ފުލުހުންނާއި، އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ޤައުމެއްގެ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އައިއެސްގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ތުހުމަތުކޮށް ރާއްޖެއިން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރު ޝަރިއަތް ނުމެންދެން ބަންދުކޮށްފިއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔަ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުންވަނީ މިމައްސަލައިގައި ހޫދު މުހައްމަދު ޒާހިރު މި ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

އިއްޔަ ކޯޓުގައި ހޫދު މުހައްމަދު ޒާހިރު ބުނެފައިވަނީ އޭނާ ޓެރަރިޒަމްގެ އަމަލެއް ނުހިންގާ ކަމަށެވެ. އަދި އޭނާއަކީ އެފަދަ ޖަމާއަތެއްގެ މެމްބަރެއްކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނެތްކަމަށާއި، އޭނާ އަކީ ކޮމްޕިއުޓާ ސައިންސް އެނގޭ މީހެއް ނޫންކަމަށެވެ.

މީގެއިތުރުން ހޫދު މުހައްމަދު ޒާހިރު ކޯޓުގައި ބުނެފައިވަނީ އޭނާއަކީ މައުލޫމާތު ހޯދާހިތްވާ މީހެއްކަމަށްވާތީ ފޯނުގައި އެކި މައުލޫމާތު ހުރެދާނެކަމަށެވެ.

ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ދައުވާކޮށް ޕީޖީން މީގެކުރިން ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކަމަށެވެ.