ބްރޯޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ އުއްމީދީ ފޯވާޑް އާރްލިންގ ހާލަންޑް ގެނައުމަށް މެންޗެސްޓަރ ސިޓީއިން ސީރިއަސް ކޮށް މަސައްކަތް ފަށައިފި ކަމަށް ކުޅިވަރު ހަބަރުތައް ގެނެސްދޭ ޔޫރަޕުގެ މަޝްހޫރު މީޑިޔާ ތަކުން ބުނެފިއެވެ.

މިސީޒަނުގައި ސެންޓަރ ސްޓަރައިކަރެއް ނުލައި ކުޅެމުން އަންނަ މެންޗެސްޓަރ ސިޓީއިން ހާލަންޑް ގެނައުމަށް މަސައްކަތް ފަށާފައި މިވަނީ އެންމެފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އިނގިރޭސި ގައުމީ ޓީމާއި ޓޮޓެންހަމްގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް ހެރީ ކޭން ގެނައުމަށް ކުރި މަަސައްކަތް ނާކާމިޔާބު ވެފައި ވަނިކޮށެވެ.

ފުޓްބޯޅައިގެ ޓްރާންސްފާ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު އިޓަލީގެ ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ އޭނާގެ ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހާލަންޑަށް ކޮންމެ އަގެއް ދޭން ޖެހުނު ނަމަވެސް އޭނާ ގެނައުމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބޭނުންވާ ކަމަށެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ސިޓީއިން ހާލަންޑުގެ ޓްރާންސްފާ ފީގެ ގޮތުގައި 82 މިލިޔަން ޑޮލަރު ދިނުމަށް އޮތީ ތައްޔާރަށެވެ. މިއަގަށް އޭނާ ދޫކޮށްލަން ޑޯޓްމަންޑް އެއްބަސްވާނެކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

ސެންޓަރ ސްޓަރައިކަރެއްގެ ނެތުމުން، ލަނޑު ޖެހުމަށް އުފެއްދޭ ގިނަ ފުރުސަތުތަކެއް ސިޓީ އަތުން މިސީޒަނުގައި ވަނީ ބޭކާރު ވެގެން ގޮސްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހާލަންޑް ގެނައުމަށްފަހު ސިޓީގެ ކޯޗް ގާޑިއޯލާގެ އަމާޒު ހުރީ މިޑްފީލްޑަރެއް ގެނައުމަށެވެ.

އިނގިރޭސި އެފްއޭ ކަޕް ސެމީފައިނަލުން ރޭ ލިވަޕޫލް އަތުން 3-2 އިން ބަލިވެ ސިޓީ ކެޓިނަމަވެސް އިނގިރޭސި ލީގް ޗެމްޕިއަންކަމާއި ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ ފުރުސަތު އަދިވެސް އެޓީމަށް އެބައޮތެވެ. ލީގުގައި ބާކީ 6 މެޗް އޮތްއިރު ތާވަލުގެ ކުރީގައި ސިޓީ އޮތީ ލިވަޕޫލަށް ވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޗެމްޕިއަންސް ލީގް ފައިނަލަށް ދިޔުމަށްވެސް ސިޓީއަށް އޮތީ ފަސޭހަ މަގެއް ނޫނެވެ. ސެމީގައި ސިޓީ ބައްދަލު ކުރަން ޖެހެނީ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ރެއާލް މެޑްރިޑާއެވެ.