ރޭގަނޑެއްގެ އެންމެ ހަލަބޮލި ވަގުތެވެ. ދުއްވާ އެއްޗެހިން މާލޭގެ މަގުތައް ތޮއްޖެހިފައިވުމުން ހަމަހިމޭން މާޙައުލެއް ހޯދުމަށް ގިނަ ބައެއްގެ މަންޒިލަކަށް ވެފައިވަނީ ދާލައަކުން ހުރަސްކޮށްލައިގެން ގޮސް އެންމެ ކައިރިން އެރެން އޮތް ޒަމާނީ ސިޓީ ހުޅުމާލެއެވެ. މަރީއާއި މަސީޙުގެ މަންޒިލަކަށްވެސް ވެފައިވަނީ މި ހިތްގައިމު ސިޓީއެވެ. މިސިޓީގެ ތެރެއިން ވެސް ޔޫތް ސިޓީއެވެ. އެންމެފަހުން ބަދަލުކޮށްލި އެއަރ ބްލޭޑް ސައިކަލުގައި ހައިނުކޮށް ހުޅުމާލޭގައި ބުރަކަށްފަހު ބުރެއް އަޅަމުންގޮސް ގަޑިން އެގާރަ ޖަހާ ބޮޑުވިކަން ވެސް އެ ދެ ޒުވާނުންނަން އިހްސާސް ނުވާ ކަހަލައެވެ.
ތަންކޮޅެއް މީހުން މަދު ތައްކަތު މަގަކަށް އާދެވުމުން މަސީޙު ވަރަށް ބާރަށް ވައިރޯޅިއެއް ފަދައިން ސައިކަލް ދުއްވަން ފެށިއެވެ. ހެޑްލައިޓް ވެސް އޭނާ ނިއްވާލީ މަރީ އެނާގެ ލޮލަށް އުނދަގޫވާކަމަށް ބުނުމުންނެވެ. ކުއްލިއަކަށް ކުރިމައްޗަށް އެރި ކާރެއްގައި މަސީޙުގެ ސައިކަލުން ޖެހުނެވެ. ސައިކަލް އަރި އަޅާލައި ވެއްޓުނު އިރު ކާރުގޮސް ފުރޮޅެމުން ގޮސް ޖެހުނީ އަރިމަތީގައި ހުރި ބިޔަ ނިކަ ގަހެއްގައެވެ. މަރީ އޭނާގެ ލޭކޮށިފައިވާ އަތުގައި ފިރުމަމުން ދުއްވައިގަތީ ކާރާ ދިމާއަށެވެ. ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާއިރު، އެކާރު ދުއްވަން އިން އަންހެނާ އޮތީ ކާރާއި ގަހާ ދޭތެރޭގައި ފިތިފައެވެ. މަރީއަށް އޭނާ އޮތް ޙާލު ފެނުމުން ހެއަށް ގޮތްވިއެވެ. ބޮލަށް އެނބުރުން އެރިއެވެ.
އެވަގުތު ކުއްލިއަކަށް ސައިރިން އަޅަމުން އެދިމާއަށް ޕޮލިސް ޖިޕެއް އަންނަން ފެށުމުން މަރީ އަދި އިތުރަށް ހާސްވާ ގޮތް ވިއެވެ. ކަން ވާނެގޮތް މަރީއަށް ރަނގަޅަށް އެނގެއެވެ. މަސީޙުގެ އަތުގައި ލައިސަންސެއް ނޯވެއެވެ. ނުވީތާކަށް އޭނާ ދުއްވީ ކަނޑައެޅިފައިވާ ދުވެއްޔަށް ވުރެ މާ ބާރަށެވެ. އަނެއްކޮޅުން ހެޑްލައިޓު ވެސް ހުރީ ނިއްވާލާފައެވެ. މަސީއަށް ޙުކުމެއް އިއްވާ ޖަލަށް ވެސް ލާފާނެއެވެ. މަރީ ގޮސް މަސީޙުގެ ކަންފަތް ބުޑުގައި ކޮންމެވެސް އެއްޗެކޭ ބުނުމުން މަސީހުގެ ދެލޯ ބޮޑުކޮށްލާފައި އޭނާއާ ދިމާއަށް ބަލާލިއެވެ.
"ސަރ!.... އަޅުގަނޑު ސައިކަލް ދުއްވަން އިނީ. މީހުން ނެތް މަގެއް ވީމާ ތަންކޮޅެއް ބާރަށް ދުއްވުނީ. ހެޑްލައިޓް ނިއްވާލައިގެން ދުއްވީމާ ކާރު އައިތަނެއް ވެސް ނުފެނުނު" މަރީ ޕޮލިސް މީހާއަށް ވީގޮތް އޮޅުންފިލުވައިދިނެއެވެ. މަސީޙަށް މަރީ މި ކުޅުނު ޑްރާމާއާ މެދު ހުއްޓުން އަރާފައި ހުރެވުނީއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާ އާ ހެދިއެވެ. ވީއިރު މަރީ އޭނާ ކުރިކަމެއްގެ ޒިންމާ ނެގީ ކީއްވެ ހެއްޔެވެ؟
ކާރު ދުއްވަން އިން ސީމާގެ ފުރާނަ ނެތް ހަށިގަނޑާ ޙަވާލުވާން އައީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ސިމަންއެވެ. ސިމަންއަށް އެކްސިޑެންޓް ހިނގަން މެދުވެރިވި ދެ ޒުވާނުން ޕޮލިސްޓޭޝަންގައި ތިބިކަން އެނގުމުން އަވަހަށް އެތަނަން ދިޔައެވެ. އެތާނގައި އިސްޖެހިފައި އިން މަރީ ފެނިފައި ހިނދުކޮޅަކަށް ސިމަންއަށް ހުއްޓުން އެރިއެވެ. އަދި މަސީޙު ފެނުމުން ނަފުރަތުގެ ކަނިތައް ބުރައިގަތެވެ. އޭނާ ހިތަށް އެރިއެވެ. ފިރިހެން ކުއްޖާގެ ބަދަލުގައި އަންހެން ކުއްޖާ ސައިކަލް ދުއްވަން އިނީ ކީއްވެހެއްޔެވެ؟ ކަންތައް ކޮންމެ ގޮތަކަށްވިޔަސް އޭނާގެ މަންމަގެ މަރުގެ ސަބަބަކީ އެ އަންހެން ކުއްޖާއެވެ. އޭނާ ހިތުގައި ނަފުރަތުގެ ހުޅުގަނޑު ރޯވިއެވެ. މަރީއަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ސިމަން އެކަމާ އެހާ ހިތްހަމަ ނުޖެހުނެވެ. އެންމެ ހަތް އަހަރުން އޭނާގެ މަންމަގެ މަރުގެ ބަދަލު ހިފޭނެހެއްޔެވެ؟ އަނެއްކޮޅުން މަސީޙު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެ ހަތް އަހަރުގެ ޖަލު ޙުކުމަކީ ހަގީގަތުގައި މަސީޙަށް އިއްވަންޖެހޭ ހުކުމެކެވެ. މަރީ އޭނާ ކުރި ކުށުގެ ޒިންމާ ނަގަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ބުނީ ލޯބިވާތީ ކަމުގައެވެ. ނުވިތާކަށް މަސީގެ ކިޔެވުމަށް ބުރޫއެއް އަރަން އޭނާ ބޭނުން ނުވާތީ ކަމުގައެވެ.
މަރީގެ ކިޔެވުން ފެށެނީ އަންނަ ޖެނުއަރީ މަހުއެވެ. ކިޔެވުން ފެށިފައިވާ މީހާ ކުރިއަށްގޮސް ނުފެށޭމީހާ އެހުވަފެންތައް ފުޑުފުޑުކޮށްލުން މާ ރަނގަޅު ވާނެކަމަށް މަރީ ބުނަމުން ގެންދިޔައެވެ. އަދި ހަތް އަހަރު އޭނާއަށް އިންތިޒާރުކުރުމަށް އެދުނެވެ.
މަރީ ވަރަށް ކުޑައިރު އޭނާގެ މައިންބަފައިންވަނީ ނިޔާވެފައެވެ. އޭނާ ބަލާބޮޑުކުރީ އޭނާގެ މާމައެވެ. މާމައަކީ ސުކޫލެއްގެ މަސައްކަތު މީހެކެވެ. ލިބޭ އާމުދަނީން އުޅޭ ކޮޓަރިގަނޑަށް ކުލި ދައްކާފައި ދެކޮޅުޖެހެނީ ހަމަކިރިޔާއެވެ. އެހެންނޫންނަމަ ވަކީލުން ހަމަޖައްސައިގެން ވެސް މަރީ ޖަލަކަށް ނުވަންނާނެއެވެ.
