އިރު އޭގެ ވާޖިބު އަދާކޮށް ދުނިޔެއާ އަލްވަދާޢުކީ އެކިކުލަތަކުން އުދަރެސް ފާއްދަމުންނެވެ. މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލަމުން ދިޔައީ ގޮނޑުދޮށަށް ބީއްސާލާ ހިމޭން ރާޅުތަކުންނެވެ. އިރުއޮއްސި ދުނިޔެ މައްޗަށް ފާއްދާލި ކުލަތަކާއެކު ދޫނިސޫފާސޫފި އޭގެ ހާލިހާއްޔަށް ވަދެ ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ މަންޒަރަކީ މީހަކު ބަލާ ފޫހިނުވާނޭ މަންޒަރެއްކަން ގައިމެވެ. މި ހިތްގައިމު މަންޒަރަށް ކަޅި ހުއްޓާލައިގެން ޒައުލް އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުންދާ ޚިޔާލުތަކުން މިންޖުވެ ސަލާމަތުގެ އައްސޭރިއަކަށް ވާސިލު ވެވޭނެ އިރަކަށް އިންތިޒާރު ކުރަމުން ގެއާ ދިމާއަށް ހިނގައިގަތެވެ.
މިއަދަކީ ދިގު އިންތިޒާރަކަށްފަހު އާސިމާއާއި ފަރުހާދުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޒައުލް ރާއްޖެއަށް އެނބުރި އަންނަ ދުވަހެވެ. މާޒީވެދިޔަ ތިން އަހަރު އޭނާ ހޭދަކުރީ މެލޭޝިޔާގެ ޔުނިވަރސިޓީ އެއްގައި ތަޢުލީމު ހާޞިލް ކުރުމުގައެވެ. މައިންބަފައިން ފަޚުރުވެރިވާނެފަދަ މޮޅު ނަތީޖާއަކާއެކު އޭނާ އެނބުރި އަންނަނީ ފޮނި އުންމީދުތަކާ އެކުގައެވެ.
ޒައުލްގެ އިންތިޒާރުގައި ފަރުހާދާއި އާސިމާ ތިބީ އިއްޒުއްދީން ފާލަން ދޮށުގައެވެ. އެންމެންގެ ލޯތައް ކުއްލިއަކަށް އަމާޒުވެގެން ދިޔައީ އެތަނަށް ލެފި ފެރީން ފޭބި ޒުވާނާއަށެވެ. ބަލާ ބެލުމަށް އޭނާގެ އިސްކޮޅުގައި ހައެއްކަ ފޫޓު ހުންނާނެއެވެ. އޭނާގެ ހަންގަނޑު ދޮންވެފައި ހަށިގަނޑު އެހާމެ ފުރިހަމައެވެ. ލައިގެން ހުރި އަތް ދިގު ގަމީހާއި ފަޓުލޫނު އަދި އަތު ކުރީގައި އަޅާފައިވާ އަގުބޮޑު ރޮލެކްސް ގަޑިން އޭނާގެ ޝަޙުސިއްޔަތު އިތުރަށް ފުރިހަމަކޮށްދެއެވެ. އޭނާގެ ރޮންދާ ބުޅި އިސްތަށިގަނޑުވަނީ ޒަމާނާ އެއްގޮތަށް ސްޓައިލް ކޮށްލާފައެވެ. ދަގައްފާނުގެ ބާރު އެކުލެވިގެންވާ އެ ބޮޑު ދެލޯ މީހަކު ބަލާ ފޫހި ނުވާނެއެވެ. ޒުވާނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އާސިމާ ހުރީ ފެންކަޅިވެފައެވެ. ދިގު އިންތިޒާރަކަށްފަހު އޭނާގެ ދަރިފުޅު ފެނުމުންވީ އުފަލެއްގެ ބޮޑުކަމުންނެވެ.
ފަރުހާދަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ހޮޓެލް ކަމަށްވާ "ގުމްރީ ޕެލަސް"ގެ ވެރިފަރާތެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ބިނާކޮށް ކުރިއެރުވި އެހޮޓެލްގެ ސަބަބުން މިހާރު އޭނާއަކީ ރާއްޖޭގެ ނަން ވިކޭ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާއަކީ މުޖުތަމަޢު ބަލައިގަންނަ އެހާމެ އިޙްލާސްތެރި ސަޚްޝިއްޔަތެއްގެ ވެރިއެކެވެ. މިހެންވުމުން އޭނާއާ ކުރިމަތިލާން އެހެން ވިޔަފާރިވެރިން ޖެހިލުންވެއެވެ.
މާބޮޑެތި ބަދަލުތަކެއް ގެއަށް ނައިކަމުގައި ވިޔަސް ގޭތެރޭގެ މާހައުލު ފެންނަނީ ވަރަށް ތަފާތުކޮށެވެ. އެންމެ ޒަމާނީ ފަރުނީޗަރުން ގޭތެރެ ޒީނަތްތެރި ކުރެވިފައިވާއިރު ބޭރުގައިވަނީ އެކި ކުލަކުލައިގެ މާތަކުން ޖަރީކުރެވިފައިވާ މާބަގީޗާއެކެވެ. ގެއަށް އައިސްފައިވާ ބަދަލުތަކާމެދު ޒައުލް ހިތްހަމަ ޖެހުނެވެ. ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި ޒައުލް ފެންވަރާ ރީތި ވިއެވެ. އެއަށްފަހު ރޭގަނޑު ކެއުމުގައި ބައިވެރިވުމަށް އޭނާ ތިރިއަށް ފޭބިއެވެ. ސުފުރާ މަތީގައި އަތުރާލެވިފައިވާ އެކި ވައްތަރުގެ މީރު ކެއުންތަކުން އަރާ މީރުވަހުން މޭފުރި ބަންޑުންވިއެވެ. އެންމެންވެސް ކެތްމަދުވެފައި ތިބުމުން ލަސްނުކޮށް ކާންފެށިއެވެ.
"މި ހާދަ މީރޭ. މަންމަ ވަރުގެ ކުޅަދާނަ ކެއްކުންތެރިއެއް އަހަރެން ނުދެކެންދޯ ޒައުލް" ހިނިތުންވެލަމުން ފަރުހާދު ބުންޏެވެ.
"އާން! ދޯ ބައްޕާ!. މޯމް އިޒް ދި ބެސްޓް" ޖަވާބުގައި ޒައުލް ބުންޏެވެ.
އެރޭގެ ކެއުމަށް އިންސާފުކޮށް ޒައުލް އެނބުރި ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
ގަޑިން ރޭގަނޑު ނުވައެއް ޖަހައިފިއެވެ. ޒައުލް އެނދުމަތީގައި އޮތީ އޭނާގެ ބޮޑު ސައުންޑް ސިސްޓަމުން ލަވަ ޖަހާށެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމާއެކު އޭނާ ފެށީ ކުރަހާށެވެ. އޭނާއަކީ ސްކޫލް ދައުރުއްސުރެ ވެސް ކުރެހުމަށް ލޯބިކުރާ އެކަމުގެ ހުނަރު ހުރި ކުއްޖެކެވެ. އިވެމުންދިޔަ މަޑު މިއުޒިކާ އެއްވަރަށް ޒައުލްގެ ފިހި ހަރަކާތް ކުރަމުންދިޔަ މަންޒަރަކީ ބަލައިލަން ވަރަށް ހިތްގައިމު މަންޒަރެކެވެ. އޭނާގެ ސިކުނޑީގައިވާ ޚިޔާލުތަކާއި ޝުޢޫރުތައް ބަޔާން ކޮށްދެމުން ދިޔައީ ފިހީގެ ޒަރިއްޔާއިންނެވެ. ޖަހަމުންދިޔަ ލަވަ ކުއްލިއަކަށް ނިވުމާއެކު އޭނާގެ އަތުގެ ޙަރަކާތްވެސް ހުއްޓުނެވެ. ލަވަ މެދުކެނޑިގެން ދިޔައީ އޭނާގެ ފޯނުގެ ރިންގުގެ އަޑަށެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކަށްވުމުން ވަރަށް ޖެހިލުންވެ ހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
"އައްސަލާމު އަލައިކުމް" އެކޮޅުން ގުޅި މީހާގެ އަޑު އިވިގެން ދިޔައެވެ.
އިވިގެން ދިޔައީ ޒައުލް ވަރަށް ދަންނަ އަޑެކެވެ. ވިސްނަން އިނދެފައި އުފާވެރިކަން އެކުލެވިގެންވާ އަޑަކުން ޒައުލް ބުންޏެވެ.
"މާޒިން ދޯ؟ މިކޮޅަށް އައީ ކޮންއިރަކު؟ ނުވެސް ބުނަމެއްނު. ކޮންތާކު ތިހުރީ؟ ހިނގާ ދިމާވާން. ފޫހިވެގެން ކުރާނެ ކަމެއް ނެތިގެން އުޅެނިކޮށް މާޒިން ތި ގުޅީ!"
"ޒައުލް އިހަށް ހަމަ ޖެހިބަލަ. ހަމަ ދެންމެ ލަންކާއިން މާލެ މިއައީ. އަދި މި ހުރީ ހުޅުލޭގައި. ބައްޕަ ކުއްލިގޮތަކަށް ނިޔާވެގެން އިމަޖެންސީކޮށް އަންނަށް ޖެހުނީމަ ޚަބަރު ނުވެވުނީ. މާދަން ބައްދަލު ކުރާނީ. ދެން މިވަގުތު ބާއްވަނީ. ފަހުން ގުޅާނަން!"
އެންމެ ގާތް ރަޙުމަތްތެރިޔާގެ އަޑު އިވުމުން ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ލުއިކަމެއް ލިބުނެވެ. ނަމަވެސް ތަގުދީރު ނިޔާ ކުރިގޮތުން މާޒިންގެ ކިޔެވުން މެދުކަނޑާލުމަށްފަހު އެނބުރި މާލެ އަންނަން ޖެހުމުން އެކަމާ ދެރަވިއެވެ.
