ކަނޑުގެ ވަރުހެސަ ރާޅުތައް ކަފާ ބުރިބުރި ކުރަމުން ވަދެގެން އައި ޕޮލިސް ލާންޗު ރަށުގެ ބަނދަރަށް ގޮނޑުކޮށްލުމާއެކު ލާންޗުން ފޭބީ ނޫކަށި ފުރައިގެ ޒުވާނެކެވެ. ހަށިހެޔޮ ދުޅަހެޔޮ ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ކުރުކުރުކޮށް ކޮށާލާފައެވެ. އިސްތަށިގަނޑު ޒީރޯ ކަޓްގައި ހުރުމުން ކޮންމެވެސް ޓްރޭނިންގ އެއް ނިންމާލާފައި އައިކަމަށް ގަބޫލު ކުރެވެއެވެ. ގިނަ ދުވަސްތަކެއް އަވީގައި އުޅުމުން ޒުވާނާގެ ހަންގަނޑު އަނދާފައި ހުއްޓަސް ފިރިހެންވަންތަ ނޫން އެއްވެސް ސިފައެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ.

އެއްގަމަށް އެރުމުގެ ކުރިން ލޮލުގައި އަޅާފައިވާ ޕޮލިސް އަވި އައިނު ބޯ މައްޗަށް ޖައްސާލުމަށްފަހު ވަށައިގެން އޮތް މާހައުލަށް ނަޒަރު ހިންގާލިއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރަށަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވާކަން އޭނާއަށް ފާހަގަވިއެވެ. ކުރިން ވެސް އޭނާއަށް ފެންނަ ވީރާނާވަމުންދާ ބަނދަރު ފެނިގެން ދިޔައީ އެ ސިފައިގައެވެ. ކައުންސިލް ކުރިމަތީގައި އެހުރި ބޮޑު ނިކަ ގަސް އެ ޝަރަފުވެރިކަމާއެކު މިއަދު ވެސް އެބަ ހުއްޓެވެ. އަރާ ފައިބާ ސަރަޙައްދުގައި ރަށުގެ ނަން ބޮޑުކޮށް ޖަހާފައި އޮތުން ފިޔަވައި މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް އުފަން ރަށަށް އާދެވުމުން ޒުވާން ރާކިން އަށް ކުރެވުނީ ކުރިއާ މުޅިން ތަފާތު އިޙުސާސެކެވެ. ކޮނޑުގައި ބެކްޕެކް އަޅުވާލައިގެން އޭނާ ހިނގާފައި ރަށުތެރެއަށް އަރައިގެން ދިޔައީ އެކަނިމާ އެކަންޏެވެ.

ގެއަށް ދިއުމުގެ ބަދަލުގައި ރާކިން މިސްރާބުޖެހީ ރަށުގެ އެހެން ދިމާއަކަށެވެ. ހަނިހަނި މަގަކުން ހިނގާފައިގޮސް އޭނާ ހުއްޓުނީ ބާވެ ވީރާނާވެފައިވާ ގެއެއްގެ ކުރިމައްޗަށެވެ. ވަށާފާރެއް އިމެއް ވަކިވެފައި ނެތް އެގެއަށް ވަދެ ސަލާން ގޮވާލިއެވެ. ދެތިން ފަހަރު ސަލާން ގޮވާލުމުން ވެސް ޖަވާބެއް ނުލިބުން ދޮރުގައި މަޑުމަޑުން ޓަކި ޖަހާލިއެވެ. އެތެރޭން ތަޅުނުލާ ހުރުމުން ދޮރު އަމިއްލައަށް ހުޅުވުނެވެ. ރާކިން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މިއީ އެއް ދުވަސްވަރެއްގައި އޭނާގެ އަމިއްލަ ގެއިން ވެސް ނުލިބުނު އުފަލާއި ހިތްހަމަޖެހުން ލިބުނު ގެއެވެ. އެގޭގެ އަހުލުވެރިންނަކީ އޭނާ މިދުނިޔޭން އެންމެ ލޯބިވި މީހުންނެވެ. އޭނާގެ ޝަޚްސް ބައްޓަންކުރި މީހުންނެވެ.

ރާކިންއަކަށް އެފަޅު ވީރާނާވެފައިވާ ގެއިން އެއްވެސް ދިރުމެއް ނުފެނުނެވެ. ހިތްވަނީ އެތަކެއް ސުވާލުތަކުން ފުނިޖެހިފައެވެ.

"ކީއްކުރައްވަނީތޯ؟" ގެއަށް ވަދެގެން އައި ދެބައި އުމުރަށްގޮސްފައި ހުރި މީހާ ރާކިން ފެނުމުން ސުވާލުކުރިއެވެ.

