްތަކާއި މި ލިޔުމާ ތަފާތެއް ނެތެވެ. ހަމައެކަނި މުޚާޠަބު ކުރުމުގައި ގެންގުޅެފައިވާ ގޮތް ފިޔަވައެވެ. ލިޔުން ފައްޓާފައިވަނީ އަސަރުގަދަ ޅެންބައިތަކުންނެވެ.

"ނެތް ކަމެއް ތަޤުދީރުގައި ވާކަށް ނުވެސް އޮންނާނެޔޭ

އެއްކަމެއްވެސް ނުހިނގައޭ ތަދުބީރު ކުރެހި ޕްލޭނަކުން"

ސަމީރުއެވެ! އަހަރެން މިބުނީ އަހަރެންނަށް ލިބެން ނެތް މީހެއްގެ މައްޗަށް ހިތް ދޫކޮށްލެވުނު ވާހަކައެވެ. އަހަރެން ކަލާޔާ ރައްޓެހިވީ މިފަދަ ދުވަހެއް ދެކޭކަށްނޫނެވެ. އަހަރެން މިވަނީ ދުނިޔެ ދެކެ ފޫހިވެފައެވެ. ކަލާ އަހަންނަށް ބޭވަފާތެރިވެދާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އެކަމަކު ތަޤުދީރު އެހުރިހާ ކަމެއް މިއަދު އަހަންނަށް ކުރިމަތި ކުރުވައިފިއެވެ.

އަހަރެން ކަލާޔާ ރައްޓެހިވީ ފަހަރެއްގައިވެސް ކަލާ ތީ އަހަރެންގެ ބޮޑު މީހާއަށް ވާތީއެއްނޫނެވެ. ޕްރިންސިޕަލެއްގެ ގޮތުން އަހަރެން ކަލާއަށް އަދިވެސް އިޙުތިރާމު ކުރަމެވެ. ކަލާގެ ހުށަހެޅުމަށް އަހަރެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނީމެވެ. ކަލާއަކީ ބީރައްޓެއްސަކަށްވެފައި ފަހުން އަހަންނަށް ލިބިދާނެ ދެރައަކަށްޓަކައެވެ. އެކަމަކު އަހަރެންގެ އެކުވެރިން އަހަންނަށް ވިސްނައިދިނީ އެވިސްނުން ދޫކޮށްލުމަށެވެ. ރަށްވެއްސެއް ބީރައްޓެއްސެއް މިހާރު ޙަޔާތުގެ ބައިވެރިޔަކަށް ގެނައުމުގައި ތަފާތެއް ނެތް ކަމުގައެވެ.

އެކުވެރިންގެ ތާޢީދާއި މައިންބަފައިންގެ ނުޤަބޫލުގައި އަހަރެން ކަލާޔާ ގުޅުމަށް ނިންމީ ކަލާގެ އާދޭސްތަކަށް އޭރު އިޙުތިރާމު ކުރުމުގެ ގޮތުންނެވެ. އާނއެކެވެ. އަހަރެން ކަލާއާ ގުޅުނީ އެވިސްނުން ދޫކޮށްލާފައެވެ. ފަހަތުގައި ހިޔަންޏެއް އުޅެމުން އައި ޒަމާންވީ ލޯބިވެރިޔާވެސް ދޫކޮށްލާފައެވެ. އެއްވެސް ސަބަބަކާ ނުލައެވެ. ކަލާގެ ފަރާތުން އެ ތަފާތެއް އޭރު ފެންނަން ނެތީމައެވެ.

އާނއެކެވެ. ލޯބީގެ އުޑުތަކުގެ ދަށަށް ކަލާ އަހަރެން ގެންދިޔައެވެ. ލޯބީގެ މެދު އުޑުން ތަރިތައް ބޭލުވިއެވެ. ލޯބީގެ މާބަގީޗާތަކަށް ވެއްދިއެވެ. އެތަނުގައިވާ ކުލަކުލައިގެ މީރުވަސް ދުވާ މާތައް ބިނދެ ފޮޅުވިއެވެ. ބަސްތީތަކަށް ގޮސް ކަސްތީ ވެސް ދުއްވިއެވެ. ވަޢުދާއި ހުވާތައް ފަތިފައްޗަށް އަމުނައި މަތިމައްޗަށް އުސްކުރިއެވެ. އަހުދުތައް ވިއެވެ. އެކުގައިވުމަށް އެކުގައި ނިމި ދިއުމަށް ހުވާ ކޮށްފައެވެ.

