ނީޓޫ އާއި ރިޝީކަޕޫރުގެ ފިރިހެން ދަރިފުޅު އަދި މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރު އަދި ފިލްމީ ތަރި އާލިއާ ބަޓްގެ ކައިވެނީގެ ހަފްލާއަށް އަތުގައި ހީނާފަތް އެޅި އިރު ނީޓޫގެ އަތުގައި ލިޔެފައިވާ ނަން ފެނިފައި ގިނަބައެއްގެ ހިތް ކުދިކުދި ވެއްޖެއެވެ.

ދަރިފުޅުގެ ކައިވެންޏަށް ތައްޔާރު ވުމަށް ބޭއްވި "މެހެނދީ" ހަފްލާގައި ނީޓޫގެ އަތުގައި ހީނާފަތުން ޑިޒައިން ކުރަހާފައިވާ އިރު ފެންނަނީ އިނގިޔެއްގައި ފިރިމީހާ ރިޝީގެ ނަން ލިޔެފައި ވާތަނެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން ދަނިކޮށް ލޯބީގެ ގުޅުން ފެށި ނީޓޫ އާއި މަޝްހޫރު ފިލްމީތަރި ރިޝީ ކަޕޫރު ކައިވެނި ކުރީ 1980 ވަނަ އަހަރުގައެވެ. ކައިވެންޏަށްފަހު ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ނުޖެހި ނަމޫނާ ދެމަފިރިންގެ ގޮތުގައި ދިރިއުޅެމުން އައި މި ޖޯޑު ވަކިވެގެން ދިޔައީ 2020 ވަނަ އަހަރު ރިޝީ ކަޕޫރު މަރުވުމުން ނެވެ.

ރިޝީކަޕޫރު މަރުވެފައިވަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މިދެތަރިންގެ ދެދަރިން އެބަތިއްބެވެ. އެއީ ރިދިމާ ކަޕޫރާއި ރަންބީރް ކަޕޫރެވެ. ކައިވެންޏަށްފަހު ނީޓޫ ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފައެވެ. ނީޓޫ ބުނެފައިވާ ގޮތުގައި ކަޕޫރު އާއިލާގެ ސަގާފަތުގައި އޭރު އޮންނަ ގޮތުން ކައިވެންޏަށްފަހު އަންހެންމީހާ ޖެހެނީ ފިލްމީ ހަޔާތާ ދުރަށް ދާށެވެ. ނަމަވެސް ނީޓޫ ދޭތެރެދޭތެރެއިން ފިލްމުތަކުން ފެނިގެން ގޮސްފައި ވެއެވެ. ރިޝީކަޕޫރު މަރުވުމަށްފަހު ވެސް ނީޓޫ ދަނީ ބަރާބަރަށް އޭނާގެ ފިރިމީހާގެ ހަނދާންތައް އާކުރަމުންނެވެ.