މޫސުން ރީތި ވެފައި ޗާލެވެ. ހިތްގައިމު ހޮނިހިރެކެވެ. ހެނދުނު އެއަރ އިންޑިޔާގެ ފުލައިޓުން ރާއްޖެއަށް އުދުހުމަށް އަހަރެންނާއި އަހަރެންގެ ދެބެންގެ ދެދަރި ކޮއްކޮ ޓްރިވަންތަޕޫރުގެ ވައިގެ ބަނދަރަށް އައީ ޗެކިން ފެށިތާ ދާދި ކުޑަ ތަންކޮޅެއް ކުރިންނެވެ. ފުރުމުގެ ކުރިން ހަމަޖެހިލައިގެން ނާސްތާކޮށްލާ ހަދާލުމުގެ ބޭނުމުގައެވެ. ބިޒްނަސް ކުލާހުން ޓިކެޓް ގަނެފައިވާތީ ފިނިފެންމާ ލައުންޖުން ނާސްތާ ކޮށްލުމުގެ ފުރުޞަތު އޮތީ ފަހިކޮށެވެ.

ނާސްތާއަށްފަހު ވެއިޓިންގ ހޯލުގައި މަޑުކޮށްލައިގެން ތިބީ ފުރާ ދޮރޯށިތައް ހުޅުވޭނެ ވަގުތެއްގެ އިންތިޒާރީގައެވެ. ގިނަ ޢަދަދެއްގެ ދިވެހިންވެސް ފުރުމުގެ އިންތިޒާރިގައި އަތްދަބަސްތައް ކައިރިކޮށްގެން ތިއްބެވެ. ކޮންމެ މީހެއްވެސް ކެތް މަދުވެފައިވަނީ ދޮރޯށި ހުޅުވޭނެ ވަގުތަކަށެވެ. އަހަރެމެން ވަންތާ މާގިނަ އިރުތަކެއް ނުވަނީސް ދޮރޯށި ވެސް ހުޅުވިގެން ދިޔައެވެ. ހަމައެއާއެކު ދޮރޯށީގެ ކުރިމަތީގައި ދިގު ކިއޫތަކެއް ހެދިގެން ދިޔައެވެ. ލައްވާލީ 2 ނަމްބަރު ދޮރޯށި ކިއޫގެ މެދުތެރެ ހިސާބެކެވެ. ޕާސްޕޯޓާއި ބޯޑިންޕާސް އަތްމަތިކޮށްގެން ތިބީ ކެތްތެރިކަމާ އެކުގައެވެ. ކިއޫ ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. އެކުންވާގޮތަކީ ބައެއް މީހުން ޗެކް ކުރުމަށް މާގިނަ ވަގުތު ހޭދަވަނީއެވެ.

އަހަރެމެންގެ ކުރިއަށް އަދި ދެ މީހަކު ތިއްބެއެވެ. އަހަރެމެންގެ ފުރާވަރުގެ ފިރިހެން ކުއްޖަކާއި މުސްކުޅި އަންހެނެކެވެ. ހީވާގޮތުން ދިވެހި ދެމައިންނެވެ. މަންމައަކާއި ދަރިފުޅެވެ. އެންމެ ބޮޑަށް އަޅައިގަތީ އެ މުސްކުޅި ދައިތަގެ ޙަރަކާތްތަކެވެ. ފެންނަނީ ވަރަށް ދިވެހިވަންތަ ގޮތަކަށެވެ. މިފަދަ ތަނަކުން ނުފެންނަ ކަހަލަ މަންޒަރެކެވެ. ކަސަބުން ބޯވަޅު އަޅާ ހިރުގަތާފައިވާ ދިވެހިވަންތަ ލިބާހެއްގައި ހުއްޓައެވެ. އެހެންކަމުން ހީކުރެވުނީ މިއީ ހުވަދޫ ހިސާބުގަނޑުގެ ބައެއް ކަމަށެވެ. އެކަމަކު އެއީ ހީކުރެވުނު ކުށް ހީއެކެވެ. ފަހުން އަހަރެމެންނަށް އެނގުނީ އެއީ ބޮޑު ތިލަދުންމައްޗަށް ނިޞްބަތްވާ ބައެއްކަމުގައެވެ. އެކަމަކު އަތޮޅެއް ރަށެއް ދަރިފަސްކޮޅެއް އަހާ އޮޅުންފިލުވާކަށް ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތަކަށް ހީކުރެވުނަސް މި އަންހެން މީހާއަކީ ފިސާރި މީހެއްކަން އެނގުނެވެ. ލޮލުގައި ދަމާލާފައިވާ އަނދުން ކޫރައާއި ބޮލުގައި ލައްވާފައި ހުރި ސަޑާއި ތުންފަތުގައި ހޭކިފައިވާ މަޑު ފިޔާތޮށި ކުލައިން މި ޢުމުރުގައިވެސް ޒުވާންކަމަށް ލޯބިކުރާ އަންހެނެއްކަން އަންގައިދޭން ބޭނުންވާ ކަހަލައެވެ. މި މަންޒަރު ފެނުމުން ދެމީހުންނަށް ވެސް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. އަދި އެހެންމީހުންނަށް އުނދަގޫ ނުވާގޮތަށް ދެ މީހުން ބިނދިބިނދިފައި ހެމުން ގެންދިޔައީމެވެ. ބަލަން ތިބޭ ބަޔަކަށް މަލާމާތަކަށް ނުވާ ގޮތަކަށެވެ.

