ކާމިޔާބު ހޯދުމަށްޓަކައި މެންޗެސްޓަރ ޔުނައޓެޑް އަލުން ބިނާ ކުރުމަށް ދިވަ ވަރަކަށް ކުޅުންތެރިން ބޭނުންވާ ކަމަށް އެކްލަބަށް ވަގުތީ ގޮތުން އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗް ރަލްފް ރަންގްނިކް ބުނެފިއެވެ.
ރަންގްނިކް ބުނީ މެންޗެސްޓަރ ޔުނައިޓެޑަށް އާރޯކަން ބޭނުން ނުވާ ހަމައެނި މަގާމަކީ ގޯލް ކީޕަރުގެ މަގާމު ކަމަށާއި ބާކީ ހުރި މަގާމުތަކަށް ކުޅުންތެރިން ގެނައުން މުހިއްމު ކަމަށެވެ. "ހައެއް، ހަތެއް، އަށެއް ނުވަތަ ދިހަ ވަރަކަށް ކުޅުންތެރިން ޔުނައިޓެޑަށް ބޭނުންވޭ އެބަ ޓީމު އަލުން ބިނާ ކުރުމަށް. މިއާއެކު ޓީމުގައި މިވަގުތު ތިބި ބައެއް ކުޅުންތެރިން ދޫކޮށްލަންވެސް ޖެހޭ" ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑް އެޑްވައިޒަރީ މަގާމަކުން ފެންނާނެ ރަންގްނިކް ބުންޏެވެ.
އިތުބާރު ހުރި މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުން މިހާރުވެސް ވަނީ މިސީޒަނަށްފަހު ދޫކޮށްލަން ބޭނުންވާ 12 ކުޅުންތެރިން ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕައުލް ޕޮގްބާ، ޖެއްސީ ލިންގާޑް، ހުވާން މަތާ، ނެމެންޖާ ވިޑިޗް، އެޑިސަން ކަވާނީ، ލީ ގްރާންޓް، ވެން ބިސައްކާ، ފިލް ޖޯންސް، އެރިކް ބެއިލީ، އެލެކްސް ޓެލެސް، އެންތޮނީ މާޝަލް އެވެ. މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިލިސްޓުގައި ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑުން ވަނީ ކްލަބު އަލުން ބިނާ ކުރުމުގެ ޒިންމާ، މިވަގުތު އަޔަކްސް ކޯޗުގެ މަގާމުގައި ހުރި އެރިކް ޓެން ހާގްއާ ހަވާލް ކޮށްފައެވެ. މިސީޒަން ނިމުމުން ޓެންހާގް،52، ޔުނައިޓެޑުގެ ކޯޗްކަމާ ހަވާލުވާނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާއެކު އޭނާގެ ސްކައުޓިންގ ޓީމާއި ކޯޗިންގ ޓީމުގައި ހިމެނޭ ބައެއް އޮފިޝަލުން ޔުނައިޓެޑަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ލީގުގައި ބާކީ 6 މެޗް އޮތްއިރު ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ އަމިއްލަ ބާރުވެސް ޔުނައިޓެޑަށް މިހާރު ވަނީ ގެއްލިފައެވެ. ތާވަލުގެ 6 ވަނައިގައި ޔުނައިޓެޑް އޮތީ 54 ޕޮއިންޓާއެކުއެވެ. މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ފަހަތުން ލީގް ޗެމްޕިއަންކަމަށް ވާދަކުރި ޔުނައިޓެޑުން މިސީޒަނާ ކުރިމަތިލީ ރޮނާލްޑޯ އާއި ސަންޗޯ ގެނެސް އެޓޭކިންގ ޑިޕާޓްމަންޓް ވަރުގަދަ ކޮށްގެންނެވެ. އެހެންނަމަވެސް ބޮޑެތި ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރުމުގައި ޔުނައިޓެޑް ވަނީ މިސީޒަނުގައި ނާކާމިޔާބު ވެފައެވެ.