އަހަރުމެން އެންމެންނަކީ މުސްލިމުންކަމުގައި ވީހިނދު ވަރަށް ފަރިތަކޮށް ބިސްމި ކިޔަމުއެވެ. މަދަރުސާއިން ބިސްމީގެ މާނަވެސް ދަސްކުރަމުއެވެ..

ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ބިސްމިކިޔަން ހަނދުމަކުރާށޭ ކުޑަކުދިންނަށް އަހަރުމެން ބުނެދެމުއެވެ. އަދި ކާންފެށުމުގެ ކުރިން ކުޑަކުދިން ލައްވާ ބިސްމި ކިޔުއްވަމުއެވެ. ނަމަވެސް ބިސްމި ކިޔަން ޖެހޭ ސަބަބު އަދި ބިސްމި ކިޔަނީ ކީއްވެގެން ކަން އެނގެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށް ތޯއެވެ.

ބިސްމީގެ ކަލިމައަކީ، އިންސާނަކަށް ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ޙަމަލާތަކުން ދިފާޢުވެގަތުމަށް އޮތް ހަތިޔާރެވެ. އަހަރުމެން އިންސާނުންނަކީ އެހެނިހެން ދިރޭތަކެތިން ތަފާތު ގޯނާތައް އަންނަ ބައެކެވެ. ޖިންނި ޝައިތޯނުންގެ ކިބައިންވެސް މެއެވެ. ފަނިފަކުސާތަކާއި ޖަނަވާރުންގެ ކިބައިންނެވެ. އިންސީންނާއި ޖިންނީންގެ ފުށުންނެވެ. .

އާދެ! “މާތް ﷲގެ ނަންފުޅުން ފަށައިގަންނަމެވެ.” ފެށުމާއި ނިމުންވެސް ވަނީ އެކަލާނގެއަށެވެ. ބިސްމިﷲ ގެ ޢަޖާއިބަކީ އެއީ ހުރިހާ ނުރައްކާތަކުން އަހަރެމެން ދުރުކޮށްދޭ ހަތިޔާރެކެވެ. .

ޝައިތާނާއަކީ އަހަރެމެންގެ ޢަދާވާތްތެރިއެކެވެ. ޝައިތާނާ ވަނީ ގިޔާމަތަށް ދާންދެން އިންސާނުންނަށް ގެއްލުންދޭނޭކަމަށް އިޢުލާނުކޮށް،ފައެވެ. އެހެންކަމުން އޭނާއާއި އޭނާގެ އަޢުވާނުން އިންސާނުންނަށް ގެއްލުންދޭން ތަފާތު ގޮތްގޮތަށް މަސައްކަތް ކުރެއެވެ. ގޭގެއަށް ވަދެއެވެ. ގެންގުޅޭ އެއްޗެހި ފޮރުވައި ހަދައެވެ. ބުނެފައިނުވާ މާނައަކަށް ފޮރޮޅައިލައިގެން އަނެކާއަށް ވާހަކަ އަޑުއިއްވާ ހަދައެވެ. ކަންކަން ހަނދާން ނައްތުލައެވެ. އެކަންކުރުމަށް ޝައިތާނުންނަށްވަނީ އާދަޔާއި ޚިލާފު ބާރުތަކެއް މާތް ﷲ ދެއްވާފައެވެ. އެއީ އިންސާނުން އިމްތިޙާން ކުރެއްވުމުގެ ގޮތުންނެވެ. ޝައިތާނާއަށް އަހަރުމެންގެ ގޭގެއަށް ނުވަދެވޭ ގޮތެއް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ވަނީ ބުނެދެއްވާފައެވެ. ޙަދީޘް ކުރައްވާފައިވެއެވެ. “ރޭގަނޑުގެ އަނދިރިކަން އައިސް ވެރިވެގަންނަ ވަގުތު ތިޔަބައިމީހުންގެ ކުޑަކުދީންތައް ބޭރަށް ނުކުތުން މަތަކުރާށެވެ. ފަހެ ހަމަކަށަވަރުން އެވަގުތަކީ ޝައިތާނުންތައް ބިންމަތީ ފެތުރިގަނެގެން އަންނަ ވަގުތެވެ. އަދި ބިސްމިﷲ ކިޔައިފައި (މާތް ﷲ ގެ ނަންފުޅު ގަނެފައި) ގޭގެ ދޮރުތައް ޖަހާށެވެ. ފަހެ އެގޮތަށް ލައްޕާފައިވި ދޮރެއް ޝައިތާނާ އާ ނުހުޅުވާނެތެވެ..

އެހެން ކަމުން ބިސްމިއަކީ އަހަރެމެނަށް އަންނަ ނުރައްކާތަކުން ދިފާއުކޮށްދޭ ހަތިޔާރެކެވެ. ނިދުމުގެ ކުރިންނާއި ވަލުތެރެއަށް ވަންނަމުން އަދި ދަތުރުމަތީގައިވެސް ބިސްމި ކިޔުމާއި ރައްކާތެރިކަމުގެ ގޮތުން ކިޔަންޖެހޭ ދުއާތައް ކިޔުން މުހިންމެވެ.