ހެނދުނުގެ އަމާން ހިތްފަސޭހަ ވަގުތެވެ. އިރުގެ ރަން ދޯދިތަކުން މުޅި ޖައްވުވަނީ ބަބުޅާލެވިފައެވެ. ގަދަ ރަތާއި އޮރެންޖާއި ޖަންބު ކުލައާއި އެނޫން ކުލަކުލައިން ޖައްވު ވަނީ ޒީނަތްތެރިވެފައެވެ. މިފަދަ ހިތްގައިމު ވަގުތެއްގައި ވެސް އަހަރެން އިނީ އާދައިގެ މަތިން ޑިއުޓީގައެވެ. އަހަރެންނާ ހަވާލު ކުރެވިފައިވާ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށެވެ. މި ކޭސް ޙައްލު ކުރުމަށްޓަކައި އަހަރެން ވަނީ ނެގުނު ހުރިހައި ގަލެއް ފުރޮޅާފައެވެ. މި ޓީމުގައި އެތައް ޕޮލިހެއް ހިމަނާފައެވެ.
އަހަރެން އިނީ ޓީމުގެ އިންތިޒާރުގައި ކެތް މަދުވެފައެވެ. ކަންދިމާ ކުރި ގޮތުން މާ ގިނަ އިރުތަކެއް ނުވެ ޓީމު އެނބުރި އަތުވެއްޖެއެވެ. އަހަރެން އަވަސްވެގަތީ އެމީހުންނާ ބައްދަލު ކުރާށެވެ. އެމީހުންނާ ބައްދަލުވުމުން އަހަރެންނަށް ލިބުނު މައުލޫމާތަކުން އަހަރެންގެ މަސައްކަތަށް ހިނިތުންވުމެއް ގެނުވިއެވެ. މިއޮއްހާ ދުވަހު ހައްޔަރު ކުރަން އުޅުނު މީހުން އެންމެ ފަހުން ހައްޔަރުވި ކަމުގެ އުފަލުގައެވެ. އެއީ ކުޑަކުއްޖަކަށް ޖިންސީ އަދި ނަފްސާނީ ގޮތުން އަނިޔާވެރިވި ކަމުގެ ކުށުގައި ހައްޔަރު ކުރެވިފައިވާ ދެމަފިރިންނެވެ.
ހަސްފަތާލުގައި އަހަރެން އެކުއްޖާއާ ވާހަކަދައްކަން މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާ އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. އޭނާއަށް ބަލައިލުމުން އޭނާ ބިރު ގަނެފައިހުރިވަރު ހާމަވެގެން ދިޔައެވެ. އަހަރެން ވަރަށް ލޯތްބާއެކު އެކުއްޖާ އަތުގައި ފިރުމާލީމެވެ. އަދި މަޑުމައިތިރި ކަމާއެކު އަހަރެން ދެކެ ބިރު ނުގަތުމަށް ނަސޭހަތްތެރިވީމެވެ. އެތަކެއް ފަހަރަކު މަތިން ވިސްނައި ދިނުމުން އެކުއްޖާ އެނާގެ ހަޔާތުގައި ދިމާވި ކަންތައްތައް ކިޔައިދޭން އެއްބަސްވިއެވެ. ވަރުބަލިކަމާއި މަޑުމައިތިރި ކަމާއެކު އޭނާ އެނދުގައި ލެނގިލިއެވެ. އަދި އޭނާ މިހެން ދިމާވުމަށް މެދުވެރިވި ސަބަބު ކިޔައިދޭން ފެށިއެވެ.
