އެއްދުވަހަކު މީހަކު ޝެއިޙް އަކަށް ގުޅާފައި ބުންޏެވެ. އަހަރެންނަށް ހިތްދަތިކަން އިހުސާސްވަނީއެވެ. މާޔޫސްވެ ދިރިއުޅުން ބަރުބާދު ވާހެން ހީވަނީއެވެ. އަދި ހީވަނީ ދިރިއުޅުމުގެ ހިރުހާ ދަތިކަމެއް އަހަންނަށް ޖެހިއްޖެހެނެވެ. ޝެއިޙް ޖަވާބުގައި ބުންޏެވެ. " ﷲ ގަންދީ ބުނަމެވެ. ތިކަހަލަ ޝަކުވާތައް ތިމަންނަ އާ ހަމައަށް ވަރަށް ގިނައިން އާދެއެވެ. އެމީހުން ހިތްދަތި ކަމާ، ކަންބޮޑުވެ މާޔޫސް ވުމާއި، ނުތަވަސް ކަމާއި ކުރިމަތިވާ ދަތިތަކާ މެދު ޝަކުވާ ކުރެއެވެ. ތިމަންނަ ކުރާ އެންމެ ސުވާލަށް ތިބާ ޖަވާބު ދޭށެވެ. އޭނާ އާނއެކޭ ބުންޏެވެ. ޝެއިޙް ވިދާޅު ވިއެވެ. ﷲ އަށްޓަކައި ބުނަމެވެ. ތިބާގެ ނަމާދުގެ ހާލަކީ ކޮބާ ހެއްޔެވެ. އެޒުވާނާގެ ޖަވާބު އެނގިލައްވާ ތޯއެވެ. އޭނާ ބުންޏެވެ. ތިމަންނަ ނަމާދު ނުކުރާތާ 3 އަހަރު ވެއްޖެއެވެ.

ތާހާ ސޫރަތުގެ 124 ވަނަ އާޔަތުން 126 ވަނަ އާޔަތަށް ﷲ ވަޙީ ކުރާސްވަނީ

އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة” ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ

އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ محشر އަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ

އެކަލާނގެ وحى ކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ آية ތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: اللَّه ގެ رحمة ން محروم ކޮށްލެވޭނެތެވެ.)

ސޫރަތުލް އިސްރާގެ 72 ވަަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.

وَمَن كَانَ فِي هَٰذِهِ أَعْمَىٰ فَهُوَ فِي الْآخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا

އަދި މިދުނިޔޭގައި (حق ގޮތް ފިޔަވައި) ކަނުމީހަކު، آخرة ދުވަހުގައިވެސް ވާނީ، ކަނުމީހެއް ކަމުގައެވެ. އޭނާ ވާހުށީ، މަގު ގެއްލިފައިވާ މީހަކު ކަމުގައެވެ

މިތާގައި ކަނު މީހަކީ ކޮބައިތޯއެވެ.

އެއީ ﷲ ހަނދުމަ ކުރުމުން ދުރުވެ މިސްކިތާ ދުރުވެ ޤުރުއާނާއި މައިންބަފައިންނަށް ކަމޭ ނުހިތާ އަދި މާތް ﷲ އަށް ކިޔަމަން ނުވާ މީހާ އެވެ.

އެހެން ކަމުން ދިރިއުޅުން ބާއްޖެވެރި ކުރުމަށް އެދޭނަމަ މާތްﷲ އަށް ސަގިދަ ކުރުން ގިނަ ކުރާށެވެ. އަދި ޤުރުއާން އުނގެނޭށެވެ. އޭރުން ދިރިއުޅުމުގައިވީ އަނދިރިކަން އަލި ނޫރަކަށް ބަދަލުވެދާނެއެވެ. އެއަލި ނޫރު ތިބާގެ ކަށްވަޅާ އާޙިރަތް އަލިކޮށްދޭނެއެވެ. ނަފްސުގެ ކާނާ އަކީ ނަމާދާއި ޤުރުއާން ކަމުގައި ހަދާށެވެ.