" ކޮބާ މި ގޭގަ އުޅޭ މީހުން؟"

"މިގޭގަ އެކަކުވެސް ނޫޅޭ" އެމީހާގެ ޖަވާބުން ރާކިންގެ ސުވާލުތައް ވީ އިތުރެވެ.

"މިގޭގަ ކުރިން އުޅުނު ކުއްޖާވެސް މިހާރު ހިނގައްޖެ. މިއީ މިހާރު ކައުންސިލުން ގެސްޓް ހައުސްއެއް އެޅުމަށް ދޫކޮށްފައި އޮތް ބިމެއް. މިތަނުގެ ވެރިޔަކީ އަހަރެން،"

ރާކިންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އެ ނުދަންނަ މީހާ ދުލުން ބޭރުކުރި ލަފުޒްތަކެވެ. އެދެމައިން އެގޭގައި ނޫޅެންޏާ ދާނެ ވަކި އިތުރު ހިޔާވައްސެއް މިރަށުގައި ނުހުންނާނެކަން ރާކިން އަށް އެނގެއެވެ. މިކަމާ ފިކުރު ކުރަމުން ގޮސް ގެއަށް ވަންއިރު ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން ކޮންމެވެސް ހިންދީ ފިލްމެއް ބަލަން ކަންޖޫސީ ގޮތަކަށް ދޮންމަންމަ އޮތެވެ. އިވެމުންދިޔަ "ލަވް ތުޖެ ލަވް" ގެ އަޑުން އެއީ އެންމެފަހުން މިރަށަށް އެތެރެވި ފިލްމު "ބަރްސާތް" ކަމާމެދު ޝައްކެއް ނުކުރެވުނެވެ. ދަރަމްގެ ދަރި ބޮބީއާއި ޑިމްޕަލްގެ ދަރި ޓްވިންކަލް މި ދާއިރާއަށް ތަޢާރަފު ކުރުމަށް ބޮޑު ބަޖެޓަކުން ޚަރަދުކޮށް ބޮކްސް އޮފީސްގެ ރެކޯޑްތައް މުގުރަމުންދާ މާ މަޝްހޫރު ފިލްމެކެވެ.

''އާދެވުނީ ދޯ'' ރާކިންގެ މޫނަށް ބަލާލުމެއްނެތި ފަރުވާ ކުޑަގޮތަކަށް ދޮންމަންމަ ބުނެލިއެވެ.

"އާނ!. ހަމަ ދެންމެ މި އާދެވުނީ!"

''ބަލާބަލަ ތި ހުރި ސިފަ. މީހާ ތިޔަހުރީ އަނދާ ބޮލިބޮލި ކައިފަ. އޭރުވެސް ބުނިން ޕޮލިހަކަށް ވާނެކަމެއް ނެތޭ. އަހަރެންގެ ވިޔަފާރި ކުރިއަރުވަން ރަށުގައި ހުންނާށޭ. ގައިމު ތި މަސައްކަތަށްވުރެ ތި ސޮރަށް ލިބޭ ފައިސާ ވެސް އިތުރުވާނެ.'' ފުރަތަމަ ފަހަރަށް ރާކިންއާ ދިމާއަށް ބަލާލުމަށްފަހު ދޮންމަންމަ ވާހަކަ ދެއްކިއެވެ.

ރާކިންއަށް އިޚުތިޔާރުން ބޭރުގައި އޭނާގެ އަތް މުއްކަވާ ބާރުކޮށްލެވުނެވެ. ގެއަށް ވަންނައިރަށް އެނޫން އަޑެއް ނީވޭނެއެވެ. އަބަދުވެސް ފައިސާއެވެ. ފައިސާ ލިބުނީމާ ހުރިހާކަމެއް ނިމުނީއެވެ. ދުނިޔެ ރަންވީއެވެ. މަންމައެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ކޮބާހެއްޔެވެ؟ އެންމެ ފަހަރަކު ވެސް ދަރިފުޅު ހުރީ ކައިގެންތޯ ކިޔަވައިގެންތޯ ބަލާލެވުނު ހެއްޔެވެ؟ ބޭނުންވާ ވަރަށް ފައިސާ ދިނުމުން މަންމަގެ ޒިންމާ އަދާކުރެވުނީ ހެއްޔެވެ؟ ދޮންމަންމަގެ މުދާ ވެރިކަމާއި ފައިސާއަކީ ބައްޕަ ކިތަންމެ ގަޔާވާ އެއްޗަކަށް ވިޔަސް އެއީ ރާކިންއަކަށް އެހާ މުހިއްމު އެއްޗެއް ނޫނެވެ. މިހާތަނަށް ފައިސާއާއި ތަނަވަސްކަން އޭނާއަށް ހޯދައިދިންހާ ވެސް ކަމަކީ އެކަނިވެރިކަމާއި ވޭނާއި ހިތާމައެވެ.

ހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާތަކެއް އޮއްބާލުމަށްފަހު އެއްވެސް އެއްޗެއް ނުބުނެ ބާރުބާރަށް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު ދަބަސް އެނދު މަތީގައި ބަހައްޓާލިއެވެ. ހިތުގައިވާ އުދާސްތައް ބޭރު ކޮށްލުމަށްޓަކައި ފެންވަރާލަން ފާޚާނާއަށް ވަނެވެ. ސިކުނޑިއަށް ލިބިގެން ދިޔައީ ލުއިލުއި އަރާމެކެވެ.

ފެންވަރައިގެން ނިކުމެވުނުއިރު ރާކިން ހުރީ ވަރަށް ބޮޑަށް ހައިވެފައެވެ. އެހެންކަމުން އޭނާ ކާގެއަށް ވަދެ މޭޒު މައްޗަށް ނަޒަރު ހިންގާލިއެވެ. ދޮންމަންމައަކީ ދުވަހަކު ވެސް ސުފުރާ މައްޗަށް ސަމާލުކަންދޭ މީހެއް ނޫނެވެ. އެހެންވެ ރާކިން އަބަދުވެސް ކައި އުޅެނީ އަމިއްލައަށް ތެލިން އަޅައިގެންނެވެ. އެހެނަސް މިއަދު އެހާ ފުރިހަމައަށް މޭޒުމަތި ތައްޔާރުވެފައި ހުރުމުން ރާކިން ހައިރާންވިއެވެ. އަދި ކާއެއްޗެހި އެހާ މީރު ވެސްމެއެވެ.

ކައި ނިމިގެން ރާކިން އަތް ދޮންނަން ދިޔައެވެ. އަމިއްލައަށް ތަށި ދޮވުމަކީ އޭނާ އަބަދުވެސް ކޮށްއުޅޭ ކަމަކަށް ވުމުން އެކަންތައް ކުރަން ވެސް އޭނާ ހުރީ އާދަވެފައެވެ. ކުއްލިއަކަށް ކާގޭގެ ދޮރު ހުޅުވުމާ އެކު ރާކިންއަށް ފަސްދީ ދޮރާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮންނަންހުރި ތަށި ވެސް ޒިންކު ތެރެއަށް ދޫވެގެންގޮސް ނުތެޅުނީ ކިރިޔާއެވެ. ދޮރުމަތީގައި ހުރި އަންހެން ކުއްޖާއަށް ވެސް ވީ އެވަރެވެ. ކާގެއަށް ވަންނަން ހުޅުވާލި ދޮރުގައި އަތްޖައްސާލައިގެން ހުއްޓުން އަރާފައި ހިލައިގެ ބުދެއްހެން ޙައިރާންވެފައި ހުރެވުނީއެވެ.

"ރީމާ.....!" ރާކިންގެ ތުންފަތް ޙަރަކާތް ކޮށްލިއެވެ. އެވަގުތު އަވަސް އަވަހަށް ދުވެފައި ހިނގައްޖެއެވެ.

ރާކިންއަށް އަދިވެސް ހުރެވުނީ ގަނޑުވެފައެވެ. ދެންމެ އެފެނުނީ ހުވަފެނެއްބާއޭ ހިތަށް އަރާފައެވެ. ރީމާ އެ ގެއިން ފެނުމުން އޭނާގެ ހިތުގައިވަނީ އެތައް ސުވާލުމާކުތަކެއް ޖެހިފައެވެ. ކޮޓަރިއަށް ދަމުން ވެސް ރީމާގެ ހިލަމެއް ވޭތޯ އޭނާ ބެލިއެވެ. އެހެނަސް ނުވިއެވެ.

ޖެހިގެން އައި ދުވަހު ސައިބުއިމަށް ހެނދުނުހެނދުނާ ރާކިންއަށް ދޮންމަންމަ ގޮވިއެވެ. ރާކިން އެކަމާ ޙައިރާންވިއެވެ. މީން ދުވަހަކު މަންމަ އޭނާއަށް ކާން ގޮވި ހަނދާނެއް ވެސް ނެތެވެ. ގިނަ ދުވަސްދުވަހު ސައެއް ނުވެސް ހަދާނެއެވެ.

މޫނު ދޮވެލައިގެން ތާޒާވެލައިގެން ކާގެއަށް ވަންނަންދިޔަ ރާކިންގެ ފިޔަވަޅުތައް ހުއްޓުނީ ތަށިތައް ދޮންނަން ހުރި ރީމާ ފެނުމުންނެވެ. އޭނާ ހުރީ ރާކިންއާ ދިމާއަށް ނުބަލާށެވެ.