" އެއީ އޭގެ ހަތް އަހަރު ކުރިއެވެ. އޭރު އަޅުގަނޑުގެ އުމުރަކީ އެންމެ ދިހަ އަހަރެވެ. މަންމާއި ބައްޕަގެ ހަމަ އެކަނި ދަރިފުޅަކީ އަޅުގަނޑު ކަމުން އެދެމީހުންގެ ފުށުން ލިބެންވާ ފުރިހަމަ ލޯބި އަޅުގަނޑަށް ލިބެއެވެ. އަޅުގަނޑަކީ މަންމައާއި ބައްޕަގެ ދެލޮލުގެ ނޫރު ކަމުން އަޅުގަނޑު ބޭނުންވާ ކޮންމެ ކަމެއް އެމީހުންނަށް ވީވަރަކުން ކޮށްދެއެވެ. އަޅުގަނޑު ގަވައިދުން ސުކޫލަށް ފޮނުވައިދީ، ބަލާގޮސް އަޅުގަނޑަށް އެންމެ ޒަމާނީ ހެދުންތަކާއި އެންމެ ޒަމާނީ ވަސީލަތްތައް އެމީހުން ފޯރު ކޮށްދެއެވެ. އެއީ އަޅުގަނޑުގެ އުފަލަށްޓަކައި މިތަކެތި ގަތުމަށް ފައިސާ ޖަމާކޮށްގެންނެވެ. ކުރުކޮށް ބުނާނަމަ އަހަރެން އޭރު އުޅެމުން ދިޔައީ ވަރަށްވެސް އުފަލާއި ހިތްހަމަ ޖެހުމުގައެވެ. ހަހަރުވެތި މަންމައަކާއި ބުރަކޮށް މަސައްކަތް ކުރަމުންވެސް އަޅުގަނޑުގެ ބޭނުންތައް ފުއްދައިދީ ހަދާ ބައްޕައެއް ކަމުނެވެ. މިގޮތަށް އަޅުގަނޑުގެ އާއިލާ ކިތަންމެ އަވަދިނެތި އުޅުނު ކަމުގައިވިޔަސް އަބަދުވެސް ބޮޑު ޗުއްޓީގައި އަޅުގަނޑުމެން މަންމަގެ ރަށަށް ދަމެވެ. މީގެ މައިގަނޑު އެއް ސަބަބަކީ އަތޮޅުތެރެގައި ބޭއްވޭ ފުޓްބޯޅަ މުބާރާތައް ބައްޕަ ބޮޑު އަދަދަކަށް ޚަރަދު ކުރުމެވެ. އެހެންވެ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން އެ އަހަރު ވެސް އަޅުގަނޑުމެން ދިޔައީ މާޅޮހަށެވެ.
އަޅުގަނޑުމެންނަށް ރަށަށް ފޯރިއިރު ފަތިސްވަނީއެވެ. ރަށްވަނީ އެކި ކުލަ ކުލައިގެ ބޮކިފަތިތަކުންނާއި ދިދަފަތިތަކުން ޒީނަތްތެރި ކުރެވިފައެވެ. ފެރީތައް ލަފާތާ ކުރިމަތީގައި ތަފާތު އިބާރާތްތަކުން ލިޔެފައިވާ ފޮތިގަނޑުތައް ހުއްޓެވެ. މުޅިން ވެސް މަރުޙަބާގެ ލިޔުންތަކެވެ. ޒިޔާރަތްކުރާ އަތޮޅުގެ ޓީމުތަކަށް ޝާމިލްވާގޮތަށް ހަރު ކުރެވިފައިވާ ފޮތިގަނޑުތަކެވެ. މި ލިޔުންތައް ފެނުމުން އަޅުގަނޑުގެ މޫނަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.
ކަނޑު ގަދަ ދަތުރަކަށްފަހު އެންމެން ވެސް ތިބީ ވަރުބަލިވެފައިކަމަށް ވުމުން ގެއަށް ދެވުމާއެކު ފުރަތަމަ ކުރި ކަމަކީ ނަމާދު ކުރުމެވެ. އެއަށްފަހު ކައިގެން ފެންވަރާ ހަމަޖެހިލައިގެން ކާފަމެންގެ ބޮޑުގޭގައި ނިދާލީއެވެ. ދެތިން ގަޑިއިރަށް ނިދާލުމަށްފަހު އަޅުގަނޑުމެން ތައްޔާރުވަމުން ދިޔައީ އަނެއްކާވެސް ދަތުރަކަށެވެ. ތަފާތަކީ އެ ދަތުރަކީ ކުރިންކުރި ދަތުރުފަދަ ދިގު ދަތުރެއް ނޫނެވެ. އެދަތުރަކީ ފުޓްބޯޅައިގެ ފައިނަލް މެޗު ކުޅެނީ އޭފުށީގައި ކަމަށްވުމުން އެ މެޗް ބެލުމަށް އެރަށަށް ކުރި ދަތުރެކެވެ.
މެޗުގެ ތެރޭގައި ފެންނަމުން ދިޔައީ މުޅިން ވެސް ވާދަވެރިކަމެވެ. ދެ ޓީމުން ވެސް ވަރަށް ފުރިހަމަ ކުޅުމެއް ވަނީ ދައްކާފައެވެ. އެއް ޓީމެއް ލަނޑެއް ޖަހާތާ މާ ގިނަ އިރު ތަކެއްނުވެ އަނެއް ޓީމެއްވެސް ޖަހައެވެ. މެޗް ނިމިގެން ދިޔައިރު އަޅުގަނޑުމެންގެ ޓީމު ބަލިވީއެވެ. މިކަމާ އަޅުގަނޑުމެން އެހާ ހިތާމައެއް ނުކުރަމެވެ. ފައިނަލަށް ދެވުނު ކަމުގެ އުފަލުގައި އެންމެންވެސް ދިޔައީ ކުޅުންތެރިންނަށް މަރުހަބާ ކިޔަމުންނެވެ. އެނބުރި ރަށާ ދިމާއަށް ބޯޓު މިސްރާބު ޖެހީ ފައިނަލުން ބަލިވި ކަމުގައިވިނަމަވެސް ރަނަރަޕް ޓީމަށްވުމުން އުފާވެރިކަމާއެކު އެކަން ފާހަގަ ކުރަމުންނެވެ. ބައެއް މީހުން ބޮޑުބެރު ޖަހަމުން ދިޔައިރު އަނެއްބައި މީހުން ނެށުމުގައި ވަޖިދު ވަމުންނެވެ. އަޅުގަނޑުވެސް ހުރީ އެމީހުން ނަށާތަން ބަލާށެވެ. މަންމައާއި ބައްޕަވެސް ތިބީ އެކަމުގެ ފޯރީގައެވެ. މިގޮތުން ކުޅިވަރާއި މަޖަލުގައި އެންމެން ވަގުތު ހޭދަ ކުރަނިކޮށް ބޯޓު ވަރަށް ގަދަޔަށް ތަޅުވަން ފެށިއެވެ. މިކަމުގެ ސަބަބެއް ކަމުގައި ބޯޓުގެ ކައްޕިތާނު ބުނީ އެ ސަހަރައްދުން ދުއްވާފައި ދިޔަ ލޯންޗެއްގެ މޯހިރުން އުފެދުނު ބޮޑު ރާޅުތަކެވެ. މިކަމުގެ ސަބަބުން ދެތިން ފަހަރަކު ބޯޓު އެއްކޮޅަށް ބަރުވަނީކަމަށް ބުނެ ބޯޓު ދުއްވާ މީހާ ހަޅޭއްލެވި ކަމުގައިވިޔަސް އެކަމަށް އެމީހުން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މިއީ އެމީހުންނަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އިސާހިތަކު ބޯޓު އެއްކޮޅަށް ބަރުވެގެން ބަންޑުން ޖެހިއެވެ.