ކިއޫގައި ތިބިއިރު މިދައިތަގެ ކިބައިން އަހަރެންނަށް ފާހަގަ ނުކުރެވުނުކަމެއް ކޮއްކޮ ފާހަގަކުރިއެވެ. އަހަރެން އެކަމަކާ ޙައިރާނެއް ނުވެއެވެ. ކޮއްކޮއަކީ އަބަދުވެސް މިޒާތުގެ ކަންތަކާ މަލާމާތްކުރާ ބެހި ހަދާ ސޮރަކަށްވާތީ، މަޑުން ހުރުމަށް ބުނީމެވެ. ކޮއްކޮގެ ލޮލުގައި އަޅައިގަތީ މިދެންނެވި ދައިތަގެ ކޮނޑުގައި އަޅުވާލާފައިވާ ޖަނަވާރު ހަމުގެ ދަބަހެވެ. އެ ދަބަހުގެ ވާހަކަ އެކި ގޮތްގޮތަށް ދައްކާ ހެދީ އެއީ އެ ޢުމުރުގެ މީހަކާ ހަމަ ގުޅުމެއް ނެތީމައެވެ. ތެދެކެވެ. އެއީ އެ ޢުމުރުފުރާގެ އަންހެނަކާ އެއްގޮތަކަށްވެސް ގުޅޭ ދަބަހެއް ނޫނެވެ. އެންމެ މިޒަމާނުގެ އަންހެންކުދިން ކޮނޑުގައި އަޅުވައިގެން އުޅޭ ވައްތަރުގެ ނަލަ ދަބަހެކެވެ. ދިވެހި ލިބާހަކާ އެ ދަބަހަކާ ވެސް ގުޅުމެއްނެތެވެ. އޭތި ބޮޑަށް ގުޅެނީ މޮޑެލް ކުރާ އަންހެން ކުއްޖެއްގެ ކޮނޑުގައި އަޅުވާށެވެ.

އަހަންނަށް ވިސްނުނީ ހަމަ ރަނގަޅަށެވެ. މިކަމުންވެސް އަންހެންމީހާގެ ޗާލޫކަމާއި ޒުވާންކަމަށް ލޯބިކުރާކަން ދޭހަކޮށްދެއެވެ. ތިމާ ކިތަންމެ މުސްކުޅިޔަސް އަދިވެސް ހިތް ޒުވާނޭ ބުނަން ބޭނުންވާ ކަހަލައެވެ. ދައިތަ ހުރި ވައްތަރުން މާދުރަށް ދެމިފައިވާ ކިއުތަކުގައި ތިބި މީހުންގެ ނަޒަރު ވެސް މިދައިތައަށް ހުއްޓިފައިވާކަން އެމީހުންގެ ބެލުންތަކުން އަންގައިދެއެވެ. އަދި ދައްކަމުންދާ "ފުށްކުދި" ވާހަކަތަކުން އެދައްކަނީ ހަމަ އެ ވާހަކަކަން އަހަންނަށް ވެސް އިޙުސާސް ކުރެވުނެވެ.