ކަލާ ތަފާތު ވެއްޖެކަން އަހަންނަށް ވިސްނެން ފެށީ ޗުއްޓީއަކަށް ވަގުތީގޮތުން ފުރައިގެން ދިއުމަށް ފަހުގައެވެ. އެރޭ ކަލާގެ މައްޗަށް އަހަރެންގެ ހިތް ދޫކޮށްލެވުނީ އިޚުތިޔާރުން ބޭރުގައެވެ. އަހަރެން ރައްކާކޮށްގެން އުޅުނު އަބުރުގެ މައްޗަށް އެއްވެސް ބާރެއް ނުހިންގުނެވެ. ދެކޮޅެއް ނުހެދުނީ ކީއްވެކަން ނޭނގުނެވެ. އެއިން އެއްވެސް ކަމަކާ ވިސްނާލާކަށް އަހަރެންގެ ސިކުނޑި އެރޭ މަސައްކަތެއް ނުކުރިއެވެ. އެހެންކަމުން ރަތް ކާޑު ދައްކަން ޖެހުނު ޙާލަތުގައިވެސް އޮވެވުނީ ކާޑު ޖީބު ތެރޭގައި ބާއްވާލައިގެންނެވެ. ކަލާދެކެ ވެވިފައިވާ މަސްތީ ލޯތްބެއްގެ އަވާގައެވެ. އަހަންނަށް ވިސްނުނުއިރު ވާނެ ކަމެއްވެ އޮތީ ނިމިފައެވެ. އޭގެ ފަހުން ކަލާ ހުރީ އެތަކެއް މޭލު ދުރުގައެވެ. އަހަންނަށް ފެނުމެއް ނުވާ ހިސާބަށްވުރެ ދުރުގައެވެ.

ސަމީރުއެވެ! އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޗުއްޓީ ނިންމާފައި ކަލާ އެނބުރި އަންނާނެ ވަގުތަކަށެވެ. އެކަމަކު ކަލާއެއް ނައެވެ. އަހަރެން ހާސްވިއެވެ. އެލަދުން ސަލާމަތްވުމަށް ހަދާނެގޮތެއް އަހަންނަކަށް ނުވިސްނުނެވެ. ރޮވުން ފިޔަވައި އަހަންނަކަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. އަހަރެން އިން ޙާލަތުން އެއްވެސް މީހަކާ ޙިއްޞާ ކޮށްލަންވެސް އަހަންނަށް ނުކެރުނެވެ. ކަމުގެ ބާވަތުންނެވެ.

ރޭ ދުވާތައް ދައުރުވަމުން ދިޔައީ ރުއިމާއި ގިސްލުމުގައެވެ. މިހާސްކަމުގެ ތެރޭގައި އުޅެނިކޮށް އަހަރެންގެ ޙަޔާތަށް އެހެން މީހަކު އައެވެ. އެމީހަކަށް އަހަރެން އަބަދުވެސް ނަފުރަތު ކުރާ ކަލާގެ ރައްޓެހި ސޭޓެވެ. ކުއްލިއަކަށް އޭނާޔާ ކައިވެނި ކުރުމުން އެންމެންވެސް ތިބީ ޙައިރާންވެފައެވެ. ރައްޓެހިން ތިބީ ނުރުހުންވެފައެވެ. އެކަމަކު މައިންބަފައިން ތިބީ ހަމަޖެހިފައެވެ. އޭނާގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައެވެ. ރައްޓެހިން އަހަންނާ އަބަދު ކުރަމުން ދިޔައީ އެސުވާލެވެ. ސަބަބެއް ކަމުގައި އަހަރެން ބުނެލީ ވަރަށް އާދައިގެ ސަބަބެކެވެ. ރީތި މީހުންނާއި ޢިލްމީ މީހުންނާ ވެސް ރައްޓެހި ވެވިއްޖެ ކަމުގައެވެ. އެއިން ކޮންމެ މީހަކުވެސް ކެހި ދީފައި ދަނީއެވެ. މިވަގުތަށް މިއީ އަހަންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ބުނެފައެވެ.

ސަމީރުއެވެ! އަހަރެން އޭނަޔާ ކައިވެނި ކުރުމަށް ނިންމީ އެންމެ ސަބަބަކަށްޓަކައެވެ. އޭނާއަށް އެކައްޗެއް ވެސް ނޭނގެއެވެ. ކައިވެނީގެ ޙަފުލާގައި ހުރިއިރުވެސް ހަނދާންވަމުން ދިޔައީ ކަލާގެ މަތިންނެވެ. ކުލަކުލައިގެ ވިދާ ބޮކިތަކާއި ވިދުންތަކުން މުޅި ތަން ބަބުޅަމުން ދިޔަކަމުގައިވިޔަސް އަހަރެންގެ އެތެރެހަށީގައި ރޯވަމުން ދިޔައީ ދިލަ އަލިފާނެކެވެ.

