ހުޅުމާލޭގެ ރެސްޓޯރެންޓްގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން އޭނާގެ އާއިލާ އިން އެދިއްޖެ އެވެ.

އެމްޑީ ޝާހިންގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ފިރިހެނެއް ކަމަށްވާ މުހައްމަދު އާބިދު، 26، އެވެ. އޭނާ ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ހުޅުމާލޭ ދެ ވަނަ ފޭސްގެ ބީޗު ސަރަހައްދުންނެވެ. އޭނާގެ ބަންދަށް ހުޅުމާލެ ކޯޓުން ރޭ ވަނީ 15 ދުވަސް ޖަހާފަ އެވެ.

ބަންގްލަދޭޝްގެ "ޑެއިލީ ސްޓާ" ނޫހުން ބުނެފައިވާ ގޮތުން ޝާހިންގެ އާއިލާ އިން އޭނާގެ މަރަށް އިންސާފު ހޯދައިދިނުމަށާއި އަދި އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން ކަމާބެހޭ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ނޫހުގައި ވަނީ އެމްޑީ ޝާހިން އަކީ ބަންގްލަދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް ނިސްބަތްވާ މީހެއް ކަމަށްވެސް ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން ހުޅުމާލޭގައި ބަންގްލަދޭޝް މީހުން އެއްވެ މުޒާހަރާއެއް ކޮށްފައިވާ ކަމަށާއި އެ މުޒާހަރާގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.