ހަތް އަހަރުފަހެވެ. މަރީ ޖަލުން ދޫކޮށްލާތީ އޭނާއާ ޙަވާލުވުމަށް އޭނާގެ މާމަ ޒަރީނާ އައިސް ހުއްޓެވެ. ހަތް އަހަރުފަހުން ވެސް މަރީއަކަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އުނަގަނޑާ ހަމައަށް އަރާ ރޭގަނޑެއްފަދަ ފަށުވި އެ އިސްތަށިގަނޑެވެ. އެ ދޮން މޫނު ކުޑަކޮށް މިލާ ހިކިފައިވީނަމަވެސް އެރީތި ކަމަކަށް މާބޮޑު ބަދަލެއް ނާދެއެވެ.
ޒަރީނާއާ އެކު ގެއަށް ގޮސްފައި މަރީ މަސައްކަތްފެށީ މަސީއާ ގުޅޭތޯއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ހަތް އަހަރުފަހުން މަރީ ފެނުނީމާ މަސީ އުފާވާނެކަމުގެ ފޮނި އުންމީދުގައި މަރީ މިސްރާބު ޖެހީ މަސީގެ ދިރިއުޅޭ ގެއާ ދިމާއަށެވެ. އެ ގޭގެ ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވީ މަރީއާ ދާދި އެއް ފުރާގެ އަންހެންކުއްޖެކެވެ. ގާތްގަނޑަކަށް އުމުރުން ތިން އަހަރަށްދާ ތުއްތު ފިރިހެން ކުއްޖެއް އުރާލައިގެން ހުރިއިރު އޭނާ މަރީއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
"މަސީ އެބަ އުޅުއްވާތޯ؟" މަރީ ބުނުމާއެކު އެއަންހެންކުއްޖާ އޭނާ އުރައިގެން އިން ތުއްތު ކުއްޖާ ކިހިލިން ބާލައި ބިމުގައި ބަހައްޓަމުން ވާހަކަދެއްކިއެވެ.
"ދަރިފުޅު ދޭބަލަ ބައްޕައަށް ގޮވާލަން.." އެއަންހެންކުއްޖާ ބުނި އެއްޗަކުން މަރީއަށް ސިހުން ލިބުނެވެ. އެއަންހެންކުއްޖާ އެތެރެއަށް ވަންނަން އެދުމުން މަރީ އޭނާއަކީ ކާކުތޯ ސުވާލުކުރިއެވެ.
"އޯހް!......މީ ޒިންދު. މަސީގެ ވައިފު." އެ އަންހެންކުއްޖާގެ ދުލުން ބޭރުވި ލަފުޒުތަކުން ހީވީ މަރީގެ ހިތަށް ދޮން ދަނގަޑު ބުރިއެއް ހަރާލިހެންނެވެ. ވަޅިއަކުން ހިތުގައި ޅިއަ އަޅާލިހެންނެވެ. އެމީހަކަށްޓަކައި އޭނާ ހަތް އަހަރު ޖަލުގެ ތޭރިތަކުގެ ބިތްދޮށުގައި ހޭދަކުރި މީހާ އޭނާއަށް ބޭވަފާތެރި ވެދާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.
މަސީ ސިޓިންގ ރޫމަށް ނުކުތުމާއެކު އޭނާއަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ޒިންދު އޭނާގެ ދަރިފުޅު ގޮވައިގެން ކޮޓަރިއަށްވަނީ މަސީއަށް އޭނާގެ ރަޙްމަތްތެރިޔާއާ ވާހަކަދައްކާލުމަށް ވަގުތުކޮޅެއް ދޭނަމޭ ހިތައެވެ. ދެ މީހުން އެކަނިވުމާއެކު މަސީ ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެކަން މަނާކުރީ މަރީއެވެ.
