އެތައް އަހަރެއް ވަންދެން ޑޭޓް ކުރުމަށް އޭނާގެ ލޯބިވެރިޔާއާ އިންނަން ދިމާކުރުމުން އޭނާއަށް ޖެހުނީ ތިން ލައްކަ ޔުއާން (47 ހާސް ޑޮލަރު) އަންހެން ކުއްޖާގެ އާއިލާއަށް ދޭށެވެ. އޭނާގެ ހިސާބުގަނޑު މީހުންނާ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން ބުނީ އެއީ ކައިވެނީގެ ސަގާފަތް އޮންނަ ގޮތެވެ.
ޝިންގެ ނަން ބޭނުން ކޮށްގެން ކޮމެންޓު ކުރި މީހާ ޗައިނާގެ މަސްއޫލުވެރިންނަށް ޝަކުވާ ދަންނަވާ ޕޯޓަލްގައި އޭނާގެ ޝަކުވާ ލިޔެމުން ބުންޏެވެ. ޗައިނާގައި ބްރައިޑް މަނީއަކީ އާންމު ކަމެކެވެ. ސަރުކާރުން އަންހެނުންގެ ހައްގަށް ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބީ ހޯދާފައިވާ އިރުވެސް މިފަދަ ބޯދާ ސަގާފަތް އަދިވެސް މުޖުތަމއުގައި އަށަގެންފައި ވެއެވެ.
މި ބްރައިޑް މަނީއަކީ، އަނެހެން މީހާގެ ހަށިގަނޑުގެ ބޭނުން ހިފުމަށާއި އޭނާ ލައްވައި މަސައްކަތް ކުރުވުން ހުއްދަ ކުރުވުމަށް އާއިލާއަށް ދޭން ޖެހޭ ފައިސާއެވެ.
ޝިން ދިރިއުޅޭ ޒީޖިއާންގ ޕްރޮވިންސްގައި އެވަރެޖް މުސާރަ އުޅެނީ ވިހި ހާސް ޔުއޭންގައެވެ. މާނައަކީ 15 އަހަރުގެ މަސައްކަތުން ނޫނީ އެނާއާ ދެވާނެ އަންހެނެއް ނުލިބޭނެއެވެ.
ޒީޖިއާންގގެ މަސްއޫލުވެރިން އޭނާއަށް އަންގާފައި ވަނީ އެ ޕްރޮވިންސްގައި ކަނޑައަޅާފައިވާ ގޮތުން ރަށްފުށުގެ އަންހެނަކަށް އެންމެ ގިނަވެގެން ނެގޭނީ 80 ހާސް ޔުއޭންއެވެ. އަދި ސަރުކާރު މުވައްޒަފަކާ ދެވާނަމަ، 40 ހާސް ޔުއޭންއަށް ވުރެން މަތިން ނަގައިގެން ނުވާނެއެވެ.
ފައިސާގެ ހޭދައިގެ ބޮޑުކަމާއި އަންހެނުންގެ ތަދުކަމުން ޗައިނާގައި މީހަކާ އިނުމަކީވެސް ވޭންދެނިވި ކަމެކެވެ.
ކޮންމެ 108 ފިރިހެނަކަށް ޗައިނާގައި ނިސްބަތުން ތިބީ 100 އަންހެނުންނެވެ. މާނައަކީ، އިންނާނެ މީހަކު ނެވެފައިވާ 34 މިލިއަން ފިރިހެނުން މުޖުތަމއުގައި އެބަ ތިބެއެވެ.