އިރު ދުނިޔެ މައްޗަށް ފާއްދާ ނުލަނީސް ވިލާތަކުން އުދަރެސް ބަނަކޮށްލިއެވެ. އުދަރެސް ދޮންކުރަމުން އަންނަ ހިތްގައިމު ކުލަތައް އެއްކޮށް ފަރުދާވީ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެއާއެކު ބަނަވެފައިވާ އުދަރެހުން ވާރޭގެ ބޯ ކެރިގަނޑެއް އޮއްސާލިއެވެ. އުދަރެހުގެ އެކި ދިމަދިމާލުން ވިދުމުގެ އަސަރުތައް ވެސް ހިނދުހިނދުކޮޅުން ފާޅުވެއެވެ. ވެހެމުންދާ ވާރޭގެ ތިކިތައް ތޯރާކޮށްލާނެ ކަމުގެ އެއްވެސް އިޝާރާތުގެ ކަންފުޅެއް ނެތެވެ. މަގުތައް ފެނުގެ ކޯރުތަކުން ދެމި ބޮޑުވަނީއެވެ. ނިކުމެ އުޅޭ މީހެއް ފެންނަން ނެތްއިރު ވާރެއާ ތެމިލާ ކުޑަކުއްޖަކު ވެސް ފެންނާކަށް ނެތެވެ.

މި ބޯވާރޭ ތެރެއިން ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ދިޔައެވެ. ވިދާލި ވިދުވަރެއް ފަދައިން އެވަގުތު އެގޭ އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. ޢާއިލާއަށް އައު މެންބަރަކު އިތުރުވިކަމުގެ އިޙުސާސެވެ. ދެލޯ ފުހެލުމަށްފަހު ޒާހިދު ވިއްސާ ކޮޓަރީގެ ދޮރުމައްޗަށް ދުއްވައިގަތެވެ. ފަހީމާ އޮތް ކޮޓަރި ތެރެއިން ނަރުހަކު ނިކުތީ ތުއްތު އަންހެން ކުއްޖަކު ތުވާއްޔަކަށް އޮޅާލައިގެންނެވެ. ލޯތްބާއެކު ޒާހިދު އެ ދަރިފުޅު އުރާލައި މޫނުގައި ބޮސްދިނެވެ. އެވަގުތު ކެމެރާތަކުގެ ބޮކިތައްވެސް ދިއްލިގެންދިޔައެވެ.

އެ ލޯބި ދަރިފުޅު ހީވަނީ ހަމަ ޒާހިދު ހެންނެވެ. ފުފިފައިވާ ދެކޮލެވެ. ލޭ ކުލައިގެ ތުންފަތެވެ. ނޫކުލައިގެ ދެ ޖަވާހިރުފަދަ ދެލޮލެވެ. ތެތްތެތް އިސްތަށިގަނޑެވެ. ހީވަނީ ޒާހިދުގެ ހުރިހާ ސިފައެއް އެކުލެވިގެންވާ ނަކަލެއް ހެންނެވެ. ޒާހިދަށް ފަޚުރުވެރިކަމާއެކު ބެލެނީ ލޯބިލޯބި ދަރިފުޅަށެވެ. މި ދުވަހަށް އޭނާ އިންތިޒާރު ކުރާތާ މިހާރު އެތަކެއް ޒަމާން މާޒީވީއެވެ. ހޮސްޕިޓަލުން އެދެމައިން ގެއަށް ގެނެސް ހިންދެމިލެވޭވަރުވީ ކިރިޔާއެވެ. އަނެއްކާވެސް ފުރަން ޖެހުނީއެވެ. އެ ދަރިފުޅާ ވަކިވެދާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އަނެއްކާ ވެސް އޭނާ ފުރައިގެންދާން ޖެހޭނެއެވެ. މިއީ މިވަގުތު ދިރިއުޅުން ހަމަޖެހިފައިވާ ގޮތެވެ. ބޯޓު ދަތުރުކޮށްގެން ލިބޭ އާމްދަނީން ނޫން އެއްޗަކުން ދިރިއުޅުން ފަރުޖެހޭކަށް ނޯވެއެވެ.