"މަސީއަށް ޓަކައި އަހަރެންވީ ފިދާ ތިޔަ ގޮތަށް ފެނިދާނެ ކަމަކަށް އަހަރެން ފަހަރެއްގައިވެސް ހީނުކުރަން. މަސީއަށް ޓަކައި އަހަރެން ހޭދަކުރި ހަތް އަހަރުގެ ބަދަލު ތިޔަ ގޮތަށް ދިންއިރު އެއްވެސް އެއްޗެއް ހަމަ ހިތަށް ނާރާތަ؟ މަސީ ކުރި ކުށުގެ ޒިންމާ ނެގުން އެއީ އަހަރެންގެ މޮޔަކަން. މަސީ ދެކެ ލޯބި ވުން ވެސް އެއީ އަހަރެންގެ މޮޔަކަން..... މަސީ ކީއްވެތަ ތިހެން ތިހެދީ؟" މަރީއަށް ގިސްލާ ރޯން ފެއްޓުނެވެ.
އެގެއިން ނުކުންނަން ދިޔަ މަރީއަށް ހުއްޓުން އެރީ މަސީ ބުނެލި އެންމެ ލަފުޒުންނެވެ.
"ސޮރީ!" މަސީގެ ކޯތާފަތަށް މަރީގެ ހޫނު ތަފާލެއް އެރީ އެލަފުޒުން މަރީގެ ރުޅިގަނޑު މަތަނުވުމުންނެވެ. އެލަފުޒުން އޭނާގެ ޙަޔާތުގެ ބޭކާރު ކުރެވުނު ހަތް އަހަރު އަނބުރާ ގެނެވޭނެ ހެއްޔެވެ؟ އޭނާގެ ޒަޚަމުވެފައިވާ ހިތަށް ފަރުވާ ކުރެވޭނެ ހެއްޔެވެ؟
އޭގެ ހަފްތާއެއް ފަހެވެ. މަރީގެ ކަމަކީ ހުސް ރުއިމެވެ. ޒަރީނާ ވެސް ހުންނަނީ އެކަމާ ކަންބޮޑު ވެފައެވެ. ޚުދު އޭނާއަށް ވެސް މަސީޙު އެހެން ކަންތައް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވުނެވެ. ޚާއްސަކޮށް މަރީ އޭނާ ކުރި ކުށުގެ އަދަބު ލިބިގަތް އިރެވެ. ވީއިރު އޭނާ މަރީއަށް ހިތްވަރު ދޭން ބުނާނީ ކީކޭ ހެއްޔެވެ؟ މަރީ އޭނާގެ ހަލާކުވެފައިވާ ހިތާއެކު އޭނާގެ ފުނޑުފުނޑުވެފައިވާ ދިރިއުޅުން އާރާސްތު ކުރުމަށް ނިންމިއެވެ. އެގޮތުން ވަޒީފާއެއް ހޯދިއެވެ.
"އެސް.ކޮންސްޓްރަކްޝަންސް" ވެރިޔާ ސިމަން އޮފީހަށް ވަދެގެން އައީ ފޯނުން ދުވަހުގެ ތާވަލު ބަލަމުންނެވެ. އޮފީހުގެ މުވައްޒަފެއް ކަމަށްވާ ޖީޒާ އޭނާ ހަމަޖައްސަފައިވާ އާ އެސިސްޓެންޓް އައިސް ހުރި ވާހަކަ ބުނެލިއެވެ. ސިމަން އޭނާގެ ކޮށިގަނޑު ކައިރީގައި އިނދެ އޭނާގެ އެސިސްޓެންޓް އެކޮޓަރިއަށް ފޮނުވުމަށް އެދުނެވެ. ކުޑައިރު ކޮޅެއް ފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމަށްފަހު އެތެރެއަށް ވަން އަންހެން ކުއްޖާ ފެނިފައި ސިމަން ހުއްޓުން އެރިއެވެ. ފެހި ކުލައިގެ ޖަންޕިންގ ސޫޓަކާއެކު އެއަންހެން ކުއްޖާގެ ފަން އިސްތަށިގަނޑު ވަނީ ފަހަތުން އައްސާލެވިފައެވެ. މާބޮޑު މޭކަޕެއް ކޮށްފައި ނެތަސް އެ ކުޑަ ތުންފަތަށް ވަނީ ފިޔާތޮށި ކުލަ ފާއްދާލާފައެވެ. އަންހެން ކުއްޖާ ކިތަންމެ ރީއްޗަސް އެރީތި ކަމުގެ އަވާގައި ޖެހެން ސިމަން ބޭނުމެއް ނުވިއެވެ. އެއީ އޭނާ މިދުނިޔެއިން އެންމެ ނަފުރަތު ކުރި އިންސާނާއެވެ. އެއީ އޭނާގެ މަންމަގެ މަރުގެ ސަބަބެވެ.
