އަހަންނަކީ އެމެރިކާގެ އެންމެ އުތުރު އައްސޭރިފަށުގައި ދިރިއުޅެމުން އައި ފުރާވަރުގެ އަންހެން ކުއްޖަކީމެވެ. މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކޮއްކޮމެންނާއެކު ތަނަވަސް ގެއެއްގައި ދިރިއުޅެމުން އައީ އުފަލާއި މަޖަލުގައެވެ. ކޮންމެ ދުވަހެއްގެ އިރު އަރައިގެން އަންނަނީ އަހަރެމެންނަށް ބޮޑު ޢީދަކާ އެކުގައެވެ. ކޮންމެވެސް މަޖާ ކުރުމަކާ އެކުގައެވެ. މި ނޫން އެހެން ކަމެއް އަހަރެމެންގެ ޙަޔާތުގައި ނުވާ ކަހަލައެވެ. އެގޮތުން އަހަރެން އެންމެ އުފާކުރާ އަދި އެންމެ ލޯބިކުރާ އެއް ދުވަހަކީ ޑިސެމްބަރ މަހުގެ ފަންސަވީސް ވަނަ ދުވަހެވެ.
މިއަހަރު ހިނގި ހަމަނުޖެހުމެއްގައި އަހަރެންގެ ބައްޕައާއި މަންމަ ވަރިވިއެވެ. ބައްޕައާއި މަންމައާ ދެމެދު އުފެދިގެން އުޅެނީ ކޮންފަދަ ހައިޖާނުގަނޑެއް ކަމެއް ނޭނގެއެވެ. އަހަރެމެން ބަލަން ތިއްބާ މަންމަ ގެއިން ނިކުމެގެން ދިޔައީ އަހަރެމެންނަށް ކުރިމަގުގައި ވާނެގޮތެއް ވިސްނާވެސް ނުލައެވެ. އަހަރެމެންގެ އިޙުސާސްތަކުގައި ކޮޅުފައިން ޖަހާފައެވެ. އަހަރެމެންގެ ލޯބި ދިރިއުޅުން ފަނާކޮށްލާފައެވެ. އަހަރެމެންނަށް އެނގިވެސް ނުލާ މަންމަ އެހެން މީހަކާ ކައިވެނި ކުރީ އަހަރެން އޯލެވެލް ނިންމާފައި ދަސްވެނިވި ދުވަހެވެ. އަހަރެންގެ ޙަޔާތުގައި އައި އުފާވެރި ދުވަހެއްގެ ނިމުން ހިތިކޮށްލާފައެވެ.
އެދުވަހު އަހަރެން ދެރަވިއެވެ. އަސަރު ކުރުވިއެވެ. މަންމަ އަހަރެމެން ދޫކޮށްލާފައި އެދިޔައީ އަހަރެމެން ދެކެ ހަގީގަތުގައި ވެސް ލޯބި ނުވާތީ ހެއްޔެވެ؟ މަންމަ ދިޔައީއްސުރެ ގޭތެރޭގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. މި މޮޅިވެރިކަމުގައި އަހަރެން ހުންނާތީ ބައްޕަ ބޭނުންވީ ލަސްނުކޮށް އަހަރެން ދިވެހިރާއްޖެއަށް ފޮނުވާލާށެވެ. އެއީ ކޮން ހިސާބެއްގައި އޮތް ކޮން ތަނެއް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް އެނގޭހާ ވެސް ކަމަކީ އެއީ ބައްޕަ އުޅެ ބޮޑުވި ގައުމު ކަމެވެ. އެއަށްފަހު އެމެރިކާއަށް ކިޔަވަން ދިޔުމުގެ ތެރޭގައި މަންމައާ ބައްދަލުވެ ކައިވެނި ކުރީ ކަމުގައެވެ. އޭގެފަހުން އުމުރުދުވަހު ވެސް ބައްޕަ އުޅުނީ އެމެރިކާގައި ކަމެވެ.
