ޔުއެފާ ޗެމްޕިއަންސް ލީގް ސެމީފައިނަލުން އިނގިރޭސި ބޮޑު ދެބާރު ކަމުގައިވާ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ރޭ ޖާގަ ހޯދައިފިއެވެ.
އެންމެފަހުގެ ރަނައަޕް މެންޗެސްޓަރ ސިޓީ ސެމީފައިނަލުން ޖާގަ ހޯދީ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑުގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވެ ދެލެގުގެ އެގްރިގޭޓުން 1-0 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގައި ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ތަރި ކެވިން ޑިބްރޭނާއެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް ފޯރިގަދަ ވެގެންދިޔައީ ދެވަނަ ހާފުގައެވެ. އެތުލެޓިކޯއިން ބަދަލު ކުޅުންތެރިންގެ ގޮތުގައި ޔަނިކް ކަރަސްކޯ އާއި ޑިޕައުލް އަދި އެންހަލް ކޮއްރިއާ ކުޅެން އެރުވުމުން އެޓީމުގެ އެޓޭކްތައް ވަރަށް ބޮޑަށް ވަރުގަދަ ވެގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ލަނޑު ޖަހާނެ ފުރުސަތުތަކެއް އެތުލެޓިކޯއަށް ތަނަވަސް ވެގެންދިޔުމެވެ. އެކަމަކު ޑިޕައުލް އާއި ކޮއްރިއާއަށް ލިބުނު ފުރުސަތު ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ނުވަދިހަ މިނެޓް ހަމަވިތަނާހެން ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެންއަށް ގަސްދުގައި ހަމަލާ ދިން ކަމަށް ބަލައި އެތުލެޓިކޯގެ ޑިފެންޑަރު ފެލިޕްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑް ދެއްކިއެވެ. ފެލިޕް، ފޯޑެންއަށް ހަމަލާ ދިނުމުން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގިއެވެ. އިތުރަށް ދެއްކި 9 މިނެޓުގައި ސިޓީއިން މެޗް ލަސް ކުރަން މަސައްކަތް ކުރުމުންް އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ދަނޑަށްވެސް އެރިއެވެ.
މިއީ ސިޓީގެ ތާރިހުގައި އެކްލަބުން ޗެމްޕިއަންސް ލީގް ސެމީފައިނަލުން ޖާގަ ހޯދި 3 ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން ސެމީފައިނަލުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އަނެއްކޮޅުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވެފައި ވަނީ ޗެމްޕިއަންސް ލީގް ތާރިހުގައި ސެމީފައިނަލުން 9 ފަހަރު ޖާގަ ހޯދި ހަމައެކަނި ކޯޗަށެވެ.
އިނގިރޭސި ލީގް ޗެމްޕިއަންކަމަށް ސިޓީއާ ވާދަކުރަމުން އަންނަ ލިވަޕޫލް ސެމީފައިނަލުން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ބެންފީކާއާ ވާދަކުރި މެޗް 3-3 އިން އެއްވަރުވި ނަމަވެސް 6-4 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގް ބެންފީކާގެ ދަނޑުގައި ލިވަޕޫލްއިން ކާމިޔާބު ކުރީ 3-1 އިންނެވެ.
ސެމީފައިނަލުގައި ސިޓީ ބައްދަލު ކުރާނީ 13 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑާއެވެ. ސެމީގައި ލިވަޕޫލް ބައްދަލު ކުރާނީ މިފަހަރު މުބާރާތުގެ ސަޕްރައިޒް ޓީމުގެ ގޮތުގައި އޮތް ވިޔަރެއާލްއާއެވެ. ސެމީގެ ފުރަތަމަ ލެގް މިމަހުގެ 27 އަދި 28 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގް ކުޅޭނީ މެއި 4 އަދި 5 ގައެވެ.