ސިމަން ފެނުމާއެކު މަރީ ނުތަނަވަސް ވާގޮތްވިއެވެ. އެއީ އެކްސިޑެންޓްގައި މަރުވިމީހާގެ ދަރިފުޅުކަން މަރީއަށް ހަމަ ޔަގީނެވެ.
"މިއަދު ދިހައެއް ޖަހާއިރު އޮތް ބައްދަލުވުމަކަށް އަހަންނާއެކު ދާން ޖެހޭނެ...ބައްދަލުވުމުގެ ޚުލާޞާ ރިޕޯޓެއް އަހަންނާ ހަވާލުކުރާތި." ސިމަން ބުނެލިއެވެ. މަރީ ބޯޖަހާލާފައި އެ ތަނުން ދިޔައެވެ.
ދުވަސްތައް ފަސްމަގާ އެކުވަމުން ދެއެވެ. މަރީއަށް ސިމަން ބުނާގޮތަށް އެއްކަމެއްވެސް ކުރެވޭ ކަމަކަށް ނުވެއެވެ. އޭނާގެ މަސައްކަތުގައި ސިމަން ކަމުނުދާ ކޮންމެވެސް ކަމެއް އަބަދުވެސް ހުރެއެވެ. ސިމަން އޭނާދެކެ އެހާ ރުޅި އަންނަނީ އޭނާގެ މަންމަ ނިޔާވީ މަރީ ކަމުގައިވާތީކަމަށް ވަރަށް ސާފުކޮށް ސިމަން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ހަގީގަތް ނޫންކަން ބުނެދޭން މަރީ ބޭނުންވެއެވެ. ފަސްޖެހެވެނީ ސިމަން އޭނާގެ ވާހަކަ ގަބޫލު ނުކުރާނެކަން އިނގޭތީއެވެ. ސިމަން ބޭރުފުށުން ކިތަންމެ ރުންކުރުގޮތް ދައްކައިގެން އުޅުނަސް އޭނާއަށް މަރީ ވަރަށް ކަމުދެއެވެ. އޭނާ ހަވާލުކުރާ ހުރިހާ މަސައްކަތެއް ވެސް މަރީ ވަރަށް ފުރިހަމައަށް ނިންމައެވެ. ސިމަން މަރީގެ ރީތިކަމަށް ވެސް ހިތާހިތުން އެތަކެއް ތައުރީފެއް ކުރެވެއެވެ. ނަމަވެސް ބޭރުފުށުން އެހެން ޑްރާމާއެއް ކުޅެން ޖެހެނީ އޭނާގެ މަންމަގެ މަރުގެ ބަދަލު މަރީގެ ކިބައިން ހިފުމަށެވެ. ބައްޕަ ނިޔާވުމުގެ ކުރިން އޭނާގެ މަންމަ އޭނާ ބަލާބޮޑުކުރީ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށެވެ. ވީއިރު އޭނާގެ މަންމަ މަރާލި މީހާއަށް އެހާ ފަސޭހައިން މާފު ކުރާނެ ހެއްޔެވެ؟
ހަފުތާ ބަންދު ނިންމާލާފައި އޮފީހަށް ދިޔަ ސިމަންގެ ދެލޯ ހޯދަމުން ދިޔައީ އެންމެ މޫނެކެވެ. ބޭނުން ނުވިޔަސް އޭނާއަށް މަރީއާމެދު އަބަދުހެން ވިސްނެއެވެ. ނަމަވެސް އޮފީހަށް ވަނުމާއެކު އޭނާ މާޔޫސްކޮށްލީ ޖީޒާ ދިން ޚަބަރެވެ.
"މަރީ ސަލާމް ބުނެފަ މިއަދު ނާދޭ.. އޭނާގެ މާމަ ނިޔާވެގެން އުޅެނީ. އޭނާ ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ނިޔާވީ. އޭނާ ބަލާ ބޮޑުކުރީ އޭނަގެ މާމަ. ނައު ޝީ އިޒް އެލޯން.." ޖީޒާ މަރީއާމެދު ހަމްދަރުދީ ފާޅުކުރިއެވެ.