ދަރިފުޅުގެ ޢުމުރުން ކޮންމެ 5 އަހަރަކު މާލެއަށް އާދެވުނަސް ގިނައިން އުޅެން ޖެހުނީ މާލެއާ ދުރު ބައްރުތަކަށް ދަތުރުކުރާ ބޯޓުފަހަރުގައެވެ.

މިހާރު މި ގޮތަށް 5 އަހަރު ގުނާތާ ތިން ފަހެއްވީއެވެ. ދަތުރުކުރުން އެއްކޮށް ހުއްޓާލާފައި ޒާހިދު މާލެ އައި އިރު ޒާރާ ވަނީ ފުރާ ވަރަށް އެޅިފައެވެ. ޒާރާއަކީ ރީތިކަން ހުސްކޮށްފައިވާ ކުއްޖެކޭ ބުނެވިދާނެއެވެ. އެހާވެސް ޒާރާ ރީއްޗެވެ. އޭނާގެ އިސްކޮޅާ އެއްވަރުގެ ހެޔޮވަރު ރޫފައެއް ލިބިފައިވެއެވެ. އޭނާގެ ކުލަ އަލި އޮމާން ހަންގަނޑު އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ރޭގަނޑެއްފަދަ ކަޅު ދިހުން އަރާ ފަން އިސްތަށިގަނޑު ވެސް ފަށުވިކޮޅެއް ފަދައެވެ. އޭގެ އިތުރުން ޒާރާއަކީ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ. ސްކޫލްގެ ނަމޫނާ ލީޑަރެކެވެ.

ޒާރާ އަމީނިއްޔާ ސްކޫލަށް ވަދެގެން އައިއިރު އޭނާގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އޭނާ އަލަށް އަމީނިއްޔާ ސްކޫލަށް އައި ދުވަސް ކަމުން ކްލާހަށް ވަންއިރު ހުރީ ވަރަށް ބީރަށްޓެހިވެފައެވެ. މުޅި ކިލާހުގެ ލޯތައް ވަނީ ޒާރާއާ ދިމާއަށް ހުއްޓިފައެވެ. ކްލާހަށް އައު ކުއްޖެއް އައި ފަދައިންނެވެ.

ޒާރާ ގޮސް އިށީނީ ދެ އަންހެން ކުއްޖެއްގެ ދެމެދުގައެވެ. މުޅި ކްލާހުން ވެސް އެ ގޮނޑި ފިޔަވައި އެހެން ގޮނޑިއެއް ހުސްކޮށް ނެތެވެ. އެނާއަށް އެވަގުތު އެ އިށީނދެވުނީ ދުވަހަކު ކޮޅުންވެސް ނުނިކުމެވޭނެ ބޮޑު އަދަވަޅެއް ގައިކަން އޭނާއަށް އެވަގުތު ނުވިސްނުނެވެ.

"ކޮން ނަމެއް ކިޔަނީ؟" ކައިރީގައި އިން ކުއްޖާ ޒޫނާ އަހާލިއެވެ.

"ޒާރާ........" މަޑު ހިނިތުން ވުމަކާއެކު ޒޫނާއަށް ޒާރާ ޖަވާބުދިނެވެ.

"އަހަރެން މިއީ ޒޫނާ. ދެން މިހުރީ އާރާ" އެ ދެކުދީން ތަޢާރަފު ވެލިއެވެ.

"އެކުވެރި މިވީ ދޯ؟" ޒާރާ ގާތު އާރާ އަހާލިއެވެ.

