މައްސަލަގަނޑެއް ތެރޭގައި އޮތް ބާސެލޯނާއިން ރޭ ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް 1-0 އިން ބަލިކޮށް ގަދަ ހަތަރަކުން ޖާގަ ހޯދުމަށް މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ.
އެންމެފަހުން ކުޅުނު ދެމެޗުން ބަލިވެފައިވާ ބާސެލޯނާއިން މުހިއްމު ތިން ޕޮއިންޓް ހޯދީ ގެބޯންގެ ނުރައްކާތެރި ފޯވާޑް ޕިއެރޭ އަބްމަޔަންގ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަނިޔާގެ ސަބަބުން ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީ ނުލައި ކުޅެމުންދިޔަ ބާސެލޯނާއިން އޭނާގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ނެރުނީ ޒުވާން މިޑްފީލްޑަރު ގަވީއެވެ. އަދި އަނިޔާގެ ސަބަބުން ބާސެލޯނާ އެންމެފަހުން ކުޅުނު 3 މެޗުގައި ނުކުޅެވުނު ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
ބާސެލޯނާއިން ލީގުގައި މުހިއްމު ތިން ޕޮއިންޓް ހޯދާފައިވަނީ ޔުރޮޕާ ލީގް ކުއާޓާފައިނަލުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 3-2 އިން ޖަރުމަނުގެ ފްރެންކްފާޓް އަތުން ބަލިވެ މުބާރާތުން ކެޓުމުގެ ހިތްދަތިކަމާއި އެމެޗް ބެލުމަށް، ބާސެލޯނާގެ ސީޒަން ޓިކެޓް ހޯލްޑަރުން ތެރެއިން ތިރީސް ހާހެއްހައި ސަޕޯޓަރުން ފްރެންކްފާޓް ސަޕޯޓަރުންނަށް ޓިކެޓް ވިއްކި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ. އޭގެފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކާޑިޒް އަތުން 1-0 އިން ބާސާ ބަލިވިއެވެ.
ސޮސިއެޑާޑް ރޭ ހޯދި ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ބާސާ އޮތީ މިހާތަނަށް ކުޅުނު 32 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ. ގަދަ ހަތަރަކަށް ބާސާއާ ވާދަކުރަނީ 63 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ސެވިއްޔާ އާއި 61 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި 57 ޕޮއިންޓާއެކު 5 ވަނައިގައި އޮތް ރެއާލް ބެޓިސްއެވެ. މިއިން ކޮންމެ ޓީމެއްވެސް ބާސާއަށް ވުރެ އިތުރަށް އެއްމެޗް ކުޅެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ތާވަލުގެ ކުރީގައި 78 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ.