ލިވަޕޫލް އޮތީ މެންޗެސްޓަރ ޔުނައިޓެޑަށްވުރެ 6 އަހަރު ކުރީގައި ކަމަށް އެކްލަބުގެ ކޯޗް ޖަރުމަނުގެ ރަލްފް ރަންގްނިކް ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑަށްވުރެ ބޮޑު ތަނުން ލިވަޕޫލް ވަރުގަދަކަމަށް އިއުތިރާފްވެ ރަންގްނިކް ލިވަޕޫލަށް ތައުރީފް ކޮށްފައި މިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލްގެ އެންފީލްޑުގައި 4-0 އިން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

"މިއީ ލަދުވެތި، އަދި އެހާމެ ހިތްދަތި ނަތީޖާއެއް. އަހަރެމެން ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ ލިވަޕޫލް އޮތީ މެންޗެސްޓަރ ޔުނައިޓެޑަށްވުރެ ހައަހަރު ކުރީގައި ކަން. ޔާގެން ކްލޮޕް (ލިވަޕޫލްގެ ކޯޗް) އެޓީމާ ހަވާލުވި ހިސާބުން ލިވަޕޫލުން މައްޗަށް ޖައްސާލާފައި ވަނީ ހަަމައެކަނި ޓީމުގެ ނަތީޖާތަކެއް ނޫން، ކްލަބުގެ ހިންގުންވެސް ވަނީ އައު ހަރުފަތަކަށް މައްޗައް ޖައްސާލާފައި" ރަންގްނިކް ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗް ރަންގްނިކް. އޭނާ ބުނަނީ ލިވަޕޫލްގައި އަތްލަން 6 އަހަރު ޔުނައިޓެޑަށް ބޭނުންވާ ކަމަށް. ފޮޓޯ: ގޭޓީ އިމޭޖަސް

ރޭގެ މެޗުގައި ލިވަޕޫލުން ޔުނައިޓެޑުގެ ގޯލު ފޫއަޅުވާލީ 5 ވަނަ މިނެޓުގައެވެ. މިސްރުގެ ތަރި މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުން ހުހަށްހުރެ މިލަނޑު ކާމިޔާބު ކޮށްދިނީ ކޮލަމްބިއާގެ އުއްމީދީ ވިންގަރ ލުއިޒް ޑިއަސްއެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ސެނަގާލްގެ ތަރި ސަޑިއޯ މާނޭގެ ހިތްގައިމު ޕާހަކުން ސަލާހް ކާމިޔާބު ކުރީ 22 ވަނަ މިނެޓުގައެވެ. މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ލިވަޕޫލްގެ އަނެއް ދެލަނޑު ފެނުނީ ދެވަނަ ހާފުގައެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑު 68 ވަނަ މިނެޓުގައި މާނޭ ކާމިޔާބު ކުރިއިރު ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސަލާހެވެ.

ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށްފަހު މާނޭ އުފަލުން. ފޮޓޯ: ކްރިސް ބްރުންސްކިލް/ގެޓީ އިމޭޖަސް

އިނގިރޭސި ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި ތާރިހެއް އޮތް މިދެކްލަބް ލީގުގައި މިސީޒަނުގައި ބައްދަލު ކުރި ފުރަތަމަ މެޗް ޔުނައިޓެޑުގެ އޯލްޑްޓްރެފޯޑުގައި ލިވަޕޫލްއިން ކާމިޔާބު ކުރީ 5-0 އިންނެވެ. މިއީ 14-2013 ސީޒަނަށްފަހު ލީގުގައި ކުޅުނު ދެމެޗުންވެސް ޔުނައިޓެޑުގެ މައްޗަށް ލިވަޕޫލްއިން ކުރި ހޯދި ފުރަތަމަ ފަހަރެވެ.

މިމޮޅާއެކު 76 ޕޮއިންޓް ހަމަކޮށްގެން ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ކުރީގައެވެ. އެކަމަކު އެއީ ދެވަނައިގައި 74 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ސިޓީއަށްވުރެ އިތުރަށް އެއްމެޗް ކުޅެގެންނެވެ. ލީގް ޗެމްޕިއަންކަމަށް މިދެޓީމަށް ހުރަސް އެޅޭ ހިސާބުގައި އިތުރު ޓީމެއް ނެތެވެ. މިދެޓީމާއި އެންމެ ކައިރިން ވާދަކުރާ ޗެލްސީ ތިންވަނައިގައި އޮތީ 62 ޕޮއިންޓާއެކުއެވެ.

އަނެއްކޮޅުން ލިވަޕޫލް އަތުން ބަލިވުމާއެކު ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. ޔުނައިޓެޑް ތާވަލުގެ 6 ވަނައިގައި އޮތީ 54 ޕޮއިންޓާއެކުއެވެ. އެއީ 54 ޕޮއިންޓާއެކު 5 ވަަނައިގައި އޮތް އާސެނަލްއަށް ވުރެ 2 މެޗް އަދި57 ޕޮއިންޓާއެކު 4 ވަނައިގައި އޮތް ޓޮޓެންހަމްއަށް ވުރެ އިތުރަށް އެއްމެޗް ކުޅެގެން ކަމުގައިވާތީ، އާސެނަލް އާއި ޓޮޓެންހަމްއަށް ޔުނައިޓެޑާއި ފެޔަށް ޖެހިލުމުގެ ފުރުސަތު އޮތުމުންނެވެ.

ލީގުގައި މިރޭ ޗެލްސީ އާއި އާސެނަލް އަދި މެންޗެސްޓަރ ސިޓީ އާއި ބްރައިޓަން، ލެސްޓަރ ސިޓީ އާއި އެވަޓަން އަދި ނިއުކާސަލް އާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރާނެއެވެ.