މަޝްހޫރު ކަނޑޫދޫ މިރުހުގެ އަގު މާލޭ ލޯކަލް މާރުކޭޓުގައި ކިލޯއެއް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ (260ރ.) އަށް މިއަދު ވެއްޓިއްޖެއެވެ.
ދިވެހިންގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ މަޝްހޫރު ކަނޑޫދޫ މިރުހުގެ އަގު ބޮޑު ތަނުން އަގު ހެޔޮވެފައި މިވަނީ ރޯދަ މަސް ފެށުނުއިރު ކިލޯއެއް 600 ރުފިޔާއަށްވުރެ މަތީގައި ހުރުމަށްފަހުއެވެ. އެންމެފަހުން ނިމުނު ހަފްތާގައިވެސް ކަނޑޫދޫ މިރުސް ކިލޯއެއް ބާޒާރުން ލިބެން ހުރީ 350 ރުފިޔާއިން މަތީގައެވެ.
ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ރަމަޟާންމަހުގެ ކުރިއަށް އޮތް މިއޮތް ދުވަސްތަކުގައި ދަތިކަމެއް ނެތި ކަނޑޫދޫ މިރުސް ލިބޭނެއެވެ. އަދި މިރުހުގެ އަގު ރޯދަމަސް ނިމުމާ ހަމައަށްވެސް 350-250 ދޭތެރޭގައި ހިފެހެއްޓޭނެ ކަމަށް ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.
ބާޒާރުން ލިބެން ހުރި ބައެއް ތަކެތީގެ އަގުތައް:
ކަރާ (ކިލޯ): 25-20 ރުފިޔާ
ކޮޕީފަތް ބޮނޑިއެއް (3 ފަތް): 10 ރުފިޔާ
ކުއްޅަފިލާ ބޮނޑި: 10-15 ރުފިޔާ
ކުރުނބާ: 25-35 ރުފިޔާ
އަލަނާސި (1ގަނޑު) : 40-45 ރުފިޔާ
ކިއުކަމްބާ (ކިލޯ): 25 ރުފިޔާ
ބަށި (ކިލޯ): 60 ރުފިޔާ
ދިވެހި ތޮޅި މިރުސް (ކިލޯ): 400 ރުފިޔާ
ބަނޑުބުކެޔޮ: 70-25 ރުފިޔާ