ބަރަވެލި ދުވެލީގައި ކުރިއަށް ކަނޑަމުންދިޔަ ކިއު އަރާ ހަމަކޮށް އެ ދެމައިންނާ ޖެހިއްޖެއެވެ. ކުރީގައި ހުރީ ދަރިފުޅެވެ. ކޮށިގަނޑުގައި އިން މީހާ "ޕާސްޕޯޓުތައް ދައްކާށޭ" ބުނުމުން ފަހަތުގައި ހުރި މަންމައަށް އިޝާރާތްކޮށްލާފައި ދޭށޭ ބުނާ ކަހަލަ ގޮތަކަށް އިޝާރާތްކޮށްލުމުން އެ ދައިތަ އަތުގައި އޮތް ހަމައެކަނި ޕާސްޕޯޓް ދިއްކޮށްލިއެވެ. އަދި ހަމައެއާއެކު ފަހަތަށް އެނބުރިފައި އެޒުވާނާ އޭނާގެ ޕާސްޕޯޓް ކޮބައިތޯ ސުވާލުކުރިއެވެ. އެދައިތަ ބުނީ އޭނާގެ އަތަށް ދަރިފުޅު ދިނީ ހަމައެކަނި މިޕާސްޕޯޓް އެކަނި ކަމުގައެވެ. އެވަގުތު ޒުވާނާ ހާސްވާގޮތްވިއެވެ. އޭނާގެ ފަޓުލޫނުގެ ޖީބާއި ގަމީހުގެ ޖީބަށް އަތް ބާނައި ޕާސްޕޯޓް ހޯދަންފެށިއެވެ. އެއްވެސް ޖީބެއްގައި އެ އޮތް ކަމަކަށް ނުވިއެވެ. އެހިސާބުން ދެމައިންގެ މެދުގައި ވާހަކަ ގިނަވެގެން ދިޔަތަން ފެނުނެވެ.

މި ހިސާބުން އަހަރެމެންނާ ވެސް ޖެހުނީއެވެ. އަހަންނަށް ނުހުރެވިގެން ބުނީމެވެ. ތިރިއަށްގޮސް ބޭއްވިފައި އޮތްތޯ ޗެކްކޮށްލަ ބަލާށެވެ. ފަހަރެއްގައި ބޭއްވިފައިވެސް އޮވެދާނެއެވެ. ކިއޫ ދޫކޮށްލާފައި ފިރިހެން ކުއްޖާ ތިރިއަށް ދިޔައެވެ. ދިޔަތާ ކުޑައިރުކޮޅަކަށްފަހު އެނބުރި އައެވެ. ޕާސްޕޯޓް އެތަނުގައި ނެތްކަމަށް ބުންޏެވެ. އެވަގުތު އޭނާގެ ހާސްކަން އިތުރުކޮށްލީ ކިޔޫގައި ދެން ތިބި ދިވެހީންނެވެ. އެމީހުން އޭނާއަށް ބުންޏެވެ. ދެން ތި ހޯދަން ނޫޅޭށެވެ. މިއީ އިންޑިޔާއެވެ. މިހާރު ތި އޮންނާނީ ވިއްކާލާފައެވެ.

ފިރިހެންކުއްޖާއަށް ލިބުނު ހާސްކަމާއި ނުތަނަވަސްކަން ދިޔައީ އިތުރުވެގެންނެވެ. ވަގުތުން އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ދެން ހަދާނެގޮތަކާމެދު އޭނާ ފިކުރު ބޮޑުވިއެވެ. މަންމަގެ ހާލު އަދި ވަކިން ބޮޑެވެ. އެތަނުގައި އަޑުލާ ރޯން ފަށައިފިއެވެ. އަދި ނުފުރި މަޑުކުރަން ޖެހިދާނެތީ ފާޑުފާޑުގެ އަނގަތެޅުންތައް ތަޅަން ފަށައިފިއެވެ. އަނގަހުއްޓާ ނުލާ އެ ފޮރުވި ބަޔަކާ ދިމާއަށް އެތިވަރު ގޮވަން ފަށައިފިއެވެ. އެންމެންގެ ސަމާލުކަން އެދެމައިންނަށް އަމާޒުވެއްޖެއެވެ. ފިރިހެންކުއްޖާ ހުރީ ހީވާގޮތުން ވަރަށް ލަދުންނެވެ. އަދި އެހާމެ ފިކުރުވެސް ބޮޑުވެފައެވެ. އެވަގުތު ދެން ހަދާނެގޮތަކާމެދު އޭނާ އަހަރެމެންނާ މަޝްވަރާ ކުރިއެވެ.

