"ލަދުން ބޯ ހަލާކު. މަސް އޮޑިއެއްގެ ދިރުނބާ ކޮޅާއި ކޮޅުފަސްކޮޅުގައި ވެސް ތި ވާހަކަ. ފިނި މައިޒާންތަކާއި ހޮޅުއަށިތަކުގައި ވެސް ތިނޫން ވާހަކައެއް ނެތް. ދެފަތް ކޭތިލިޔަސް މުޅި ރަށުން ވެސް އިވެނީ ތި ވާހަކަ. ޢުމުރުގެ މި ހިސާބުގައި ތިއަށް ވުރެ ތާހިރުކަމެއް ކުރަން ނުފެނުނީތަ." އިބުރާހީމް ދުލަށް އައިހާ އެއްޗެއް ޚަދީޖާއާ ދިމާއަށް އަމުނަމުން ގެންދިޔައެވެ.

" ތިހާ ކަންބޮޑުވަންޏާ އަހަރެން ދޫކޮށްލަންވީނު. އޭރުން ކަލޭ ލަދު ގަންނާކަށް ނުޖެހޭނޭނު."

" އަދިވެސް ބޭނުންވަނީ ތިކަމުގައި ކުރިއަށް ދާންތަ. އެ އައްޑާތަކަށް ތި ގޮތަށް ދާންތަ؟ ވިސްނާލަބަލަ! ކަލޭ ތި ފެށި ކުޅިއެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް މިއަދު ކޮށްފައިވާ އަސަރު. ގޭގައި ލާރިއެއް ބާކީ ވަނީއެއްނޫން. ދަރިއަކަށް އަޅާލަނީކީ ނޫން. އަބަދު މީހާ ތި ހުންނަނީ މަސްތުގަ."

"ދަރީންނަށް އަޅާލާ މީހަކު ހޯދަންވީނު. އޭރުން ހުރިހާ ކަމެއް ނިމޭނެ." ލަދެއްނެތި ފިރިމީހާ ކުރިމަތީގައި ޚަދީޖާ ވެސް ދެރަނުވާންވެގެން ކިޔުނު އެއްޗެއް ކިޔަނީއެވެ.

"އާނ! މި ވާހަކަތައް އަޑު އަހަން ހުރުމަށް ވުރެ ކަލެޔާ ވަކިވުން ވެސް މިއަދު މަށަށް މާ ރަނގަޅު. އެކަމަކު އަހަރެމެންގެ ދަރީންނަށް ވާނެގޮތް ވިސްނާލާތި. ޚާއްޞަކޮށް ޙަބީބަށް ވާނެގޮތް މިހާރު ވެސް އަހަންނަށް ސިފަވޭ." އިބުރާހީމް އޭނާގެ ތަޞައްވަރު ހާމަކޮށްދޭން ބޭނުންވިއެވެ.

ކަން ދިމާވީ އިބްރާހީމް ހިތް ބުނެދިން ގޮތަށެވެ. ޚަދީޖާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މަސްތުގެ ޙާލުގައި ރަށުތެރޭގައި ތެޅި ބާލަނީއެވެ. މީހުން ގާތުގައި ކިޔައިގެން ފައިސާ ހޯދަނީއެވެ. އަމިއްލަ ގެއިން ވައްކަން ވެސް ކުރަނީއެވެ. ގޭގެ ހަރު މުދާކޮޅު ވިއްކާ ފައިސާއަށް ބަދަލު ކުރަނީއެވެ. ނުވިތާކަށް މީހުން އަތުން ލޭންދޭނަށް ވެސް ފައިސާ ނަގަނީއެވެ. ރޭގަނޑު ގެއަކަށް ނާދެއެވެ. މުޅި ރޭ ހޭދަކުރަނީ ތެޔޮ ބިޑިއާއި ރަށު ބިޑި ބުއިމުގައެވެ. ޝީޝާއާއި ގުޑުގުޑާ ދެމުމުގައެވެ. ގިނަ ރޭރޭ ގެއަށް އައިސް ބޯ ތިރިކޮށްލަނީ އިރު އެރީމައެވެ. އެއިރު ގައިންނާއި އަނގައިން އެދުވާ ނުބައި ވަހުން ވައި އެޅިލަން ވެސް ނުކެރޭނެއެވެ.

