ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި މިފްކޯގެ ދަށުން މިހާރު ހިންގަމުންގެންދާ ހުރިހާ އައިސްޕްލާންޓުތަކެއް ފެނަކައާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފިއެވެ.

މިކަމާ ގުޅިގެން ފެނަކަކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ "ސަރުކާރުން ވަނީ އެގޮތަށް (އައިސްޕްލާންޓުތައް ފެނަކައަށް ބަދަލުކުރާގޮތަށް) ނިންމަވާފައި،" ކަމަށެވެ. އެހެން ކަމުން އައިސްޕްލާންޓުތައް ފެނަކަށް ބަދަލުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގަވާފައެވެ.

މި ބަދަލަކީ އައިސްޕްލާންޓުތަކުގެ ހިންގުން އެންމެ އެކަށޭނަ ގޮތަކަށް ބައްޓަން ކުރުމުގެ ބޭނުމަށް ގެންނަވާ ބަދަލެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމުގެ އިންތިޒާމްތައް ގާނޫނާއި ގަވާއިދާއެއްގޮތަށް ވީހާވެސް އަވަހަކަށް ކުރެއްވުމަށް ރައީސް އޮފީހުން ވަނީ އަންގަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ އައިސްޕްލާންޓްތައް ހިންގުމަށް ބޭނުންވާ ކަރަންޓާއި ތެލަށް ކުރާ ޚަރަދު ބޮޑު ކަމަށާއި އޭގެ ސަބަބުން މިފްކޯއިން އައިސްޕްލާންޓްތައް ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށެވެ. އެހެންކަމުން މިފްކޯގެ އެފިޝިއެންސީ އިތުރުކޮށް އައިސްޕްލާންޓްތަކުގެ ހިންގުން އެންމެ އެކަށޭނެ ގޮތަކަށް ބައްޓަން ކުރުމަކީ ސަރުކާރުން އަހަންމިއްޔަތުކަން ދޭކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މި ބަދަލަކީ، މިފްކޯއަށްވާ ގެއްލުން ކުޑަކުރެވި، މުސްތަޤުބަލުގައި މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތައް ލިބިގެންދާނެ ކުރިއެރުމެކެވެ. އަދި މިކަމުގެ ސަބަބުން މިހާރަށް ވުރެ އެފިޝިއެންޓްކޮށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް އައިސްޕްލާންޓްތައް ހިންގުމަށް މަގުފައިވެގެންދާނެއެވެ." ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މަސްވެރީންނަށް އައިސް ވިއްކުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ވަނީ އައިސްޕްލާންޓުތައް ގާއިމް ކުރައްވައިފައެވެ. އެހެންނަމަވެސް ވަރަށްގިނަފަހަރަށް އެތަންތަނަށް ކޮންމެވެސް މައްސަލައެއް ދިމާވެގެން އައިސްލިބުމަށް ވަރަށް ބޮޑަށް ދަތިވެގެންދާ ކަމަށް މަސްވެރީންބުނެއެވެ. މިދުވަސްވަރަކީ ދެކުނަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މިހާރުވެސް ބައެއް ސަރަހައްދުތަކުން އައިސްލިބުން ދަތިވާ ކަމަށް މަސްވެރީން ވަނީ ބުނެފައެވެ.