ފިރިހެންކުއްޖާއަކީ މާ ހޭލުންތެރި ކުއްޖެއްނޫނެވެ. އޭނާ ޓްރިވަންތަޕޫރަމަށް އައީ އަލަށް ކަމަށްވެސް ބުންޏެވެ. އަދި މި ދަތުރަކީ މަންމަގެ ފަރުވާއަކަށް ރާއްޖޭގެ މުއްސަނދި ދީލަތި މަހުޖަނެއްގެ އެހީތެރިކަމުގެ ދަށުން ކުރި ދަތުރެއްކަމަށްވެސް ބުނެދިނެވެ. މަޑުކުރަން ޖެހުނަސް ދެން ތަނަކަށްގޮސް ތިބޭނެހާ ފައިސާއެއް އެމީހުންގެ އަތަކު ނެތްކަމަށް ވެސް ބުންޏެވެ. ފަރުވާކޮށްފައި ބާކީހުރި ފައިސާކޮޅުވަނީ ބާޒާރުކޮށް ހުސްވެފައިކަމަށްވެސް ބުނެދިނެވެ. އެއީ ޗާލާއިން މަންމަ ރަން ގަނެ ހުސްކޮށްލީމާކަމަށް އެސޮރު ކިޔައިދިނެވެ. އަހަރެމެން އެސޮރަށް ވިސްނައިދިނީ އަވަހަށް ރިޕޯޓްކުރުމަށް ދިއުމަށެވެ. އެސޮރު ވަރަށް ދެރަވެފައި ބުންޏެވެ. އަހަންނަށް ތިކަން ކުރެވޭނީ ކިހިނެއްހެއްޔެވެ؟ އިނގިރޭސިއެއް އެހާ ފަރިތައެއް ނޫނެވެ. މި މީހުން އަހަންނަށް އެހީވާށެވެ.

އަހަރެމެން ބުނީ އެތާ ތިރީގައި ދިވެހި ދަންނަ އިންޑިއަނުން ތިބޭނެކަމަށެވެ. އެމީހުންނާ ވާހަކަ ދައްކާލައިގެން ވޭތޯ ބަލާށެވެ. އެހިނދު ކިޔޫގައި ތިބި މީހުން އަނެއްކާވެސް އެސޮރާ ދިމާއަށް ބުނިއަޑު އިވުނެވެ. ދެން ތިކަމާ ނޫޅޭށެވެ. ކަލޭ ޖެހޭނީ މަޑު ކުރާށެވެ.

އެހިސާބުން އޭނާއަށް ފުރޭނެ ކަމާމެދު އުންމީދު ކަނޑާލިއެވެ. އަދި އޭނާއަށް އެހީއެއް ވެވެން އޮތްތޯ އަހަރެމެން ގާތު އެދުނެވެ. އަހަރެމެން އަތުގައި ކޮންމެވެސް ވަރަކަށް ރުޕީސްއާއި ޑޮލަރު ހުއްޓެވެ. އަހަރެމެން ވާހަކަ ދައްކާލުމަށްފަހު އެފައިސާކޮޅު އެސޮރަށް ދޭން ނިންމީމެވެ. އެއީ އެސޮރު ދެރަވެފައިވާތަން ފެނުމުންނެވެ. ފައިސާކޮޅު ދީފައި އަހަރެމެން ބުނީމެވެ. މިއީ އަހަރެމެން ހެޔޮހިތުން ދިން އެއްޗެކެވެ. މިފައިސާއިން އަދި ދެތިން ދުވަހު މިކޮޅުގައި މަޑުކުރެވިދާނެކަމަށް ލަފާ ކުރެވެއެވެ. ކޮންމެވެސް އެއް ކަމެއް މި ފައިސާކޮޅުން ކޮށްލެވޭނެއެވެ. ވިހަ ހިނިތުންވުމަކަށްފަހު އަހަރެމެން ދިއްކޮށްލި ފައިސާގައި އެސޮރު ހިފިއެވެ. އަދި ޝުކުރު އަދާކުރިއެވެ.