"ކީއްވެ ތި ހުއްޓުނީ އަވަހަށް ވަދޭ" މަންމަ ރާކިންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބޭންދިއެވެ. އަދި މިފަހަރު ކާއެއްޗިހި ތައްޓަށް އަޅައިދިނީ ވެސް މަންމައެވެ. ހައްތަހާވެސް ރާކިންއަށް ފެނިގެން ދިޔައީ އާދަޔާޚިލާފު ކަންތައްތަކެވެ.

"ރީމާ ތަށިތައް ދޮވެފައި މެންދުރަށް ކައްކާތި." ކައްކަން ޖެހޭ އެއްޗިހީގެ ބޮޑު ލިސްޓެއް ދޮންމަންމަ ކިޔާލިއެވެ. "ލައްބަ!.......ލައްބަ!....." ރީމާ އަދަބުވެރިކަމާއެކު ޖަވާބު ދިނެވެ.

"ކީއްވެ ކާންނުފަށާ ތީނީ. އަވަހަށް ކާން ބަހީ." ރާކިން ނުކައި ތައްޓަށް ބަލަހައްޓައިގެން އިނުމުން މަންމަ ބުންޏެވެ. ރާކިން މަސްހުންޏާއެކު ރޮށިކޮޅެއް އަނގަޔަށް ލިއެވެ. އެހެނަސް އޭތިކޮޅު ވެސް ކަރުބުޑުގައި ތާށިވެއްޖެއެވެ. ތިމާގެ އަމިއްލަ ނަފުސަށްވުރެ ވެސް ލޯބިވާ މީހަކު ތިމާގެ ގޭގައި ގުލާނު ކުރާތަން ބަލަން ކެތްވާނެ ހެއްޔެވެ؟ ރާކިންއަށް އެ ތަނަކު ކެތެއް ނުކުރެވުނެވެ. ކާތަށި ދުރަށް ޖައްސާލުމަށްފަހު ވައިރޯޅިއެއްހައި ބާރުމިނުގައި ނިކުމެގެން ހިނގައްޖެއެވެ.

ރާކިން ކޮޓަރީގައި ފުން ވިސްނުމެއްގައި އޮއްވާ މަންމަ އައިސް ނުކެއީ ކީއްވެތޯ ސުވާލުކުރިއެވެ.

"ރީމާ މިގޭގައި ކީއްކުރަނީ؟ " ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ރާކިން ވެސް ކުރީ ސުވާލެކެވެ. އޭރު އޭނާގެ މޫނުމަތިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.

"ކިހާ ރަނގަޅު. މިހާރު މަގޭ އެގޯސްވީ. އެމަންޖެ ވަންނާނެ ތަނެއް ނެތިގެން މަގުމަތީ އޮންނަން ދޫކޮށް ނުލަންވެގެން އަހަރެން މިގެއަށް ވެއްދީ. އެހެންނޫނަސް ރާކިން ނުޖެހޭނެ އޭނަޔާމެދު ވިސްނާކަށް. އެއީ ރާކިންއާ އެކަށީގެންވާ ކުއްޖެއް ވެސް ނޫން. ރާކިންއާ އެކަށީގެންވަނީ މުއްސަނދި......"

"އަބަދުވެސް މުއްސަނދިކަމާއި ތަނަވަސްކަން. އަހަންނަށް ހީވަނީ އަހަރެން މުއްސަނދި މީހަކާ ނީނަސް މަންމަގެ މުދަލަކުން އުންޏެއް ނުވާނެހެން. އަހަރެން އިރާދަކުރެއްވިއްޔާ މަންމަގެ އެންމެ ފައިސާ ފޮއްޗެއްގައި އިނގިލި ކުރިވެސް ޖައްސާ ނުލާނަން.'' ދޮންމަންމަގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ރާކިން ނުރުހުން ތެރިކަމާއެކު ބުންޏެވެ.

މިހާރު ގަޑިން ރޭގަނޑު އެގާރަ ޖަހާ ބޮޑުވީއެވެ. ރާކިން ސިޓިންރޫމަށް ނިކުންއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތަނުގައިވަނީ ފަނޑުފަނޑު އައްޔެކެވެ. އެހެނަސް ކާގޭގެ ހޮޅިބުރި ދިއްލާފައި ހުރުމުން ރާކިން އެދިމާއަށް މިސްރާބު ޖެހިއެވެ.

ކާގެއަށް ވަދެވުމާއެކު ކާތަކެތި ހޫނުކުރަން ހުރި ރީމާ ފެނުނެވެ. ވަގުތުން ރާކިން ފެން ކަޅިވިއެވެ. އޭނާގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރީގެ ހަނދާންތަކެވެ.

