ކުޑަ މެންދުރު އުދަވި ވަގުތެވެ. މެލޭޝިޔާގެ ބޮޑެތި މަގުތަކަށް ދިއްލާލަފައިވަނީ ދިލަ އަތްވެކެވެ. ވައިރޯޅިއެއްގެ ހިލަމެއް ނެތްއިރު ގަސްގަހާގެހީގެ ދިރުމެއްވެސް ނެތެވެ. ހީވަނީ އެތަކެތި އަބަދަށްޓަކައި ނިދިފައިވާހެންނެވެ. ބޮޑެތި މަގުތައް ފަހަށް ޖައްސަމުން ހަނި ގޯޅިތައް ހުރަސްކުރަމުން ދުއްވަމުންދާ އިންޖީނުލީ އުޅަނދުތަކުން އަރުވަމުންދާ ވިހަ ދުމާއެކު ޖައްވުގައިވަނީ އިތުރު ހޫނު ކަމެއް އުފައްދާފައެވެ. ދުއްވާ އެއްޗެހީގެ އިންޖީނުގެ އަޑުފަށްގަނޑާއެކު އުފެދިފައިވާ ބަރުގޮނުގެ އަޑުތަކުން މުޅި މަގުމަތިވަނީ އެއް އަޑަކަށްވެފައެވެ. މި ދިލަ އުދާހާއި ކާރޫބާރޫގަނޑުގެ ތެރޭގައި ދުއްވަމުން އައިސް ޔަޒްދާން އޭނާގެ ސައިކަލް މަޑުކޮށްލީ މައި މަގެއްގެ ކުރިމައްޗަށްވާގޮތަށް ހުރި އޭނާ ދިރިއުޅެމުންދާ ކުޑަކުޑަ އެޕާޓްމެންޓްގެ ކުރިމައްޗަށެވެ. ގެއަށް ވަދެ ރަނގަޅަށް ހަމަޖެހި ނުލެވެނީސް ކުއްލިއަކަށް ޖީބުގައިވާ ޔަޒްދާންގެ ފޯން ރިންގުވާން ފެށިއެވެ. ޔަޒްދާން އަވަސް އަވަހަށް ޖީބުން ފޯން ނެގިއެވެ. އެހިނދު ފޯންގެ ރިންގު ކެނޑިގެން ދިޔައެވެ. ޔަޒްދާން އެކޯލުގެ އިންތިޒާރުގައި ދެވަނަ ފަހަރަށް މަޑުކޮށްލައިގެން ހުއްޓެވެ. އިސާހިތަކު އަނެއްކާވެސް ފޯން ރިންގުވާން ފެށިއެވެ. އެއާއެކު ފޯން ނަގާ ކަންފަތާ ކައިރިކޮށްލިއެވެ. ދަންނަ އަޑެކެވެ. އެހެންނަމަވެސް ކުރިން ދެކެފަރިތަ މިއަޑުގައި ތަފާތުތަކެއް އެބަހުއްޓެވެ. ރާގުގައިވަނީ އަވަސްކަމެވެ. ހާސްކަމާއި ހިތިކަމެވެ. ވެގެން އުޅޭގޮތް ސާފުވުމުން ޔަޒްދާން އަތުން ފޯން ބިންމައްޗަށް ދޫވިއެވެ. ޙައިރާންކަމާއެކު ވެއްޓިފައިވާ ފޯނާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ޖެހި ބުދެއް ފަދައިންނެވެ. އޭނާގެ ދުނިޔެ އަނދިރިވަމުންދާހެން ހީވިއެވެ. ހަށިގަނޑުން ބާރު ދޫވާހެންވެސް ހީވަމުން ދިޔައެވެ. ކޮޅަށް ހުރުންވީ ދަތި ކަމަކަށެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތައްވެސް ހުއްޓުނު ކަހަލައެވެ. ހަޔާތުގައި މި ދިމާވީ ކޮންފަދަ ނާޒުކު ހިނދުކޮޅެއްހެއްޔެވެ؟ އެއްކޮޅުން މިއޮއްހާ ދުވަހު ތައްޔާރުވަމުންދިޔަ އިމްތިޙާނެވެ. އަނެއްކޮޅުން މަރާ ހަނގުރާމަ ކުރަމުންދާ ލޯބިވާ ބޭބެއެވެ. ކޮންމެ ގޮތެއްވިޔަސް ބޭބެގެ ޙާލު ދެކިލުމަށް އޭނާ ބޭނުންވެއެވެ. ހަމަ މިވަގުތުން މިވަގުތަށްވެސް ބޭބެ އޮތް ފަސްގަނޑަށް ދާން ބޭނުންވެއެވެ.

އެރޭގެ ދަންވަރު މެލޭޝިޔާއިން ސްރީލަންކާއަށް އުދުހެމުންދިޔަ ފުލައިޓުން ޔަޒްދާން ސްރީލަންކާއަށް އައެވެ. އެއަރޕޯޓުން ނިކުތްގޮތަށް އޭނާގެ މިޞްރާބު ބެހެއްޓީ ނަވަލޯކާ ހޮސްޕިޓަލާ ދިމާއަށެވެ. ބޭބެ އޮތް ޙާލު ފެނިފައި އޭނާއަށް ރޮވުނެވެ. އެރީތި ހަށިގަނޑު ވަނީ މިލައިގެންގޮސްފައެވެ. ދެލޯވަނީ ވަޅުވަދެފައެވެ. މާގިނަ ދުވަހު ބަލިވެ އުޅުމުގެ ސަބަބުން މޫނުމަތިންވަނީ ފެން ދަމާލާފައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ހަށިގަނޑަށް އައިސްފައިވާ މި ބޮޑު ބަދަލުން މިއީ އޭނަޔާ އެއް ސޫރައެއްގައި ފެންނަ ނިބޫ ބޭބެ ޔަޒާން ކަންވެސް ޔަޒްދާނަށް ޤަބޫލު ކުރަން ދަތިވިއެވެ. ތަޤުދީރު ބޭބެ ގޮވައިގެން މި ކުޅުނީ ކޮންފަދަ ކުޅިގަނޑެއްހެއްޔެވެ؟ އޭނާއަކަށް އެއްވެސް ކަމެއް ނޭނގެއެވެ. ބޭބެގެ އަޞްލު ބައްޔަކީ ކޮބައިކަން އަދިވެސް އޭނާއަށް އޮޅުމެއް ނުފިލައެވެ. ޔަޒްދާންގެ ހިތުގައި އުފެދި އުތުރި އަރަމުންދިޔަ ސުވާލުތަކަށް ހިމޭންކަން ގެނެސްދިނީ ބައްޕައެވެ. ބައްޕަގެ އަޑުގައިވަނީ ހިތިކަމެވެ. ކިތަންމެ އުނދަގުލުންނަމަވެސް ޔަޒްދާނަށް އެވާހަކަ ކިޔައިދެވޭތޯ އަބީރު މަސައްކަތްކުރިއެވެ.

