ދިވެހިރާއްޖޭގައި އިހުޒަމާނުގައި ގެދޮރު އަޅައި އުޅުނީ ދަނޑިފަނުންނެވެ. އެހެން އަޅާ ގޭގެ އަވަސް އަވަހަށް މަރާމާތުކުރަންޖެހެއެވެ. މިއަށްވުރެ ފަސޭހަގޮތެއް ފެނުނީ 20 ވަނަޤަރުނުގެރޭގައެވެ. އެއީ އުވަޔާއި ގަލުން ރޭނުމެވެ.

އުވައަކީ މީގެ 4000 އަހަރުކުރިން ޤަދީމީ އިންޑިއާގައި އީޖާދުކުރި އެއްޗެކެވެ. ވަރަށް ކުރީއްސުރެ ރާއްޖޭގައި ވެސް އުވަދަވައި ދުފުމަށް ބޭނުންކުރަމުން އައެވެ. ރޭނުމަށް އުވަ އެންމެ ކުރިން ބޭނުންކުރެވުނީ މާލޭގެ ވަށައިގެން ލެވުނު ދިފާއީ ފާރުތަކަށާއި ބުރުޒުތަކަށެވެ. މީގެ އެންމެ މުހިންމު މަސައްކަތްތައް ކުރެއްވީ އައްސުލްޠާން މުހައްމަދު ޢިމާދުއްދީން 1 (1620-1648) އެވެ.

އައްސުލްޠާނު މުހައްމަދު ޢިމާދުއްދީން 6 ގެ ރަސްކަމުގައި (1892-1903) ބިނާކުރި 3 ބުރީގެ އުސްގެކޮޅަކީ މީހަކު ދިރިއުޅެން ފުރަތަމަ އުވައިން ރާއްޖޭގައި އިމާރާތް ކުރި ބިނާކަމަށް ވެދާނެއެވެ. ކޮންމެއަކަސް އުވަގަލުން އިމާރާތްކުރުން އިތުރުވީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުންނެވެ.

އުވަ ދަވާގޮތް އިހުޒަމާނުއްސުރެ ދިވެހިން ދަނެއެވެ. އުވަދަވަނީ ފުއްޓަރުފަރާތުގެ ދެފަސްބެދޭ ހިސާބުގައި ކޮންނަ ވަޅެއްގައެވެ. ވަޅުކޮނެފައި ވަށައިގެން ފުޅަފެއްލައި އޭގެތެރޭގައި އުވަދަރު ކައްޗަށް އަތުރައެވެ. އުވަދަރުގެ ގޮތުގައި ބޭނުންކުރަނީ ދެރަވަރު ލަކުޑިއާއި މަތިވަރު ދެރަ ރުއްގުޅިއެވެ. ލަކުޑި ކަނޑަނީ ސަރުކާރުން ދޫކުރާ ލަކުޑި ސިޓީއަށެވެ.

ވަޅުގައި ދަރު އަތުރާއިރު އެއްފަރާތުގައި، އެތެރެއަށް ކުދި ދަރު އަޅަން ބާގަނޑެއް ބަހައްޓައެވެ. އެއިން އެތެރެއަށް ލަނީ ހިކި ފުޅައްޕާއި އިހަލާއި ހޯއްޔާއި އަދި މިނޫން ވެސް ފަސޭހައިން ރޯވާ ކުދި ދަރެވެ. އުވަވަޅަށް ހުޅުލާނީ އެ ބާގަނޑުންނެވެ. އެގޮތަށް ކުދި ދަރު ލުމުގެ ބޭނުމަކީ ބޮޑެތި ދަރުގައި ރޯވަންދެން ހުޅުގަނޑު ދެމެހެއްޓުމެވެ. ބޮޑެތި ދަރުތަކުގައި ރޯވެ އަނދަންފެށީމާ އޭގެ މައްޗަށް އަކިރި އަޅައެވެ. މިގޮތުން ލަކުޑިތައް ބަންދުތަނެއްގައި އަނދާތީ ވަޅުތެރޭގެ ހޫނުގަދަވެ އަކިރިތައް އުވައަށް ބަދަލުވެއެވެ. އާއްމުކޮށް އުވަވަޅެއް ނިވާލަނީ ދެތިން ދުވަސް ކޮށްފައެވެ. ނިއްވަނީ ޑަބިޔަލަކުން މޫދުލޮނު އަޅައިގެންނެވެ. ވަޅު ނިއްވާލުމަށްފަހު އުވަތައް ގެޔަށް ގެންގޮސް ފައްލަވަކުރާނީއެވެ.

ދެން، ރޭނުމަށް ވެއްޔާއި ގައު އެއްކުރެއެވެ. އިހުޒަމާނުގައި އަމިއްލަ ރަށުގެ މޫދާއި ގޮނޑުދޮށުން އެތަކެތި ނެގެއެވެ. ނަމަވެސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން އެކަން މަނާކުރެވުނެވެ. ފަހުންފަހުން ވެއްޔާއި ގައު ނެގެނީ ހަމައެކަނި އެތެރެވަރީގައި ހުންނަ ގިރިފަޅުންނެވެ.