ކޮންމެއަކަސް ބައްޕަގެ މިއެދުމަށް އިޖާބަދޭން އަހަރެންގެ ހިތް މަޖުބޫރު ކުރުވިއެވެ. ދިވެހިރާއްޖެއަށް ދިއުމަށް އަހަރެން ފުރީ އެއްގޮތަކަށްވެސް ދާހިތަކުންނޫނެވެ. ދާން ޖެހިގެންނެވެ. އަހަންނާއެކު އަހަރެން ގެންދިޔައީ ބައެއް އަންނައުނާއި އަލްބަމަކާއި ޑައިރީއެކެވެ. ދިޔަ މަގުމަތީގައި ކުޑަ ރާފުޅިއަކާއި ޗިޕްސް ޕެކެޓަކާއި ފެންފުޅިއެއް ގަނެލައިގެން އަހަރެން ފްލައިޓަށް އެރީމެވެ. އެތާ ތިބި މީހުން ބުނި ގޮތުގައި ދިޔާ ތަކެތި ފްލައިޓަކަށް ނޭރުވެއެވެ. އެކަމަކު އަހަރެންގެ ފޮއްޓަށް ލެވިދާނެއެވެ. އެހެންކަމުން އެފަދަ ހުރިހާ ސާމާނެއް ޖެހުނީ ފޮއްޓަށް އަޅާފައި ފޮނުވާލާށެވެ.
ފުލައިޓަށް އެރިއިރު މެންދުރުން އަނބުރާ ދޭއް ޖެހީއެވެ. ސާދަ ވަރަކަށް ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ފުލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސީ ދަންވަރުގެ ހަމަހިމޭން ވަގުތެއްގައެވެ. ފޮށިތައް ހިފައިގެން އަހަރެން ސްކޭން ކުރާ ބަޔަށް ވަނީމެވެ. އެމީހުން އަހަރެންގެ ފޮށިތައް ފާސްކޮށްފައި ރާއްޖެއަށް ވެއްދުން މަނާކަމަށް ބުނެފައިވާ އެއްޗެއް އޮވެގެން އަހަރެންގެ ފޮށިތެރެ ބަލާ އިތުރަށް ފާސްކުރިއެވެ. އެމީހުން އޭގެ ތެރެއިން ނެގީ އަހަރެންގެ ބްރޭންޑީ ފުޅިއެވެ.
"ދިވެހިރާއްޖެއަކީ މުސްލިމް ގައުމެއް. ޝަހާދަތުގެ ދެކަލިމަ ކިޔައި އެ ކަލިމަތައް ހިތުން ތެދުކޮށް ގަބޫލުކުރާ ކޮންމެ މުސްލިމަކު ރާ ބުއިމަކީ ޙަރާމު ކަމެއް" ފޮށި ފާސްކުރަން ހުރި އަންހެންކުއްޖާ އަހަންނާ ދިމާއަށް ބުންޏެވެ.
"މުސްލިމަކީ ކާކު؟" އަހަރެންގެ ސުވާލުތައް ދިޔައީ ސިކުނޑި ތެރޭގައި ފުނި ޖެހެމުންނެވެ.
"ޝަހާދަތަކީ ކޯއްޗެއް؟"
"މުސްލިމުންނަކީ އިސްލާމް ދީނަށް ތަބާވާ، ﷲ އަށް ކިޔަމަންވާ ކޮންމެ މީހެއް"
އެ އަންހެން މީހާ ދިނީ ތަފުޞީލީ ޖަވާބެއްވެސް ނޫނެވެ.
"ﷲ އޭ؟ އެއީ ކާކު؟" އަހަރެން ހައިރާން ވެގެން އަހާލީމެވެ. ﷲ ގެ ނަން ފުރަތަމަ ފަހަރަށް ބުނެލެވުމާއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިއްތާލިހެންނެވެ.
"ﷲ އަކީ މުސްލިމުން އަޅުކަން ކުރާ ހަމައެކަނި ކަލާނގެ. ﷲ އަށް އެއްވެސް ބައިވެރިއަކު ނުވޭ" އެ އަންހެން މީހާ ދިޔައީ އަދިވެސް އަހަރެންގެ ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އަހަރެން އަދިވެސް ސުވާލު ކުރަމުން ދިޔައީމެވެ.
"ދެން އަހަރެމެންގެ ޖީސަސް އޯ؟ އެއީ ތިބުނާ ﷲގެ ދަރިއެއްނު!"
"ތިއީ ތި މީހުން ވިސްނާ ގޮތް. އަހަރެމެން އަޅުކަން ކުރަނީ ހަމައެކަނި ﷲ އަށް. މިހުރިހާ ވާހަކައެއް ކީރިތި ޤުރުއާނުގައި ލިޔެވިފައި ވާނެ." އަހަރެންގެ ސުވާލަށް މިފަހަރު ޖަވާބު ދިނީ އެ އަންހެން މީހާއާ އެއްފަދަ ޔުނިފޯމެއް ލައިގެން ހުރި ކަޅު ފިރިހެނެކެވެ.
"ޤުރުއާނަކީ ކޮން އެއްޗެއް؟" އަހަރެން ސުވާލު ކުރީމެވެ. އެ އަންހެން މީހާ މިފަހަރު ޖަވާބު ދިނީ ހީލާފައެވެ.