މިވާހަކަތައް އަހަން ހުރި އެ މުސްކުޅި ދައިތަ އޭރު ހަމަ ރޮނީއެވެ. މަޑު ގިސްލުމެއްގެ އަޑު ވެސް ކެނޑިނޭޅި އިވެމުންދެއެވެ. އެންމެފަހުން އެސޮރަށް މާލެ ނުދެވޭނެކަން ޔަޤީންކޮށްފައި އެދައިތަ އަހަރެމެންނާ ޙަވާލުކޮށްފިއެވެ. އެންމެފަހުގެ ވަޞިއްޔަތާއެކުގައެވެ. އަދި ހުޅުލޭން މާލެ ގެންގޮސް މިވެނި ގެއަކަށް ގެންގޮސްލައި ދިނުމަށް ވެސް އެދެފިއެވެ. އަހަރެމެން އެކަމާވެސް ޙަވާލުވެއްޖައީމެވެ. ދިވެއްސަކަށްވުރެ ބޮޑަށް އިންސާނިއްޔަތަށްޓަކައެވެ. އެސޮރާ ސަލާމް ކުރުމަށްފަހު އެދައިތަ ގޮވައިގެން އަހަރެމެން ދޮރޯށިން އެތެރެއަށް ވަނުމަށް ހިނގައިގެންފީމެވެ. އެއިރުވެސް އެދައިތަ އެޕާސްޕޯޓް ފޮރުވި ބަޔަކާ ދިމާއަށް އެއްޗެހި ކިޔަނީއެވެ. އަނގަނުތަޅާ ހުރުމަށް އަހަރެމެން ނަސޭހަތްތެރިވުމުން ކުޑަ ވަގުތުކޮޅަކަށް ތިރިވިއެވެ. އަހަރެމެން ދެބެއިންގެ ޗެކިން ނިމިއްޖެއެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބީ އެދައިތަގެ އަތުގައި އޮތް ކޮތަޅު ބަލާ ފާސް ކުރަމުންދާތީއެވެ.

އަނެއްކާ އަނެއް ކަންތަކާ ޖެހުނީއެވެ. އެކޮތަޅު ޗެކްކުރަން ހުރި މީހާ އެއިން އެ ނެގީ ސަންކުއިކް ހުސްކުރި ބިއްލޫރި ފުޅިއެކެވެ. އޭގައި ހުރި އެއްޗަކާމެދު ޝައްކު އުފެދިގެންނެވެ. އެދައިތަ ކިޔާ އެއްޗެއް އެމީހުންނަކަށް ނޭނގެއެވެ. އަހަރެމެން އެތަނާ ކައިރިވެލީމެވެ. އަދި ދައިތަ ގާތުގައި އެއީ ކޮން އެއްޗެއްތޯ ސުވާލު ކުރުމުން ބުނީ ރިހާކުރު ކޮޅެއްކަމުގައެވެ. މިކޮޅަށް އައިއިރު ގެނައި ރިހާކުރު ފުޅީގެ ބާކީ ކަމުގައެވެ. ވެގެން އުޅޭގޮތް އޮޅުންފިލީ ދެނެއެވެ. އެމީހުން ޝައްކު ކޮށްގެން މިއުޅެނީ އެއީ މަސްތުވާ އެއްޗެއްކަމުގައެވެ. ރިހާކުރަކީ ކޮން އެއްޗެއްކަން އެމީހުންނަށް ބުނެދޭނީ ވެސް ކިހިނެއްހެއްޔެވެ؟ އެތައްގޮތަކުން އެތައް ސިފައެއްގައި އަތްފައިގެ ޙަރަކާތްތަކުން ދޭހަކޮށްދީ ނިންމާލެވުނުއިރު ބޯޓު ފުރާގަޑިވެސް ކުޑަތަންވަނީއެވެ. އެއިރުވެސް އެދައިތަގެ ލޮލުން ކަރުނަ ނުހިކެއެވެ. ދަރިފުޅުގެ ޕާސްޕޯޓު ގެއްލިގެން ކަންބޮޑުވެފައި ހުރި ހުރުމަށްވުރެ ފަހުން މިދިމާވި ކަންތަކުން އެދައިތައަށް ކުރިމަތިވި ބިރު މާބޮޑު ރުއިމަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ދައިތައަށް އަހަރެމެން ވިސްނައިދެމުން ދިޔައީ ކެތްތެރިވުމަށެވެ. ހުރިހައިކަމެއްވެސް ދާނީ އެންމެ ރަނގަޅަށް ކަމުގައެވެ. ކޮންމެއަކަސް މިދިމާވި ދެކަމަކާހުރެ އަހަރެމެންގެ ދަތުރުވެސް މުޅިން ފަނިވާގޮތް ވެއްޖެއެވެ.