ދެން ވީގޮތެއް އަޅުގަނޑަށް އެނގުނުއިރު އަޅުގަނޑު އޮތީ ވަރަށް ގަދައަށް ލޮނު ބޮވިގެން ބޯޓުގެ ތެރެއަށް ނަގާފައެވެ. އޭރު ބޯޓުގެ ތެރެއިން ފެންނަމުން ދިޔައީ ހާސްކަމެވެ. އަޅުގަނޑު ވަގުތުން ބަލާލީ އަޅުގަނޑުގެ މައިންބަފައިން ފެނޭތޯއެވެ. އެމީހުން ފެންނަން ނެތުމުން ކަންބޮޑުވެ އަޅުގަނޑަށް ރޮވުނެވެ. އަޅުގަނޑުގެ ރުއިމުގެ އަޑަށް އަޅުގަނޑުގެ ގާތަށް ކާފަ އައެވެ. މާޔޫސް ކަމާއެކު އެތަނުން އެކަކުވެސް ހޯދިފައިނުވާ ކަމަށް ބުންޏެވެ. އަޅުގަނޑަށް އަނެއްކާވެސް ރޯން ފެށުނެވެ. ގިސްލަ ގިސްލާފައެވެ. އަޅުގަނޑެކޭ އެއްފަދައިން ރުއިމުގެ ވޭނީ އަޑުތަކުން ބޯޓުތެރެ ވަނީ ގުގުމާލާފައެވެ. މަދުން ނަމަވެސް ކޮންމެ އާއިލާއަކުން ވެސް ވަނީ މީހުން ގެއްލިފައެވެ. އެއްބައި އާއިލާތަކުން އަނބިން ހުވަފަތް ވެފައިވާއިރު ފިރިންވަނީ އެކަނިވެރިވެފައެވެ. މުސްކުޅި މައިންބަފައިން ބިކަވެ ހާލުގަ ޖެހިފައިވާ އިރު ދަރިންވަނީ އަޅާލާނެ މީހެއް ނެތި ޔަތީމުވެފައެވެ.
ކާފަ ބުނިގޮތުގައި އެންމެ ފުރަތަމަ ސަލާމަތްވެވުނު މީހުންގެ ތެރޭގައި ކާފަ ހިމެނެއެވެ. ކާފަ ވަގުތުން ކައިރިން ދަތުރު ކުރަމުން ދިޔަ މީހުންގެ ކިބައިން އެހީއަށް އެދި ގޮވިއެވެ. އަޅުގަނޑުމެންނަށް މިތިބެވުނީ އެހެން ފެރީއެއްގައިކަން ވެސް ރޭކާލީ ކާފަ އެހެން ބުނުމުންނެވެ. ހާސްވެ ކަންބޮޑުވެފައިވާލެއް ބޮޑު ކަމުންނެވެ. ސަލާމަތް ކުރެވުނު މީހުންނާމެދު ހަދާނެ ގޮތަކާމެދު ގިނަ ބައެއްގެ މެދުގައި ދެބަސްވުން އުފެދުނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެންމެ ރަނގަޅީ ރަށަށް ދިއުމެވެ. ނަމަވެސް ރަށް އޮތީ އެހާ ކައިރީގައި ނޫންކަމުން އަނެއްބައި މީހުން ދުށީ އެންމެ ކައިރީގައި އޮތް ރަށަށް ދިޔުމަށެވެ. މި ބަހުޘުން ކުރި ލިބުނީ އޭދަފުއްޓަށް އަނބުރާ ދާން ބެނުންވި މީހުންނަށެވެ. އެހެންވެ ބޯޓު މިސްރާބު ޖެހީ ރަށާ ދިމާއަށެވެ.
ދެން ހިނގީ އެއަށްވުރެވެސް ހިތާމަވެރި ހާދިސާއެކެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީއޭ ބުނާ ފަދައިން ދެން ހިނގައިދިޔަ ހާދިސާގެ ސަބަބުން އަޅުގަނޑުމެންގެ ހިތާމަ ބޮޑުވެގެން ދިޔައެވެ. ބޯޓު ދުއްވަމުން ދަނިކޮށް ފަރަށް އެރީއެވެ. މީގެ ސަބަބުން އަޅުގަނޑުމެންގެ ހާލު އިތުރަށް ގޯސްވިއެވެ.