"އެއީ ﷲ ބާވާލެއްވި ކީރިތި ރަސޫލާގެ މުޢުޖިޒާތް"
އަހަރެން ދެން އިތުރަށް ސުވާލު ކުރާކަށް ނުހަދަމެވެ. ސުވާލު ކުރުމުން ޖަވާބު ލިބޭ ވަރަކަށް ސުވާލު ގިނަވާތީއެވެ. އެކަމަކު އަދިވެސް އަހަރެންގެ ސިކުނޑިތެރޭ އެތައް ސުވާލެއް އެނބުރެމުން ދިޔައެވެ. އެތަނުގައި މާގިނަ އިރު މަޑުކުރާކަށް ނުހުރެ އެމީހުންނަށް ޝުކުރު އަދާކޮށްފައި އަހަރެން ވަށައިގެން ބަލަމުން ހޯދަމުން ދިޔައީ ނާސިހާއްތަ ފެނޭތޯއެވެ. އެއީ އަހަރެންގެ ބައްޕަގެ ބޮޑުދައިތައެވެ. އަހަރެން ހުންނަން ހަމަޖެހިފައި ވަނީ ނާސިހާއްތަ ގޭގައެވެ. އެއްލި ކަޅިއަކުން އެއަރޕޯޓުން ނިކުންނަ ދޮރު ކައިރީގައި ނާސިހާއްތަ އާއި ދައްތަގެ ފިރިމީހާ މަޑުކޮށްލައިގެން ތިއްބާ ފެނުނެވެ. އަހަރެން މިސްރާބު ޖެހީ އެދިމާއަށެވެ. ދައްތައާއި ދައްތަގެ ފިރމީހަޔާއެކު ކުޑަކުޑަ ކާރަކަށް އަރައިގެން ސިނަމާލެ ދާލަން ހުރަސްކޮށް މާލެ ދިއުމަށް މިސްރާބު ޖެހީމެވެ.
އެމެރިކާއާއި މާލެ އެއްވެސް ވައްތަރެއް ނޫނެވެ. ވަށައިގެން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކޮންކްރީޓް ހާއްޔެއްގެ ސިފައިގައެވެ. ތަރުތީބެއް ނެތި އުކާލާފައި އޮތް ބިލްޑިންގ ބްލޮކްތަކެވެ. އެއްވެސް ފެހިކަމެއް ނެތެވެ. އެހެންނަމަވެސް ވަށައިގެން ނޫ ކަނޑު އޮތުމުން ހިތްގައިމެވެ. ދަތުރު ކުރަމުން ދިޔައިރު އަހަރެން އިނީ އެ މަންޒަރަށް ހިތް ދޫކޮށްލައިގެންނެވެ. ކިތަންމެ އަވި ގަދަޔަސް ދުއްވާފައިދާލެއް ހަލުއިކަމުން ފިނިފިނި މަޑުމަޑު ލުއި ރޯޅިތައް ހަށިގަނޑުގައި ފިރުމަމުންދެއެވެ. އެވަގުތު އަހަންނަށް އިޙުސާސް ކުރެވެމުން ދިޔައީ އުފާވެރިކަމެވެ.
ފަނަރަ ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ބްރިޖް ހުރަސްކޮށް މާލެއަށް އާދެވިއްޖެއެވެ. އޭރުވެސް އަހަރެން ވިސްނަމުން ދިޔައީ އެއަރޕޯޓުގައި ދިމާވި ކަންތަކާ މެދުގައެވެ. ކިތަންމެ ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީއެވެ. އެއީ ކީއްވެގެން ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ.
ޚިޔާލުތަކެއްގެ ތެރެއިން އަހަންނަށް ހޭވެރިކަމެއްވީ ނާސިހާއްތަ އައިސް ކާން ގޮވުމުންނެވެ. އަހަރެން ވަގުތުން ތެދުވީމެވެ. ނިތްކުރި މަތީގައި އުފެދިފައިވާ ދާތިކިތައް އަތުގެ ނުފުށުން އަހަރެން ފުހެލީމެވެ. ގަދަ ރިހުމެއް ހުރިކަން އަހަންނަށް އިހްސާސް ކުރެވުނީ އެވަގުތުކޮޅެވެ.
ކޮޓަރީގެ ދޮރު ލައްޕާލާފައި އަހަރެން ކާގެއަށް މިސްރާބު ޖެހީމެވެ. އަހަރެންގެ މޫނުމަތީގައިވީ ނުތަނަވަސްކަމެވެ. އެ ނުތަނަވަސްކަން ފޮރުވުމަށްޓަކައި އަހަރެން ގަދަކަމުން ހިނިތުންވެލައިގެން ހުރެ ކާމޭޒު ދޮށުގައި އިށީނީމެވެ. މޭޒުދޮށުގައި އެ އާއިލާގެ ހުރިހާ އެންމެން ތިއްބެވެ. ނާސިހާއްތަ އަންހެން ދަރިފުޅު އަފާވެސް އިނެވެ. ކާ މޭޒު ދޮށުގައި ވެސް އޭނާ އިނީ ހެޑް ސްކާފެއް އަޅައިގެންނެވެ. ސްކާފްގެ ތެރެއިން ފާޅުވެވޭ ހުރި އޭނާގެ ދޮންދޮން މޫނު ފެނިފައި ތައުރީފުން ފުރިގެންގޮސް އަހަރެންގެ ހިތް ބަންޑުން ނުވީ ކިރިޔާއެވެ. ދިވެހިރާއްޖޭގައި އުޅެމުންދާ ގިނަ ދިވެހިންވެސް ތިބެނީ ހެޑް ސްކާރފް އަޅައިގެންނެވެ. އެ ސްކާފް އެޅުމުން އަހަންނަށް އިހްސާސްވި އިސްލާމް ދީނުގެ މާތްކަމާއި މަތިވެރިކަމެވެ. އެ ދީނުގައި އަންހެނުންނަށް ދީފައިވަނީ ބޮޑު އަހައްމިއްޔަތު ކަމެވެ. ނަމަވެސް އަހަރެމެންގެ ދީނުގައި އެކަހަލަ އެއްވެސް ކަމެއް ނޯވެއެވެ.
"ހާދަ ފުން ވިސްނުމެއްގައި؟" އަފާ އަހާލައިފިއެވެ. ބިރުވެރި، މުސީބާތެއްފަދަ ހުވަފެނަކުން އަހަންނަށް ހޭލެވުނު ފަދައެވެ. "އަފާ! މި މުސީބާތުން އަހަރެން ސަލާމަތް ކޮށްދީ. އަހަންނަކަށް ދެން އިތުރަކަށް ކެތެއް ނުވާނެ،" އަހަރެންގެ ދެތުންފަތް ފޫދުއްވާލައިފައި ނިކުތް ބަސްތަކަކީ މިއެވެ. ދެލޯ ބޮޑު ކޮށްލައިގެން ހުރެ ކާކޮޓަރި ވަށައިގެން އަހަރެން ލޯ ހިންގާލީމެވެ. ނާސިހާއްތަ ދެމަފިރިން ކާކޮޓަރި ތެރޭގައި ނެތްކަންވެސް އަހަންނަށް އެނގުނީ ދެނެވެ.
"ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟" އަފާ އަހާލިއެވެ. ހައިރާންކަން އޭނާގެ މޫނުމަތިން ފާޅުވިއެވެ.
"ﷲ އަކީ ކާކުތަ؟ އިސްލާމްދީނަކީ ކޮބައިތަ؟" މޭ ފަޅާލާފައި ހިތް ނިކުންނަން އުޅޭހާ ބާރުމިނުގައި ހިތް ތެޅެމުން ދިޔަ ނަމަވެސް އަހަރެންގެ ސިކުނޑިތެރޭ އެނބުރެމުން ދިޔަ ސުވާލު އަހަރެން ދުލާ ހަމައަށް ގެނައީމެވެ. އެއާއެކު އަހަންނަށް ފެނުނީ އަފާގެ މޫނުމަތިން އިތުރަށް ވެސް ހައިރާންވުމެވެ.
"ނޭނގޭތަ؟ ބައްޕަ ކިޔައި ނުދޭތަ؟ މަންމަ ބޭރު ގައުމަކަށް ނިސްބަތް ވިއޭ ކިޔާފައި، އެންމެ އަލިމަގު ފެންނަން އޮއްވައިވެސް ޚިޔާރު ނުކޮށް، މިއޮތް ހުރިހާ ދުވަހު ތި ހިނގީ ޝައިތާނާގެ ފިޔަވަޅުތަކުގެ ފަހަތުންތަ؟" އަފާ އަހަރެންގެ ސުވާލަށް ޖަވާބެއް ނުދިނެވެ.
"އަހަރެން އުފަންވީއްސުރެ އަހަރެންގެ ކަންފަތަށް ދުވަހަކުވެސް އިސްލާމް ދީނޭ ކިޔާ ދީނެއްގެ ވާހަކަ ފޯރާފައެއް ނުވޭ" އަހަރެން ތެދުތެދަށް ބުނީމެވެ.
