ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައިދިނުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް އެދިވަޑައިގެންފިއެވެ.

އަލްއުސްތާޛް އަނީލް މިކަމަށްއެދިވަޑައިގެންނެވީ ރޭގެ އިޙްޔާ ފޯރަމްގައި ”އެންމެ ރިވެތި ވާހަކަ” މި މައުޟޫއަށް ވާހަކަފުޅުދައްވަމުންނެވެ.

ކުޑަކުދިން ނިންދަވާއިރު ބިރުގަންނަ ޒާތުގެ ވާހަކަތައް ކިޔައިދިނުމަކީ އެކުދިންގެ ތަރުބިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަމަށާއި އޭގެ ބަދަލުގައި އެ ކުދިންނަށް ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަށް ވިދާޅުވިއެވެ. މިފަދަ ވާހަކަތައް ކިޔައިދިނުމަކީ ދަރިންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ބައެއްކަމަށްވެސް އަލްއުސްތާޛް އަނީލް ވިދާޅުވިއެވެ.

”އެންމެ ރިވެތި ވާހަކަ” މި މައުޟޫޢަށް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވަނީ އަލްއުސްތާޛް މުޙައްމަދު އަނީލްގެ އިތުރުން އައްޝައިޚް މުޙައްމަދު ނިމާލްއެވެ.

އެގޮތުން ފޯރަމް ފައްޓަވަމުން ޝައިޚް ނިމާލް ވިދާޅުވީ އެންމެ ރިވެތި ވާހަކަތައް ބަޔާންވެގެންވަނީ ކީރިތި ޤުރުއާނުގައިކަމަށާއި ޤުރުއާނުގައި ޙަކީމުންނާއި، ރަސްރަސްކަލުންގެ ވާހަކައާއި އަންހެން ބޭފުޅުންގެ ތެރެއިން މަރްޔަމްގެފާނާއި އާސިޔަތުގެފާނުގެ ވާހަކައާއި އަނިޔާވެރިވި މީހުންނާއި، ނަބީބޭކަލުންގެ ވާހަކަތައް ހިމެނޭކަމަށެވެ.

އޭގެ ތެރެއިން 6 ނަބީބޭކަލެއްގެ ނަންފުޅުން ނަން ދެވިފައިވާ ސޫރަތްތައްވާއިރު މީގެ ތެރެއިންވެސް އެންމެ ރިވެތި ވާހަކަ ހިމެނެނީ ޔޫސުފް ސޫރަތުގައިކަން ފާހަގަކުރެއްވިއެވެ. އަދި ސަމާވީ އެއްވެސް ފޮތެއްގައިވެސް އައިސްފައިނުވާފަދަ ފުރިހަމައަށް ތަފްސީލުކޮށް ޔޫސުފްގެފާނުގެވާހަކަ ޔޫސުފް ސޫރަތުގައިވާކަމަށް ވިދާޅުވިއެވެ.

މި ސޫރަތުގައި ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި ސުވާލުކުރާ މީހުންނަށް ހެކިތަކެއްވާކަމަށާއި މި ސޫރަތުގައި އެއްހާހަށްވުރެ ގިނަ ޢިބްރަތާއި ފައިދާ އެކުލެވިގެންވާކަމަށް ވިދާޅުވިއެވެ. އަދި މިއީ އިހުޒަމާނާއި މިޒަމާނުގައިވެސް ޢިލްމުގެ އަހުލުވެރިން އެ ސޫރަތަކަށް ޚާއްސަ އިނާޔަތެއް ދެއްވާފައިވާ ސޫރަތެއްކަމަށްވެސް ވިދާޅުވިއެވެ.