ޒާރާ ބޯ ޖަހައިލިއެވެ. ޒާރާއަކީ އެއް އިރެއްގައި ވެސް ގާތް ރައްޓެއްސަކު ގެންގުޅުނު މީހެއް ނޫނެވެ. އޭނާގެ ކުރިމަތީގައި ތިބި ހުރިހާ ކުދީންނަކީ ހަމަ ރައްޓެހިންނެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާ ރައްޓެއްސަކާއެކު ބޭރަކަށް ނުދެއެވެ. މަންމައާއެކު ފިޔަވައި ނޫނީ ކަންމަތީ ފިހާރައަށް ގޮހެއް ނޫޅެއެވެ. ގޭގައި ހުރިހާ އެއްޗެއް ހަމައަށް ހުރުމުން ޒާރާ ބޭރަށް ނުކުންނާކަށް ނުވެސް އުޅެއެވެ. މުދައްރިސް އަންނަންދެން އިރުކޮޅަކު ވާހަކަ ދައްކަން ތިން ކުދީން ތިއްބެވެ. މުދައްރިސް އައުމާއެކު ކިލާސް ފައްޓައިފިއެވެ.

ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން އައިސް ގެއަށްދާ ގަޑިވެސް ޖެހުނެވެ.

"އަހަރެން ގޭގައި އޮންނާނެ ގެޓް ޓުގެދާރ އެއް. އަންނަވީ ނު؟" އާރާ ގޮޑިން ތެދުވަމުން ޒާރާ ގާތުގައި އަހާލިއެވެ.

"އާނ! ދާނަން" އާރާގެ ގެޔަށް ދިޔުމަށް ޒާރާ އެއްބަސްވިއެވެ.

"ނަންބަރު ދީބަލަ. އެޑްރެސް ފޮނުވާލާނަން"

ޒާރާ ނަންބަރު ދީފައި އަވަހަށް ގެޔަށް ދިއުމަށް ސުކޫލުގެ ދޮރޯއްޓާ ދިމާއަށް ހިނގައިގަތެވެ. އޭރު ޒާރާގެ ބައްޕަގެ ކާރު ދޮރޯށި ދޮށުގައި މަޑުކޮށްލައިގެން އޮތެވެ. ބާރުބާރަށް ހިނގާފައި ގޮސް ޒާރާ ކާރަށް އެރިއެވެ.

15 މިނެޓްގެ ދަތުރަކަށްފަހު ހ. ސުވާސްތީގެ ކުރި މައްޗަށް ކާރު މަޑު ކޮށްލިއެވެ. ޒާރާ ކާރުން ފައިބައި ދުވެލާފައި ގޮސް ގޭތެރެއަށް ވަނެވެ. އޭރު ޒާރާ ލަސް ވެގެން ފަހީމާ ސޯފާއިގައި ދެފައި ދަމާލައިގެން އިނެވެ. ޒާރާ އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ. ޔުނީފޯމު ބަދަލުވެސް ކޮށްނުލައި ހުރެ ޒާރާ ސްކޫލްގައިވި ހުރިހާ ކަމެއް ފަހީމާ އަށް ކިޔައިދިނެވެ. އަދި އާރާގެ ގެއަށް ދިއުމަށް ހުއްދަ ހޯދިއެވެ.

ވަގުތު ދިޔަ ގޮތެއްވެސް ނޭނގެއެވެ. އާރާގެ ގެޔަށް ދިޔުމަށް ކުރި އިންތިޒާރު ނިމުމަކަށް އައެވެ. ޒާރާ ރީތިވެލައިގެން ބައްޕައާއެކީ އެގެޔަށް ދިޔައެވެ. އޭރު އެގޭތެރެ އޮތީ ފުރިފައެވެ. އެގޭގައި ފިރިހެން ތިން ކުއްޖަކު ތިއްބެވެ. އަންހެން ކުދިން ވެސް މަދެއް ނޫނެވެ. ޒޫނާއާއި އާރާ ނުލައި ފަސްވަރަކަށް އަންހެން ކުދިން ތިއްބެވެ.

ޒާރާ ނުދަންނަ ބަޔަކާ އެކީ އުޅެން ޖެހުމުން ފުރަތަމަ ހުރީ ނުކެރިފައެވެ. ނަމަވެސް އެކުދިން ވާހަކަ ދައްކާ ހަދަން ފެށުމުން ޒާރާ ވެސް އެމީހުންނާ ބައިވެރިއެވެ. ލަވަ ކިޔައި ނަށާ ހެދިއެވެ. ގޭމު ކުޅެ ސަކަރާތް ޖެހިއެވެ. ޒާރާގެ ހަޔާތުން އައު ބާބެއް ފެށުނު ފަދައެވެ.