"އެހެންވިއްޔާ އަހަރެންގެ ބޮޑުބޭބެއަކީ ހީކުރިގޮތަށް އެހާ ރަނގަޅު މީހެއް ނޫންދޯ. އެއީ އޭނާގެ ދީނުގައި ކުރަންޖެހޭ ވާޖިބު ކަންތައްތަކުގެ މައްޗަށް އަމިއްލަ އެދުން އިސްކުރާ ދީނުން ބޭރުވެފައިވާ މީހެއް. އަމިއްލަ ދަރިއަށް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ ވާޖިބެއްކަން އެނގިހުރެވެސް ދީނުގެ ވާހަކައެއް މިވީހާ ދުވަހު ކިޔައެއް ނުދިން! " ރުޅި އައިސް ރަތްވެފައި ހުރި އަފާ ކުދި ކިޔައިގަތެވެ.
އަހަރެން އިނީ އިސްޖަހާލައިގެންނެވެ. އުފަން ބައްޕަގެ މިއަމަލުން މިއަދު ލަދުވެތިވެ އިސްޖަހާލަން ޖެހުނީ އެބައްޕަގެ އުފަން ދަރިފުޅެވެ. އާނއެކެވެ. އެއީ އަހަންނެވެ. ނުތަނަވަސްވެފައި ހުރިނަމަވެސް ކުރިން އަހަރެން ކުރި ސުވާލު އަހަރެން ތަކުރާރު ކޮށްލީމެވެ. އަފާ އިސް އުފުލާ ސީރިޔަސް ކަމާއެކު އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި މިފަހަރުވެސް ޖަވާބުދިނުމެއްނެތި ސުވާލެއް ކޮށްލިއެވެ.
"އެލީނާއަށް ދުވަހަކުވެސް އިސްލާމްދީނުގެ ވާހަކަ އަޑުއިވިފައި ނުވާއިރު ކިހިނެއް ﷲ އެނގުނީ؟" އަފާގެ އެސުވާލުން ކުލަ މަންޒަރެއް ފަދައިން އަހަރެންގެ ދެލޮލުގެ ކުރިމަތީގައި ސިފަވީ އެމެރިކާއިން މާލެއަށް އާދެވުނު ރޭ އެއަރޕޯޓްގައި ހިނގި ހާދިސާއެވެ. އެކުލަ މަންޒަރުގެ ތެރެއިން އަހަރެންގެ އަމިއްލަ ދުލުން އަފާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަހަރެންގެ ހިތުގައި މިވަގުތު އުފެދިފައިވާ އިހުސާސްތައްވެސް ފޮރުވުމެއްނެތިއެވެ.
އަފާގެ މޫނުމަތިން ފާޅުވެގެން ދިޔައީ މާނަވީ ހިނިތުންވުމެކެވެ. އެއަށްފަހު އަހަންނަށް އިސްލާމްދީނާ ބެހޭގޮތުން، ޚާއްޞަކޮށް އިސްލާމްދީނާއި އެހެން ދީނުގެ ތަފާތުތައް ކިޔައިދީ ނިންމާލީ އެއްފައްޗަކަށެވެ.
"އަދިވެސް އިސްލާމް ދީނަށް ވަނުމުގެ ފުރުސަތު އެބައޮތްތަ؟" އަހަރެން އަހާލީމެވެ. އަފާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އެކަމަކު އެއްވެސް އެއްޗެކޭ ނުބުންޏެވެ.
"އަފާ! ތިހެން ނުއިނދެ ބުނެބަލަ." އަހަރެން ބުނީމެވެ.
"ދައްތަ ބުނެފާނަން!" މިއޮތް ހުރިހާއިރު އަހަރުމެންގެ ވާހަކަތައް އަހަރުމެންނަށް އެނގުމެއްވެސް ނެތި އަޑުއަހަން ހުރީ ހުރިހާ ދަތެއް ފެންނަވަރަށް ހެވިފައިހުރި ނާސިހާއްތައެވެ. ދައްތަ މަޑުމަޑުން ހިނގާލާފައި އައިސް އިށީނީ އަހަރެންގެ ގާތުގައެވެ.
"އަދި ވަގުތު ފާއިތުނުވޭ".
"ތިބުނީ އަދިވެސް ވަގުތު އެބައޮތޭ ދޯ؟" އަހަރެން ހިނިތުން ވެލަމުން ބުނީމެވެ.
"ދައްތާ! އަހަރެން ބޭނުން އިސްލާމްވާން." ނާސިހާއްތަ ނޫނަސް އަފާވެސް ހުރީ ވަރަށް އުފާވެފައެވެ. އަހަރެންނަށް އެންމެފަހުން ހުރިހާކަމެއްވެސް ވިސްނުނީތީއެވެ.