ފުލުހުން އައިސް އަޅުގަނޑުމެން ސަލާމަތް ކުރިއިރު ގިނަ ބައެއްގެ ހާލަތު އިންތިހާއަށް ގޯހެވެ. އެއްބަޔަކު ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. ރަށަށް ލެފުމާއެކު އަޅުގަނޑުމެން ދިޔައީ ފުލުހުންނާއެކު ކާފަ ގޮވައިން ހަސްފަތާލަށެވެ. އެތަންވަނީ މީހުން ގިނަކަމުން ތޮއް ޖެހިފައެވެ. މިހާގިނަ މީހުން އެއްފަހަރާ ދުވަހަކުވެސް ފަރުވާ ހޯދަން އައިސްފައެއް ނުވެއެވެ. ކާފައަށް ފަރުވާ ދެމުން ދިޔަތާ މާ ގިނައިރެއްނުވެ އަޅުގަނޑަށް ލިބުނު ޚަބަރުން އަޅުގަނޑުގެ ހިތް ފަޅައިން ނުދިޔައީ ކިރިޔާއެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. އެއީ ކާފަ ނިޔާވި ކަމުގެ ޚަބަރެވެ. ކާފަ ނިޔާވީ ނޭވާ ނުލާ ގިނަ ވަގުތު ވުމުގެ ސަބަބުންނެވެ. އަޅުގަނޑު ޔަތީމަކަށްވީއެވެ. މުޅި އާއިލާ އެއްކޮށް އަހަރެންނާ ވަކި ވެގެން ދިޔައީއެވެ."
އެކުއްޖާގެ ވާހަކަ މިހާ ހިސާބުން ކުރިޔަށް ދެވުނު ތަނާ އަހަރެން އެކުއްޖާގެ ވާހަކަ މެދުކަނޑާލީމެވެ. އެހެނީ އޭނާގެ ވާހަކަ ތަކުން އަހަރެންނަށް އުންމީދު ތަކެއް ލިބިގެން ދިޔައީމައެވެ. އެހެންވެ އަހަރެން އަވަސްވެގަތީ ޑޮކްޓަރާ ބައްދަލު ކުރުމަށެވެ. ޑޮކްޓަރު ގާތުގައި އަހަރެން ގިނަ ވަގުތު ވާހަކަ ދެއްކުމުގައި ހޭދަކުރުމަށްފަހު އެނބުރި އައީ ޑޮކްޓަރު ގޮވައިގެންނެވެ. ޑަކްޓަރު އެ ކުއްޖާގެ ލޭގެ ސާމްޕަލެއް ނެގިއެވެ. އެއީ ކީއްވެ ކަމެއް އަހަރެން އެކުއްޖާ ގާތަކު ނުބުނަމެވެ. އެއީ އަހަރެންނަށް ލިބިފައިވާ އެއްވެސް ޔަގީންކަމެއް ނެތް އުންމީދު އެކުއްޖާއަށް ނުދޭން ވެގެންނެވެ. އަހަރެން އޭނާ އިތުރު ސުވާލެއް ކުރުމުގެ ކުރިން އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމަށް އޭނާ ގާތުގައި އެދުނީމެވެ.
"ފުލުހުންގެ އެތަކެއް ތަހުގީގަކަށްފަހުވެސް އަޅުގަނޑުގެ އާއިލާގެ އެއްވެސް މީހެއްގެ ޚަބަރެއް ލިބޭގޮތް ނުވުމުން އެމީހުން އަޅުގަނޑު ފޮނުވީ ކުޑަކުދިންގެ ހިޔާއަކަށެވެ. އެކުއްޖާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެއީ އަޅުގަނޑުގެ އާއިލާގެ މީހަކަށް ގުޅެންދެން ކަމަށް އެމީހުން ބުންޏެވެ. އެތާނގައި އަޅުގަނޑެކޭ އެއްފަދައިން ހާލުގައި ޖެހިފައި ތިބި ކުދިން ވަރަށް ގިނައެވެ. އެހެންކަމުން އެކުދިންނަށް އަޅުގަނޑުގެ ހިތާމަ ވަރަށް ރަނގަޅަށް އެނގެއެވެ. އެތަނުގައި ހޭދަކުރި މަދު ދުވަސްކޮޅުގައިވެސް ހިތްހަމަ ޖެހިގެން ހުރެވުނު މައިގަނޑު ސަބަބަކީ އެއީ ކަންނޭނގެއެވެ.