ޒައުލްއާއި މާޒިން ދިމާވީ ޒައުލް މެލޭޝިޔާގައި ކިޔަވަން އުޅުނު ދުވަސްވަރުގައި ޔުނިވަރސިޓީން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ވޯރކްޝޮޕަކުންނެވެ. އޭރު ޒައުލް ހަދަމުންދިޔައީ ހޮޓެލް މެނޭޖްމެންޓް ކޯހެކެވެ. ނަމަވެސް މާޒިން ކިޔަވަމުންދިޔައީ ބިޒްނަސް މެނޭޖްމެންޓެވެ. ތަފާތު ދެކޯސް ހެދިކަމުގައިވިޔަސް މިދެ އެކުވެރިންނަށް ވަގުތު ވީވަރަކުން ބައްދަލުކޮށް ހަދައެވެ. ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް އެދެމީހުންގެ ގުޅުން ބަދަހިވެ އެކަކު އަނެކަކުގެ ސިއްރުތައް ހިއްޞާ ކުރާ ގާތް ދެއެކުވެރިންނަށް ވެގެން ދިޔައެވެ. މިހެންވުމުން ޒައުލްއަށް މިރޭ ލިބުނު ޚަބަރާމެދު ދެރަވެ އެކުވެރިޔާއަށް ހިތްވަރު ދެއްވުން އެދި ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ.
އާ ދުވަހަކަށް އިރުއެރީ ދުނިޔެއަށް ވެރިވެފައިވާ އަނދިރިކަން ނެތިކޮށްލަމުންނެވެ. ޒައުލް ހެނދުނުގެ ނާސްތާއަށްފަހު އަވަސްވެގަތީ މާޒިންއާ ބައްދަލު ކުރުމަށެވެ. މިކަހަލަ ވަގުތުތަކަކީ އެކުވެރިންގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވާނެ ވަގުތުކަން ޒައުލް ދަނެއެވެ. ޒައުލް އޭނާގެ އަގުބޮޑު "ލަމްބޯގިނީ"ގައި މާޒިން ހުރި ކެފޭއާ ދިމާއަށް މިސްރާބު ޖެހިއެވެ. މަންޒިލަށް ވާސިލްވުމުން ކާރު ޕާކުކޮށްލާފައި ކެފޭއަށް ވަދެ ދެކޮޅު ބަލާލިއެވެ. މާޒިން ހަނާ އަޅާތަން ފެނުމުން ހިނިތުންވުމަކާއެކު އޭނާއާ ދިމާއަށް ހިނގައިގަތެވެ.
މާޒިންގެ މޫނުމަތިން ފާޅުވަނީ ހިތާމައިގެ އަސަރުތަކެވެ. އޭނާ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. ކަމަކާމެދު ހިތްހަމަ ނުޖެހިފައި ހުރިހެން ވެސް ހީވެއެވެ.
"ކަމެއް ސަކަރާތް ވީތަ އަނެއްކާ؟" ޒައުލް މާޒިން ގާތުގައި އަހާލިއެވެ.
"ނޫން. ހަމަ ވަރަށް ބަރާބަރު" ޖަވާބުގައި މާޒިން ބުންޏެވެ.
މާޒިން އެހަދަނީ ދޮގުކަން ޒައުލްއަށް އެނގުނެވެ. އެހާ ގިނަދުވަސް ވަންދެން އެކުގައި އުޅުމުން އޭނާއަށް މާޒިންގެ ގޮތް ވަރަށް ރަނގަޅަށް ދަސްވެފައިވެއެވެ. އެހެންނަމަވެސް މާޒިން ރުޅި އައިސްފާނެތީ ޒައުލް އިތުރަށް ސުވާލެއް ނުކުރިއެވެ.
ކޮފީ ނިންމާލާފައި ދެއެކުވެރިން ދިޔައީ މާޒިންގެ ގެއަށެވެ. ޒައުލްގެ ގޭހާ ފުރިހަމަ ނުވިޔަސް އެއީވެސް ތަނަވަސް ގެއެކެވެ. ޒައުލް ގޮނޑިއެއްގައި އިށީނދެލީ ގޭގެ ހުރިހާ ދިމާއަކަށް ނަޒަރު ހިންގާލަމުންނެވެ. މާޒިން މެހްމާންދާރީ އަދާކުރުމުގެ ގޮތުން ޒައުލްއަށް ފެން ތަށްޓެއް ގެނެސްދިނެވެ. ފެންތަށި ބުއިމަށްފަހު ދެމީހުން ފެށީ ފިލްމެއް ބަލާށެވެ. ނަމަވެސް އިރުކޮޅެއްފަހުން ޒައުލްގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ.