ބޭބެގެ އަޞްލު ބަލި އެނގުމުން ޔަޒްދާންގެ ހިތް ހީވި ފަޅިފަޅިވިހެންނެވެ. ހިތުގައި ހިނގަމުންދިޔަ ލޭވެސް ކުޑަ ވަގުތު ކޮޅަކަށް ހުއްޓުނު ހެންނެވެ. އެއްވެސް އުއްމީދެއްނެތް ބައްޔެކެވެ. ބޭހެއް ފަރުވާއެއް ޝިފާއެއް ނެތް ބައްޔެކެވެ. އޮތް ހަމައެކަނި ގޮތަކީ ހެއްދެވި ފަރާތަށް ޝުކުރު ކޮށްލައިގެން ތިބުމެވެ. އެއްބަޔަކު މިހާރު އެތިބީ އެގޮތަށް ހޭނިފައެވެ. އެހެނަސް ޔަޒްދާނަށް މިއީ މުޅިން އައު ޚަބަރެކެވެ. އޭނާގެ ކަންފަތުން ދުވަހަކުވެސް އަހަން ބޭނުންނުވާ ވާހަކައެކެވެ. ހުރި ސުންޕާވެރިކަމުގެ ބޮޑުކަމާއެވެ. ދާދި އިހަކަށް ދުވަހު މަޖަލާއި އުފަލުގައި ދިރިއުޅުނު ޒުވާނެކެވެ. މިއަދު އެވަނީ ލޯބިވާ އަނބިމީހާއާއި ދަރިފުޅާވެސް ދުރުގައި އެކަނިވެރިކަމުގެ ދާނެއްގައެވެ. ހާދަ އަސަރެއް ކުރާނެއެވެ. މާދަމާއަށްޓަކައި ހާދަ އުއްމީދުތަކެއް ހުންނާނެއެވެ. އެކަމަކު އެމީހުން އެތިބީ ނޭނގުމެއްގެ ތެރޭގައެވެ. ފަރުދާގެ ފުރަގަސް އެވަނީ އެއްކޮށް ފޮރުވިފައެވެ. ހަމަ މަންޒިލަށް ދެން އާދެވޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. ތަޤުދީރުގެ ނިންމުމާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް އޮންނާނެހެއްޔެވެ؟ އޮއިދެމޭ ކޯރެއްގައި އޮޔާ ދެކޮޅަށް ފެތޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ހަލާކުގެ ތެރެއަށް އިންސާނާ ގެންދަނީ އޭނާއަށް ނުވެސް އެނގި ހުރެއެވެ. ތިމާއަށް ކޮށްލެވޭ ކުޑަކުޑަ ކަމަކުން ތިމާގެ ދުނިޔެ އަނދިރިވެގެން މިދަނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަނބިމީހާއަށް މިއަދު ދެން ދެއްކޭނީވެސް ކޮން މޫނެއްހެއްޔެވެ؟ މައިންބަފައިންނަށް އެއްބަނޑު އެއްބަފާ މީހުންނަށް ކުރެވޭނީވެސް ކީއްހެއްޔެވެ؟ ދަރިންގެ ކުރިމައްޗަށް އެނބުރި ދާނީވެސް ކޮން ސިފައެއްގައި ހެއްޔެވެ؟ ތިމާގެ އަބުރު ކިލަނބު ކޮށްލީމާ ރައްޓެހިންގެ ކުރިމައްޗަށްގޮސް އަނގަ ހުޅުވާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ހުރިހާ ފަރާތެއްވެސް ފެންނަމުން މިދަނީ އަނދިރިކޮށެވެ. ދުނިޔެ މިވަނީ ކަޅު ވިލާތަކުން ބަނަވެފައެވެ. މި ވިލާތައް ރޫޅިގެންގޮސް ވެހޭނީ ކޮންފަދަ ވާރޭއެއްކަމެއްވެސް ނޭނގެއެވެ.

ނުތަނަވަސްކަމުގެ އުދާސްތަކާއި ފޮލާތައް އެއް ކައިރިކޮށްލާފައި ޔަޒްދާން އޭނާގެ ފުރާނަފަދަ ލޯބިވާ ބޭބެ ޔަޒާނާ ކައިރިވެލިއެވެ. ޔަޒާންގެ ލޯ މަޑުމަޑުން ހުޅުވުނެވެ. ދެލޮލުގައިވަނީ ވަރުބަލިކަމެވެ. ޔަޒްދާން ފެނުމުން ޔަޒާނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ތެދުވާން އޭނާ ބޭނުމެވެ. ތެދުވާން އުޅެފައި އަނެއްކާވެސް އޭނާ އޮށޯތެވެ. ހަށިގަނޑުގައި ތެދުވާނެހާ ބާރެއްނެތެވެ. އެންމެ ކުޑަމިނުން ލޯބިވާ ކޮއްކޯއޭ ކިޔާފައި ގޮވާލާނެ ހިތްވަރެއްވެސްނެތެވެ. ޔަޒާން ހިތުގައި ޖެހުނެވެ. ދެލޯ ކަރުނުން ފުރުނެވެ. ކަރުނައިގެ ފުސްކަމުގެ ތެރޭގައި އޮވެ އޭނާ ކޮއްކޮއަށް ހަނާ އަޅާލިއެވެ. އެވަގުތު ޔަޒްދާނަށް ކުރީ ވަރަށް ހިތި އަސަރެކެވެ. މަޑުމަޑުން ޔަޒްދާންގޮސް ޔަޒާންގެ އެނދު ކައިރީގައި ހުއްޓުނެވެ. ޔަޒާންގެ އަތް ޔަޒްދާނަށް ދިއްކޮށްލިއެވެ. ޔަޒްދާނަށް ބޭބެގެ އަތުގައި ހިފައި ގަނެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

"ކޮއްކޮ އައީތަ!" ޔަޒާންގެ ލޮލުން ކަރުނަ ހިނގާލިއެވެ.

"އާނ!. މިއައީ ހަމަ މިރޭ. " ޔަޒްދާން ބޭބެއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

"ކޮއްކޮއަށް އާދެވިއްޖެ. ކޮއްކޮގެ ނަޞީބު ހުރީތީ ބޭބެއާ ތި ބައްދަލުވީ. އެކަމަކު މާ ލަސްވެއްޖެނަމަ ތިފުރުޞަތެއް ނުލިބޭނެކަންނޭނގެ." ޔަޒާންގެ އަޑު ބެދޭގޮތްވިއެވެ.