ގައު ތަޅައި ނިމުނީމާ ވަލަށް ގޮސް މުޑި ކަނޑައެވެ. މިކަމަށް އާއްމުކޮށް ބޭނުންކުރަނީ ކަނޑޫފަދަ ތެދަށް ހުންނަ ގަސްގަހެވެ. ކަށިކެޔޮ ހޮޅު ވެސް ބޭނުންކުރެއެވެ. އެއިން، ގޭގެ ކަންތަކުގައި މުޑިޖަހައެވެ. ކޮންމެ ބިތެއްގެ ވެސް ދެ ކޮޅުމުޑީގެ މަތީގައާއި ތިރީގައި ރަހައަށް ދެ ދަނޑި އައްސައި މަތިން ތިރިއަށް އޮލަނބު ބާލާއެވެ. މިގޮތުން ކޮންމެ ކަނެއްގައި އޮލަނބެއް ހުންނާނެއެވެ. އޮލަނބުގެ ބޭނުމަކީ ކަންތައް ސީދާކޮށް، ތެދަށް، އޮލަނބަށް ބެހެއްޓުމެވެ. ބިތެއް ރާނަމުންދާއިރު ރާނާ ހިސާބުގެ މައްޗާ ހަމައިގަ ބިތުގެ ދެ އޮލަނބުން ރޯނެއް ރަހަކޮށް ދަމާނެއެވެ.

ދެން އޮންނާނީ ބިންގަލަށް ކޮނުމެވެ. ކޮންނާނީ އަޅާ ގޭގެ ފާރުފާރު ހުންނަންވާ ތަންތަނުގައެވެ. ބިންގާއަޅަނީ ރަނގަޅު ސާޢަތެއްގައި އެދުރު ބޭކަލަކު ގެނެސް ކިޔެވެލި ކިޔަވައިފައެވެ. ބިންގާއަޅާއިރު ފުރަތަމަ އުވަ ގަށާނީއެވެ. އެކަން ކުރާނީ އުވަދޯންޏެއްގައި އުދަލިންނެވެ. އުވަ ގަށަން އަޅަނީ އުވަ ޑަބިޔަލަކަށް ތިން ޑަބިޔާ ވެއްޔެވެ. ދެން އެ އޮލަވާވަރަށް ފެނެވެ. އުވަ ގެށުނީމާ އޭގެ ފަށަލައެއް ކޮނެފައިވާ ކޯރުގައި ފަތުރައި އޮމާންކުރެއެވެ. ދެން އޭގެ މަތީގައި ގާތައް، ރޯނާ ސީދާކޮށް އަތުރައެވެ. ކޮންމެ ކަނެއްގައި ވެސް ބާއްވަނީ ތަންކޮޅެއް ބޮޑު ވަރުގަދަ ގަލެކެވެ. އޭގެ ބޭނުމަކީ ކަންތައް ގަނބައިގެން ނުގޮސް ހިފެހެއްޓުމެވެ.

އެންމެ ކުރީގައި ފާރު ރާނައި އުޅުނީ ދެ ބިތުގައި ދެ ފިލާ ޖަހައިގެން އެ ދޭތެރޭގައެވެ. އެއީ ފާރު އެއްވަރަށް އޮލަނބަށް ބެހެއްޓުމަށެވެ. ފިލާނުޖަހައި، މޮޅެތި ރާނާ މީހުންރޭނީމާ ފާރު މާރީއްޗަށް އެއްވަރަށް ހުރެއެވެ. ރާނަން ބޭނުންވާ އުވަ ބަހައްޓަނީ އުވަ މަތިގަނޑެއްގައެވެ. އެއީ ކޮޅުބިތް ކަތިކޮށް ހުންނަ މަތިނެތް ފޮށިގަނޑެކެވެ. އެއިން އުވަނަގައި ރާނާ ތަނަށް އަޅައި އެއްވަރުކުރާނީ ހަންޖަކުންނެވެ. ފާރުގެ މަތީ ބައި ރާނަނީ އަށިއަޅައިގެނެވެ.

މޮޅަށް ހަދާގޭގޭގައި ރާނާ ހިޔާކޮށް ނިމުނީމާ ފާރުތަކުގައި އުވަޖަހާނެއެވެ. އުވަޖަހަން ފުރަތަމަ ހަނދިން ފާރަށް އަތްބުޑު އުވަ އުކައެވެ. މޮޅު މީހަކު އަތްބުޑު އުވަޖެހީމާ ހުންނާނީ ރީތި ޑިޒައިނަކަށެވެ. ބައެއް މީހުން އިތުރު ކަމެއް ނުކޮށް އެގޮތަށް ވެސް ބަހައްޓައެވެ. ފާރު އިތުރަށް އޮމާންކުރާނަމަ ދިގު ފަތިގަނޑކުން ކަހައި އެއްވަރުކުރެއެވެ. އެކަން ކުރާއިރު އުވައިގެ ތެރޭގައި އޮއްގަލާއި އަކިރި ހުރިއްޔާ އެ ނަގައި އެއްކައިރިކުރާނެއެވެ. އޭގެ ފަހުން އަތްފިލާގަނޑުއަޅައި އޮމާން ކުރެއެވެ. އެންމެ ފަހުގެ ކަމަކީ އޮލަކޮށް އުވަގިރައި އެ ލައިގެން އޮމާން ކުރުމެވެ. އޮމާންކުރާނީ ހަނދިންނެވެ.

މި ހިސާބުން ގެ ރޭނުމުގެ ބައި ނިމުނީއެވެ. އެއާ ގުޅިގެން ދެން އޮންނާނީ މަތިވަޑާންގަނޑު ހަދައި ހިޔާކޮށް ގެއަށް ވަނުމެވެ. އެއީ މި މައުޟޫއުން ބޭރެވެ.

ފޮޓޯތައް:

1. އުވަ ވަޅެއް

2. ތެޅިގާތަކެއް

3. ރާނާފައި ހުރި ފާރު

4. އުސްގެކޮޅު