އެތާނގައި ދެތިން މަސް ހޭދަ ކުރިތަނާ ދެން އަޅުގަނޑަށް ލިބުނު ޚަބަރަކީ އަޅުގަނޑަށް އިންތިހާއަށް ބޮޑު ސިހުމެއް ގެނުވައިދިން ޚަބަރެކެވެ. އެއީ މެދު އުމުރެއްގެ ދެމަފިރިއަކު އަޅުގަނޑު އެމީހުންގެ ދަރިޔަކަށް ހަދަން ބޭނުންވާ ޚަބަރެވެ. މިކަން ކުރުމަށް އެމީހުން އުޅޭތާ ދެތިން މަސް ވެއްޖެކަމަށް އެތާނގެ މުއައްޒަފެއް ބުންޏެވެ. ހުރިހާ ލިޔެކިޔުންތައް މިއަދު ވަނީ ފުރިހަމަ ވެފައިކަމަށާއި އެހެންކަމުން އަޅުގަނޑު ޖެހޭނީ އެމީހުންނާއެކު އެމީހުންގެ ގެއަށް ދާން ކަމަށްވެސް އަޅުގަނޑަށް ވަނީ އަންގާފައެވެ. މިކަމާ އަޅުގަނޑު ކިތަންމެ ވަރަކަށް ދެބަސްވި ކަމުގައިވިޔަސް އެންމެ ފަހުން ޖެހުނީ އެމީހުންނާއެކީ އެމީހުންގެ ގެއަށް ދާށެވެ.
އެގޭގައި އަޅުގަނޑު ކަހަލަ ކުއްޖަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ލިބެން ހުއްޓެވެ. މީހެއްގެ ފަރާތުން އަޅުގަނޑަށް ލިބެން ޖެހޭނެ އެންމެ ބޮޑަށް ލޯބި އެމީހުން އަޅުގަނޑަށް ދިނެވެ. ބޭނުން ވަގުތަކު ބޭނުން ހުރިހާ އެއްޗެއް އެމީހުން އަޅުގަނޑަށް ހޯދައިދިނެވެ. މާލޭގެ އެންމެ ފެންވަރު ރަނގަޅު ސްކޫލަކަށް އެމީހުން އަޅުގަނޑު ވެއްދިއެވެ. އެމީހުންގެ ދަރިއެއް ފަދައިން ބަލާ ބޮޑު ކުރިނަމަވެސް އަޅުގަނޑަށް އޭގެ އަގު ވަޒަނެއް ކޮށްނުދެވުނެވެ. ކިޔެވުމުގައި އަޅުގަނޑު އިންތިހާއަށް ދަށްވިއިރު އެދެމީހުންނަށް މައިންބަފައިންގެ ދަރަޖަ އަޅުގަނޑަށް ނުދެވުނެވެ. މިކަމާ އެމީހުން ނުރުހެން ފަށާ އަހަރެން ދެކެ ފޫހިވާން ފެށިއެވެ. އަހަރެންނަކީ އެމީހުންގެ އުންމީދުތައް ފުއްދައިދެވޭނެ ކުއްޖެއް ނޫންކަމަށް އެމީހުންނަށް ވިސްނުނެވެ. މިކަމާ އެމީހުން އިންތިހާއަށް ރުޅި އަންނަން ފެށިއެވެ. ނަތީޖާއަކަށްވީ ކުދިކުދި ކަންތައްތަކުގައިވެސް އަހަރެންނަށް އެމީހުން އަނިޔާކޮށް ހެދުމެވެ. ބޭބެ އަހަރެން އެގޭގެ ގުދަނަށް ލާފައި ބަންދު ކުރާ ދުވަސްތައްވެސް މަދެއް ނޫނެވެ. ދުވާލުދާ ހަތަރު ދަމު އަހަރެންނަށް ކާން ނުލިބޭތާ ފެންފޮދެއްހާ މިންވަރުވެސް ބުއިން ގިނަ ފަހަރަށް މަނާއެވެ. އެއީ އަހަރެން ކިޔެވުމަށް ރަނގަޅު ކުރުމަށް ކަމަށް އެމީހުން ބަހަނާ ދައްކައެވެ. ނަމަވެސް އަހަރެންގެ ނަފްސާނީ ހާލަތު ހުރިގޮތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އަޅުގަނޑު ވަނީ ނުކުޅެދިފައެވެ.