"ނޫން! ތިޔަހެން ނުބުނޭ ބޭބޭ. ތަޤުދީރުގައި ބައްދަލުވާން ހުރީމާ މިއާދެވުނީ." ޔަޒްދާނަށް ވެސް ވާހަކަ ދައްކަން އުނދަގޫވިއެވެ.

"ވަރަށް އުފާވެއްޖެ. އެކަމަކު....." ޔަޒާންގެ ބަސް ހުއްޓުނެވެ.

"ކިހިނެއްވީ؟.... އިރާދަކުރެއްވިއްޔާ ބޭބެ އަދި ރަނގަޅުވާނެ." ޔަޒްދާން ބޭބެ ހިތްހަމަޖައްސުވައިދެވޭތޯ ބެލިއެވެ.

"ނޫން! އަހަންނަކީ މިހާރު ނެތް މީހެއް. ދުނިޔެއަށް ބޭކާރު މީހެއް. ދިރިހުއްޓަސް މާދަމާއަށްވެސް އެއްވެސް އުއްމީދެއް ނެތް. ވަގުތު ވަރަށް ކުޑަ ތަން ވެއްޖެ." ޔަޒާންގެ ލޮލުން ކަރުނަތައް އުތުރިގަތެވެ.

"ދެން ތިވާހަކަ ނުދައްކާ. އަރާމުކޮށްލެވޭތޯ ބަލާ. މާގިނަ ވާހަކަ ދެއްކީމާ ރަނގަޅެއް ނުވާނެ." ޔަޒާންގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ޔަޒްދާން ބުނަމުން ދިޔައެވެ.

"އަހަރެން ވާހަކަ ދެއްކިޔަދީ. ދެން އިތުރު ފުރުޞަތެއް އަހަންނަށް ނުލިބި ހިނގައިދާނެ. ކޮއްކޮ ގާތުގައި ބޭބެ ބުނަން ބޭނުން ވަރަށް ގިނަ ވާހަކަތައް އެބަހުރި. މިއީ ބޭބެގެ މަރުމަތީގައި ކުރާ އާދޭހެއް. ވަޞިއްޔަތެކޭ ބުންޏަސް އެންމެ ރަނގަޅު." ޔަޒާންގެ ލޯ މަރާލިއެވެ.

"ތިޔަހެން ނުބުނޭ ބޭބޭ! ބޭބެއަކަށް ތިހެން ވާކަށް ނޭދެން. ބޭބެޔާ ނުލާ އަހަރެމެން ދިރިއުޅޭނީ ކިހިނެއް؟. އިރާދަކުރެއްވިއްޔާ ބޭބެގެ ޙަޔާތަށް އަދި މާދަމާ އަންނާނެ." ޔަޒްދާން ގަދަކަމުން ހީލެވޭތޯ ބެލިއެވެ.

"ނޫން! މި ޙަޔާތަކަށް ދެން މާދަމާއެއް ނާންނާނެ. ހުރިހައި ފަރާތަކުންވެސް ފެންނަނީ އަނދިރިކަން. ބޭބެގެ ދުނިޔޭގައި އަލިކަމުގެ ނަޞީބަކީ ދެން އޮތް އެއްޗެއްހެން ހީނުވޭ. ތަޤުދީރު ބޭބެ ބޭޒާރުކޮށްލައިފި. މިއީ ބޭބެގެ ވިޔާނުދާ އުޅުމުގެ ނަތީޖާނޫން ދެން ކޮން އެއްޗެއް." ޔަޒާން ގިސްލާން ފެށިއެވެ.

ނޫން! ބޭބޭ! ތި ވާހަކަ ދެން ދެއްކުމުގެ ބޭނުމެއް ނެތް. ބޭބެއަށް އަރާމު މިވަގުތު ވަރަށް މުހިއްމު. ދެންވެސް ކުޑަކޮށްވެސް ހަމަޖެހޭނީ ނިދާލެވުނީމާ." ޔަޒާންގެ ވާހަކައަށް ޔަޒްދާން ހުރަސް އަޅަމުންދިޔައެވެ.

"އާނ! މިއީ ނަޞީބޭ ބުނާކަށެއް ނެތިން. ދަތުރުކުރަން ދާން އުޅުމުންވެސް ބައްޕައާއި މަންމަ އެކަމަށް ނަފުރަތުވި. ބޭބެ އެކަމާ ކުރިމަތިލީ އެމީހުންނާ ދެކޮޅަށް. އެމީހުން އެދުވަހު ދެއްކި ވާހަކައަކީ ބޭބެއަށް އެހާ މުހިއްމު ވާހަކައަކަށްނުވި. އެކަމަކު އެދުވަހު އެމީހުން އެވާހަކަ އެދެއްކީ ކޮންމެވެސް ތަޖުރިބާތަކެއް ހުރީމާ. ވިސްނޭނީ މާފަހުން. ވިސްނުނުއިރު ޙާލަތު މިވަނީ ބަދަލުވެފާ. ރޯލަރޯލާ މިހެން އޮތުން ނޫން އެހެން ގޮތެއް ނެތް." ޔަޒާން އޭނާއަށް ކުރަމުންދާ އަސަރުތައް ޔަޒްދާނަށް ބުނެދެވޭތޯ ބަލަމުން ދިޔައީ އަސަރާއެކުގައެވެ.

"ބޭބޭ! ދެން ހުއްޓާލާ!. އަހަންނަށް ތިޔަ ވާހަކަތައް އަޑުއަހާކަށް ކުޅަދާނައެއްނޫން. އަހަންނަށް ހުރިހައި ކަމެއްވެސް މިއަދު ވިސްނިއްޖެ. މިދުވަސް މިހެން އަޔަސްވެސް އަހަރެން ކެތްކުރާނަން." ޔަޒްދާނަށްވެސް ރޮވެން ފެށުނެވެ.

"އާނ. އަހަންނަށްޓަކާ އަހަރެމެންގެ ޢާއިލީ ލޯތްބަށްޓަކައި ބޭބެ މިއެދޭ އެދުން ފުރިހަމަކޮށްދޭތި. ކޮއްކޮއަކީވެސް އަދި ޒުވާންކުއްޖެއް. ޢާއިލީ ގުޅުން ކެނޑިގެންދާކަށް ބޭބެ ނޭދެން. ބޭބެ ބޭނުންވަނީ......." ޔަޒާނަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ.

"ބޭބެ ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނު." ޔަޒްދާން ޙައިރާންކަންމަތީ ހުރެ ބުންޏެވެ.