މި ސޫރަތަކީ އެއިން އެތައް ޢިބުރަތްތަކެއް ލިބޭ، ދިރިއުޅުމުގެ މައިދާނުގައިއާއި ދަރިން ތަރުބިއްޔަތުކުރުމުގައި މުޙިންމު މެސެޖްތަކެއް ލިބިގެންދާ ސޫރަތެއްކަން ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ސޫރަތް ފެށިގެންދާއިރު ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކައިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަލްއުސްތާޛް އަނީލް ވިދާޅުވީ، ޔޫސުފްގެފާނަށް އެ ހުވަފެންފުޅު ފެނިވަޑައިގެންނެވުމުން ވަޑައިގެންނެވީ ބައްޕާފުޅުގެ އަރިހަށްކަމަށާއި އެ ކަމުން ބައްޕައަކާއި ދަރިފުޅެއްގެ އޮތް ގާތްކަން ހާމަވެގެން ދާކަމަށެވެ.

ހުވަފެން 3 ބަޔަކަށް ބެހިގެންވާއިރު ޔޫސުފްގެފާނުގެ ހުވަފެނާއިމެދު އެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވަނީ އެ ވާހަކަތައް ޔޫސުފްގެފާނުގެ ބޭބެމެންނާއި ހިއްސާނުކުރަން ކަމަށާއި އެއީ އިސްލާމްދީނުގައި ހުވަފެނެއް ފެނިއްޖެނަމަ ކަންކުރަން އޮންނަ އުސޫލުން ދެއްވި ނަސޭޙަތްފުޅެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދީނުގައި އަންގަވާފައިވަނީ ނުބައި ހުވަފެނެއް ފެނިއްޖެނަމަ އެއްވެސް ގޮތަކަށް އެވާހަކަ ނުދެއްކުމަށްކަމަށާއި ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ އެންމެ ހެޔޮއެދޭ މީހެއްކައިރީގައި ނޫނީ އެވާހަކަ ނުދެއްކުމަށްކަމަށްވެސް ވިދާޅުވިއެވެ. އަދި ޔޫސުފްގެފާނުގެ ބޭބެއިންނާމެދު ނުބައިކޮށް ބަހެއް ބުނުމުގެ ބަދަލުގައި، ޝައިޠާނާއަކީ ބަޔާންވެ ފާޅުވެގެންވާ ޢަދާވާތްތެރިއެއްކަން ކިޔައިދެއްވިކަން ފާހަގަކުރެއްވިއެވެ.

ޙަސަދަވެރިކަން ކިތަންމެ ބޮޑު ނުބައިކަމަކަށްވެސް ދޮރުހުޅުވާލަދޭކަން ޔޫސުފްގެފާނުވާހަކައިން އެނގިގެންދާކަމަށާއި ކިތަންމެ ލޯބިވާ ދަރިއެއް ހުރިނަމަވެސް އާއިލާގެތެރޭގައި ހަމަހަމަކަމާއި ޢަދުލުވެރިކަން އިސްކުރެއްވިކަން ޔޫސުފްގެފާނުގެ ވާހަކައިން އެނގިގެންދާކަމަށް ވިދާޅުވިއެވެ.

ދެން ފާހަގަކުރެއްވީ ޔޫސުފްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅާ ވަކިކޮށްލުމަށް އެ ބޭބެއިން ރާވައިގެން ގޮސް ދެންނެވި ވާހަކައަށެވެ. އެގޮތުން އެކަލޭގެފާނު އެމީހުންނާއިއެކު ކުޅެން ފޮނުވައިދެއްވުމަށް އެދުނުކަން ފާހަގަކުރައްވާ އިސްލާމްދީނުގައި ކުޅިވަރުކުޅުމާމެދު އޮންނަ ގޮތަށް ބައްލަވާލެއްވިއެވެ. ކުޅިވަރުކުޅުމުގައިވެސް މާތްﷲ ޙަރާމްކުރައްވާފައިވާ އަދި ނަހީކުރައްވާފައިވާ ކަންކަމަށް އަރައިގަތުން ނުވާކަމަށް އަލްއުސްތާޛް އަނީލް ވިދާޅުވިއެވެ.

