ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާ ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ،
މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގަ އެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.