އިބްރާހީމަށް ކެތް ނުވެގެން ޚަދީޖާ ވަރިކޮށްފިއެވެ. އޭގެ ތިން މަސް ފަހުން އެފަދަ އަނެއް ޖިންސުގެ ޕާޓޭއަކާ ކައިވެނި ކުރިއެވެ. ދެ މީހުން އެއްގޮތްވުމުން އެ މީހުންގެ މަސައްކަތަށް ލިބިގެން ދިޔައީ އިތުރު ފުރިހަމަ ކަމެކެވެ. އިބްރާހީމް ފަދައިން އެއްޗެކޭ ކިޔާ އެއްޗެކޭ ބުނާނެ މީހެއް ވެސް ނެތެވެ. މަސްތުވާ ތަކެތީގެ ދުނިޔޭގައި ތެޅި ބާލަނީއެވެ. ވަރަށް މިނިވަންކަންމަތީގައެވެ. ރަށު ރައްޔިތުންނަށް ވެސް ހާމަކަން ބޮޑު ގޮތެއްގައެވެ.

ޚަދީޖާ ވަކިވެ ދިއުމުން އިބުރާހީމުގެ ޙަޔާތަށް އައީ ވީރާނާ ދުވަސްތަކެކެވެ. ޙަބީބު ބަލަހައްޓަމުން ދިރިއުޅުމުގެ އެހެން މަސައްކަތްތަކަށް ކުރިމަތިލާނެ ވަގުތެއް ނުލިބެއެވެ. ސަބަބަކަށްވެފައިވަނީ ދޮށްޓަށްތިބި ދެބެއިންނަކީ ވެސް އަދި އަތްފައިނުޖެހޭ ކުދިންނަށްވާތީއެވެ. ދެވަނަ ކައިވެންޏެއް ކުރުމަށް އިބުރާހިމް ވިސްނިއެވެ. އެކަމަކު ދޮން ދަރިންތަކަކާ ޙަވާލުވާނެ އިބުރާހީމް ފުރައިގެ އެހެން އަންހެނަކު މި ރަށަކުން ނުވިއެވެ.

ޢުމުރުން ދުވަސްތައް ޙަޔާތާ ފަސްދީ ދާއިރު ޙަބީބުވެސް ބޮޑުވަމުންދެއެވެ. ޙަބީބަށް ހޭވެރިކަންވާން ފެށުމުން ދޮށްޓަށްތިބި ދެބެއިންނާ ޙަވާލުކޮށްފައި އާމްދަނީ ހޯދުމުގެ މަސައްކަތްތަކުގައި އިބުރާހީމް ޙަރަކާތްތެރިވާން ފެށިއެވެ.

ޕްރީ އިސްކޫލު ނިމި ރަށު އިސްކޫލަށް ބަދަލުވުމުން ރަށުގެ މީހުން ޙަބީބު ސިފަ ކުރަމުން ދިޔައީ ލާނެތް "ހީރޯ" އެއްގެ ގޮތުގައެވެ. ޙަބީބާ ބެހޭގޮތުން ރަށު އިސްކޫލަށް ޝަކުވާއެއް ނުލިބޭ ދުވަހެއް ނުދެއެވެ. ހައްތަހާވެސް ބެލެނިވެރިންގެ ޝަކުވާތަކެވެ. އިސްކޫލުގެ ވެރިންވެސް މިކަމާ ކަންބޮޑުވާން ފެށިއެވެ. އިބުރާހީމަށް ތަކުރާރުކޮށް މިކަން އިސްކޫލުގެ އިދާރާއިން އަންގަމުން ދިޔައެވެ. އެހެނަސް އިބުރާހީމް ކުރާނީ ވަކި ކީއްހެއްޔެވެ؟ ދިރިއުޅުން ހުރިގޮތުން އޭނާއަށް ރަށުގައި ހުރެވޭކަށް ނޯވެއެވެ. އިބުރާހީމްގެ ރައްޓެހިންނަށް ވެސް މިކަން ފާހަގަ ކުރެވިގެން ޙަބީބަށްޓަކާ އިބުރާހީމް އެހެން ކައިވެންޏެއް ކުރުމަށް ބުނަމުން ދިޔައެވެ.