"މާފު ކުރޭ! ބޭބެ ބުނެދެވޭތޯ ބެލީ ބޭބެ ނެތް ދުވަހަކުން ޢާއިލާގެ ހުރިހައި ޒިންމާއެއް ނަގާނެ މީހަކީ ކޮއްކޮ ކަމުގާ. އެކަންވާނީ އެހެން. ލޯބިވާ އަނބިމީހަޔާއި ދަރިފުޅަށް ވާނީ ކީއްކަންވެސް ނޭނގެ. ޢާފިޔާގެ ދެމައިން ދުނިޔެއަށް ގިނަވެދާނެތީ ކަންބޮޑުވޭ. އެއީ އަހަރެންގެ ހުރިހައިވެސް ބަޔަކީ. އެދެމައިން އަހަންނާ ނުލާ ދުނިޔޭގައި އުޅޭނީ ކިހިނަކުންބާވައޭ ހިތަށް އަރާ. އާފިޔާއަށް އަހަރެންގެ ބަލި އެނގުނަސް އެ ތުއްތު މައުޞޫމް ޔޫހާއަށް އެކައްޗެއްވެސް ނޭނގޭނެ. ބައްޕައެއްގެ ލޯބި އެންމެ ބޭނުންވި ދަނޑިވަޅުގައި އަހަރެން މިޖެހޭނީ އޭނަޔާ ވަކިވާން. މިވާހަކަ އަހަރެން އޭނަޔަށް ބުނެދޭނީވެސް ކިހިނެއް؟" ޔަޒާންގެ ލޯ މަރާލިއެވެ. އެވަގުތު ކަރުނަތައް ފޫދިގެން ފައިބަމުންދިޔައެވެ.

"ވިސްނިއްޖެ. އަހަރެން ދުނިޔޭގައި ހުރިހައި ހިނދަކު އެމީހުން ގިނައެއް ނުވާނެ. އެދެމައިންނަށްޓަކައި ބޭބެ ދެކެވާ ލޯތްބަށްޓަކައި ކޮންމެފަދަ ޤުރުބާނެއްވާންވެސް އަހަރެން މިހުރީ ތައްޔާރަށް."

"ތިޔައީ ތެދުވެރި ކޮއްކޮއިންގެ ގޮތަކީ. ތި ކުރެވުނީ ވައުދެއް. ބޭބެ ވަރަށް އުފާވެއްޖެ. ބޭބެއަށް މިހާރު ކުޑަ ހިތްހަމަޖެހުމެއް ލިބިއްޖެ." ޔަޒާންގެ ލޮލުން ބަންޑުންވަމުންދިޔަ ކަރުނަތައް އޭނާ ފުހެލިއެވެ.

"ބޭބެ އަހަންނާ ތިޔަ ޙަވާލު ކުރީ ވަރަށް ބޮޑު ޒިންމާއެއް. ބޭބެ ނެތް ދުނިޔެއެއްގައި އާފިޔާ އަހަރެމެންނަށްޓަކާ އެފަދަ ޤުރުބާނެއް ވެދާނެބާއޭ ހިތަށް އަރާ. އަދި ބޭބެގެ ދަރިފުޅު އަހަރެމެންނާ އެއް ހިޔާވައްސެއްގައި ދިރިއުޅެން ރާވާފާނެބާއޭ ހިތަށް އަރާ. އޭނައަކީވެސް މާލޭ މީހެއް. ރަނގަޅު ޢާއިލާއަކުން އައިސްހުރި ގޮތްހުރި އަންހެނެއް. ޢާފިޔާގެ ވިސްނުން ބަދަލުވެއްޖެއްޔާ ދެން............" ޔަޒްދާންގެ ވާހަކަ މެދު ކަނޑާލިއެވެ.

"އެއަށްވުރެ އަހަރެންގެ ލޯބިވާ ކޮއްކޮގެ ވިސްނުން ރަނގަޅުވާނެކަމަށް ދެކެނީ." ޔަޒާން ބުނި އެއްޗެއްގެ މާނައެއް ޔަޒްދާނަކަށް ނުވިސްނުނެވެ.

އެވަގުތު އަބީރާއި އޭނާގެ އަންހެނުން ސަލްމާ މިތަނަށް އައިސް ހުއްޓުނެވެ. ދެބެއިންގެ މޫނުމަތިން ފެންނަމުންދިޔަ ކުލަތަކުން އެ ދެމަފިރިންނަށް ވެސް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެދެމަފިރިން ފުންގޮތަކަށް ޔަޒާނަށް ބަލައިލިއެވެ. އަދި ހީލެވޭތޯ ބެލިއެވެ.

"ދަރިފުޅާ! ނިދާލެވެތޯ ބަލަންވީނު." ޔަޒާންގެ އަތުގައި ފިރުމާލަމުން ސަލްމާ ބުންޏެވެ.

"ކިހިނެއް އަބަދު ނިދާނީ. ނިންޖެއް ނާދޭ. ކޮއްކޮ އައީމާ ނިދާ ހިތެއްވެސް ނެތް." ކުޑަ ކުއްޖެއް ފަދައިން ޔަޒާންގެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އެކަމަކު އަރާމު ކުރުމަށް ޑަކުޓަރުވެސް ނަސޭޙަތް ދެއްވިއޭނު. ދަރިފުޅަށް އަރާމުކުރުން ވަރަށް މުހިއްމު." ސަލްމާ ޔަޒާންގެ ފަންފަން އިސްތަށިގަނޑުގައި ފިރުމާލަމުން ބުންޏެވެ.

"މިރޭ އަހަރެން ބޭނުންވަނީ އުފާކުރަން. މަޖާކުރަން. އޭގެފަހުން ނިދާނީ. އެއްވެސް މީހަކު އަހަރެންގެ އުފާތަކަށް ހުރަސް ނާޅާތި." ޔަޒާންގެ ވާހަކަ ހުރިގޮތް ފެނުމުން ސަލްމާގެ ދެމަފިރިންނަށް ކުރުވީ ވަރަށް ހިތި އަސަރެކެވެ. ޔަޒާންގެ ކައިރީގައި ޔަޒްދާން ބޭންދުމަށްފަހު އެދެމަފިރިން ބޭރަށް ޖެހިލީ އެމަންޒަރު ބަލަން ކުޅަދާނަ ނުވެގެންނެވެ.

ޔަޒާން ހުއްޓާނުލާ މަޖާ ކޮށްކޮށްފައި ހެމުން ގެންދިޔައެވެ. ޅައިރުގެ ހަނދާންތައް އައު ކޮށްކޮށްފައި ހެމުން ގެންދިޔައެވެ. ދަތުރުކުރަންގޮސް އުޅުނުއިރުގެ މަޖާ ވާހަކަތައް ކިޔައިދެމުން ރޮމުން ގެންދިޔައެވެ. އެދުވަސްވަރު ކުރެވުނު ކަންތައް ހިތަށް އަރާފައި ގިސްލަމުން ގެންދިޔައެވެ. އޭނަޔާ އެންމެ ކައިރީގައި އިނީ ކާކުކަމެއްވެސް ޚުދު އޭނާއަކަށް ނޭނގޭ ކަހަލައެވެ. އެހެނަސް އޭނާއަށް މަޖާ ކުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ.