ރާކިންއަށް ރީމާ ފެނުނީ އޭނާގެ ބައްޕަ ދޮންމަންމައާ އިނދެގެން އެރަށަށް ބަދަލުވުމަށްފަހު ސުކޫލަށް ދިޔަ ފުރަތަމަ ދުވަހުއެވެ. ފުރަތަމަ ނަޒަރުންވެސް ރާކިން އަށް ރީމާ ކަމުދިޔައެވެ. ދުވަސްކޮޅުއްގެ ތެރޭގައި ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ. ރާކިން އަށް ރީމާ އަބަދުވެސް ޚާއްޞައެވެ. ޅަފަތުގައި މަންމަ ނިޔާވިފަހުން އޭނާ އުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ. ބައްޕަގެ ހުރިހާވެސް ކަމަކީ ވިޔަފާރި ފުޅާކޮށް މުދާ އިތުރުކުރުމެވެ. ދޮންމަންމައާ ކައިވެނި ކުރުމުންވެސް ރާކިން އަކަށް އަޅާލާނެ މީހަކު ނުލިބުނެވެ. އޭނާއަށް ލޯބިދީ އަޅާލީ ރީމާއެވެ. އަދި ރީމާގެ މުސްކުޅި މަންމަވެސް ރާކިން ދުށީ އުފަން ދަރިއެއްގެ ގޮތުގައެވެ. އެހެންކަމުން ރާކިންގެ ހުރިހާ ވެސް ބަޔަކީ އެއީއެވެ.

ރާކިން ރީމާއާ ވަކިވީ ޕޮލިހަށް ވަނުމަށް މާލެ ފުރުމާ ހަމައިންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިންތިޒާރުކުރުމަށް ވައުދުވިއެވެ. އެހެނަސް މިއަދު ރާކިން ރަށަށް އައިއިރު ހުރިހާކަމެއް ވެސް ބަދަލުވެއްޖެއެވެ.

"ރީމާ.......!" އުނދުން ކައިރީގައި ހުރެ ސިހިފައި ފަހަތް ބަލާލިއިރު ރާކިންގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން އެތައް އަސަރެއް ކުރުވިއެވެ. އެހެންކަމުން އޭނާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ.

''މަޑުކޮށްބަލަ!'' ރީމާ ދާން ހިނގައިގަތުމުން ރާކިން ރީމާގެ ގެ އަތުގައި ހިފިއެވެ.

''ކީވެތަ އަހަންނާ ދުރަށް ދާން ތިއުޅުނީ. އަހަރެން ކަމުނުދަނީތަ މިހާރު؟'' ހިތުގާ ޖެހިފައިހުރި ރާކިން އަށް އެ ވަގުތުވެސް ބެލީ ރީމާއާ ސަމާސާ ކޮށްލެވޭތޯއެވެ.

''އަހަރެންގެ ނެތް ރާކިންއާ ދައްކާނެ ވާހަކައެއް.'' ނުރޯން ހިތްވަރުކުރަމުން ރީމާ ބުންޏެވެ.

''އެކަމަކު އަހަރެން ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ އެބަހުރި. ކުރަން ބޭނުން އެތައް ސުވާލެއް އެބަހުރި. ކީއްވެތަ އަހަރެންނާ ތިހާ ފޭވެގެން ތިއުޅެނީ.'' ރާކިންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

''އަހަރެންގެ ފަރާތުން ރާކިންއަށް ދޭނޭ އެކައްޗެއްވެސް ނެތްއިރު ކޮބާ ބޭނުމަކީ؟ އަހަރެން ދޫކޮށްލާ،"

''އުހުނ! ނުދެވޭނެ! މިރޭ ރީމާއަށް ދެވޭނީ ހުރިހާ ވާހަކައެއް ކިޔާދީފަ.'' ރާކިންގެ އަތް ފޮޅާލުމަށްފަހު ދާން ހިނގައިގަތުމުން ރާކިން އޭނާ ގެނެސް ފާރާ ތަތްކޮށްލިއެވެ.

''ކީއްވެ ރީމާ މިގެއަށް އައީ؟ ކޮބާ ރީމާމެންގެ ގެ؟ ކޮބާ މަންމަ؟" ސުވާލަކަށްފަހު ސުވާލެއް ރާކިން ކުރަމުން ދިޔައެވެ. އެންމެ ފަހުން ރީމާއަށް ޖެހުނީ ހުރިހާ ވާހާކައެއް ކިޔައިދޭށެވެ. އޭރުވެސް އޭނާއަށް މަޑުން ނަމަވެސް ގިސްލެވެއެވެ.