ބޯޓަށް އެރުމަށްޓަކައި އެދައިތަ ގޮވައިގެން އަހަރެމެން އެންމެފަހުގެ ޗެކިން ނިންމާލައިފީމެވެ. ބޯޓަށް އަރުވާ ޝީޓުގައި ބައިންދާ ބެލްޓްވެސް އަޅުވައިދީފީމެވެ. އިއްތިފާޤަކުން ނަމަވެސް އެދައިތަގެ ޝީޓުވަނީ އަހަރެމެންގެ ޝީޓާ އެއްބަރި ކުރިންނެވެ. އޭރު ބޯޓު ނައްޓާލުމަށްޓަކައި ބޯޓުގެ ފަޅުވެރީން އެންމެފަހުގެ ތައްޔާރީތައް ވަމުން ދަނީއެވެ. އޭރު ކެބިން ކުރޫއިން ތަބައް ތަބަކުގައި މެޓާފަދަ އަނގަ މަޖާކުރާ ތަކެތި ބަހަމުންދެއެވެ. ތަބަކުން މުއްވަރެއްގެ މެޓާ ނަގާފައި އޭގެ އެއްބައި އެދައިތަގެ އުނގަށް އަޅާލައިފީމެވެ. އަހަރެމެންގެ އަތުގައިހުރި ހުރިހައި މެޓާއެއް ބޮއި ހުސްކޮށްލުމަށްފަހު ފެންފުޅި ވެސް ހުސްކޮށްލައިފީމެވެ.

އެވަގުތު ކޮއްކޮ ދުފާލަން ބޭނުންވިއެވެ. ކޮއްކޮ އަކީ ދުފުމަށް މަރުދޭ މީހެކެވެ. ދުފާކަށް އޭނާއަކަށް ވަގުތެއް ވަގުތެއް ވެސް ނޯންނާނެއެވެ. އެއަރޕޯޓަށް އަންނަމުން ދަބަހުގެ ކޮންމެވެސް ވަތްގަނޑަކަށް ރަސްލީއާއި ސްޕާރީއާއި ޒައިބުފަދަ ސާމާނު އަޅާލި ހަނދާން ވެސް ވެއެވެ. އެކަމަކު ދެން ތެދުވެގެން އެ ނަގަން ދާހިތެއް ނުވިއެވެ. ފޯއްކޮޅެއް ލިބިދާނެކަމުގެ އުއްމީދުގައި އެދައިތަ ގާތުގައި އަހާލުމުން ތިކަން ކުރެވިދާނެކަމަށް ބުންޏެވެ.

ދައިތަގެ އަތުގައި އޮތް ނަލަ ދަބަހުގެ ޒިޕް ދަމާލުމާއެކު އަހަރެމެންނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. އެވަގުތު އެއީ ނަލަ ދަބަހެއް ނޫންކަން އެނގުނީ އޭގެތެރޭގައި ހުރި ދުފާ ސާމާނު ފެނިފައެވެ. ބިލަތާއި ހުންޏާއި ފޮނިތޮށި، ކާފޫރުތޮޅީގެ އިތުރަށް ނަން ހުސްކޮށް އެހެނިހެން ބާވަތްތައް ވެސް ހުއްޓެވެ. އެންމެ ބޮޑު ޢަޖައިބަކަށްވެގެން ދިޔައީ ގެއްލުނު ޕާސްޕޯޓް ދަބަހެއްގެ ގޮތުގައި އޮތް އެ މަޑިސީލަ ތެރޭގައި އޮތްތަން ފެނުމުންނެވެ. ދައިތައަށް ލިބުނު އުފާ ބުނެދޭން ވެސް ނޭނގެއެވެ. އަވަސް އަވަހަށް އެދައިތަ އަތުން އެ އަތުލުމަށްފަހު އެ ހިފައިގެންގޮސް ރިޕޯޓް ކޮށްފީމެވެ. ކުޑަވަގުތު ކޮޅަކަށް ބޯޓުގެ ފުރުން ވެސް ލަސްވީއެވެ.