ޙަބީބަކީ ކިޔެވުމަށް ރަނގަޅު ކުއްޖަކަށްނުވާތީ ކޮންމެ ގުރޭޑެއްގައި ތަކުރާރުވަމުންގޮސް ގުރޭޑް 7 އަށް ބަދަލު ވެވިއްޖެއެވެ. އަހަރު ފެށުނީއްސުރެ އިސްކޫލުގެ މުދައްރިސުން ތައްޔާރުވަމުން ދިޔައީ ގުރޭޑު 8 ށް ބަދަލުވާ ކުދިންނަށް އިތުރު ގަޑިތަކުގައާއި އެނޫން ކިލާސްތައް ހަދައިގެން ކިޔަވައިދިނުމުގައެވެ. ޚާއްޞަކޮށް ޙަބީބު ކަހަލަ ކުދިން ފޭލުވިޔަ ނުދިނުމުގެ މަޤުޞަދުގައެވެ. ދަރިން މައިންބަފައިންގެ އިރުޝާދުގެ ދަށުން ފިލާވަޅުތައް މުޠާލިޢާ ކުރަމުންދާއިރު ޙަބީބުގެ އެކަހަލަ އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ. އޭނާއަށް ނަޞޭޙަތްތެރިވާ މީހުންގެ ގާތުގައި ބުނަނީ ހަމަ އެންމެ ވާހަކައެކެވެ. އަހަރެން ފޭލުވިޔަސް ދެރަވާނެ މީހަކު ނުހުންނާނެ ވާހަކައެވެ.

އިމްތިޙާނުގެ އެއްވެސް މާއްދާއަކުން ޙަބީބު ފާސްވެފައި ނެތުމުން އިބުރާހިމް ސްކޫލުގެ އިދާރާއަށް ގެނެވުނެވެ. ޙަބީބު 16 އަހަރުން މައްޗަށްގޮސްފައިވާތީ ގުރޭޑު 7 ގައި ތަކުރާރު ކުރެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ސްކޫލުގެ ޕްރިންސިޕަލް ދެންނެވިއެވެ. އަދި ޙަބީބަށް މިދިމާވި ހިތާމަވެރި ދަނޑިވަޅުގައި އޭނާ އެކަނި ކުށްވެރި ނުކުރެވޭނެކަމާއި މިކަމުގައި މައިންބަފައިންގެ އިޙުމާލެއްވެސް ވާކަން ސާފުކޮށް ދެއްވިއެވެ.

ޙަބީބު އިސްކޫލުން ވަކި ކުރުމުން ރަށުގެ ފެނަކައިން ހުސްވެފައިވާ ސެކިއުރިޓީ ގާޑަކަށް ކުރިމަތިލިއެވެ. އެއްމަސް ދުވަސް ވަޒީފާގައި ހޭދަކުރިއިރު 15 ދުވަހު ގަޑި ޖެހި، 10 ވަރަކަށް ސަލާމް ބުނެފައިވެއެވެ. މިއިން އެއްވެސް ފަހަރަކު ސަލާމް ބުނަނީ ނުދެވޭވަރުގެ ޢުޒުރެއް އޮވެގެނެއްނޫނެވެ. ބަނޑެއްގައި ރިއްސާތީ، ބޮލެއްގައި ރިއްސާތީ ނުވަތަ ދަތެއްގައި ރިއްސާތީ މިކަހަލަ ކޮންމެވެސް އެހެން މީހުންނަށް ނޭނގޭ ކަހަލަ ބައްޔެއް އުޒުރަކަށް ލިޔެފައެވެ.

މިހާރު އިބުރާހީމް ހުންނަނީ ކުޑަކޮށް ހަމަޖެހިފައެވެ. އެއީ ޙަބީބަށް ވަޒީފާގަނޑެއް ލިބުނީމާ ދުނިޔެއަށް ލޯ ހުޅުވި ހެޔޮ ވިސްނުމެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. އެކަމަކު އެހެނޭ ކިޔާފައި ވީ އެއްވެސް ކަމެއް ނެތެވެ. މުސާރަ ލިބެން ފެށުމުން ދެން އުޅެން ފެށީ މާވިޔާނުދާ އުޅުމެކެވެ. މަހު މުސާރަ ލިބޭއިރު ސިނގިރޭޓަށް ކަނޑާ ބާކީއެއް ނޯވެއެވެ.

ޖެހިގެން އައި ދުވަސްތަކުގައި އިބުރާހީމްވެސް ރާއްޖޭން ބޭރު އަންހެނަކާ ކައިވެނި ކުރިއެވެ. މިކައިވެނިކޮށްގެން އިބްރާހިމްގެ އަންހެނުން ރަށަށް ގެނައުމުން ރަށުގެ މީހުން ކިޔައެވެ. ތިޔަ ކައިވެނި ކުރުން މާލަސްވެއްޖެއެވެ. ޙަބީބު ގެއްލި ހަލާކުވެ ދިއުމުގެ ކުރިން ތި ކައިވެނި ކުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