އެވާހަކަތައް އަޑުއަހާފައި ސިމަންގެ ހިލަ ހިތުގައި ރިހުމެއް އުފެދުނެވެ. ޑެސްކު ކައިރީގައި އިށީނދެ ހަމަޖެހިލުމަށްފަހު އޭނާ ފޯނު ނެގީ އަންނަ ހަފްތާ ކޮންޓްރެކްޓު އާކުރުމަށް އޭނާއާއެކު ބެންކޮކަށް މަރީ ދާންޖެހޭ ވާހަކަ ބުނުމަށެވެ. ނަމަވެސް މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން ހިތަށް އެރުމުން އެކަން ފަސްކޮށްލިއެވެ.
ބެންކޮކްގައި "އެސް ކޮންސްޓްރަކްޝަންސް'ގެ ފަރާތުން އައި މީހުން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށް އެމީހުންނަށް ދެވުނީ މެންދުރު ދޭއް ޖަހަން ކައިރިވެފައިވަނިކޮށެވެ. ސިމަންގެ ކޮޓަރީގެ ކުރިމައްޗަށް ހުރި ކޮޓަރިއަށް މަރީ ވަންތަން ބަލަން ހުރި ސިމަން ހިންދިރުވާލިއެވެ. އެ މޫނުމަތިން ފެންނަން ހުރި މޮޅިވެރިކަން ސިމަންގެ ހިތަށް އުދަނގޫ ކުރުވަމުން ދިޔައެވެ.
އިރާކޮޅުގެ ވަގުތެވެ. ޖެހިގެން އަންނަ ދުވަހު އޮންނަ މަހާސިންތާއަށް ވާންޖެހޭ ތައްޔާރީތައް ވަމުންދިޔަ ސިމަން އެމަސައްކަތްކޮށް ފޫހިވާގޮތްވުމުން ތިރީގައި ހައްދާފައިހުރި ގަސްތަކާ ދިމާއަށް މިސްރާބު ޖެހިއެވެ. އަރި މައްޗެއްގައި ފެންއަރުވާ ވަޑާމެއްގެ ކައިރީގައި ހުރި އަށިމަތީ އިށީންނަން ދިޔަ ސިމަންއަށް ސިހުން ލިބުނީ އަށިމަތީގައި އަމިއްލަ ކަކޫ ގެނެސް މެޔާ ބޮޑިކޮށްލައިގެން ރޯން އިން މަރީ ފެނުމުންނެވެ. ހުއްޓުން އަރާފައިހުރި ސިމަންއަށް ހަމަހޭވެރިކަންވީ މަރީ އިސްއުފުލާ ބަލާލުމުންނެވެ. ސިމަން މަޑުމަޑުންގޮސް އޭނާގެ ކައިރީގައި އިށީނެވެ.
"ކިތަންމެ ވަރަކަށް ރުޔަސް ވީކަމެއް ނުވާ ކަމަކަށް ނުވާނެކަން އެނގޭދޯ" ސިމަން ދުރުބަލަމުން ބުނެލިއެވެ.
ސިމަން އަބަދުހެން ރުންކުރުކޮށް ވާހަކަދައްކާފައި މިއަދު އެގޮތަށް ވާހަކަދެއްކުމުން މަރީއަށް ހިތްހަމަޖެހުން
ލިބުނެވެ. ސިމަން އޭނާއަށް މާފު ކުރީކަމަށް ނިންމާފައި އަވަހަށް ފުރުސަތުގެ ބޭނުން ހިފާ މިއޮއް ހުރިހާ ދުވަހު އޭނާ ބުނަން ބޭނުންވި ވާހަކަ ބުނުމަށް ގަސްދުކުރިއެވެ.
"އަމް..އެބައުޓް ޔުއަރ މޮމް..އަސްލު އެރޭގެ އެކްސިޑެންޓް. އެއީ އަހަރެންގެ އަތުންވީ ކަމެއް ނޫން...އެރޭ ސައިކަލް ދުއްވަން އިނީ މަސީ..."މަރީ އެހުރިހާ ވާހަކައެއް އެއް ނޭވާއިން ކިޔައިދީ ނިންމާލިއެވެ.