"އެންމެ ސިކުންތު ކޮޅެއްވެސް ބާކީ ކުރަންވީ ކީއްކުރަން؟ އަވަހަށް ހިނގާ މިނިސްޓްރީއަށް! ފާއިތުކޮށްލެވޭ ކޮންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށް ނުލެވޭތޯ ވަރަށް ބަލަން ވާނެ! މަރުވާނީ ކޮން އިރަކު ކަމެއް ނޭނގޭނެ! ކޮއްކޯ! ދައްތަ ވަރަށް އުފާވެއްޖެ މިއަދު ކޮއްކޮ އަށް ވިސްނުނީތީ." ނާސިހާއްތަ އަހަރެންގެ އަތުގައި ހިފައިގެން ތެދުވިއެވެ. " އެލީ ދޭ ތައްޔާރުވެގެން އަންނަން." ދައްތަ ބުންޏެވެ.
އަހަރެން ކޮޓަރިއަށް ވަންގޮތަށް ޑްރެސިން ޓޭބަލްގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލީމެވެ. ރީތި އިންސާނެކެވެ. ރީތި ދެލޮލާއި ނޭފަތެވެ. ފަރި ތުންފަތާއި ކަންފަތެވެ. އޮމާން ދެއަތާއި ދެފައެވެ. އިވުމާއި ފެނުމެވެ. މިއީ ހުސް ﷲ ގެ ކުޅަދުންވަންތަކަން ބާވައެވެ؟ ﷲ ގެ ދީލަތިވަންތަކަން ބާވައެވެ؟
އަހަރެންނަށް ހެދުން ބަދަލު ކޮށްލެވުނީވެސް އެފަދަ ވިސްނުމެއްގައި އިނދެއެވެ. ކިތަންމެ ހިތަށް އުނދަގޫވެފައި ހުރިނަމަވެސް އަހަރެން ކޮޓަރިން ނުކުތީމެވެ.
"ހިނގާ އަވަހަށް ދަމާ." އަހަރެން ކޮޓަރިން ނުކުތްއިރު ނާސިހާއްތަ އާއި އަފާ ތިބީ ބޭރަށްދާން ތައްޔާރު ވެގެންނެވެ.
މަގުމަތީގައި ހިނގަމުން ދިޔައިރު އެތައް ބައެއްގެ ލޯ ދިޔައީ އަހަރެންނަށް އަމާޒުވަމުންނެވެ. އަހަރެން ގަތީ އަމަށަކު ލަދެއްވެސް ނޫނެވެ. ދިހަ ވަރަކަށް މިނެޓްގެ ހިނގުމަކަށްފަހު ނާސިހާއްތަ އެބުނާ ތާކަށް ދެވިއްޖެއެވެ.
އެއީ ފުދޭވަރަކަށް ބޮޑު ތަނެކެވެ. އޮފީހެއް ފާޑު ޖަހައެވެ. އެތަނުގައި އެއްކަނެއްގައި ހުރި ކޮށިގަނޑު ކައިރިއަށް ގޮސް ނާސިހާއްތަ ކޮނެމެވެސް ވާހަކަތަކެއް އެތާތިބި މީހުންނާ ދެއްކިއެވެ. ނަމަވެސް އަހަރެން އެކަމާ އަޅާނުލާ މަޑުން ހުރީއެވެ. އެއަށްފަހު އަހަރެމެން ވަންނަން ޖެހުނީ އެތަނުގައި ހުރި ކުޑަ ކޮޓަރިއަކަށެވެ. އެތަނުގެ އެތެރެ ހީވަނީ ޑަކުޓަރަކު ބަލިމީހުން ބަލާ ކޮޓަރިއެއް ހެންނެވެ. އެތަނުގައި މޭޒެއްގެ ދޮށުގައި އިށީނދެގެން އިނީ ހުދު ހެދުމެއްގައި ހުރި ތުނބުޅި ދިގުކޮށްފައިވާ މެދު އުމުރުގެ ފިރިހެނެކެވެ. އެއީ ކާކުބާއެވެ؟
އެފިރިހެންމީހާ ހިނިތުންވެލިއެވެ.
"ކޮއްކޮގެ ހާލު ކިހިނެއް؟" އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އަހަރެން ގޮނޑީގައި އިށީނުމާއެކު އެމީހާ ސުވާލުކުރިއެވެ.
"ރަނގަޅު". އަހަރެން ޖަވާބު ދިނީމެވެ.
