ކެނެޑާގެ ޕާލަމެންޓްގެ ސަބްކޮމިޓީއަކުން ތައްޔާރުކުރި ދިރާސާއެއްގައި ޗައިނާއިން ޝިންޖިއާންގައި ޖެނޮސައިޑް ހިންގާކަމަށް ނިންމައިފިއެވެ. ކެނެޑާގެ ޕާލަމެންޓުން މަސައްކަތް ކުރަމުން ދަނީ ޖަސްޓިން ޓުރޫޑޯގެ ސަރުކާރުން އިންސާނީ ހައްގުތަކުގެ މައްސަލާގައި ޗައިނާއާއި ޗައިނާ މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާށެވެ.
ބައެއް އެމްޕީން ބުނިގޮތުގައި އެމީހުން ބާއްވާފައިވާ އަޑުއެހުންތަކުގައި އަނިޔާ ލިބުނު މީހުން ކިޔައިދީފައިވާ ވާހަކަތަކުން ހީވަނި ފިލްމެއްގެ ސްކްރިޕްޓެއް ހެންނެވެ. އެކަމަކު އެކަންކަމަކީ ހަގީގަތުގައި އުއިގޫރު މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް ކަމުގައި އެމްޕީން ގަބޫލު ކުރެއެވެ.
އުއިގޫރު މުސްލިމުންނަށް ދިމާވެފައިވާ އިންސާނީ ހައްގުތަކުގެ ކާރިސާއާ ބެހޭ ގޮތުން އޮޓަވާއިން ރިޕޯޓް ނިންމާފައި ވަނީ މިދިޔަ މަސް ނިމުނު ތަނާއެވެ.
ކޮންސަރވެޓިވް އެމްޕީ ޑޭވިޑް ސުއީޓް ވިދާޅުވިގޮތުގައި ކެނެޑާއިން ލަފާ ކުރަނީ އެހެން ކޮމަންވެލްތު ގައުމުތަކުންވެސް މި ކަމުގައި ފިޔަވަޅު އަޅައި ޗައިނާ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.
ބޮޑު ވަޒީރު ޓުރޫޑޫގެ ތަރުޖަމާން ވިދާޅުވީ، އިތުރަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން ސަރުކާރުން ވިސްނަމުންދާ ކަމަށެވެ. އަދި މި ރިޕޯޓްގެ ސަބަބުން އެހެން ގައުމުތަކަށްވެސް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިންޖިއާންގައި ޗައިނާއިން ހިންގާ އަނިޔާތަކާ ގުޅޭ ރިޕޯޓްގައި ވަނީ ގިނަ އަދަދަކަށް މުސްލިމުން ކޭމްޕްތަކުގައި ބަންދުކޮށްފައި ގެންގުޅުމާއި، އެމީހުން ދަރިމައި ނުވާ ގޮތަށް ހެދުމާއި، އެމީހުންގެ ގުނަވަންތައް އެހެން މީހުންގެ ބޭނުމަށް ނެގުމާއި، ގަދަކަމުން އެމީހުން ލައްވައި މަސައްކަތް ކުރުވާ ކަމަށެވެ.
އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖިންސީގޮތުން އުއިގޫރު މުސްލިމުންނަށް ގޯނާ ކުރާ ކަމަށްވެސް ބުނެފައި ވެއެވެ. މިމީހުން އުއިގޫރު ބަހުން ވާހަކަ ދެއްކުން މަނާކޮށްފައިވާ ކަމަށްވެސް މި ރިޕޯޓްގައި ވެއެވެ.
ޝިންޖިއާންގެ ހަތަރު ހިސާބެއްގައި 2019ގައި ދަރިމައިވާ އުމުރުގެ 80 އިންސައްތަ މީހުން އުފުރާލައި، ގަދަކަމުން އެމީހުން ދަރިމައި ނުވާ ގޮތް ހެދިކަމަށްވެސް ބުނެފައި ވެއެވެ.
ޗައިނާގެ މި އަމަލުތަކާ ބެހޭ ގޮތުން އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް ޖަރނަލިސްޓުން ވެސް ސިއްރު ޗައިނާ ކޭބަލްތައް ބޭނުންކޮށްގެން މި އަނިޔާތައް ޑޮކިއުމެންޓްކޮށް ރިޕޯޓް ކޮށްފައި ވެއެވެ.
ޗައިނާއިން މި ވާހަކަތައް ފަށްފަށުން ދޮގު ކޮށްފައި ވެއެވެ.
ނަމަވެސް އެކި އެކި ޖަމާއަތްތަކާއި ޖަމުއިއްޔާ ތަކާއި އަމިއްލަ ފަރުދުންނާއި މީޑިއާއިން ވަނީ ސެޓެލައިޓް ފޮޓޯއާއި މަންޒަރާއެކު ޗައިނާގެ އަމަލުތައް ސާބިތު ކޮށްދީފައެވެ. އެގޮތުން މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތައް ތަޅާލުމާއި މިސްކިތްތައް ރާވިއްކާ ނުވަތަ ސިގިރޭޓް ވިއްކާ ތަންތަނަށް ބަދަލު ކުރުން ހިމެނެއެވެ. އަދި އެއް ހާދިސާއެއްގައި މިސްކިތެއް ފާޚާނާއަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ފޮޓޯއާއި މަންޒަރުން ރިޕޯޓް ކޮށްފައި ވެއެވެ.
ޗައިނާއާ މެދު ވިޔަފާރިއާއި މަސްލަހަތުގެ ދެބަސްވުން އޮންނަ ގައުމުތަކުން މި މައްސަލަ ދަނީ ތާއަބަދު ރިޕޯޓް ކުރަމުންނެވެ. އެހެންނަމަވެސް މުސްލިމު ގައުމުތަކުން މާބޮޑު ސަމާލުކަމެއް ނުލިބޭކަމަށް ވަރލްޑް އުއިގޫރު މުސްލިމު ކައުންސިލުން ބުނެއެވެ.