ޒައުލްއަށް ހޭލެވުނުއިރު އޭނާ އޮތީ ނުދަންނަ ތަނެއްގައިކަމުން ނުތަނަސްވާ ގޮތްވިއެވެ. ކައިރީގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. ޒައުލްއަށް ގަބޫލްކުރަން ދަތިވިއެވެ. އޭރު ގަޑިން ރޭގަނޑު ހަތެއް ޖަހައިފިއެވެ. ޒައުލްގެ އެންމެ ފަހު ހަނދާނަކަށް އައީ ސޯފާގައި ފިލްމު ބަލަން މާޒިންއާއެކު އިށީން ހަނދާނެވެ. އޭގެ ފަހުންވީ އެއްވެސް ކަމެއް ޒައުލްގެ ހަނދާނަކު ނެތެވެ. ކުރިން މިހެން ދިމާވެފައި ނެތުމުން ޒައުލް ފިނިވާ ގޮތްވިއެވެ. ކަން ހިނގާ ދިޔަގޮތާ މެދު ވިސްނާލުމުން ޒައުލްގެ ބޮލަށް ތޫނު ތަދެއް އިޙްސާސްވިއެވެ.
އެވަގުތު ދޮރު ހުޅުވާލާފައި އެތަނަށް ވަން މާޒިން ފެނުމުން ޒައުލްގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. "އަހަރެންނަށް ކިހިނެއްވީ؟" މާޔޫސީ ގޮތަކަށް ޒައުލް އަހާލިއެވެ.
"ފިލްމު ބަލަން އޮއްވާ ނިދުނީއެއްނު" ޖަވާބުގައި މާޒިން ބުންޏެވެ.
ޒައުލްއަށް ގަބޫލުކުރަން ދަތިވިނަމަވެސް އޭނާ މިފަހަރު އެކުވެރިޔާ ބުނި ބަހަށް އިތުބާރުކުރިއެވެ. އިތުރަށް ވަގުތު ބޭކާރުނުކޮށް ޒައުލް އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ޒައުލްގެ އިންތިޒާރުގައި އާސިމާ ގޭގެ ފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޒައުލްގެ ޚަބަރެއް ނުވެ ގިނައިރުވުމުން ކަންބޮޑުވެފައެވެ. ގޭގެ މައިދޮރޯށިން ވަން ޒައުލް ފެނުމުން އާސިމާ ދުވެފައިގޮސް ޒައުލްގެ ގައިގައި ބައްދާލިއެވެ.
"ދަރިފުޅާ! ކޮންތާކު އުޅެފައި ތިޔައީ؟ މަންމަ ގުޅީމަ ފޯނަށް ޖަވާބުވެސް ނުދެމެއްނު. ތިހެން ކަންތައް ކުރީމާ މަންމަ ހާސްވާނެވަރު ދަރިފުޅަށް އެނގެއެއްނު." އާސިމާ ހުރިހާ އެއްޗެއް ފައްޗަކަށް އަމުނާލިއެވެ.
" ސޮރީ މޮމް. މާޒިންގެ ގޭގައި އޮއްވާ ނިދުނީ." އެހެން ބުނުމަށްފަހު މަންމަގެ ނިތްކުރިއަށް ބޮސްދީފައި ޒައުލް ގޭތެރެއަށް ވަދެގެން ދިޔައެވެ.
އެނދުމަތީގައި ޒައުލް އޮތީ ފުންވިސްނުމެއްގެ ތެރޭގައެވެ. މިއަދު ކަންތައް ދިމާވިގޮތް އަދިވެސް ޒައުލްއަށް ޤަބޫލު ކުރަން ދަތިވަނީއެވެ. ވިސްނާ ވިސްނާވެސް ޒައުލްއަކަށް އެއްވެސް ކަމެއް ހަނދާންވާ ގޮތެއް ނުވިއެވެ. އެހެންވުމުން މާޒިން ބުނި ބަހަށް ފުރިހަމައަށް އިތުބާރުކުރަން ޒައުލް ނިންމިއެވެ.
އިރުގެ އަލިކަން ދުނިޔެއަށް ފާއްދާލީ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. މާޒިންގެ އެދުމުގެ މަތިން މިއަދު ވެސް ޒައުލް އޭނާގެ ގެއަށް ދިޔައެވެ. ކަންތައް ދިމާވީ ކުރިން ދުވަހުވެސް ކަންތައް ދިމާވި ގޮތަށެވެ. މިގޮތުގައި ހަފްތާއެއް ފާއިތުވެ ހިނގައްޖެއެވެ. ޒައުލްގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން އާސިމާއަށް ފާހަގަކުރެވުނެވެ. ގެއިން ބޭރުގައި ޒައުލް ހޭދަކުރާ ވަގުތުތައް ގިނަވާން ފެށިއެވެ. ކުރިން ޒައުލްގެ މޫނުމަތިން ފެންނަ އުޖާލާކަން ގެއްލި މީހާ ހުންނަނީ މިލާ މޯޅިވެފައެވެ. ޒައުލް އުޅޭ ގޮތުން އޭނާ އެކޭ ދިރުމެއްނެތް މައްޔިތެކޭ އެއްފަދައެވެ. ކަންކަމަށް ފަރުވާ ބަހައްޓާ ޒައުލް މިހާރު ކޮންމެ ކަމެއްވެސް ވަރިހަމަ ފަދައެވެ. ކުރިން ގަޑިއަށް ބަރާބަރަށް ކޭ ނަމަވެސް މިހާރު ޒައުލްގެ އަރުން އެތެރެއަށް އެއްޗެއް ލަނީ އާސިމާ އާދޭސްކޮށް ވަރުބަލިވާ ފަހުންނެވެ. ޒައުލްގެ މިޒާޖުގައި ހުންނަ ސަކަ ގޮތް ކެނޑި ކަންކަމަށް ރުޅި އިސްކުރުން އާއްމުވާން ފެށިއެވެ. މިވީ އެކާވީސް އަހަރު ތެރޭގައި އާސިމާއާ ދިމާއަށް ބާރަށް އެއްޗެއް ބުނެފައިނުވާ ޒައުލް މިހާރު އެއްޗެއް ބުނާކަށް ފަހަކަށް ނުޖެހެއެވެ. ޒައުލްއަށް މި އަންނަމުންދާ ބަދަލުތަކާ ގުޅިގެން އާސިމާ ކަންބޮޑުވާން ފެށިއެވެ. ފަރުހާދާ އެވާހަކަތައް ހިއްސާކޮށް ދަރިފުޅަށް ނަސޭޙަތް ދިނުމުންވެސް ޒައުލްގެ ފަރާތުން އެދެވޭ ބަދަލުތަކެއް ނުފެނުނެވެ. ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުނެފިނަމަ ޒައުލް ގެއަށް ނައިސް ތިން ހަތަރު ދުވަސް ހުރެއެވެ. ކަންތައް މިހެން ވާން ފެށުމުން ޒައުލްގެ އުޅުމާމެދު އާސިމާމެން ފާޑު ކިޔުން ހުއްޓާލިއެވެ.