ޒާރާ މަންމަގެ އެތައް ކޯލްތަކެއް މިސްވެގެން ދިޔައިރުވެސް ޒާރާއަށް ރޭކާވެސް ނުލިއެވެ. ކުޑަކުޑަ ސިކުންތެއްގެ ތެރޭ މަންމައަށް ވުރެ ރަށްޓެހިން މުހިންމުވެގެން ދިޔައެވެ. އޭނާ ގެޔަށް ދިޔައީ 10 ޖަހާ ބޮޑުވި ފަހުންނެވެ. އޭރު ފަހީމާ ހުރީ ވަރަށް ރުޅި އައިސްފައެވެ. ފަހީމާ ހަޅޭއްލެވުމުން ޒާރާ ވަރަށް ދެރަވިއެވެ. ޒާރާ މަންމަ ގާތުން މަޢާފަށް އެދުމަށްފަހު ކޮޓަރިއަށް ވަދެ ފެންވަރައި ހަދާލައިގެން އޮށޯތެވެ.

ދުވަހަކަށްފަހު ދުވަހެއް ޒާރާ ދިޔައީ އާރާމެންނާ ގާތް ވަމުންނެވެ. އެކަކު އަނެކެގު ސިއްރުތައްވެސް ކިޔައިދީ ހަދައެވެ. ދިރިއުޅުމުގެ އެއްވެސް ކަމަކާ ވިސްނާ ނުލައެވެ. ކަލަކު ވޮޑިގެންވާކަން ވެސް އެމީހުންނަށް ރޭކާވެސް ނުލައެވެ. ފަސްނުޖެހި ހަވާނަފުސަށް ތަބާވެ ބޭނުންހާ ކަމެއް އައީ ކުރަމުންނެވެ.

ކޮންމެ ކުއްޖެއްގެ ބޯއީ ފްރެންޑެއް ހުންނާތީ ޒާރާ ވެސް ކުއްޖަކާ ގުޅުނެވެ. ޒާރާ ރަށްޓެހިވީ އާރާގެ ބޭބެއާއެވެ. ފަހީމާއަށް އެކަން އެނގުމުން އެކަންތއް ހުއްޓުވުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންތައް ދިޔައީ ފެނަށެވެ. ޒާރާ ހުރީ މަންމަގެ ނަސޭހަތް އަޑުއަހާ ގޮތަކަށް ނޫނެވެ. އާރާމެންނަކީ ރަނގަޅު ރަށްޓެހިން ނޫންކަމަށް ވިސްނާވެސް ދިނެވެ. ރަށްޓެހިންނާ ދުރުވާން ބުނި ޢަދަދެއްވެސް ނޭނގެއެވެ.

އެކުގައި އުޅޭތާ 3 މަސް ފަހުން ޒާރާއަށް އާރާމެން މަސްތުވާ އެއްޗެހި ބޭނުން ކުރާކަން އެނގުނެވެ. އެއީ ކޮން އެއްޗެއް ކަމެއް ފުރަތަމަ ޒާރާއަކަށް ނޭނގެއެވެ. އެއީ ޒާރާ ދުވަހަކުވެސް ދެކެފައި ނުވާ އެއްޗެއްސެވެ. ޒާރާ ގެޔަށް ގޮސް މަޢުލޫމާތު ހޯދުމުން އެއީ ކޮން އެއްޗެއްކަން އެނގުނެވެ.

ޒާރާ އެ އެއްޗެއްސާ ދުރުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޅޭ ކޮންމެ ފިޔަވަޅެއް އެޅެނީ ހައްތަހާވެސް ކައިރި އަށެވެ. އެންމެ ފަހުން ޒާރާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އޭގެ އަޖުމަ ބަލާފައެވެ. ފުރަތަމަ ދުވަހަށް ވުމާއެކު ޒާރާއަށް ހޮޑުލެވި ވަރަށް ގޮތްގޮތްވިއެވެ. ނަމަވެސް ސިކުނޑިއަށް އެލިބުނު އަރާމެއްގެ ސަބަބުން އިތުރަށް ބޭނުން ކުރާ ހިތްވިއެވެ. ޒާރާ ދިޔައީ މަޑުމަޑުން އެއަށް ދެވި ހިފަމުންނެވެ. އެންމެފަހުން އެއާނުލާ ނޫޅެވޭ ވަރުވިއެވެ.

އެއްރެޔަކު ޒާރާ ޕާޓީއަކުން ގެޔަށް އައީ މަސްތުގެ ހާލަތުގައި ހުރެއެވެ. ޒާރާ ގެއަށް އައިއިރު އޭނާގެ ބައްޕައާއި މަންމަ ތިބީ ޓީވީ ބަލާށެވެ. ޒާރާ ވަނުމާއެކު ދެމީހުން އެދިމާއަށް ބަލައިލިއެވެ. ޒާރާ ހަމައެއްނެތި ތަންތާނގައި ޖެހެމުން އައި ތަން ބަލަން މައި ލަގޮނޑިއަކަށް ކެތެއް ނުވިއެވެ. ފަހީމާ އަނބުރައިގަނެގެން ވެއްޓުނެވެ.

ފަހީމާ ނަގައިގެން ޒާހިދު އަވަސް އަވަހަށް ހޮސްޕިޓަލާ ދިމާއަށް ދުއްވައިގަތެވެ. ޒާރާ ވެސް ފަހަތުން ދުއްވައިގަތެވެ. ޒާރާ ހަމަ ހޭގައި ނެތަސް އޭނާއަށް ކަމެއް ގޯސް ވެއްޖެކަމުގެ އިޙުސާސް ކުރެވުނެވެ. ފަހީމާ ވެއްދީ އިމަޖެންސީ ކޮޓަރިއަށެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން ފަހީމާގެ ފުރާނަ ނެތް މަސްގަނޑު ބޭރަށް ނެރުނެވެ. ޒާހިދާއި ޒާރާއަށް ރޮއެގަނެވުނެވެ. ފަހީމާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު ޒާހިދާއި ޒާރާ ގެއަށް އައީ ވަރަށް ލަސްވި ފަހުންނެވެ. ޒާހިދު ޒާރާއާ ވާހަކައެއް ނުދައްކައެވެ. އެކަމާ ޒާރާ ހުރީ ވަރަށް ދެރަވެފައެވެ. ވަރަށް މަސައްކަތުން ޒާހިދުގެ އަނގައިން ނިކުތީ އެންމެ ޖުމްލައެކެވެ.

"ތި ގެންގުޅޭ ރަށްޓެހިންނާ ދުރުވޭ" އެހެން ބުނެލުމަށްފަހު ޒާހިދު ވަނީ ކޮޓަރި އަށެވެ.

ޒާރާ ވެސް ކޮޓަރިއަށް ވަދެ އޮށޯތެވެ. އަދި ބައްޕަ އެ ބުނި ޖުމްލައާމެދު ވިސްނާލިއެވެ. ޒާރާ އެންމެ ފަހުން ވިސްނީ އެކުދިންނާ ދުރުވުމަށެވެ.

އެދުވަހަށްފަހު ޒާރާ ސްކޫލަކަށް ނުދެއެވެ. އާރާމެންނާ ބައްދަލުވެދާނެތީއެވެ. މަސްތުވާ އެއްޗެހި ބޭނުން ކޮށްފައި ހުއްޓާލުންވީ ބޮޑުކަމަކަށެވެ. ނުވާ ކަމެއް ނެތެވެ.