"އަޑުއަހާ! ރާކިން މާލެއަށް ފުރިތާ ގިނަ ދުވަހެއްނުވެ މަންމަ ބަލިވެއްޖެ. އަހަރެމެން ދެމައިން އުޅެމުން ދިޔައީ ރަށު ކެފޭ އެއްގައި މަންމަ މަސައްކަތް ކޮށްގެން ލިބޭ މަދު ފައިސާކޮޅުން. މަންމަ ބަލިވުމުން ދެމައިންގެ އަތްމަތި ދަތިވި. އެންމެފަހުން ޔުނީފޯމް ބޭލުމަށްފަހު ޖެހުނީ މަންމަގެ ބަދަލުގާ ކެފޭއަށް މަސައްކަތްކުރަން ދާން. ހަމަ އެދުވަސް ކޮޅު ކެފޭގެ އޯނަރު ވެސް ބަދަލުވި. އެއީ މާލޭގެ މުއްސަންޖެއް. އޭނާ އަބަދުވެސް ގުޅުން ބަދަހިކޮށް ވާހަކަދެއްކުމަށް މަސައްކަތް ކުރޭ. އެހެނަސް އެހުރިހާ ކަމަކުން ރެކިގަންނަނީ އެގޮތަށް އުޅެން ބޭނުން ނުވާތީ. އެގޮތުން އެއްރެއަކު މަސައްކަތް ނިންމާފައި ގެއަށް ދާން އުޅެނިކޮށް އޭނާ ކެފޭއަށް އައި. އަދި ވާހަކައެއް ދައްކާލަން މަޑުކޮށްލުމަށް އެދުމުން ކެފޭގައި މަޑުކުރަން މަޖުބޫރުވި." ރީމާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން ވަރަށް ލޯބިވޭ ރީމާ ދެކެ. ފުރަތަމަ ފެނުނު ދުވަހުވެސް...."

"އެކަމަކު އަޅުގަނޑު ތިފަދަ ނަޒަރަކުން ނުދެކެން" ނާޝިދުގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ބުނިން.

"އެކަމަކު ދެމީހުން ވެސް ދުވަސްކޮޅަކު އެކުގައި އުޅެލުމުން ހަމަޖެހިދާނެ." ބުނި ބަހާއެކު ނާޝިދުގެ އަތް އަހަރެންގެ ކޮނޑުގައި ބާއްވާލި.

"ނޫން....ނޫން... އަޅުގަނޑަކީ މީހެއްގެ ހައްގެއް. އަޅުގަނޑަށް އެހެން މީހަކު ދެކެ ލޯތްބެއް ނުވެވޭނެ.." ނާޝިދާ ދުރުވެލަމުން ބުނިން.

"ހެޔޮނުވާނެ. ރީމާ އަހަންނަށް ތިހެން ނުހަދާ." ނާޝިދު ހީވަނީ މޮޔަވެފައިވާ ސިންގާއެއްހެން. ހިމޭނުން ނުހުރެވިގެން ކޮނޑުމަތީގައި އަތް ޖައްސާލި. އަދި މުޅި ހަށިގަނޑުގައި ބީހެން މަސައްކަތް ކުރި. ކިތަންމެ ވަރަކަށް ނުރުހުނަސް އޭނާގެ ކިބައަކުން ސަލާމަތެއް ނުވެވުނު. އޭނާގެ ވިހަ ބެލުންތަކަކުން ދުރަކަށް ޖެހިނުލެވުނު. ބޭއިޚުތިޔާރުގައި ރާކިންގެ ނަމުން ބާރަށް ގޮވާލެވުނުކަން އެނގޭ."

"ތީތަ ކަލޭ ލޯބިވެރިޔަކީ. އާދައިގެ ޕްރައިވެޓެއްދޯ. އަހަރެން ނޫން މީހަކަށް ކަލޭ ލިބުނަކަ ނުދޭނަން." އޭރު ހަމަ ރަނގަޅަށްވެސް ނާޝިދު ހުރީ ހަމައިން ނައްޓާފަ. އޭނާ ވަގުތު ބޭކާރު ކުރާކަށް ނުހަދާ. ކޮނޑުގައި ހިފާ ކޮށްޕާލި. އޭނާ އަހަންނާ ދިމާއަށް ގުދުވަން ފެށުމުން ބޯހޫރުވާލެވުނު. އަދި ބާރުބާރަށް ރޮވެން ފެށުނު. އެހެނަސް އެއްވެސް ރަހުމެއް އިންސާނިއްޔަތު ކަމެއްނެތް. ލައިގެން ހުރި އޭނާގެ އަމިއްލަ ކެފޭގެ ގަދަރުވެރި ޔުނީފޯމް އަމިއްލަ އަތުން ވީދާލި. އަދި އެއްވެސް ރަހުމެއްނެތި ވަލު ޖަނަވާރެއް ފަދައިން އަހަރެންގެ ހަށިގަނޑަށް ޖެހިގަތް. ހަމަ އެވަގުތު ކެފޭގެ ދޮރުން ވަދެގެން އައި އެތަނުގެ މުވައްޒަފަކަށް މި މަންޒަރު ފެނުނު. އަދި އޭނާގެ ކަންތައް ކޯޓަށް ހުށައެޅި. ކެފޭގެ ސީސީޓީވީ ކެމެރާތަކުން އެމަންޒަރުތައް ފެނި ހެކި ލިބުމާ ގުޅިގެން ފުލުހުން ނާޝިދު ހައްޔަރުކޮށް ޖަލަށް ފޮނުވާލި.