ދުވަސްތައް ދިޔައީ ފާއިތުވަމުންނެވެ. އާދައިގެ މަތިން މިއަދުވެސް ފަރުހާދު ހެނދުނު ހެނދުނާ އޮފީހަށް ދިޔައެވެ. އެހެން ދުވަސްތަކާ ޚިލާފަށް އޮފީހުގައި ކުރަން ހުރި މަސައްކަތްތައް ގިނަވުމުން އޮފީސް ގަޑި ނިމުނު އިރުވެސް ފަރުހާދަށް ގެއަކަށް ނުދެވުނެވެ. ނިންމަން ހުރި ލިޔުންތައް ނިންމާފައި ނޫނީ ގެއަށް ނުދާން ވެގެން ފަރުހާދު އޮފީހުގައި މަޑު ކުރީއެވެ. ކައިރީގައި އެހީތެރިވެދޭނެ މީހަކު ނެތުމުން މަސައްކަތްތައް ނިމުނީ ގަޑިން ދިހައެއްވެސް ޖެހިފަހުންނެވެ. މާލަސްވެފައި ހުރުމުން އަވަސް ފިޔަވަޅުތަކެއްގައި ފަރުހާދު ކެބިން އިން ނިކުމެ ހޮޓެލްގެ ލޮބީއާ އަރާ ހަމަވިއިރަށް ކަރަންޓު ހިނގައްޖެއެވެ. ހުރި ފިޔަވަޅު މަތީގައި ހުއްޓި ފަރުހާދު ވަށައިގެން ހޯދާލިއެވެ. ބޭރުން އެޅިފައިވާ ފަނޑު އަލީގެ ސަބަބުން އޮފީހުން ނިކުންނަށް ދާން އޮތް މަގު ފާހަގަވިއެވެ. މަޑު ހިނގުމެއްގައި ކުރިއަށް ދިޔަ ފަރުހާދު ހުއްޓުން އެރީ މީހެއްގެ ހިލަމެއްވުމުންނެވެ.
"ކާކު؟" ޖެހިލުންވެފައި ހުރި ނަމަވެސް ފަރުހާދު ގޮވާލިއެވެ.
"މީ ޚާލިދުގެ ދަރި މާޒިން" އިވިގެންދިޔަ އަޑާއެކު ކަރަންޓު އައެވެ. ކުރިމަތިން ފެނިގެންދިޔަ ސޫރައިން ފަރުހާދު ބަސް ހުއްޓުނެވެ. މާޒީގެ އެތައް ޞަފްޙާތަކެއް އިއާދަވެގެންދިޔަ ކަހަލައެވެ.
"އެނގިއްޖެ ދެއްތޯ މީ ކާކުކަން؟ އަހަރެން މިއައީ ވަރަށް މުހިއްމު ވާހަކައެއް ބުނަން." ފަރުހާދު ގާތަށް ޖެހިލަމުން މާޒިން ބުންޏެވެ.
"މި ވިޔަފާރިއަކީ އަސްލު މަގޭ ބައްޕަގެ ހައްގެއް! މަކަރާއި ޚީލަތުން ތި ވިޔަފާރި އަތުލައިގެން ދެން މާ ގިނަދުވަހަކު ނޫޅެވޭނެ!" އެހެންބުނުމަށްފަހު މާޒިން ހޮޓެލްއިން ނިކުމެގެން ދިޔައެވެ.
