ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް އަތުން 5-4 އެގްރިގޭޓުން ޗެލްސީ ބަލިވި މެޗުގައި ރެފްރީކަން ކުރި ސްޒައިމަން މާސިނިއަކް އާއި ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ މެޗަށްފަހު ހީސަމާސާ ކުރުމުން ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.
ޓުޗެލް ބުނީ މިވަރުގެ މެޗެއް ނިމެގެން އިދިކޮޅު ޓީމުގެ ކޯޗާއި މެޗުގެ ރެފްރީ ދަނޑުމަތީގައި ތިބެ ހީސަމާސާ ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި އަންޗެލޮއްޓީ އާއި މާސިނިއަކުގެ ފަރާތުން ފެނުނީ ވަރަށް ގޯސް އަމަލެއް ކަމަށެވެ. "އަހަރެން ވަރަށް އިހްތިރާމް ކުރަން އަންޗެލޮއްޓީއަށް. ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ފެނިފައި ވަނީ. އަންޗެލޮއްޓީއާ ސަލާމް ކުރަން އަހަރެން ދިޔައިރު ރެފްރީ އާއި އަންޗެލޮއްޓީ ތިބީ ހީސަމާސާކޮށް ވާހަކަ ދައްކަން. އަހަންނަށް ގަބޫލް ކުރެވޭ ގޮތުގައި މިއީ އެކަން ކުރަން ރަނގަޅު ވަގުތެއް ނޫން. އަހަރެން ބުނިން ތިޔައީ ބަލައި ގަނެވޭނެ އަމަލެއް ނޫން ކަމަށް" މިދިޔަ ސީޒަނުގެ މެދެތެރެއިން ކަހަލަ ގޮތަކަށް ޗެލްސީއާ ހަވާލުވެ އެޓީމަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ކޯޗް ޓުޗެލް ބުންޏެވެ.
މީގެ އިތުރުން ޑިފެންޑަރު މާކޯސް އޮލޮންސޯ ޖެހި ލަނޑު ރެފްރީ ބަލައި ނުގަތުމުންވެސް ޓުޗެލް ހުރީ ހިތްހަމަ ނުޖެހިފައެވެ. މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ޗެލްސީ އޭރުވެސް އޮތީ ދެލަނޑު ކުރީގަައެވެ. "ރެފްރީ ވީއޭއާރު ނުބެލީ ކީއްވެ ކަމެއް ނޭނގޭ އެއްގޮތަކަށްވެސް. ޗެމްޕިއަންސް ލީގުގައި ރެއާލްއާ ދެކޮޅަށް ކުޅޭއިރު މިފަދަ ކަންކަން ދިމާވާނެ" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެ ޓުޗެލް ބުންޏެވެ.
ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 3-1 އިން ރެއާލް އަތުން ބަލިވެފައި އޮތުމުން ޗެލްސީއަށް ސެމީފައިނަލުން ފުރުސަތު ލިބެން އޮތީ 3 ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އެޓީމުން މެޗުގެ 75 ވަނަ މިނެޓާ ހަމައަށް ދިޔައިރު އޮތީ 3 ލަނޑުގެ ލީޑަކާއެކުއެވެ. އެކަމަކު 80 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރޮޑްރީ ކާމިޔާބު ކުރި ލަނޑުން ރެއާލްއިން އެގްރިގޭޓް ނަތީޖާ އެއްވަރުކޮށް އިތުރު ވަގުތަށް މެޗް ދަންމާލިއެވެ. ރެއާލް ސެމީފައިނަލުން ގެންގޮސްދިން ލަނޑު 96 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ތަފާތު މޮޅު ފޯމެއްގައި ހުރި ފްރާންސްގެ ފޯވާޑް ކަރީން ބެންޒެމާއެވެ.
ސެމީފައިނަލުގައި ރެއާލް ބައްދަލު ކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ މިރޭ އެތުލެޓިކޯ މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ މެޗަށްފަހުއެވެ. މިދެޓީމު ބައްދަލު ކުރި ފުރަތަމަ ލެގް ސިޓީގެ ދަނޑުގައި އެޓީމުން ވަނީ 1-0 އިން ކާމިޔާބު ކޮށްފައެވެ.