ސުރާންގަނީ އައުންވީ ޙަބީބަށް ކުރިމަތިވި އާފާތަކަށެވެ. ގޭތެރޭގައި އޭނާ ހުންނަނީ އަބަދުވެސް ސުރާންގަނީއާ ޖައްސާލާފައެވެ. ގޭތެރޭގައި ކޮންމެވެސް ޒުވާބެއް ނުފެށިފައެވެ. މިއަދުގެ ޒުވާބު ފެށުނީ ކައްކާފައިހުރި ތަކެތީގެ ރަހަ ނުބައިވި ހިސާބުންނެވެ. މިތަންވަޅު އިބުރާހީމަށް ގޭދޮށަށް އާދެވުނީ ދެއަތް ބަރުކޮށް ހިފައިގެން އައި މަސްތަކާއެކުގައެވެ.

"ޙަބީބު! މިއަދުވެސް ޒުވާބުގަނޑު ހިލުނީދޯ! ސުރާންގަނީ ދައްތައާ ދިމާއަށް ކީކޭ ތިޔަ ކިޔަނީ. އެ ދައްތައަށް އެހީވާން ހުރި މީހާ ތި ކުރަނީ ކިހާ ގޯސް ކަމެއް. އެއީ ދަރިފުޅަށް މަންމައަށް ވުރެސް ރަނގަޅު މީހެއް. ބައްޕައަށް ހީވަނީ ދަރިފުޅު މިގޭގައި އުޅޭހިތެއް ނެތްހެން. ދަރިފުޅު އިޞްލާޙު ކުރެވޭތޯ، ދުނިޔޭން ގެއްލުނަ ނުދީ ސަލާމަތް ކުރެވޭތޯ ހިތްވަރު ކޮށްފިން. އެކަމަކު މިހާތަނަށް އައި އިރުވެސް ދެއްކި ހުރިހާ ވާހަކައެއްވީ ބޭކާރު. ދަރިފުޅު ހިތަކަށް ނާރާ މީހަކު އެއްޗެކޭ ކިޔާ ހެންވެސް. ބައްޕައަށް ފެންނަނީ ދަރިފުޅަށް މިނޫން ވަކި ރަނގަޅު ތަނެއް އޮތީވިއްޔާ ދިއުން." އިބްރާހިމްގެ އަޑުގައިވަނީ ހިތިކަމެވެ.

"ހުއްޓާލާ! ތި ލިބުނީ އަހަރެން ހޯދަން އުޅުނު ބަސް. މަންމަ މިގޭގައި ނެތް ދުވަހު އަހަރެން ތި ބޭރުކޮށްލީ. މިއަދު އަހަރެންގެ މަންމަ އަހަރެން ކައިރީގައި ހުރިނަމަ ތިޔަހެނެއް ނުހެދީސް. މީ އެނުލަފާ ސުރާންގަނީ ގަނޑުގެ ރޭވުން." ޙަބީބު ގެއިން ނިކުތުމަށް ހިނގައިގަތީ އެންމެ ފަހު ވަގުތު ވެސް ސުރާންގަނީ އަށް އެތިވަރު ގޮވަމުންނެވެ. ބިރު ދައްކަމުންނެވެ.

"ނުދޭ! ޙަބީބު!" ސުރާންގަނީ ދުވެފައިގޮސް ޙަބީބުގެ އަތުގައި ހިފެހެއްޓިއެވެ.

"ދޫކޮށްލާ! ތީ ކާކު؟ ތީ އަހަރެންގެ ހަލާކު." ސުރާންގަނީގެ އަތް ފޮޅުވާލާ ކޮއްޕާލުމަށްފަހު ޙަބީބު ނިކުމެގެން ދިޔައެވެ. ސުރާންގަނީ އެކަމާ ދެރަވެގެން އަޑުލާ ރޯން ފެށިއެވެ.

ޙަބީބު ގެއިން ނިކުމެގެން ދިޔަތާ ހަފުތާއެއް ފާއިތުވެ ދިޔައީއެވެ. މިދުވަސްތަކުގައި އޭނާ އުޅެފައިވަނީ އޭނާގެ ދޮންބައްޕަގެ ގޭގައި އޭނަޔާ އެކުގައެވެ. އިބުރާހީމާއި ސުރާންގަނީ ގެއަށް އެނބުރި އައުމަށް އެތައް އާދޭހެއް ކުރިއިރުވެސް ޙަބީބު އޭނާގެ ގޮތް ދޫނުކުރާ މިޒާޖުގައި ހިފަހައްޓައިގެން ހުރީއެވެ.

ހުކުރު ދުވަހެއްގެ މެންދުރުފަހު އިބުރާހީމް ގޭގެ ގޯތިތެރޭގައި ހުރި ކެޔޮފީނި ދޮށުގައި ހުއްޓާ އަވަށްޓެރިއަކު އައިސް ދިން ޚަބަރަކުން އިބުރާހީމްގެ ބޮލަށް އެނބުރުން އެރިއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ޙަބީބާއި އޭނާގެ ގުރޫޕު ހައްޔަރުވީއެވެ. ތަޙުޤީޤަށްޓަކާ އެމީހުން ބަލާ ޕޮލިހުންގެ ބަޔަކު އައިސް މިހާރު ފުރަން އުޅޭ ވާހަކަވެސް އެމީހަކު ބުންޏެވެ.

އިބުރާހީމް ދެލޯ ފުހެލާފައި އަތް އުފުލާލީ ރަށުގެ ބަނދަރުން ނިކުންނަމުންދާ ޕޮލިސް ލޯންޗުގައި އިން އޭނާގެ އެންމެ ހަގު ދަރިފުޅަށް އެންމެ ފަހުގެ ވަދާޢީ ސަލާމު ކުރުމަށްޓަކައެވެ. އޭނާ އެގޮތަށް އަތް އުފުލާލައިގެން އެއްވެސް ޙަރަކާތެއްނެތި ލޯންޗާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެމަންޒަރު ބަލާކަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ. މަޑު ގިސްލުމެއް އޭނާގެ ހަށިގަނޑުން ނިކުންނަން ފެށިއެވެ. ކުއްލިއަކަށް ގިސްލުމަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ކޮނޑުގައި އަތްޖައްސާލިހެން ހީވެގެންނެވެ. އިބުރާހީމް އެމީހަކުގެ މޫނަށް ބަލައިލިއެވެ. ކައިރީގައިހުރީ އޭނާގެ އެކުވެރި ޙުސައިނެވެ.

"އިބުރާހީމް! ކީއްވެ ތި ރޮނީ!" ޙުސައިން ބުންޏެވެ.

"މިރޮނީ ރޯންޖެހޭ ކަހަލަ ކަންތައްގަނޑެއް މެދުވެރިވެގެން."

"ތިޔައީ އަހަރެން ހިތުން އިބުރާހީމް ރޯންވީވަރުގެ ކަމެއްނޫން. އިހަކަށް ދުވަހެއްނޫންތަ ޙަބީބުގެ މަންމަވެސް ފުރައިގެން އެދިޔައީ ތި މައްސަލާގައި. ޙަބީބަށް ފަތުގެ އެހުރިހާ ކަމެއް ދަސްވެ އެމަގުން ދާން އެނގުނީ އޭނާގެ މަންމަގެ ފުށުން. އޭނާ ދަސްކުރީ އޭނާގެ މަންމަގެ އުޅުން. ނިކަން ވިސްނާލަބަލަ! ޚަދީޖާ އެއުޅުނީ ކޮންފަދަ ވިޔާނުދާ އުޅުމެއް. މަސްތުވާތަކެތީގެ އަވާގައި ޖެހިގެން ލަދެއް ހަޔާތެއް ނެތި ތެޅިބޭލީ ކޮންފަދައަކުން. މުސްކުޅިން އެ ބުނަނީ ހަމަ ތެދު ވާހަކައެއް. އަލަގަހަކުން ފަޅާނީ ހަމަ އަލަ ނިރެއް. ކެޔޮ ނިރަކުން ފަޅާނީ ހަމަ ކެޔޮނިރެއްނޫންތަ!. ދުވަހަކުވެސް އެކައްޗަކުން އަނެކައްޗެއް ނުފަޅާނެ."

އިބުރާހީމް މަޑުމަޑުން އެއްގަމާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ އެތެރެ ހަށިން އަޅަމުންދާ ގިސްލުމެއް ނުހުއްޓެވެ. އެއީ ދާއިމީ ގިސްލުމެކެވެ. އެ ގިސްލުން މިހާރު އޭނާ ގިސްލާތާ ލައްކަ ދުވަސްވީއެވެ. އެވަގުތު އޭނާ ހިތަށް އަރާ ފައިބަމުން ދިޔައީ އެންމެ އެއްޗެކެވެ. ޤަބޫލު ކުރެވުނީ އެންމެ ކަމެކެވެ. ތެދެކެވެ. މިއީ ރޯވަރުގެ ކަމެއްނޫނެވެ. ގިސްލާންވީ ކަމެއްނޫނެވެ.

-ނިމުނީ-