ޖެހިގެން އައި ހަފްތާގައި ފަރުހާދު ފެނުނީ ވަރަށް ތަފާތުކޮށެވެ. އޭނާގެ ޠަބީޢަތް ބަދަލުވެ މަސައްކަތަށް އެކަށީގެންވާ މިންވަރަށް ސަމާލުކަމެއް ނުދެވެއެވެ. ފުން ވިސްނުމެއްގައި އިން ފަރުހާދަށް ހޭވެރިކަންވީ ކެބިންގެ ދޮރު ހުޅުވުނު އަޑަށެވެ. އެތެރެއަށް ވަދެގެން އައި މާޒިން ފެނުމުން ކުއްލި ޙައިރާންކަމެއްލިބުނު ނަމަވެސް މޫނު މަތިން ހަމަޖެހޭކަން ދައްކަމުން ކޮޅަށް ތެދުވިއެވެ.
"މިއޮތީ ވިޔަފާރިއާ ބެހޭ ލިޔެކިޔުންތައް. އަހަރެން އެދެނީ ޞުލްހަވެރިކަމާއެކު ހުރިހާ ކަމެއް ނިންމަން." މާޒިން އައި ބޭނުން ހާމަކުރަމުން ފަރުހާދު އެދުނީ ވަގުތުކޮޅެއް ދިނުމަށެވެ. ބޭރުގައި މަޑުކުރާނެކަމަށް ބުނަމުން މާޒިން ކެބިން އިން ނިކުތެވެ.
"މާޒިން. އަހަރެންނަށް މަޢާފު ކުރޭ. އަހަރެން ގަބޫލްކުރަން އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން. އަސްލު މީ ޚާލިދުގެ ބުރަ މަސައްކަތުން ފެށުނު ވިޔަފާރިއެއް. އަހަރެން މި ވިޔަފާރީގައި ބައިވެރިވީ ޕަރޓުނަރެއްގެ ހައިސިއްޔަތުން. އެހެންނަމަވެސް އަހަރެންނަށް ކުށެއް ކުރެވިއްޖެ. " ކުށްވެރިއެއް ފަދައިން ފަރުހާދު ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
"ވަރަށް އުފާކުރަން ފަރުހާދަށް ހެޔޮ ވިސްނުން ލިބުނީތީ. މިހުރިހާ ކަމެއް އަހަރެންނަށް އަސްލު އެނގިގެން ދިޔައީ ބައްޕަގެ މަރުމަތީ ދެއްކި މަދު ވާހަކަ ކޮޅުން. ޒައުލްއަކީ ފަރުހާދުގެ ދަރިފުޅުކަން އެނގުމުން އަހަރެންގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު އާލާވީ. ޒައުލްގެ އުޅުމަށް ބަދަލު އަންނަން ފެށީ އަސްލު އަހަރެން ކުރި ކަމަކުން. ކަންތައް ކުރެވެނީ ރަނގަޅަށް ނޫންކަން އެނގުނުއިރު ވަގުތު ފާއިތު ވެއްޖެ. އަހަރެން ވަރަށް ނަސޭހަތް ވެސް ދިނިން ޒައުލް ރަނގަޅު ކުރަން. އެކަމަކު އެއިން އެއްވެސް ފައިދާއެއް ނުކުރި. އަހަރެންނަށް ކަންތައް ކުރެވުނު ގޮތާމެދު ވަރަށް ލަދުވެތިވަން. އަހަރެންނަށް މަޢާފުކުރާނެ ކަމަށް އުއްމީދުކުރަން." އިސްޖަހާލައިގެންހުރެ މާޒިން ވާހަކަ ދެއްކިއެވެ.
"މަޢާފަށް އެދެން ޖެހޭނީ އަހަރެންގެ ކިބައިންނެއްނޫން. ޒައުލްގެ ކިބައިން. އަހަރެން އުފާކުރަން މާޒިންއަށް ވެސް ހެޔޮ ވިސްނުނީތީ. އަހަރެން އުންމީދުކުރަން ޒައުލްއާ އެންމެ ކައިރީގައި އެކުވެރިއެއްގެ ގޮތުގައި އަބަދުވެސް ހުންނާނެކަމަށް. ޒައުލް ގާތު އަހަރެން މިވާހަކަ ދައްކާނަން." ޖަވާބުގައި ފަރުހާދު ބުންޏެވެ.
ފަރުހާދު ގެއަށް އައިސް ޒައުލްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒައުލްއަށް ވިސްނުނީ ދެނެވެ. މަސްތުވާތަކެތީގެ ދަލުގައި ޖެހި މީހާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައިރުވެސް ރޭކާނުލީއެވެ. އެންމެ ގާތް އެކުވެރިޔާ އޭނާއަށް އެވަރުގެ ބޮޑު ލަނޑެއް ދޭނެކަމަށް ހީކުރެވިފައެއް ނެތެވެ. ޒައުލްގެ ހުރިހާ ހުވަފެންތަކެއް ބަރުބާދުވެގެން ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އޭނާއަށް ވިސްނުމުން މިކަމުން ސަލާމަތްވާން ބޭނުންވިއެވެ. އެހެންވުމުން އާހިތްވަރަކާއެކު ފަރުވާ ހޯދަން ފެށިއެވެ.
ގެއަށް ވަދެގެން އައި ޒައުލް ސިއްސައިގެން ދިޔައީ ބައްޕަގެ އަޑަށެވެ.