އޭގެ ދުވަސްކޮޅެއްފަހުން މަންމަ މާބޮޑަށް ބަލިވެގެން މިދުނިޔެ ދޫކޮށްދިޔަ. ކައުންސިލުން ބުނި ގޮތުގައި އަހަރެން ކިޔެވުމުގެ ޚަރަދުތަކަށް މަންމަވަނީ ވަރަށް ބޮޑު ލޯނެއް ނަގާފަ. އެ ލޯން ދެއްކޭވަރަށް އަހަރެންގެ އަތުގައި ފައިސާއެއް ނެތް. އެހެންވެ އޭގެ ބަދަލުގައި އަހަރެމެންގެ މައިންބަފައިންގެ ގޭ ބޭންކަށް ނެގީ. އަހަރެން މިއަދު ޝުކުރުވެރިވަން ރާކިންގެ މަންމަ އަހަންނަށް ބޯހިޔާވަހިކަން ދިނީތީ" ރީމާ ގިސްލަމުން ކިޔައިދެމުން ދިޔައެވެ.

ރާކިންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ އަމިއްލަ ނަފުސް ދުވަހަކުވެސް ކުށްވެރި ނުކުރާވަރަށް ކުށްވެރި ކުރެވުނެވެ. ރީމާ އެފަދަ ނިކަމެތި ހާލެއްގައި އުޅުނުއިރު ވެސް އޭނާއަށް އެކަން ނުވެސް އެނގުނުތާ އެއްވެސް ކަމެއް ކޮށެއް ނުދެވުނެވެ.

ރާކިން ރީމާ ގެނެސް އޭނާގެ އަތުގެ ތެރޭ ބޮނޑިކޮށްލިއެވެ.

"ރާކިން ކީއްވެ އަހަންނަށް ނުގުޅީ؟ ކީއްވެ ޚަބަރެއް ނުވީ؟ އިނގޭތަ އަހަރެން ރާކިން އަށް ގުޅަން މަސައްކަތް ކުރި އަދަދު. އިނގޭތަ ރާކިންގެ ޚަބަރެއް ނުވުމުން އަހަރެން އުޅެން ޖެހުނު ހާލު.ފިކުރު ކޮށްކޮށް ވަރުބަލިވި." ކުޑަކުއްޖެއް ފަދައިން ރީމާ ޝަކުވާ ކުރަމުން ގެންދިޔައެވެ.

"ރީމާ އަހަރެންނަށް މާފުކުރޭ. އަހަރެން ނުގުޅީކީ ނޫން. މާލެ ދެވުނު ފުރަތަމަ ދުވަހު ޕޮލިސް ޓްރޭނިންގ އަށް ދ.ވާނީއަށް ފުރަން ޖެހުނީ. އެތާ ތިބި ދުވަސްވަރު އެމީހުން ފޯން ބޭނުންކުރުމުގެ ހުއްދައެއް ނުދޭ. އިނގޭތަ! އަހަރެން ވަރަށް އާދޭސް ވެސް ކުރިން. އަހަރެން ޓްރޭނިންގ ގެ ހުރިހާ އިވެންޓަކުން އެއްވަނަ ހޯދިން. އަމާޒަށް ބަޑި ޖެހުމުން ރާއްޖޭގެ ރެކޯޑެއް ހެދިން. ރީމާ ކައިރިއަށް މި އުފާވެރި ޚަބަރުތަކާއެކު އަންނަހިތުން. އެހެންވެ އަސްލު މިހާ އަވަހަށް ރަށަށް މި އާދެވުނީވެސް. އެހެންނޫންނަނަމަ..." ރާކިންގެ ވާހަކަތައް މަޑުޖެހުނީ އޭނާގެ ކޮނޑުމަތީގައި އޮތް ރީމާގެ އަތް ތިރިއަށް ވެއްޓުމުންނެވެ.

"ރީމާ!....ރީމާ!....." ރާކިންގެ ކޮނޑުގައި ބޯޖަހައިލައިގެން އޮތް ރީމާއަށް ރާކިން ގޮވާލިއެވެ. ދެތިންފަހަރު ގޮވާލުމުންވެސް ޚަބަރެއް ނުވިއެވެ.

