ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހުނު މީހުންގެ އަދަދު %50 އިތުރުވެއްޖެ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ ސްޓޭޓްތަކުގައި ސިއްހީ ޚިދުމަތް ދިނުމުގެ ނިޒާމަށް ލޮޅުންއަރައި، ސިޓީތަކާއި ސްޓޭޓްތަކަށް ލޮކްޑައުން ކުރުމާއި، ހަރުކަށި ފިޔަވަޅުތައް އެޅުމަށް ދަނީ މަޖުބޫރުވަމުންނެވެ.
ބުރާސްފަތި ދުވަހު އެކަނިވެސް އެމެރިކާގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 79،000 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދީފައިވާ ކަމަށް، ތަފާސްހިސާބުތަކުން ދައްކާފައި ވެއެވެ. މިއީ، މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ފަރުވާދޭން ޖެހުނު ފުރަތަމަ ދުވަސްކަމަށް ވެއެވެ.
ކޮމިއުނިޓީ ސްޕްރެޑް ހުއްޓުމާއި، ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުމަށްޓަކައި އެމެރިކާގެ އެކި ކަންކޮޅުތަކުން، ސްޓޭޓްތަކުން މިހާރުވަނީ ސްކޫލްތަކާއި ވިޔަފާރިތައްވެސް ބަންދުކުރަން ފަށާފައެވެ.
ނިއުޔޯކް ސިޓީގެ ސަރުކާރުގެ ހުރިހާ ސްކޫލްތައް ބުރާސްފަތި ދުވަހުން ފެށިގެންވަނީ ބަންދުކުރަން ފަށާފައެވެ.
ނިއުޔޯކް ސިޓީ އަނެއްކާވެސްވަނީ ވާޗުއަލްކޮށް ކިޔަވައިދިނުމުގެ ޕްލޭނަށް އެނބުރި ގޮސްފައެވެ.
ސްކޫލްތައް ބަންދުކުރުމުން ސިޓީގެ މޭޔަރ ބިލް ޑި ބްލާސިއޯއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާއިރު، އޭނާ ވިދާޅުވީ، ސްކޫލްތައް ބަންދުކުރަން ޖެހުނީ އެނޫންގޮތެއް ނެތިގެން ކަމަށާއި، އެ ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށެވެ.
އަދި، ނިއުޔޯކްގެ ގަވަރްނަރ އެންޑްރޫ ކުއޯމޯއާ މަޝްވަރާ ކުރެއްވުމަށްފަހު ނިއުޔޯކް ސިޓީގެ ސްކޫލްތައް އަލުން ހުޅުވާނެ ދުވަހެއް ވަރަށް އަވަހަށް އިޢްލާން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ހުރިހާ ސްޓޭޓްތަކުން މިހާރުވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ކޮވިޑްބަލީގައި މިހާތަނަށް އެންމެ ގިނަމީހުން މަރުވެފައިވަނީ އެމެރިކާއިން ކަމަށްވާއިރު، ބަލީގެ ހާލަތު އެންމެގޯހީވެސް އެމެރިކާގައެވެ.
ކުރިއަށްއޮތީ ބަންދުވަސް ވަރެއްކަމުން، ބަލި ފެތުރުން މަދުކުރުމަށްޓަކައި ގިނަބަޔަކު ބައިވެރިކޮށްގެން ކަންކަން ނުކުރުމަށާއި، އާއިލީ ބައްދަލުވުންތައް ގޭގައި ބޭއްވުމަށް އެމެރިކާގެ ސިއްހީ ފަރާތްތަކާއި، ސަރުކާރު އޮފިޝަލުން ގެންދަވަނީ އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.
ސިޔާސީ އަރާރުންތަކާ ހެދިވެސް އެމެރިކާގައި ބަލި ކޮންޓްރޯލް ކުރުމަށް ދަނީ ބޮޑެތި ހުރަސްތައް ކުރިމަތިވަމުންނެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންގެ ޓީމަށް ބަލީގެ ހާލަތުގެ އަޕްޑޭޓް ދޭން ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދާފައިވާއިރު، އިގްތިސާދަށް ގެއްލުން ވެދާނެތީ ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅު ނާޅާ ސްޓޭޓްތަކުގެ ގަވަރްނަރުންނަށް ވައިޓްހައުސްއިން ބުރާސްފަތި ދުވަހުވެސް ވަނީ ތައުރީފް ކޮށްފައެވެ. އެ ސްޓޭޓްތަކަކީ ރިޕަބްލިކަން ޕާޓީން ވެރިކަންކުރާ ސްޓޭޓްތަކެވެ.