އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، އެމްއެންޑީއެފް މައިމަރުކަޒު، ބަންޑާރަކޮށްޓަށް ޒިޔާރަތެއް ކުރައްވައިފިއެވެ.

އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު ބަންޑާރަކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން، އެމަނިކުފާނު ވަނީ މިއަދު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިގޮތުން، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ދިފާޢީ ބަދަހި ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދިފާޢީ ދާއިރާއިން އިންޑިއާއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޑިފެންސް މިނިސްޓަރ ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުން އޮތީ ޑިފެންސް މިނިސްޓްރީގައެވެ.

މި ބައްދަލުވުމަށް ފަހު، އެޑްމިރަލް އާރް. ހަރީ ކުމާރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދު އޮތް އެކުވެރި ބަދަހި ގުޅުމާ ބެހޭގޮތުންނާއި މެރިޓައިމް ސޭފްޓީއާއި، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ ތަމްރީނާއި، އީއީޒެޑް ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ ބިޔުރޯގައެވެ.

އެޑްމިރަލް އާރް. ހަރީ ކުމާރު، ސިފައިންގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ބައެއް އާލާތްތައް ވަނީ މިއަދު ހަވާލުކޮށްދެއްވާފައެވެ. ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މިކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި އިކްއިޕްމަންޓްސްއަކީ، ހައިޑްރޮގްރަފީ ސަރވޭކުރުމަށް ބޭނުންވާނެ ބައެއް އިކްއިޕްމަންޓްސްއެވެ. އަދި 2021 ވަނައަހަރު ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ޖޮއިންޓް ހައިޑްރޯގްރަފިކް ސާރވޭއިން ތައްޔާރުކުރެވުނު ނެވިގޭޝަނަލް ޗާޓް މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއާ ވަނީ ޙަވާލުކޮށްފައެވެ. އޭގެއިތުރުން، ފަހުމުނާމާގައި ޗާޓް ވިއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ދިވެހިރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ވެސް މި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވެއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ.

ހައިޑްރޮފީ ދާއިރާއިން ސަރވޭ ކުރެވުނު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލްއެވެ. އަދި، ދެ ޤައުމު ރަމްކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓްކުރެވުނު ޖޮއިންޓްލީ ސަރވޭޑް ޗާޓްއާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެލެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންސޫރެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް ހަދިޔާ ކުރެއްވި އިކްއިޕްމަންޓްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ޙިލްމީއެވެ.

އެޑްމިރަލް އާރް. ހަރީ ކުމާރު، ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު، ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކުރައްވައި، ސްޕެއަރސްއާއި ބައެއް އާލާތްތައް ވަނީ ހަދިޔާކުރައްވާފައެވެ. އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި މި ތަކެތި އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ. އަދި ކޯސްޓްގާޑު ޝިޕް ހުރަވީއާއި "ކޯސްޓްގާޑު ކާމިޔާބު" އުޅަނދަށް ހަދިޔާކުރެއްވި މި ތަކެއްޗާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ. އެޑްމިރަލް އާރް. ހަރީ ކުމާރު ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުރެއްވި ޒިޔާރަތުގައި އެ ޝިޕްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.

އޭޕްރިލް 17 އިން 20 އަށް އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށާއި، ފޮރިން މިނިސްޓްރީއަށް ވެސް މިއަދު ވަނީ ޒިޔާރަތްކުރައްވާފައެވެ.