ރާކިން އޭނާއާވީ ފަރާތަށް ރީމާ އަނބުރާލިއިރު މެރިފައިވާ ދެލޯ ފެނުމުން ހާސްވިއެވެ. ރީމާގެ ނޭފަތް ކައިރީގައި ހޭކިފައި ހުރި އެއްޗެއްގައި އޭނާ އަތްޖައްސާލިއެވެ. އެއީ ލޭކަން އެނގުމުން ރާކިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

އެމްބިއުލެންސްގެ އަޑާއެކު ފެނުނީ ޞިއްހީ މަރުކަޒަށް ރީމާ ގެނެވުނު ތަނެވެ. އޭނާ ވެއްދީ އިމަޖެންސީ ރޫމަށެވެ. ރާކިން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު ރާކިންގެ ހިތުގައިވަނީ ބިރުވެރިކަމެވެ. އިމަޖެންސީ ރޫމުން ނުކުމެގެން އައި ޑޮކުޓަރަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ރާކިންއަށް ބަލާލެވުނެވެ.

"ބަލިމީހާގެ ޙާލު ވަރަށްދަށް. އޭނާގެ ލެއަށް ވަނީ މީގެ އެތަކެއް ދުވަހެއްގެ ކުރިން ވެސް ކެންސަރުޖެހިފަ. މިއީ އެންމެ ލާސްޓް ސްޓޭޖް. މިވަރުވެގެން ދިޔައިރު އެއްވެސް ޓެސްޓެއް ނުހަދާ އޮތުމަކީ ވަރަށް ދެރަކަމެއް. މިރޭ ވެފައިވާ ވަރާ ބަލާއިރު ދެން މާގިނަ ވަގުތަކު ދުނިޔޭގައި އޮންނާނެހެންނެއް ހިއެއް ނުވޭ." ޑޮކްޓަރގެ ވާހަކަތަކުން ހީވީ ރާކިންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ހެންނެވެ. އޭނާ ބޯހޫރާލީ އެވާހަކަތައް ޤަބޫލު ނުކުރެވިގެންނެވެ.

އިމަޖެންސީ ރޫމުގެ ތެރެއަށް ވަދެގެންދިޔަ ރާކިންއަށް ރީމާ އޮތް ހާލު ފެނުމުން އިތުރަށް އަސަރު ކުރުވިއެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނދެ ރީމާގެ ބުޅި އިސްތަށިގަނޑުގައި ފިރުމަން ފެށުނެވެ. ރީމާ ރާކިންއަށް ބަލާލިއިރު އެ ރީތި ދެލޮލުގައިވަނީ ވޭނާއި ކެކުޅުމެވެ.

"ރީމާ! އަހަންނަށް މާފުކުރޭ. އަހަންނަށް އެއްވެސް ކަމެއް ރީމާއަކަށް ކޮށެއް ނުދެވުނު." ރާކިން ރީމާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

"މާފު ކުރަން ޖެހޭވަރުގެ ކުށެއް ރާކިންއަކަށް ނުކުރެވޭ. ރާކިން އަހަރެން ނެތަސް ދެރަނުވާތި. އަބަދުވެސް އުފަލުގައި ހުންނާތި."

"ރީމާ ތިއުޅެނީ ކޮންތާކަށް ދާންތަ؟ އަހަރެންގެ ހުއްދައާ ނުލާ އެއްވެސް ތާކަށް ދެން ނުދެވޭނެ" ރާކިން ބުންޏެވެ.

"ރާކިން! ތިހެން ނުބުނޭ! ދިރިއުޅުމަކީ ވަރަށް ކުރު އެއްޗެއް. ކޮންމެ މީހަކުވެސް ދޫކޮށްފައި ދާން ޖެހޭނެ. ލޯބިވާ މީހުންނާ ވެސް........"

ރީމާއަށް ބުނެވުނީ އެވަރަށެވެ. އޭނާއަށް ފުން ނޭވާތަކެއް ލެވެން ފެށިއެވެ. ރާކިންއަށް ތެޅިގަނެވުނެވެ. އަދި ޑޮކްޓަރުންނަށް ގޮވަން ފެށިއެވެ. އެހެނަސް އޭރު ރީމާގެ ޙަރަކާތްވަނީ ހުއްޓިފައެވެ. ރާކިންއަށް ބާރުބާރަށް ރީމާއާށް ގޮވަން ފެށުނެވެ. އޭރު އެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ރީމާގެ ދޮންދޮން ކޯތާފަތް ތެންމަމުން ދިޔައެވެ. އެހެނަސް ދެން އެރީތީ ދެލޮލެއް ނުހުޅުވާނެއެވެ. ރާކިން ކަރުނަތައް ފުހެދިނުމަކަށް އެ ހިމަހޯލި އިނގިލިތަކެއް ޙަރަކާތެއް ނުކުރާނެއެވެ. އެއްވެސް ރަޙުމެއް ނެތް މިފަނާވަނި ދުނިޔެއާ ރީމާ ވަކިވެއްޖެއެވެ. އަބަދުގެ އަބަދަށެވެ. އަމިއްލަ ފުރާނައިން ގުރުބާންވި ލޯތްބެއްގެ މިސާލު ދައްކާފައެވެ.

-ނިމުނީ-