އޭގެ ހަފުތާއެއް ފަހުން ޢަބީރުގެ ޢާއިލީ މެންބަރުން އެނބުރި މާލެ އައީ އައު އުއްމީދުތަކަކާއެކުގައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާދިޔަ އެއްވެސް ކަމެއް ޢާފިޔާއާއި އޭނާގެ ލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅު ނުދެނެހުއްޓެވެ. އެހެންކަމުން ކުރިންވެސް ގޭތެރޭގައި އޮތް އުފާވެރިކަން އެގޮތުގައި ދެމި އޮތެވެ. ތަފާތަކަށް ވެގެން ދިޔައީ ޔަޒާންގެ ނިދާ ކޮޓަރި ބަދަލުވި ބަދަލުވުމެވެ. ޢާފިޔާ އެކަމަކަށް މާބޮޑު ޝަކުވާއެއްނެތެވެ. އެއީ މިވަގުތު އޭނާގެ ޙާލަތުކަން އޭނާއަށް ވިސްނެއެވެ.

ޔަޒާނާއި ޢާއިލާ އެނބުރި އައުންވީ ލޯބިވާ ދަރިފުޅަށްވެސް ލިބުނު އުފާވެރި ކަމަކަށެވެ. އެތުއްތު ދަރިފުޅު އެންމެ ފަހަރަކުވެސް ޔަޒާންގެ ކޮޓަރިން ފިލާ ނުދެއެވެ. ހިތުގައި އަޅާ ވޭން ކިތަންމެ ގަދަވެފައިވިޔަސް އެއިން އެއްވެސް ވާހަކައެއް ދަރިފުޅުގެ ގާތުގައި ބުނެދޭނެ ހިތްވަރެއް ޢާފިޔާގެ ނެތެވެ. ފިރިމީހާއަށް ޚިދުމަތް ކުރުމުގައި ޢާފިޔާގެ ރޭދުވާ ކުރު ކުރަމުން ގެންދިޔައެވެ. ޔަޒާނާއެކު އުޅެވުނު އުފާވެރި ދުވަސްތަކަކީ ޢާފިޔާގެ ހިތުގައި ތަފާތު އިޙުސާސްތަކެއް ކުރެވިފައިވާ ހަނދާންތަކެކެވެ. މިފަދަ ކަމެއް ކުއްލިއަކަށް އޭނާގެ ޙަޔާތަށް އަތުވެދާނެކަމަކަށް ހުވަފެނުންވެސް ދެކެފައިނުވެއެވެ. ޔަޒާންގެ ކައިރީގައި އިންނަ ކޮންމެ ވަގުތަކު ޢާފިޔާގެ ހިތް ރޮއްވަމުން ގެންދެއެވެ. ޔަޒާން ހިތްހަމަޖައްސުވައިދޭން އޭނާ ބޭނުންވެއެވެ. އުފާކޮށްދޭން ވަރަށް ބޭނުންވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އެ ހުރިހައި އުފަލެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޭރިގެންފިއެވެ. ދެނެއް އޭނާއަކަށް އެގޮތުން ޔަޒާނަކާ ކައިރިއެއް ނުވެވޭނެއެވެ. ޔަޒާނަކަށް ލޯތްބެއް ނުދެވޭނެއެވެ. މި ދެމެދުގައި ހުރަހަކަށްވެފައިވަނީ ވަރުގަދަ ފާރެކެވެ.

ޢާފިޔާގެ ޖަޒްބާތުތައް ބަންޑުންވަމުންދިޔައެވެ. ޔަޒާނާ ނުލާ އޭނާ ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ޒުވާން ޙަޔާތުގެ ބާކީ އޮތްބައި ފުރިހަމަ ކުރާނީވެސް ކިހިނެއްހެއްޔެވެ؟ ޢާފިޔާ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ. އެކަރުނަތައް ނިދިފައި އޮތް ޒުވާން ޔަޒާންގެ މޭމައްޗަށް އޮހެމުން ދިޔައެވެ. ޔަޒާނަށް ކުއްލިއަކަށް ހޭލެވުނެވެ. އެވަގުތު ލޮލާ ލޯ ބައްދަލުވިއެވެ. ޒުވާންކަމުގެ ޖަޒްބާތުތައް ހުޅުދާންވިއެވެ. އެއްވެސް އިޚުތިޔާރަކާ ނުލާ ޢާފިޔާއަށް ޔަޒާންގެ ތަނަވަސް މޭމަތީގައި ބޯ އަޅާލެވުނެވެ. ޔަޒާން މަޑުމަޑުން އެ ފަށުއިގަނޑެއްފަދަ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެ ފިރުމާލުމުގައިވަނީ އޯގާތެރިކަމެވެ. ލޯތްބެވެ. ޔަޒާންގެ ހިތް އަވަސްވާން ފެށިއެވެ. އެހެނަސް އޭނާގެ ޖަޒްބާތުތައް ކޮންޓްރޯލް ކުރިއެވެ.

"..........ނޫން. މިއަދު އަހަންނަކީ ތިޔަފަދަ އުފަލެއް ދެވޭވަރުގެ މީހެއްނޫން. މާފުކުރޭ." ޔަޒާންގެ މޫނު އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު ޢާފިޔާ ގިސްލަމުން ގެންދިޔައެވެ. އެގިސްލުމުގެ ތެރެއިން އާހުގެ އަޑު ފާޅުވެވޭ ހުއްޓެވެ.

