އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ބްރޫނޯ ގުއިމަރެސް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން 2-1 އިން ލެސްޓަރ ސިޓީ ބަލިކޮށް ނިއުކާސަލްއިން މުހިއްމު ތިން ޕޮއިންޓް މިރޭ ހޯދައިފިއެވެ.
މިމެޗުގެ 19 ވަނަ މިނެޓުގައި އެޑެމޮލާ ލުކްމަން ކާމިޔާބު ކުރި ލަނޑުން ލެސްޓަރއިން ލީޑް ނެގިއެވެ. އެކަމަކު އޭގެ ދިހަ މިނެޓް ފަހުން ގުއިމަރެސްގެ ލަނޑުން ނިއުކާސަލްއިން އެއްވަރު ކުރިއެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަޓައި މެޗް ކޮންޓްރޯލްކޮށްގެން ލެސްޓަރއިން ކުޅުނު ނަމަވެސް ކައުންޓަރ އެޓޭކްތަކުގައި ނިއުކާސަލް ފެނުނީ މާބޮޑަށް ނުރައްކާތެރި ކޮށެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓް ހުޅުވުމާއި ހަމައަށް ރެލިގޭޝަން ޒޯނުގައި އޮތް ނިއުކާސަލްއިން މިރޭ މުހިއްމު ތިން ޕޮއިންޓް ހޯދީ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގައި ފޯވާޑް ވިލޮކް ލެސްޓަރގެ އޭރިޔާގެ ތެރެއަށް ހުރަސް ކުރި ހުރަހެއް ގުއިމަރެސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ގުއިމަރެސްއަކީ ޖެނުއަރީ ޓްރާންސްފާގައި ނިއުކާސައިން ގެނައި ކުޅުންތެރިއެއްކަން ފާހަގަ ކޮށްލެވެއެވެ.
މިމޮޅާއެކު ތާވަލުގެ 14 ވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ. ލެސްޓަރ 9 ވަނައިގައި އޮތީ 40 ޕޮއިންޓާއެކުއެވެ. ލީގުގައި މިރޭ ވެސްޓްހޭމް އާއި ބާންލީ ބައްދަލު ކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިމެޗުގެ 22 ވަނަ މިނެޓުގައި ބާންލީގެ މިޑްފީލްޑަރު އެޝްލީ ވެސްޓްވުޑަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ވަގުތުން ދަނޑުން ބާލައި ފަރުދާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.