މަސީޙު ކުރި ކުށުގެ ބަދަލުގައި އޭނާ ހަތް އަހަރު ޖަލުގައި ހޭދަކުރި ގޮތެވެ. މަސީ އޭނާއަށް ބޭވަފާތެރިވި ވާހަކައެވެ. އެހުރިހާ އެއްޗެއް އަޑުއަހަން އިން ސިމަންއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ޖެހިހެންނެވެ. މިހުރިހާ ދުވަހު އޭނާގެ މަންމަގެ ގާތިލަކީ މަރީކަމަށް ހީކޮށް މަރީއަށް ޖެއްސުން ކުރަމުން ގެންދިޔައީ އޭނާ އެއްވެސް ކުށެއް ނުކުރާ އިރުގައެވެ. ރޯންއިން މަރީ ގައިގައި އޭނާ ބައްދާލީ ދެން ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ.
އޭގެ ހަމަސްފަހެވެ. ލޮނު ޒިޔާރަތް ޕާކުގެ ރޯޒް ގާޑްން ގައި ކުރިއަށްދަނީ ސިމަންއާއި މަރީގެ ކައިވެންޏެވެ. ސިމަން ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ މަރީއަށް ކުރެވުނު އުނދަގޫތަކަށް މާފަށް އެދުނެވެ. މަރީ އޭނާގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް ކަމަށް ބުންޏެވެ. މަސީއާ މެދުވެސް އަދި ސިމަންއާ މެދުވެސްމެއެވެ. މިހާރު އޭނާ ބޭނުންވަނީ މާޒީ ހަނދާން ނައްތާލާފައި ސިމަންއާއެކު މުޅިން އާ ބާބަކުން ޙަޔާތުގެ ދަތުރު ފަށާށެވެ.
ކުންފުނީގެ އަލަށް ހުޅުވި ފަސް ތަރި ހޮޓެލްގެ ތަނަވަސް ބޮޑު ކޮޓަރީގެ މަޑު ސޯފާގައި ލޯބިވާ އަނބިމީހާގެ އުނގުގައި ބޯ އަޅާލައިގެން މަމުއި ހަނދުވަރުގެ ދުވަސްތައް ގުނުމުގައި ހިނިތުންވެފާ ސިމަން އޮތެވެ. އޭނާއަށް މިއަދު ހުރިހާ ކަމެއް ސާފުވީ ކަހަލައެވެ. އިއްޔެ ދުށް ހުރިހާ ޝައްކަކާއި ވަހުމެއް ފިލާ ދިޔައީއެވެ. އެދެމެދުގައި އެއްވެސް ކިލަނބު ކަމެއް މިހާރު ނެތެވެ. އެ ހުރިހާ ކިލަނބު ކަމެއް އުދަރެސް އަލިކޮށްލައިފިއެވެ. އެހެނަސް އޭނާ މަރީއަށް ބުނެދޭން ޖެހޭ އެއް ވާހަކައެއް އެބަ އޮތެވެ. އެއީ ބޮޑު ވާހަކައެކެވެ. ކޮންމެ ވެސް ދުވަހަކުން އެ ޙަޤީޤަތާ އޭނާ ކުރިމަތިލާން ޖެހޭނެއެވެ. މަސީއަކީ ކާކުކަން އޭނާއަށް ބުނެދޭން ޖެހޭނެއެވެ. ޝަރުޢީގޮތުން މަސީއަކީ ބައްޕަގެ ދަރިއެއްގެ ގޮތުގައި ބަލައިނުގަތަސް އެއީ ހަމަ ބައްޕަގެ އަމިއްލަ ލޭގެ ރަމްޒެއްކަން ބުނެދޭން ޖެހެއެވެ. އޭނާގެ ބައްޕައާއި މަސީގެ މަންމަގެ ނާޖާއިޒް ގުޅުމުގެ މޭވާއެއްކަން ކިޔައިދޭން ޖެހެއެވެ. އެކަމަކު މަސީޙަށް އެއިން އެއްވެސް ކަމެއް ނޭނގެއެވެ. އެކަން އެނގެނީ ހަމަ އެކަނި ސިމަންއަށެވެ. މީހަކު ބުނެދީގެނެއް ނޫނެވެ. އޭނާގެ ބައްޕަ ލިޔެ ރައްކާކޮށްފައިވާ ވިޔަފާރި ނާމާތަކާއި ކުންފުނީގެ ޙިއްޞާތަކުންނެވެ.
-ނިމުނީ-