" ޢާފީ! އަހަންނަކީ ކުޑަ ދުވަސްކޮޅެއްގެ މެހްމާނެއް. އަހަރެންގެ ދަތުރު ވަރަށް ކުރު. އެންމެންގެ ލޯބި އަހަންނަށް ލިބިއްޖެއްޔާ އަހަރެންގެ ދަތުރު ދިގުވެދާނެކަން ނޭނގެ. އެއެއް ދެނެވޮޑިގެންވާނީ ﷲ. ތިޔަ ދެމައިންނާ ވަކިވާކަށް އަހަރެން ނޭދެން. ދުވަހަކުވެސް ނޭދެން. އެކަމަކު...... މިއަދު އަހަރެން ހިތާމަކުރަން. ތިޔަފަދަ ވަފާތެރި އަނތްބަކަށް ޚިޔާނާތްތެރި ވެވުނީމާ. އެއީ އަހަންނަށް ހުވަފެނެއްފަދަ ދުވަސްވަރެއް. އަހަރެންގެ ވަށައިގެން ފެނިގެން ދިޔައީ މުޅިން ވެސް އެނބުރުންތައް. އެންމެފަހުން އެ އެނބުރުންތަކާ ދިމާއަށް އަހަރެންގެ ހިތްވެސް އެނބުރުނީ. މިއަދު އެހެންނޫންނަމަ މި ހިތާމަ ކުރާކަށް އަހަންނަކަށް ނުޖެހުނީސް. މީހާ ހަލާކުގެ ތެރެއަށް ވެއްޓެނީ އަމިއްލަ ކުށުންކަން ޚުދު އަހަރެން ޤަބޫލުކުރަން. މިއީ އަހަރެންގެ ތަޤުދީރު ނޫން ދެން ކޮން އެއްޗެއް.؟"

" އަހަރެން ތިކަމަކާ ޝަކުވާއެއް ނުކުރަން. ތީ މިވަގުތު އަހަންނަށް ހުރި ﷲ ގެ ރަޙުމަތްފުޅު. ޔަޒާނަށް އުފާ ދޭން އަހަރެން ބޭނުން. ހިތްހަމަ ޖައްސައިދޭން ބޭނުން. އެކަމަކު ........"

"ނޫން. އަހަރެންގެ ސަބަބުން ޢާފިޔާގެ ޙަޔާތުގެ ބާކީ އޮތްބައި ކިލަނބު ކޮށްލާކަށް އަހަރެން ނޭދެން. އަހަރެން މިޙާލުގައި އުޅުނަސް ޢާފިޔާއަކަށް މިހެން ވާކަށް ނޭދެން. ޢާފިޔާގެ ލޯބި މިހާރުވެސް އަހަންނަށް ލިބެމުންދާކަން އަހަންނަށް އިޙުސާސް ކުރެވޭ. ޢާފިޔާ ޤަބޫލުކަމުގައިވަނީނަމަ .............."

" ތިޔަހެން ނުބުނޭ. އަހަރެން ޔަޒާނާ ވަކިވާކަށް ނޭދެން. އަހަރެންގެ ދަރިފުޅު ތި ލޯބިން މަޙުރޫމް ކުރާކަށް ނޭދެން. ޔަޒާންގެ ބައެއްގެ ގޮތުގައި އަހަރެމެން ތިބޭނީ. މިކަން ޔޫހާއަށް އެނގިއްޖެއްޔާ ވަރަށް ދެރަވާނެ." ޢާފިޔާ ކަޅިޖަހާ ނުލާ ޔަޒާނަށް ބަލަހައްޓައިގެން އޮވެ ބުނަމުން ދިޔައެވެ.

" ކޮންމެވެސް ދުވަހަކުން މިކަން އެ މަންޖެއަށްވެސް އެނގޭނެ. އަހަރެން އެދެނީ އަހަރެން ވަކިވާ ފަހުންވެސް މި ވާހަކަ އެމަންޖެއަށް ކިޔައި ނުދިނުން. އެ ދުވަހަކުން އެމަންޖެ އަހަންނަށް ކުރާނެ ނަފުރަތު އަހަންނަށް އިޙުސާސް ކުރެވޭ. އަދި އޭނާގެ ބައްޕައަކީ އެހާ މުޑުދާރު މީހެއްގެ ގޮތުގައި ސިއްކަ ޖެހިފައިވާ މީހެއްކަން އެނގޭކަށް ބޭނުމެއްނޫން. އާފިޔާ މިކަން ސިއްރުކޮށްދޭތި. މިއީ އަހަރެން އެދޭ އެދުމެއް."

"ހުރިހައި ކަމެއްވެސް ސިއްރުކޮށްދޭނަން. އިތުބާރުކުރޭ." ޢާފިޔާ އެކޮޓަރިން ނިކުމެގެން ދިޔައީ ބޭރުފުށުން ހިތްހަމަޖެހިގެންކަމަށްވިޔަސް ހިތުން ރޮމުން ގިސްލަމުންނެވެ. މިގޮތުގައި ބަރާބަރު 3 މަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކަށް މުޅި ޤައުމު ތައްޔާރުވަމުންދަނީ އުފާވެރިކަމާއެކުގައެވެ. ގޭބިސީތައް ގޭތެރެ ފޮޅާ ސާފު ކުރަމުން ގެންދިޔައީ ޢާއިލީ ވަރަށް އުފާވެރި ރޫޙެއްގައެވެ. އާދައިގެ މަތިން ޢާފިޔާއާއި ޔަޒާންގެ ޢާއިލާ ވެސް މިއަދުގެ މަސައްކަތްތައް ހުއްޓިފައިވަނީ ގޭތެރެ ފޮޅާ ސާފު ކުރުމުގައެވެ. ޔަޒާން ވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރުމުގައި ބައިވެރިވިއެވެ. އެހެންކަމުން ބޮޑު ކޮޓަރިއާއި ބަދިގެއާއި ކާގެއާއި ކޮޓަރިތައް ސާފު ކުރަމުން ގެންދިޔައީ ވަކިވަކި މީހުންނަށް ބަހާލައިގެންނެވެ. މިހާރު ޢާފިޔާ އެ އަވަސްވަމުންދަނީ ޔަޒާންގެ ޚާއްޞަ ކޮޓަރި ފޮޅާ ސާފު ކުރުމަށެވެ. އަލަމާރިއާއި ވަތްގަނޑުތަކަށް ދަންދެން ފޮޅާ ސާފު ކުރަމުން ގެންދިޔައެވެ. ކުއްލިއަކަށް ޢާފިޔާގެ ލޯގޮސް ހުއްޓުނީ ސާފު ކުރުމުގެ ތެރޭގައި އަލަމާރީގެ ވަތްގަނޑުގެ ތެރެއިން ވެއްޓުނު ފައިލު ފެނިފައެވެ. ފަރުވާތެރިކަމާއެކު އެ ނަގާ ބަލައިލިއެވެ. އޭގެ އެތެރޭގައިވާ މެޑިކަލް ރިޕޯޓްތަކަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ދެލޯ މުދުނަށް އަރައިގެން ދިޔައީ މަރު ޝާބިތުކުރިކަމަށް ލިޔެފައިވާ ސުރުޚީ ފެނިފައެވެ. ބޮލަށް އެނބުރުން އެރިކަން އޭނާއަށް އެނގުނެވެ. އަދި ބާރަށް ހަޅޭއްލަވައި ގަނެވުނުކަންވެސް އެނގުނެވެ. ދެންވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވީއިރު އޮވެވުނީ ނިދާ ކޮޓަރީގައެވެ. އެންމެ ކައިރީގައި ޔަޒާން ފެންކަޅިވެފައި އިނެވެ. އަނގައިންވަނީ ބަސް ހުއްޓިފައެވެ.

