ބޮލީވުޑްގެ މަޝްހޫރު ތަރި، ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ފޮޓޯ އަށް ރަންބީރުގެ ކުރީގެ ދެލޯބިވެރިން ކަމަށްވާ ދީޕިކާ ޕަދުކޯނާއި ކެޓްރީނާ ކައިފް މަރުހަބާގެ މެސްޖް ކުރުމުން ފޭނުން މި ދެތަރިންނަށް މަލާމާތް ކޮށްފިއެވެ.

ރަންބީރުގެ ކުރީގެ ދެލޯބިވެރިން އެދެމަފިރިންނަށް މަރުހަބާކިޔައި އުފާވެރި ހަޔާތަކަށް އެދުމާއެކު އެމަންޒަރު ބަލަން ފާރައަށް ތިބި ފޭނުން ފުރުސަތުގެ ބޭނުން ހިފާލީ މަލާމާތްކޮށް ދިމާކުރުމުގެ ގޮތުންނެވެ. އެއްބަޔަކު ބުނެފައިވަނީ "ތިޔަ މީހުންގެ ލޯބި އެހެން މީހަކު ޖަހައިގެން ގޮސްފި،" ކަމަށެވެ. މިފަދަ އެތައް ކޮމެންޓެއް ކޮށްފައިވާއިރު އެފަދަ ކޮމެންޓް ކުރިމީހުންނާ ދެކޮޅަށް އަނެއްބަޔަކު ބުނެފައިވަނީ ދީޕިކާއާއި ކެޓްރީނާއަކީ އެއިން ކޮންމެ މީހެއްގެ ލޯބިވެރިޔާ އާ ކައިވެނިކޮށްގެން އުފަލުގައި އުޅެމުން އަންނަ ދެމީހުން ކަމަށެވެ. ރަންބީރާއި އާލިޔާ ކައިވެނިކުރުމުން މި ދެމީހުން އެކަމާ ހަސަދަ ވެރިވާން ޖެހޭއެއްވެސް ސަބަބެއް ނޯންނާނެކަމަށް ވެސް ކޮންމެންޓުކުރި ބައެއް މީހުންބުނެފައިވެއެވެ.

މި މަހުގެ 14 ވަނަ ދުވަހު މި ދެތަރިންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރުގެ ވާސްތޫ އެޕާޓްމަންޓްގަ އެވެ. އާއިލާ އާއި ވަރަށް ގާތް އެކުވެރިންނަށް ބޭއްވި މި ކައިވެނީގެ ހަފްލާގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައިވެއެވެ.

މީޑީއާތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މި ކައިވެންޏަށް ދައުވަތު ދީފައިވަނީ އެންމެ 28 މެހުމާނަކަށެވެ. ރަންބީރު، އާލިއާއާ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރުއެވެ.