މާލެ، ތިން ގެއެއްގެ ބޭރުގައި "އިންޑީއާ އައުޓް" ޖަހާފައި ދަމާފައިވާ ބެނާތައް ނަގަން ފުލުހުން އަންގައިފިއެވ.

މިކަމާ ގުޅިގެން ފުލުހުން ބުނީ "އިންޑިއާ އައުޓް" ޖަހައި މިގޮތަށް ބެނާ ދަމާފައި ހުރުމަކީ, ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވާކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަންގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެކަމެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން، މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިނގާ ކަންކަމުގެ ސަބަބުން ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގެއްލުން ވެދާނެ ފިތުނަވެރި އަމަލެއްކަމަށާ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމުގައި ބެލެވޭކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ)، (ނ) އަދި (ފ) ގެ ދަށުން އާންމު މަސްލަހަތު ރައްކާތި ކުރުމާއި، އާންމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތައް ނެގުމަށް ލިޔުމުން ވާނީ އަންގާފައިކަމަށް ފުލުހުން ބުނެއެވެ.