މިގޮތަށް އަޅުގަނޑަށް ލިބޭ އަނިޔާތައް އިންތިޚާއަށް އިތުރުވާކަން އަވަށްޓެރިންނަށް ފާހަގަވަމުން އެމީހުން މި މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. ފުލުހުންނަށް މި މައްސަލައަށް އެދެވިގެންވާ ހައްލެއް ހޯދެވުމުގެ ކުރިން އެމީހުން އަހަރެން ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ. މިކަން ކުރީ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ ފުލުހުންގެ ކިބައިން އޮޅުންފިލުވުމެވެ. ދެވަނަ ސަބަބަކީ އަޅުގަނޑަށް އެހެން މާހައުލަކަށް ދެވުމުން އަޅުގަނޑުގެ އުޅުމަށް ބަދަލެއް އަންނާނެ ކަމަށް އެމީހުން ގަބޫލު ކުރެވުމެވެ. ނަމަވެސް އެމީހުންނަށް ވިސްނިފައި އޮތީ ނުބައިކޮށެވެ. އެތާނގައިވެސް ހަމަ މާލެއެކޭ އެއްފަދައިން އަޅުގަނޑު ކިޔެވުން ދަށްވެ މާގިނަ އަހަރުތަކެއްނުވެ ސްކޫލުން ކަނޑާލިއެވެ. އެއީ ފަސް އަހަރު ވިދި ވިދިގެން ފާސް ނުވުމުގެ ސަބަބުންނެވެ.
ސްކޫލުން ކަނޑާލެވުމުގެ ސަބަބުން އަހަރެންގެ ހިތާމަވެރި ހާލަތު އިންތިހާއަށް އިތުރު ވެގެން ދިޔައެވެ. އަޅުގަނޑު އުޅެން ޖެހުނީ ގޭގައި މަސައްކަތްތައް ކުރުމުގައެވެ. އެމީހުން ވަޒީފާއިން އަންނަންވާއިރަށް ގޭތެރެ ސާފުކޮށް ކައްކަން ޖެހެނީ އަޅުގަނޑަށެވެ."
މިވާހަކަތައް އަޑު އަހާފައި އަހަރެން ހިތަށް ވަރަށް އަސަރު ކުރިއެވެ. ލޮލުން ކަރުނަ އޮހެރެމުން ދިޔައެވެ. އެކަރުނަތައް ލޮލުގައި ހިފަހައްޓަން އަހަރެން ގަދައަޅާ މަސައްކަތް ކުރީމެވެ. މިކަމުގައި ކުޑަ ވަގުތު ކޮޅެއް ހޭދަ ކުރުމަށްފަހު އަހަރެން މޫނުގައިވާ ކަރުނަތައް ފުހެލުމަށްފަހު ހިނިތުން ވެލީމެވެ. އަދި އެ ކުއްޖާގެ ހިތާމަތަކަށް ދެން ނިމުމަކަށް އައީ ކަމަށް ބުނެ އެތަނުން ނިކުތީމެވެ. ދެން އަހަރެން އެ ކޮޓަރިއަށްވަނީ ރިޕޯޓްތަކެއް ހިފައިގެންނެވެ. އުފަލުން ފޮޅިފައިވާ މަލެއް ފަދައިން އަހަރެންގެ މޫނު މައްޗަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ދުވެފައިގޮސް އެކުއްޖާ ގައިގައި ބައްދާލީމެވެ. އެ ކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ ސުވާލުތަކެކެވެ. އެހެން ކަމުން އަހަރެން އެ ކުއްޖާ އިތުރަށް މަޑު ކުރާކަށް ބޭނުން ނުވިއެވެ. އެހެންވެ ފަސް ނުކޮށް އެއީ ކޮން ރިޕޯޓެއްކަން ބުނީމެވެ.