"ކޮއްކޮ ތިއައީ ހަމަ އިސްލާމް ވާން ބޭނުން ވެގެންތަ؟" އެމީހާ އެހިއެވެ. އަހަރެން ބޯޖަހާލީމެވެ.
"ޝަހާދަތް ކިޔަން އެނގޭތަ؟" އެމީހަ ދެވަނަ ސުވާލު ކޮށްލިއެވެ.
"އަދި ނޭނގެ..." އަހަރެން ބުނީމެވެ.
އަހަރެން ނޫނެކޭ ބުނުމުން އެމީހާ އެދުނީ އޭނާގެ އަޑުދަށުން ޝަހާދަތުގެ މަތިވެރި ދެކަލިމަ ކިއުމަށެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުނު ހިނދު އަހަންނަށް ލިބުނީ، ބޮޑު ބައްޔަކުން ޝިފާއެއް ލިބުނުފަދަ ބޮޑު ހިތްހަމަ ޖެހުމެކެވެ. އަހަރެން މޫނުމަތީގައިވި ފުޅާ ހިނިތުންވުން ފޮރުވާކަށްވެސް ނޫޅެމެވެ. އެ ފިރިހެން މީހާ އަހަރެން ގާތުގައި ބުނީ ކޮންމެ ދުވަހަކުވެސް އެއް ވަގުތަކަށް އެމީހާއާ ބައްދަލު ކުރަން އަންނަންވާނެ ވާހަކައެވެ. އިސްލާމްދީނަށް ވަންނަންޏާ ކޮންމެހެންވެސް އެނގެންޖެހޭ ކަންތައްތަކެއް ވާނެ ވާހަކައެވެ. އަހަރެންނަށް އަނގައިން ބަހެއްވެސް ނުބުނެވުނެވެ. އަހަންނަށް މިހާރު ލިބިފައި މިވަނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ.
އެތަނުން ނުކުމެގެން ދިޔައިރުވެސް އަހަރެންގެ ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. ގެއަށް ދެވުނު ގޮތަށް އަހަރުމެން އެންމެން އެކީ ކުޑަވަރެއްގެ ކެއުމަކުން އެކަމުގެ އުފާ ފާޅުކުރީމެވެ. އަހަރެން އެދުނު ފަދައިން ބުރުގާވެސް އެޅީ އެދުވަހުއެވެ. ޖަމާއަތުގައި ފުރަތަމަ ކުރެވުނު ނަމާދަށް އަޞުރު ނަމާދުވިއެވެ. އެރޭ މަޣްރިބް ނަމާދުގެ އިތުރުން ޢިޝާ ނަމާދުވެސް ކޮށްގެން އަހަރެން އެނދުގައި ބުރަކަށި ޖައްސާލީމެވެ. ފާއިތުވި އަހަރުތަކާ ޚިލާފަށް މިރޭ އަހަންނަށް ހިތްހަމަޖެހުމާއެކު ލޯ މަރާލެވުނެވެ. އެހާ އަވަހަށް ހުވަފެނީ އާލަމަށް ދަތުރު ކުރެވުނީ އަލަށެވެ.
ގޮވި ބަންގިއާއެކު ފަތިސްވުމުން ކޮވެލިތައް ރީތި އަޑުއަޑުން ގޮވަމުން ދިޔައީ މީހުން ހޭލެއްވުމުގެ ނިޔަތުގައެވެ. އާދަޔާ ޚިލާފަށް މިއޮތް ފަތިހާވެސް އަހަރެންނަށް ހޭލެވިއްޖެއެވެ. ފަތިސްނަމާދަށް ހޭލުމަށް އަހަރެންނަށް ގޮވުމުގެ ކުރިން އަހަރެން ހޭލީތީ ނާސިހާއްތަ ނޫނަސް ނާސިރުބެއާއި އަފާވެސް ތިބީ ނުހަނު އުފާވެފައެވެ. ވުޟޫ ކޮށްލައިގެން ފަތިސް ނަމާދުގެ ދެރަކުއަތް ކޮށް، ސަލާމް ދިނުމަށްފަހު، އަޅައިގެން ހުރި ދޮޅި ބޭލުމެއް ވެސް ނެތި އަހަރެން ނިކުތީ ކޮޓަރީގެ ބެލްކަންޏަށެވެ. އެވަގުތު ވެސް ހިތު ތެރެއަށް އައިސް ފުނި ޖެހުނީ ސުވާލު މާކުތަކެވެ.