"ޒައުލް ހާދަ ބޮޑު ވިސްނުމެއްގައި ހުރެގެން ތި އަންނަނީ." ބައްޕަ ބުނި ބަހަށް ރައްދެއް ނުދީ ހިނިތުންވުމެއް ބަދަލުކޮށްލުމަށްފަހު ޒައުލް ގޭތެރެއަށް ވަދެގެން ދިޔައެވެ.
ޒައުލް ގޭތެރެއަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަކަށް ނޫނެވެ. މަޑުކޮށްލައިގެން އިނީ ސިޓިން ރޫމްގައެވެ. އަނެއްކާވެސް ޚިޔާލުގެ ތެރެއަށް އޭނާ ގެނބުނެވެ. އޭނާ ސިހިގެން ދިޔައީ މިފަހަރު ވެސް ބައްޕަގެ އަޑަށެވެ.
"ދަރިފުޅު ކޮން ކަމަކާތަ ތި ވިސްނަނީ. މިހާރަކަށް އައިސް ކޮންމެވެސް ކަމަކާ ވިސްނާހެން ބައްޕައަށް ހީވޭ."
"ރަނގަޅަށް ތި ހީވީ. މި ވިސްނަނީ މީހުންގެ ހުރި ނުބައިކަމާމެދު. ބައްޕައަކީ އެފަދަ ހީލަތްތެރިއަކަށް ވީތީ މިއަދު އަހަރެން ލަދުވެތިވަން. އަހަރެން ފުރާނަފަދަ ލޯބިވާ އެކުވެރިޔާގެ ބައްޕައަށް އެފަދަ ލަނޑެއް ދީފާނެ ކަމަކަށް ހީނުކުރަން. ދަހިވެތި ކަމަކީ ވެސް ހާދަ ވަރުގަދަ ބަރެކޭ ދޯ!"
"ހުއްޓާލާ! ދަރިފުޅަށް އެކައްޗެއް ވެސް ނޭނގޭ. އެކަން ހިނގާފައި އޮތް ގޮތް އެނގޭނީ މަދު މީހަކަށް. ދަރިފުޅުގެ މަންމަ ފަދަ މީހަކަށް."
"ވިސްނުނަސް ނުވިސްނުނަސް މިއަދު އަހަރެން މި ހުރީ މާޒިންގެ ކުރިމަތީގައި އިސް ޖެހިފާ. ބުނާނެ އެއްޗެއް ވެސް ނޭނގިފާ. ޙަޤީޤީ މުއްސަންޖަކީ އަހަރެން ކަމަށް ހީކުރެވުނީތީ ބުނާނެ އެއްޗެއް ނޭނގިފާ. އޭނާ އަހަރެމެންނާމެދު ދެކޭނެ ގޮތް ހިތަށް އަރާފަ."
"އޭނާގެ ބައްޕަ އޭނާއަށް ކިޔައިދީފައިވަނީ އެންމެ ވާހަކައެއް. ދެން ހުރި ވާހަކަތައް ކިޔައިނުދިނީ ކީއްވެބާވައޭ ހިތަށް އަރާ." ފަރުހާދު ޒައުލްގެ މޫނަށް ބަލައިލީ ކަމެއް ސިއްރު ކުރާފަދަ ގޮތަކަށެވެ.
"އެއީ ކޮން ވާހަކައެއް؟" ޒައުލް ބުނަން އުޅޭ ވާހަކައަށް ޝައުޤުވެރިވިއެވެ.
"އެއީ ވަރަށް ބޮޑު ވާހަކައެއް. މާޒިންއަށް އެ ވާހަކަ ކިޔައިނުދީ އޮތީ ޙިކުމަތަކަށް ވެދާނެ."
"އެއީ ކީއްވެ؟" ޒައުލް އަނެއްކާ ވެސް ސުވާލު މާކެއްގެ ތެރެއަށް ވެއްޓުނެވެ.
"މިއީ އެވާހަކަ ކިޔައިދޭން އެންމެ މުނާސަބު ވަގުތު ކަންނޭނގެ. ޒައުލްގެ ބައްޕައާއި މާޒިންގެ ބައްޕައަކީ ކުޑަ ދުވަހުއްސުރެ ދެ އެކުވެރިން. އުޅެ ބޮޑުވީ އެކުގާ. ކިޔަވާ ނިންމާލީ ވެސް އެކު އެކީގައި. މީހުނާ އިނީ ވެސް އެކު އެކީގައި. ކައިވެނި ޙަފްލާ ވެސް ބޭއްވީ އެކު އެކީގައި. ހަނީމޫނަށް ފުރީ ވެސް އެކުއެކީ އެއް ބޯޓެއްގައި. އެކަމަކު ކައިވެންޏަށްފަހު އެކުއެކީ ގެތެމުން އައި ބޮޅުތައް ތަފާތުވެގެންދިޔަ. ބައެއް އުފަލުން މަޙުރޫމްވެގެންދިޔަ. އެކަމަށް ނިޔަތް ގަނެގެން ދުނިޔޭގައި ނުދާ އެއްވެސް ތަނެއް ނޯންނާނެ. ނަޞީބުގައި ނެތް ކަމެއް ނުވާނެކަން އެނގޭ އިރުވެސް.........."