" ބުނޭ! ތީ ކާކު؟ ކީއްވެ އޮޅުވާލީ؟"

"އޮޅުވާއެއް ނުލަން. އޮޅުވާލިނަމަ އޮޅުވާލީ އެހެން ކޮންމެވެސް ބަޔަކު."

"ކީކޭ؟ ތިވަރުގެ ބޮޑު އޮޅުވާލުމެއް ކޮބާ؟ ގަދަވެ ސަލާމަތުންހުރި މީހަކު ބަލި މީހަކަށްވެގެން އައިސް އަހަރެންގެ ކުރިމަތީގައި ތި ކުޅުނީ ކޮންފަދަ ޑްރާމާއެއް. އަހަރެންގެ ލޯބިވާ ފިރިމީހާ އަހަންނާ ވަކިވެގެން އެދިޔައީ ނުވެސް އެނގިހުރެ. އޭނާގެ މޫނު އަހަރެމެންނަށް ނުދެއްކިއިރު އެންމެ ފަހަރަކުވެސް އޭނާ ދުނިޔޭގައި ނެތްކަން އަހަރެމެން ދެމައިންނަށް އަންގާލުން ކީއްވާނީ؟. މިއަދު އަހަންނަކީ ދުރު ހިލޭ މީހެއްކަން އިޙުސާސް ކުރެވިއްޖެ. އަދި އަހަރެމެން ދެމައިންނަށް މިގޭގައި އެއްވެސް ޙައިސިއްޔަތެއް ނެތްކަން ސާފުވެއްޖެ."

"ތިޔަހެން ނުބުނޭ. މިއީ އޮޅުވާލުމެއް ކަމަކަށް ނުދެކޭތި. މިއީ އަހަރެންގެ ލޯބިވާ ބޭބެއާއި މައިންބަފައިން އަހަންނަށް ކުރި މަޖުބޫރެއް. މިއީ ކުރިމަތިކުރުވީއިރުވެސް އަހަންނަށް ކުރަން ވަރަށް އުނދަގޫވި އިމްތިޙާނެއް. އެހެންގޮތަކަށް ބުނެދޭނަމަ މިއީ ބޭބެގެ މަރުގެ ވަޞިއްޔަތެއް. ތިޔައިގެ ދެމައިންނާ އަހަރެން ޙަވާލުވީ ބޭބެ ދެކެ ލޯބިވާތީ. ބޭބެއާއި ޢާއިލީ ލޯބި ދެމެހެއްޓުމަށްޓަކާ. ނަޞީބު ރަނގަޅު ކަމުން އެކަން އަހަންނަށް ކުރެވެން އޮތް. އަހަރެންގެ ސޫރަ މިކަމަށް ހުރިހައި އެހީތެރިކަމެއްވެދިނީ. ޢާފިޔާއާއި ކުރިމަތިލުމަށް އަހަރެން ހަދާނީ ކިހިނެއްބާއޭ ހިތަށްއެރި. މިގޭތެރޭގައި އުޅޭނީ ކިހިނެއްބާވައޭ ހިތަށްއެރި. ޔޫހާ ކޮއްކޮއަށް ބައްޕައެއްގެ ލޯބި ދޭނީ ކޮން ސިފައެއްގައިބާވައޭ ހިތަށްއެރި." ޔަޒްދާންގެ އަޑަށް އައި ބަދަލާއެކު ދައްކަމުންދިޔަ ވާހަކަ މެދުކެނޑުނެވެ.

ޙައިރާންކަންމަތީ ޔަޒްދާނަށް ބަލަހައްޓައިގެން ފެންކަޅިވެފައި ޢާފިޔާ އޮތެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ޢާފިޔާގެ ހަމަހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް ޔަޒްދާނުގެ އަޑެވެ.

"އަހަންނަށް މާފުކުރޭ!. މިއީ އަހަރެން ނޭނގުމުގެ ތެރޭގައި ކުރިކަމެއްނޫން. ހުރިހައި ކަމެއްވެސް ކުރީ އެނގި ހުރެގެން. މިކަން އެނގޭނޭ ބަޔަކު މިގޭތެރޭގައި ތިބޭނެ. އެއީ ދުރު ހިލޭ ބައެއްނޫން. މިއީ ޢާއިލާއަށްޓަކައި ޢާއިލީ ލޯތްބަށްޓަކައި އަހަރެންގެ ހިތާއި ފުރާނައިންވީ ޤުރުބާނީއެއް. އެނގޭތަ 10 އަހަރުވަންދެން އަހަރެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާވެސް އަހަރެން ދޫކޮށްލީ ހިތާ ދެކޮޅަށް. އޭނާގެ އެއްވެސް ކުށެއްނެތި. ދިގު މުއްދަތެއްގައި ކިޔަވަމުންދިޔަ ކޯސް މެދުކަނޑާލާފައި އައިސް މިހުރީ މަންމައާއި ބައްޕަގެ އެދުމުގެ މަތިން. މިއަދު އެހެންނޫންނަމަ އަހަރެން ފެންނާނީ އަވަދިނެތި ޤައުމީ ޚިދުމަތުގައި މަސައްކަތްކުރާ ޑަކްޓަރެއްގެ ގޮތުގާ. ޢާފިޔާ ތިހެން ބުނުމުން އަހަރެން ވަރަށް ދެރަވެއްޖެ." ޔަޒްދާން އެނދުން ތެދުވެ ކޮޓަރިތެރޭގައި ހިނގަން ފެށިއެވެ. އޭނާ ފުރަގަސްދީގެންހުރެ އަނެއްކާވެސް ވާހަކަ ދެއްކޭތޯ ބަލަމުން ދިޔައެވެ.