ބައްޕަ މުސްލިމަކަށްވެ ހުރެ ކްރިސްޓިއަނަކާ ދިމާވުމުން ކާފިރުވީ ކީއްވެބާވައެވެ؟ އެއީ އީމާންކަން ބަލިކަށިވުމުގެ ސަބަބުންނޭ ވެސް ބައެއް މީހުން ބުނެއެވެ. ބައްޕަ އަހަރެންދެކެ ހަޤީޤީ ލޯބިވާނަމަ އަނދަ އަނދާ ހުރި އަލިފާންގަނޑަކަށް ވައްޓާ ނުލީހެވެ. އިސްލާމް ދީނުގެ ވާހަކަ އެއީ ނުވެސް ދަންނަ ވާހަކައަކަށް ހަދާފައި، ކްރިސްޓިއަނުންގެ ޖާހިލު ގޮތްގަނޑުގެ ވާހަކަ ބައްޕަ އަހަރެންނަށް ކިޔައިދިނީ ކީއްވެހެއްޔެވެ؟ ކޮންމެހެން ހަދާފައިވިޔަސް މިހާރު އަހަރެންނަށް ކާމިޔާބު ލިބިއްޖެއެވެ. މިއީ ހާސިލްކުރަން ޖެހޭ އިބްރަތެއްކަމަށް އަހަރެން ވިސްނީމެވެ.
ބެލްކަނީގައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ އިރު އަރަން ފަށައިފިއެވެ. އިރުއަރަމުން ދިޔަވަރަކަށް އުޑުމަތި ހީވީ އަލިފާން ބޯޅައެއްހެން ދޮންކުރަމުންދާހެންނެވެ. ވިލާތަކުގައި ޖެހިފައިވާ އެކިކުލަތައް ފެނިފައި އަހަންނަށް ވިސްނައިލެވުނީ ﷲ ގެ ކުޅަދުންވަންތަކަމެވެ. އަހަންނަށް އިނދެވުނީ އިރު އަރާ މަންޒަރަށް ކަޅިވެސް ޖަހާ ނުލާ ބަލާށެވެ. މިއީ އެއްވެސް ކުރެހުންތެރިއަކަށް އެމީހުންގެ ފިހިން ކުރަހާލަން ކުޅަދާނަ ވަރުގެ މަންޒަރެއްނޫނެވެ. އެހާވެސް ހިތްގައިމެވެ. ބަލާ ބަލާ ފޫހިނުވާނެފަދަ މަންޒަރެކެވެ. ﷲ ގެ ކުޅަދުންވަންތަކަން ފެންނަމުން މިދަނީ ޢަޖާއިބުވުމުން އެކަށީގެންވާ މިންވަރަކަށެވެ.
މިހާރު އަހަރެން ހިތަށް އަރައެވެ. ރާއްޖެ އައުމަށް އަހަރެންނަށް މެދުވެރިވުމަކީ ކިހާ ބޮޑު ނަޞީބެއް ހެއްޔެވެ؟ ބައްޕައާއި މަންމަ ވަކިވުމަކީ މި ފުރުޞަތު އަހަންނަށް ލިބުނު ސަބަބަކަށްވެއެވެ. އެހެން ނޫންނަމަ އަހަރެން އަދި ވެސް ހުންނާނީ ކާފަރު ކަންމަތީގައެވެ. ޣައިރު މުސްލިމެއްގެ ގޮތުގައެވެ. މިއީ އިސްލާމްދީނުގެ ނޫރު އަހަރެންގެ ހިތަށް ވައްދައިދިން ފަސްގަނޑެވެ. މިފަސްގަނޑު ދޫކޮށް ދާކަށް އަހަރެން ނޭދެމެވެ. ނު ވެސްދާނަމެވެ. މިހާރު އަހަރެންނަށް މި ލިބެނީ ހާދަ މަތިވެރި ނަޞީބެކެވެ. ކުރިން އަހަރެންގެ ޙަޔާތުގައި އެނބުރި ވަށާ ޖެހެމުން ދިޔައީ ނުތަނަވަސްކަމާއި ހިތްދަތިކަން ފިލުވާލަދިން އުފަލެކެވެ. ހިތި ތިއްކަކުން ފޮނި މީރުކަން ލިބިދިޔަ ފަދައިންނެވެ. މިއަދު އަހަންނަކީ ވެސް ފުރިހަމަ ދިވެއްސެއްކަން އިޙުސާސް ކުރެވިއްޖެއެވެ. މިރާއްޖެއާ މިތަނަކާ އަހަރެން ދެން ވަކިވުމެއް ނެތެވެ. މަރުވުމަށްފަހު މި ދުނިޔެއާ އަލްވަދާޢު ކިޔަންދެނެވެ.
ނިމުނީ