ޒައުލް އިނީ ބައްޕަގެ ވާހަކައަށް ވަރަށް ބޮޑަށް ޝައުޤުވެރިވެގެންނެވެ.
"ކީކޭ! ބައްޕައަށް ނުލިބުނީ ކޮން ނަޞީބެއް؟"
"ދުނިޔޭގެ އެންމެ މަތިވެރި ނަޞީބު. އެންމެ ބޮޑު އުފާ. "
"އެ ނަޞީބަކީ އަޅުގަނޑޭ ނޫންތޯ؟"
" ރަނގަޅު. ތީ އަހަރެންގެ ހުރިހާ ވެސް ނަޞީބަކީ...... އުފަލަކީ...... އުއްމީދަކީ......" ފަރުޙާދުގެ އަޑު ބެދުނެވެ.
" އެކަމަކު ތީ ބައްޕަށް ލިބުނު އަގު ބޮޑު ހަދިޔާއެއް. ބައްޕަ އެ ނިޢުމަތުން މަޙުރޫމްވެ ދެރަވެފައި ހުންނާތީ ބައްޕަގެ ބެސްޓް ފްރެންޑް ދެއްވި އަގު ބޮޑު ހަދިޔާއެއް. ދަރިފުޅާއި ޒައުލް އަކީ ޓްވިންސެއް. ވައްތަރު ނޫނަސް ނިބޫ އެއް. ދެބެއިން ވިހާފައި މަންމަ ދުނިޔެ ދޫކޮށް ދިޔައީ. އެއީ ވަރަށް އަސަރުގަދަ ވަގުތުކޮޅެއް. އެއް ކުއްޖަކާ ޙަވާލުވީ މަންމައާއި ބައްޕަ. އެކަން ސިއްރެއްގެ ގޮތުގައި އަދި އަދަށް ވެސް ތި އޮތީ. އެ ވާހަކަ މާޒިން އަށް ކިޔައި ނުދިނަސް ވިޔަފާރީގެ ހުރިހާ ކަމެއް މާޒިންއަށް އެނގެންޖެހޭ މިންވަރަށް ބުނެދެވިއްޖެ. އެއީ ދަރިފުޅުގެ ނިބޫ ބޭބެ. ދެބެއިން މި ވިޔަފާރި ކުރިއަށް ގެންދިއުމަކީ މި ބައްޕަ އެދޭ ގޮތް. އަދި ތިޔަ ކުދިންގެ ބައްޕަ ވެސް އެދޭ ގޮތް"
ޒައުލްއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އޭނާއަށް މި ކަމުގެ ޙަޤީޤަތް ނޭނގި ހުރެ ބައްޕަ ހިތްދަތި ވާ ކަހަލަ ލަފުޒުތަކަކުން މުޚާޠަބު ކުރެވުނީތީ ލަދުވެތިވިއެވެ. ދެރަވިއެވެ. އޭނާ މި ހުރިހާ ދުވަހު ބައްޕައެއްގެ ގޮތުގައި ދުށް ފަރުހާދުގެ އަތުގައި ހިފެހެއްޓިއެވެ. އެ މީހުންނާ ދެން ވެސް ވަކި ނުވުމަށް އެދެމުންނެވެ.
ޢާސިމާ މާދުރުގައި ދުރުމީއެއްގެ ކުޑަކޮޅުން ފެންނަ ފަދައިން މި މަންޒަރަށް ބަލަން ހުއްޓެވެ. މާޒިން ހުރީ ސިޓިންރޫމްގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. މި ހުރިހާ ވާހަކައެއް އަޑު އަހާށެވެ. އޭނާއަށް ކޮށްފައިވަނީ ހިތި އަސަރެކެވެ. އޭނާއަށް ހުރިހާ އެއްޗެއް މިއަދު ސާފުވެއްޖެއެވެ. އެއްވެސް މީހެއްގެ ކުށެއް މިކަމުގައި ނެތެވެ. އަދި އެއްވެސް މީހަކު ކުށްވެރިކޮށް ވާހަކަ ދައްކާފައެއް ވެސް ނެތެވެ.
ތެދުވެރި ރަޙުމަތްތެރިކަމުގެ ލޯތްބަކީ މިއީއެވެ. އެކަކަށްޓަކައި އަނެކަކު ގުރުބާންވިއެވެ. އެންމެ މަތިވެރި ނަޞީބުން މަޙުރޫމްވެގެންދިޔައިރު ވެސް އެ އުފަލުގައި ވެސް ޙިއްޞާކުރީ އެކުއެކީގައެވެ. މާޒިންގެ ލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ފުހެލާފައި އައިސް ފަރުހާދުގެ ގައިގައި އޮޅުލައިގަތެވެ. ޒައުލްގެ ނިތްކުރީގައި ބޮސްދިނެއެވެ. ޢާޞިމާ ގައިގައި ހިފައިގަތެވެ. އަބަދު އެކުއެކީގައި އުޅުމަށެވެ. އަބަދު އެކުއެކީގައި ނިމި ދިއުމަށެވެ.