"ޢާފިޔާ! އަހަންނަށްޓަކައި ހިތްބަރު ނުކުރުން އެދެން. ޒީދާނަށް ހެދިގެން އުޅުމަށްޓަކައި އަހަރެން އެތަކެއް އުފަލުން މަޙުރޫމްވިން. އަމިއްލަ ހެދުންތައް ލުން ހުއްޓާލުމަށްފަހު އެހެން މީހެއްގެ ހެދުންތައް ލިން. އަމިއްލަ ފޯން ރައްކާކުރުމަށްފަހު އެހެން މީހެއްގެ ފޯނެއް ބޭނުން ކުރަމުން ގެންދިޔައިން. އަމިއްލަ ކޮޓަރި ހުހަށް ބެހެއްޓުމަށްފަހު އެހެން މީހުންނާ ވަކިން އެހެން ކޮޓަރިއެއްގައި ދިރިއުޅެން ފެށިން. ބޭނުމަކީ 3 މަސް ހަމަވަންދެން އަބުރުވެރިއެއްގެ ގޮތުގައި ދެމިހުރުން. އޭގެފަހުން ޢާފިޔާ އަހަރެންގެ ބައިވެރިއެއްގެ ގޮތުގައި ހެދުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް. މިހުރިހައި ޤުރުބާނީއެއްވެސް އަހަރެން މިވީ ޢާފިޔާ ތިޔަގޮތަށް އިސް ޖަހާލަފާނެތީ. އަހަރެންގެ ޢާއިލާއާއި މަރުޙޫމް ބޭބެ އެދޭގޮތް ފުރިހަމަ ނުވެދާނެކަމުގެ ބިރަށްޓަކާ. ކޮންމެ ގޮތަކަށް އިޚުތިޔާރު ކުރިޔަސް އަހަރެން ކެތްކުރާނަން. ޤަބޫލު ކުރާނަން. އަހަރެން މިހާވަރުވެފައި މިހުރީ ބަލި ޤަބޫލުކުރަން ދަސްވެގެން. ކުޅިވަރު ކުޅުމުގެ ތެރެއިންނާއި ސުކޫލުގައި ހޭދަކުރި ދުވަސްތަކުގައި އެކަން އަހަންނަށްވަނީ ދަސްވެފާ." ޔަޒްދާންގެ މޫނު ޢާފިޔާ އޮތް އެނދާ ދިމާއަށް އަނބުރާލިއެވެ.

ޢާފިޔާގެ ދެލޮލުން ކަރުނަ އޮހެރެމުން ދިޔައެވެ. އޭނާ ގިސްލަމުންދިޔައެވެ. އޭނާ ޔަޒްދާނަށް ބުނެދޭން ބޭނުން އެތައް ވާހަކައެއް އެބަހުއްޓެވެ. އެކަމަކު ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އޭނާ ވަރަށް މަސައްކަތުން ވާހަކަ ދެއްކޭތޯ ބެލިއެވެ.

"މާފުކުރޭ. އަހަންނަކީ ޔަޒްދާން ތިޔަ ހީކުރާ ކަހަލަ މީހެއްނޫން. ޔަޒްދާންގެ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހައިފިން. ޔަޒްދާންގެ ޢާއިލީ ހުވަފެންތަކާއި އުއްމީދުތައް އިވިއްޖެ. ބޭބެގެ އެންމެފަހުގެ ވަޞިއްޔަތްވެސް އެނގިއްޖެ. އެކަމަކު ޔަޒްދާނަށް ލަނޑެއްދޭކަށް އަހަރެން ނޭދެން. އަހަރެންނާ ގުޅުމުން ޔަޒްދާނަށް މިއަދަކު އެއްވެސް އުފަލެއް ނެތް. ބޭބެ ފަދައިން އަހަންނަކީވެސް އެޗް.އައި.ވީ ޕޭޝަންޓެއް. މިކަމުގައި ބޭބެގެ އެއްވެސް ކުށެއް ނެތް. ކުށްވެރިއަކީ އަހަރެން. އެންމެން ވެސް ހީކުރަނީ ބޭބެއަށް މިބަލި ވާރުތަވީ ދަތުރުކުރަންގޮސް އުޅުމުގެ ތެރެއިންކަމަށް. އެކަމަކު އެއީ ކުށް ހީއެއް. ބޭބެ މިބަލީގެ ސިކާރައަކަށްވީ ޚުދު އަހަރެން. އެކަމަށް މިއަދު އަހަރެން ލަދުވެތިވަން. އަހަންނަށް މިލަނޑުދިނީ ދުރު މީހެއްނޫން. މިގޭ ތެރެއަށް އަބަދު އައިސް އުޅޭ ބޭބެއާއެކު އެއް ބޯޓެއްގައި ދަތުރުކުރި ދެބެންގެ ދެދަރި ފާއިޒު." ޢާފިޔާގެ އަނގައިން ބޭރުވަމުންދިޔަ ހިތި ޖުމްލަތަކުން ޔަޒްދާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. އޭނާ ހުރިތަނަށް ގާވި ކަހަލައެވެ. ހިލައިގެ ބުދެއްފަދައިން އެއްވެސް ޙަރަކާތެއްނެތި ހުރެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭނގުނެވެ.

"ޤަބޫލު ނުކުރެވެންޏާ މިފައިލު ބަލައިލާ! އޭރުން ހުރިހައި ކަމެއް ސާފުވާނެ." ޢާފިޔާ ދިއްކޮށްލި ފައިލުގައި ޔަޒްދާނަށް ހިފަހައްޓާލެވުނީ ހަމަކިރިޔާއެވެ. އޭނާ އަރިއަޅާލައިގެން ވެއްޓުނެވެ. އެވަގުތު ޢާފިޔާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ޢަބީރުގެ ދެމަފިރިން އެއަޑަށް ކޮޓަރިތެރެއަށް އައިސް ވަންއިރު ޔަޒްދާންގެ ފުރާނަވަނީ މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އާނއެކެވެ. ޢާއިލާއަށްޓަކައި އަމިއްލަ ފުރާނައިންވީ ޤުރުބާނީގައި އެއްވެސް އަގެއް ނެތުމުން އެއަސަރުތަކަށް ކެތް ނުކުރެވިގެން އޭނާގެ ހިތް ހުއްޓުނީއެވެ. އަބަދުގެ އަބަދަށެވެ.

އޭގެ ދުވަސްގަނޑެއްފަހުން މި ބަލީގައި ޢާފިޔާ ވެސް ދުނިޔެ ދޫކޮށް ދިޔަފަހުން ކަންވީގޮތް ސާފުވުމުން ޢަބީރުގެ ދެމަފިރިންނަށް ލިބުނީ ކުއްލި ޝޮކެކެވެ. މިގޭ ތެރެއަށް ވަދެ އުޅުނު ގާތް ތިމާގެ މީހެއްގެ ފުށުން އޭނާގެ މުޅި އާއިލާ ހަލާކުގެ ތެރެއަށް ވެއްޓުނީމައެވެ. ފާއިޒާ ގުޅުން އޮތް މިފަދަ އެތައް މައުޞޫމް އަންހެނުން މި ކުޑަ މުޖުތަމަޢުގައި މިއަދު އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮލަރުގެ ޖާދޫގައި ޖެހިގެން މިފަދަ އެތައް ބަޔަކު ވަނީ މީގެ ކުރިން ވެސް އޭނާގެ ސިކާރަކޮށްފައިވެއެވެ. ކައިވެނިން ބޭރުންނާއި އެތެރެއިންނެވެ.

-ނިމުނީ-