ސަމީރުއެވެ! ފިރިމީހާއެކު ޙަޔާތުގެ ދުވަސްތައް ހޭދަކުރިކަމުގައިވިޔަސް އަހަންނަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ކަލާ އެނބުރި އައުންވީ އަހަންނަށް ލިބިގެންދިޔަ ޝޮކަކަށެވެ. ކަލާ ކުރިމައްޗަށް ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކަލާ ދެކެ ރުޅި އާދެވެނީ ކީއްވެގެންކަމެއް ނުވިސްނެއެވެ. ކުށްކުރީ ދެމީހުންނެވެ. ހިތް ނޭދުނަސް ސުކޫލަށް ނިކުންނަނީވެސް ހިތްވަރަށެވެ. ކަލާ ފެންނަ ކޮންމެ ފަހަރަކު ޙަޤީޤަތާ ކުރިމަތިލުމަށް ހިތް ބުނަމުންދިޔައެވެ. އެހެންނަމަވެސް އަހަންނަކަށް އެހިތްވަރެއް ނުލިބުނެވެ. މިގޮތުގައި ކަލަންޑަރުން ދުވަސްތައް ދިޔައީ ކެނޑެމުންނެވެ. މާޒީއާއެކު އެތަކެއް އަހަރުތަކެއް ގެއްލިގެން ހިނގައްޖެއެވެ.

ސަމީރުއެވެ! ފުރުޞަތަކަށް ބަލަބަލާހުރި އަހަރެންނަށް އެ ފުރުޞަތު ލިބިގެން ދިޔައީ މިނިވަން 25 ގައި މުނާސަބާގައި ސުކޫލުގައި ވަޅުލި ކެޕްސޫލުގެ ތެރެއިންނެވެ. ކަލާގެ އަތުގައި މިހާރު ތި އޮތް ލިޔުމަކީ އަހަރެން އެދުވަހު ލިޔުނު ލިޔުމެވެ. ކިތަންމެ ޒަމާނެއްވެފައި ކަލާގެ އަތަށް އެރިޔަސް ތިޔައީ އަހަރެންގެ ޙަޔާތުގެ ކަޅު ޞަފުޙާތަކެވެ. ކަލާގެ ކުރިމަތިން ތި ފެންނަ ސޫރައަކީ ކަލާގެ ޚާލިޞް ލެއެވެ. އެހެން އެއްވެސް މީހެއްގެ ނޫނެވެ. އެކަން އަހަރެން ސިއްރު ކުރީ ދުނިޔޭގެ ލަދަށެވެ. ސިޓީއެއްގެ ސިފައިގައި މި ލިޔުން މިލިޔެލީ މިދުވަހު މިފަސްގަނޑުގައި މި މައިދާނުން ކަލާއާ ބައްދަލުވާނެކަމުގެ އުއްމީދެއް އޮތީމައެވެ. މި ކެޕްސޫލް ކަނޑާލާ ދުވަހު ޝަރަފުވެރިޔަކަށް ވާނީ ކަލާކަން އެނގޭތީއެވެ. އަހަރެންނަށް ދުނިޔޭގައި ހުރުމުގެ ފުރުޞަތު ނުލިބުނަސް ކަލާއަށް މިނިވަން 50 ގެ ހަދިޔާއެއްގެ ގޮތުގައި މިހަދިޔާ ރައްދު ކުރެވޭނެކަމުގެ ފޮނި އުއްމީދުގައެވެ.

ޒުލްފާގެ ސިޓީން ސަމީރުގެ ހިތް ރޮއްވާލިއެވެ. އޭނާއަށް އަސަރު ނުކުރާ އެންމެ ގުނަވަނެއްވެސް ނެތެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ޒުލްއެވެ. އަހަންނަށް މާފު ކުރާށެވެ. އަހަންނަކަށް އެކައްޗެއްވެސް ނޭނގެއެވެ. ތިކަން ތިހެން ވެފައިވާކަން އެއްވެސް މީހަކު އަހަންނަށް ބުނެ ނުދެއެވެ. އަހަރެން މިރަށުން ފުރައިގެން ދިޔައީ ވެސް ތި އަސަރުތަކަށް ކެތް ނުވެވިގެންނެވެ. ތި ލޯބި ބީވުމުންނެވެ. އެތަކެއް ޒަމާނެއް ފަހުން މި ތާރީޚީ ފަސްގަނޑަށް އަލުން އާދެވިއްޖެއެވެ. ތަޤުދީރު އަހަރެންނަށް ހުރިހައި ކަމެއް ދައްކުވައިދީފިއެވެ. މިނިވަން 25 އެއްގައި ކަލާ ވަޅުލާ ފޮރުވި ތި ސިއްރު، އެތަކެއް ޒަމާނެއް ފަހުން މިއަދު އަގުބޮޑު ހަދިޔާއެއްގެ ގޮތުގައި އަހަރެން ބަލައިގެންފީމެވެ. ކަލާ ދުނިޔޭގައި ނެތަސް އަހަރެން މިހާރު މި ކުރިމަތިލަނީ ސޭޓުގެ ކިބައިން ޝަރުޢީގޮތުން ދަރިފުޅާ ޙަވާލުވުމަށެވެ. އަހަރެމެންގެ ލޯބީގެ ރަމްޒެއްގެ ގޮތުގައެވެ.

-ނިމުނީ-