އަހަރެންނަކީވެސް ހަމަ ތި ހާދިސާގައި އަހަރެންގެ މުޅި އާއިލާ އަހަރެންނާ އަލްވަދާއު ކިޔާފައިވާ މީހެކެވެ. އެ ހާދިސާގައި އަހަރެން ވަނީ ކަނޑަށް ގެއްލިފައެވެ. ފުލުހުންނަށް އަހަރެން ފެނުނުއިރު އަހަރެންގެ ހާލު ވަރަށް ދެރައެވެ. އެހެންވެ އަހަރެން އޮތީ ތިން އަހަރު ވަންދެން ކޯމާއެއްގައެވެ. ކޯމާއިން ސަލާމަތް ވުމަށްފަހު އާއިލާގެ މެމްބަރުން ހޯދުމަށް ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އަހަރެންނަށް ލިބުނު ޚަބަރަކީ އަހަރެންގެ ދަރިފުޅު ފިޔަވައި އާއިލާގެ އެންމެންވަނީ މަރުވެފައިވާކަމެވެ. ދަރިފުޅު ވަނީ ސަލާމަތްތެރިކަމާ އެކު ކުޑަކުދީންގެ ހިޔާއާ ޙަވާލު ކުރެވިފައިވާކަމަށްވެސް ބުންޏެވެ. އެހެންކަމުން އަހަރެން ދެން އަވަސް ވެގަތީ ހިޔާއަށް ދިއުމަށެވެ. އެތަނުން އަހަންނަށް ލިބުނު ޚަބަރަކީ ދެމަފިރިއަކު ދަރިފުޅު ގާނޫނީގޮތުން ބެލުމަށް ހަވާލުވެފައިވާކަމެވެ. އަދި މީގެ ދުވަސް ކޮޅެއް ކުރިން އެމީހުންގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އެހެންވެ މިއަދާ ހަމައަށްވެސް އަހަރެންގެ އުންމީދުތައް މިވަނީ ވެއްޔާ މޮޑެވިގެން ގޮސްފައެވެ. އަހަރެންގެ ދިރިއުޅުމުގެ ހުޅުކޮޅު އަލުން ތި ދިއްލާލަ ދިނީ ތި ލޯބިވާ ކުއްޖާއެވެ. ތި ވާހަކަތައް ކިޔައި ދިނުމުން ތީ އަހަރެންގެ ދަރިފުޅު ކަމަށް އުންމީދު ކުރެވުނެވެ. އެހެންވެ އަހަރެން ޑީ.އެން.އޭ ރިޕޯޓެއް ހެދީމެވެ. މީ އެ ރިޕޯޓުގެ ނަތީޖާއެވެ. މިނަތީޖާއިން ދައްކާގޮތުގައި އެއީ އަހަރެންގެ ގެއްލިފައިވާ "ލައިލީ" އެވެ.
މިހިސާބަށް އަހަރެންނަށް ބުނެވުނުތަނާ ލައިލީ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ފިލްމެއް ނިމުމުގައި އެންމެން އުފަލުގައި އުޅޭ ފަދައިން އަހަރެންވެސް މިހާރު އުޅެނީ ވަރަށް ވެސް އުފަލުގައެވެ. ކޮންމެ އަޑިގަޑަކަށް ފަހު އުސްގަނޑެއް އަންނަ ފަދައިންނެވެ. މިއަދުން ފެށިގެން އަހަރެމެން ވަނީ އާ ދިރިއުޅުމެއް ފަށާފައެވެ. ވިއްސާރަދުނީގެ ކުލަތައް ފަދައިން އަހަރެމެންގެ ދިރިއުޅުން ވަނީ އަނެއްކާވެސް ރީތި ކުލަޖެހެން ފަށާފައެވެ.
- ނިމުނީ-