ސްޓެލްކޯއިން އެކުންފުނީގެ މުވައްޒަފުންނަށް ދެމުން ގެންދާ އިނާޔަތްތަކާއި ކޮށްދެއްވަމުންގެންދަވާ ކަންކަމުގެ ބަދަލުގައި މުވައްޒަފުންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި ހެޔޮހިތުން، ހިނިތުންވުމާއެކު، ރައްޔިތުން އެދޭފަދަ ރަނގަޅު ޚިދުމަތްތަކެއް އިޚްލާސްތެރިކަމާއެކު، ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.
އޭނާ މިގެން ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު 4 މުވައްޒަފުންނަށް އެކަމާބެހޭ ލިޔުން ހަވާލު ކުރުމަށް ރޭ ބޭއްވި ތަރާވީހެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުމުގެ އިތުރުން "ރައްޔިތުން އަޅުގަނޑުމެންގެ ޚިދުމަތް ބަލައިގަންނަ ކަމުގެ އިޙްސާސް ކުރެވުން އެއީ އަޅުގަނޑުމެންގެ މަގްސަދު ހާސިލްވުން،" ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައު ޝަރީފް ވިދާޅުވީ ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރު ކަމަށެވެ. އެހެން ކަމުން އެ މަހުގެ ބަރަކާތްތެރިކަން ހާސިލް ކުރެވޭތޯ ހުރިހާ މުވައްޒަފުންވެސް ގަދައަޅާ މަސައްކަތް ކުރަންވާނޭ ކަމަށެވެ. އެގޮތުން ވީހާވެސް ގިނައިން ޤުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، އަޅުކަން ކުރުމުގައި ދެމި ތިބުމަށް އޭނާ ވަނީ މުވައްޒަފުންނަށް އިލްތިމާސްކޮށް، ނަސޭހަތްތެރިވެފައެވެ.
މިފަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު އެކުންފުނީން ދީފައިވަނީ ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުޙައްމަދު އަބޫބަކުރާއި ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަޙުމަދަށެވެ. ޢުމްރާގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވިލިނގިލީ އިންޖީނުގޭގެ ޢަބުދުﷲ ޝަފީގާއި، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ޙުސައިނަށެވެ.