މިހާރު އަބަދު ޒާރާއަށް ކުރެވޭ ކަމަކީ ހޮޑުލުމެވެ. ހަމައެކަނި މަސްތުވާތަކެތި ހުއްޓާލުމުންނެއް ނޫނެވެ. ޒާރާއަށް އެހެންޏާ ނުވާ ގޮތްތަކެއްވެ ހޮޑުލެވެނީއެވެ. ނުލަފާ ޝިކާރަވެރިއެއްގެ އަތްދަށުވެ ޒާރާގެ ހިމޭން ދުނިޔެ ފުޑުފުޑުކޮށްލީއެވެ. ޒާހިދަށް އެކަން އެނގުމުން ވަރަށް ރުޅިގަދަވިއެވެ. ނަމަވެސް ޒާހިދުގެ ރުޅީގެ މައްޗަށް އޭނާ ގަދަވިއެވެ.

ޒާހިދުގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަހަލައެވެ. ދުނިޔޭގެ ލަދަށް ކިތަންމެ ހިތާމައެއް ކުރިކަމުގައިވިޔަސް ޒާހިދު ކެތްތެރިވިއެވެ. މަލާމާތުގެ ބަސްތައް ޒާހިދާ ދިމާއަށް އަޔަސް މަޑުމޮޅިވިއެވެ. އެކަމާ އޭނާ ކުރާނީ ކީއްހެއްޔެވެ؟ ޒާރާ އޭނާގެ ދުނިޔެ އަމިއްލަ ދެއަތުން ހަލާކު ކޮށްލީއެވެ.

ޒާރާއަށް ހުރިހާ ކަމެއް ހަޖަމު ކުރުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އޭނާ ނަފުސާނީ ބަލީގެ ޝިކާރައަކަށްވީ ކުޑަ ހިނދުކޮޅެއް ތެރޭގައެވެ. ޒާރާ ދިޔައީ އަމިއްލަ ނަފްސަށް އަނިޔާ ކުރަމުންނެވެ. އަދި އޭނާގެ ތުއްތު ދަރިފުޅަށް ވެސް ގޯނާ ކުރިއެވެ. ދަރިފުޅު ދެކެ ލޯބި ނުވާތީއެއް ނޫނެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވެނީ އެވެ.

ހުރިހާ ކަމެއް ބޮއްސުން ލައިގެން ދިޔައިރުވެސް ޒާހިދުގެ ހިތްވަރެއް ދުލެއް ނުކުރިއެވެ. ޒާރާ ހަމަ މަގަށް ގެނެވޭތޯ އެތައް ޑޮކްޓަރުންނަށް ދެއްކިއެވެ. އެތައް ތެރަޕީ ކިލާސް ތަކެއް ނެގިއެވެ.

ޒާރާ ދަނީ ދުވަހަކަށްފަހު ދުވަހެއް ރަނގަޅު ވަމުންނެވެ. ޒާރާގެ އޭނާގެ ދަރިފުޅަށް މަންމަ އެއްގެ ލޯބި ދިނެވެ. ޒާރާގެ ބައްޕަގެ އެހީތެރިކަމާއެކު ޒާރާގެ ވީރާނާ ދުނިޔެ އަލުން ބިނާކޮށް އާރާސްތު ކުރިއެވެ.

ކޮންމެ ފަހަރަކު ކޮންމެ މީހަކަށް މިހެން ނުވެދާނެއެވެ. އެކަމަކު ބުއްދީގެ އަހުލުވެރިން މިކަމުން ފިލާވަޅެއް ލިބިގަންނާށެވެ. މިއަދު ޒާރާއަށް ދިމާވި އެއްވެސް ކަމެއް ތަކުރާރުވެ އެހެން މީހަކަށް ވުމަކަށް އޭނާ ނޭދެއެވެ. ޒާރާ ދުނިޔެއަށް ނިކުތްތަނާ ވަނީ ހަމަ މަގު ގެއްލިފައެވެ. ގޮތް ނޭނގޭ ޢަމަލެއްގެ ޝިކާރައަކަށްވެފައެވެ. ގޮތް ނޭނގޭ ބައެއްގެ ދަލުގައި ޖެހިފައެވެ. ވަރަށް ވިސްނައިގެން ނޫނީ މިއަދު މި މުޖުތަމަޢުގައި ހިގާ ގޯސް ކަންތަކުން ސަލާމަތް ވެވޭނެ ގޮތެއް ނޯންނާނެއެވެ.

-ނިމުނީ