ވިހެއުމުގެ ތެރޭގައި އެއްމާބަނޑު ދެބެއިންގެ ތެރެއިން ފިރިހެން ދަރިފުޅު ރޭ މަރުވުމާއި ގުޅިގެން ބޮޑު ހިތާމައެއްގައި ހުރި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އިނގިރޭސި ލީގުގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް ނުކުޅޭނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުން ބުނެފިއެވެ.
ރޮނާލްޑޯގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ރޭ ވިހަން އުޅުމުގެ ތެރޭގައި ފިރިހެން ދަރިފުޅު މަރުވިނަމަވެސް އަންހެން ދަރިފުޅު ވަނީ ސަލާމަތް ކުރެވިފައެވެ.
މެންޗެސްޓަރ ޔުނައިޓެޑުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ކަމަކަށްވުރެ އަމިއްލަ އާއިލާ މުހިއްމު ވާނެ ކަމަށާއި ރޮނާލްޑޯ ހުރީ މިއުނދަގޫ ހާލަތުގައި އެންމެ ލޯބިވާ މީހުންނާއި އެކުގައި ކަމަށެވެ.
"އަހަރެމެން އެންމެވެސް މިތިބީ ރޮނާލްޑޯއާއެކު، އަދި މިހާލަތުން އަރައިގަތުމަށް އާއިލާއަށް ހިތްވަރު ދެން" ޔުނައިޓެޑުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެންމެފަހުން ލީގުގައި ވަޓްފޯޑާ ދެކޮޅަށް ކުޅެ 3-2 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ރޮނާލްޑޯ ހެޓްރިކް ހެދިއިރު، ލިވަޕޫލާ ދެކޮޅަށް އޭނާ ނުލައި ކުޅެން ޖެހުމަކީ ޔުނައިޓެޑަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާނެއެވެ. ގަދަ ހަތަރަކުން ޖާގަ ހޯދައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށްޓަކައި ލިވަޕޫލް ބަލިކުރަން ޔުނައިޓެޑަށް މުހިއްމު ވެފައިވާއިރު ލީގް ޗެމްޕިއަންކަން ހޯދުމަށް ޔުނައިޓެޑް އަތުން ތިން ޕޮއިންޓް ލިވަޕޫލަށްވެސް ވަރަށް މުހިއްމެވެ. ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ އެޓީމަށް ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ ލިބޭނެއެވެ. މިވަގުތު އެއްވަނައިގައި 74 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 73 ޕޮއިންޓާއެކުއެވެ.
ލިވަޕޫލްގެ ދަނޑުގައި އެންމެފަހުން ޔުނައިޓެޑް ކުޅުނު 5 މެޗުންވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މީގެ ތެރެއިން 3 މެޗުންވީ ބައްޔެވެ. މި ފަސްމެޗުގައި ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.