ރިޕޯޓު ކުރިތާ ކުޑައިރުކޮޅެއްގެ ފަހުން އެއްކަލަ ޒުވާނާ އައިސް ބޯޓުގެ ތެރެއަށް ޖެހިގަތްތަން ފެނުނެވެ. އޭރު އޭނާ ލައިގެންހުރި ގަމީސް ހުރީ އެއްކޮށް ތެމިފޯވެފައެވެ. ޕާސްޕޯޓު ފެނުނުގޮތް އޭނާ އަހާ އޮޅުންފިލުވިއެވެ. އަދި އޭނާގެ މުސްކުޅި މަންމައާ ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ. އެވަގުތު އަހަރެމެން ބުނީމެވެ. މިއީ އެއްޗެހި ކިޔަންވީ ވަގުތެއް ނޫނެވެ. ޝުކުރު ކުރަންވީ ވަގުތެވެ. މިދަތުރު މިއަދު އުދުހުމުގެ ނަޞީބު ތި ލިބުނީ އަހަރެމެންގެ ސަބަބުންނެވެ. ބޯޓު ނައްޓާލުމުގެ ކުރިން އަހަރެމެން ދުފާ ވާހަކަ ނުދެއްކިނަމަ އަދިވެސް ކަލޭ ހުންނަން ޖެހޭނީ މިފަސްގަނޑުގައި ތާށިވެފައެވެ. ވާނުވާ ނޭނގިފައެވެ. ގެއްލުނު ޕާސްޕޯޓް ފެނުނީ މަންމަގެ މަޑިސީލަ ތެރެއިންނެވެ. އޮޅުމަކުން މަންމައަށް އެއޮތީ އޭގެތެރެއަށް ލެވިފައެވެ.

ޒުވާނާ ހަމަޖެހުމުން ރިހާކުރު ފުޅީގެ ވާހަކަ އޭނާގެ ގާތުގައި އަހަރެމެން ބުނީމެވެ. އެވާހަކަ ބުނުމުން އޭނާ ވެސް އަހަރެމެންނާ ބައިވެރިވެ ހޭންފެށިއެވެ. މި ހުނުންގަނޑުން މީނާއަކީ ބޮޑުކަންތައްގަނޑެއް ލައްވާލައިގެން އައިސް އިން މީހެއްކަން ވެސް މިހާރު ހަނދާނެއް ނެތް ކަހަލައެވެ. ހާސްވުމާއި ހިތްދަތިކަމުގެ ހިނދުކޮޅުތަކަކީ މިހާ ފަސޭހައިން ހަނދާން ނެތި ބަދަލުވާކަމެއްބާވައޭ އެވަގުތު ހިތަށް އެރިއެވެ.

މަޑުކުރަން ޖެހިދާނެތީ އަހަރެމެން އެ ސޮރާ ޙަވާލުކުރި ފައިސާ އެ ސޮރު އަނބުރާ އަހަރެމެންނަށް ދިނެއެވެ. އެކަމަކު އަހަރެމެން އެއަކު ނުހިފަމެވެ. އެއީ މާލެ ގޮސް އެ ދެމައިން އަދި އުޅެން ޖެހޭނެ ޙާލު ހިތަށް އަރާފައެވެ. ރުޕީސް ބޭނުން ނުހިފުނަސް ޑޮލަރުގެ ބޭނުން ހިފޭނެތާއޭ ހިތަށް އެރިއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބަޔަކަށް މިފަދަ ޙާދިސާތައް ދިމާވާނެއެވެ. އެކަމަކު މިއީ އެ ޙާދިސާތަކާ މުޅިން ތަފާތު ޙާދިސާއެކެވެ. އެ ދައިތައާ އެ ދަބަހާމެދު ކުރިން ހީކުރި ހީކުރުން ވެސް މި އޮތީ ބަދަލުވެފައެވެ. އެއީ ހަމަ އެކަނި ދައިތަގެ ނަލަ ދަބަހެއްނޫނެވެ. މަޑިސީލައެއް ވެސް މެއެވެ.