ދޮގުލެއާއިއެކު އެކަލޭގެފާނުގެ ބޭބެއިން ބައްޕާފުޅުގެ އަރިހަށް އައުމުންވެސް ފެނިގެންދިޔައީ ކެތްތެރިކަމާއި ޙިކުމަތްތެރިކަންކަން ފާހަގަކުރައްވާ އެންމެ ލޯބިވާ ދަރިފުޅުގެ ޙައްޤުގައި ފަރުވާކުޑަކޮށްފައިވާ ދަރިންނާމެދު މުޢާމަލާތުކުރެއްވި ރިވެތި އުޞޫލާއި ދަރިން ޒިންމާދާރުކުރުމަށް އަދި މާތްﷲއަށް ބަރޯސާވުމަށް ބައްޕައަކު ކުރެއްވި މަސައްކަތް އެނގިގެންދާކަމަށްވެސް ވިދާޅުވިއެވެ.

އޭގެފަހުން ޔޫސުފްގެފާނުގެ ހަޔާތްޕުޅުގައި ދިމާވި އެކި ޙާދިސާތަކުގައިވެސް، އެކި އިމްތިޙާންތަކުގައިވެސް އެކަލޭގެފާނު މާތްﷲއަށްޓަކައި ނުބައިކަންތައް ދޫކުރައްވާ ދެއްކެވި ކެތްތެރިކަން ފާހަގަކުރައްވާ މާތްﷲއަށްޓަކައި ގޯސްކަމެއް، ނުބައިކަމެއް ދޫކޮށްލުމުން އެކަމުގެ ބަދަލު ހެޔޮގޮތުގައި މާތްﷲ ދެއްވާނެކަން ފާހަގަކުރައްވާ މިކަން ޔޫސުފްގެފާނުގެ ޙަޔާތްޕުޅުން ފެނިގެން ގޮސްފައިވާކަމަށް އަލްއުސްތާޛް އަނީލް ވިދާޅުވިއެވެ.

ފޯރަމްގައި މިވާހަކައިގެ އިތުރުބައިތަކަށް ބައްލަވާލައްވަމުން ޝައިޚް ނިމާލްގެ ވާހަކަފުޅު ޚާއްސަކުރެއްވީ ޔޫސުފްގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކަށެވެ. އެގޮތުން އެކަލޭގެފާނު ޖަލުގައި ހުންނެވި ދުވަސްތަކަށް ބައްލަވާލައްވަމުން މުޖުތަމައުން ފެންނަކަންތައްތަކަށް ބަލާއިރު މީހަކަށް ދެރަކަމެއް ދިމާވެއްޖެނަމަ އެމީހެއްގެ ގާތުގައި ތިބޭ ނޫނީ ވަށައިގެންވާ މީހުންނަށް އޭގެ އަސަރުކުރުވާކަމަށާއި އެހެންނަމަވެސް ޔޫސުފްގެފާނު ޖަލުގައި ހުންނެވިއިރުވެސް މަސައްކަތްޕުޅުކުރެއްވީ އެހެންމީހުންނަށް މަންފާކުރާނެ ފަދައަކުންކަމަށް ވިދާޅުވިއެވެ.

އަދި ޔޫސުފް ސޫރަތުގައި ދަރިން ޒިންމާދާރުކުރުމަށް މާތްﷲއަށް ބަރޯސާވާންވެސް މެސެޖްދެއްވާފައިވާކަމަށާއި ގަދަކަމާއި ސާބިތުކަމަކީ އިމްތިޙާނާއި ކެތްތެރިކަމަށްފަހު ލިބޭކަމެއްކަން މި ސޫރަތުން އެނގިގެންދާކަމަށް ވިދާޅުވިއެވެ.

ޔޫސުފްގެފާނުގެ ވާހަކައިން ލިބޭ މެސެޖްތަކުން، މާތްﷲގެ ރަޙްމަތުން އުންމީދު ކަނޑައިގެން ނުވާނެކަން މިއީވެސް ލިބިގެންދާ ވަރަށް މުހިންމު މެސެޖެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ.

ކިތަންމެ ހިތާމަވެރި ނުވަތަ ކިތަންމެ އުފާވެރި ދިރިއުޅުމެއްގައި އުޅުނަސް އަބަދުވެސް ހެޔޮ ނިމުމަށް އެދުމުގެ މުހިންމުކަން މި ސޫރަތުން ފާހަގަވެގެންދާކަމަށްވެސް އައްޝައިޚް ނިމާލް ވިދާޅުވިއެވެ.