ވާރުތަ

ކޮމަންޑޫ ޢަލީ އިބްރާހީމް

ހަވީރުގެ ހިތް ފަސޭހަކަން ލިބިގަތުމަށް ރަށުގެ ވަކިވަކި ޢާއިލާތައް ސަންސެޓް ބީޗަށް ޖަމާވެފައިވަނީ ސުމާރެއް ނެތްހާ ގިނައިންނެވެ. ކުދިވެރީން އެމީހުންގެ ހިތް ފުރެންދެން ދޮންވެލި އަތިރިމަތީގަޔާއި މޫދު ސަކަރާތުގައި ދެމި ތިއްބެވެ. އެއްބައި މައިން އަތްއުރާލައިގެން ދަރިންނަށް ވާނުވާ ބަލަން ތިބިއިރު އަނެއް ބައި މީހުން ރަށުތެރޭގައި ދެކެވޭ އެކިއެކި ވާހަކަތައް ދެއްކުމުގައި ފޯރި އަރާފައި ތިއްބެވެ. އަދި ބައެއް މައިން ފޯނަށް ސަމާލުކަންދީގެން ތިބި މަންޒަރު ވެސް ފެނެއެވެ.

ފުނަދޫގެ އަލަށް ހެދިފައިވާ "ސަން ސެޓް ބީޗް" އަކީ މިފަދަ ކޮންމެ ހަވީރެއްގެ އުފާ ހޯދުމަށް ރަށުގެ އެތައް ބަޔަކު ޖަމާވާ ތަނަކަށް ވަނީ ވެފައެވެ. ޕިކްނިކް ދަތުރުތަކާއި ޢާއިލީ ޕާޓީތަކާއި އެކުވެރި ރަޙުމަތްތެރިންގެ "ގެޓް ޓު ގެދަރ" ތައް ބޭއްވެނީސް މިހާރު މި މާޙައުލުގައެވެ. ހަވީރު ވެގެން އަންނައިރު މިއީ މިހާރު އުފާކޮށްލަން ނިކުމެލާ އުޅެން އެންމެ ކަމުދާ އެއްތަނެވެ.

ނަމަވެސް މި އުފާވެރި މާހައުލުގައި އެހެން މީހުންނާ ވަކިން އެއް ފަރާތް ވެފައި ނުތަނަވަސްކަމާއެކު އެހެން ދުނިޔެއަކަށް ގެއްލިފައިވާ އިންސާނަކު އިނެވެ. އޭނާ ހުރިހައި ކަމަކުން އެއް ފަރާތްވެ މިއަދު ވިސްނަން އެއިނީ އޭނާގެ ޙަޔާތަށް ލިބިފައިވާ ހިތްދަތިކަމާ މެދުގައެވެ. އޭނާގެ ދިރިއުޅުމުގައި ދެންވާނޭ ގޮތަކާ މެދުގައެވެ. އޭނާ އަށް އެކަން ކުރެވޭނެ ހެއްޔެވެ؟ އެކަމާ ކުރިމަތި ލެވޭހާ ހިތްވަރު އެބަހުރި ހެއްޔެވެ؟ ވިސްނަވިސްނާ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. ފިކުރުކޮށްކޮށް މީހާ ވަރުބަލި ވެއްޖެއެވެ. އަލި މަގެއް ނުފެނުނަސް އޭނާ ދިޔައީ ކުރިއަށެވެ. ނޫނެކެވެ. އޭނާ އެކަމާ ކުރިމަތި ލާނެއެވެ. ކެރިގެންނެވެ. މިކަމުން މިންޖެއް ހޯދުމަށެވެ.

މިޚިޔާލުތަކަށް ގެނބިފައި އިން ފާތުމަ ސިއްސައިގެންގޮސް ހޭވެރިކަންވީ އުރާލައިގެން އިން ތުއްތު މައުޞޫމް ދަރިފުޅު ރޯން ފެށުމުންނެވެ. އޭރު އުދަރެސް ވަނީ އޮރެންޖާއި،ރަތް ކުލައިގެ ވިލާތަކުން ވަނީ ފުރާލައިފައެވެ. އިރުގެ އަލިކަން ކެނޑެމުން ގޮސް ރޭގަނޑެއްގެ އަނދިރިކަމުގެ ނިޝާތައް ދައްކަން ފަށައިފިއެވެ. ތަނަށް ޖަމާވެފައިވާ އެންމެން ވެސް ބޭނުންވީ އަވަހަށް ގެއަށް ދާން ހިނގައިގަތުމަށެވެ. ފާތުމަވެސް އޭނާގެ ދަރިފުޅު ގޮވައިގެން ގެއާ ދިމާއަށް މިޞްރާބު ބެހެއްޓީ ކޮންމެހެން ގެއަށް ދާ ހިތަކުންނެއް ނޫނެވެ. ގެއަށް ވަނުމަށްފަހު ދެން ކަންވާނެގޮތް އޭނާގެ ސިކުނޑީގައި އެބައޮތެވެ. ލަސް ފިޔަވަޅުތަކެއްގައި ސިކުނޑިއަށް ބަރު ޚިޔާލުތައް ފުރަމުން ގޮސް ގެއަށްވަނީ ނޭފަތުގައި އަތް އަޅައިގެންނެވެ.

ގެއަށް ވަނުމާއެކު ސިނގިރެޓް ގެ ނުބައި ކުނި ވަސްގަނޑު ފާތުމަގެ ނޭފަތުގައި ޖެހުނެވެ. މުޅި ގޭ އެއްވަސް ކުރުވާފައިވަނީ އެ ވަހުންނެވެ. ތަޅުންމަތީގައި ހުސްކޮށްފައިވާ ފިލްޓަރތައް އެގޮތް މިގޮތަށް އުކާފައި ހުއްޓެވެ. ބައެއް ދިމަދިމާގައި އަޅީގެ ކުނޑިތައް ތަތްލާފައި ހުއްޓެވެ. ފުޅިތަކާއި ތަށިތައް ތަޅައިގެން ގޮސްފައިވާ ފުޅިތޮށިތަކުން ސިޓިންގ ރޫމަށްވަނީ ބިރުވެރިކަމެއް ގެނުވާފައެވެ. ގޮޑިތައް އޮތީ ބިމާހަމަވެފައެވެ. ހުދު މުށި ޖަހާފައިވާ ތަޅުންގަނޑު މައްޗަށް ހޮޑުލައި ފުރާފައި އޮތްތަން ފެނުމުން ފާތުމަ ފަކުރު ގަންނަގޮތްވިއެވެ. ޓީވީ ރިމޯޓު އޮތީ ތިންފަޅި ކޮށްލާފައެވެ.

ފުނޑުފުނޑުވެފައިވާ ފުޅިތޮށިތައް ސާފުކުރަން ފާތުމަގެ މައިދައިތަ ޢާޝިޔާ އަވަދިނެތި އުޅެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިވުމާއި ހިތާމައިގެ ވޭނީ އަސަރެވެ. ދެލޯވަނީ ފެންކަޅިވެފައެވެ. ހީވަނީ ދެންމެދެންމެ ކަރުނަތައް ފައިބައިގަންނާނެހެންނެވެ. ނަމަވެސް ފާތުމައަކަށް މިއީ މިހާރު މާ ބޮޑުކަމެއްހެން އޭނާގެ ޙަރަކާތަކުން ނުފެނެއެވެ. އާނއެކެވެ. ފުރަތަމަ ކޮޅުގައި މިކަމާއި ކަންބޮޑުވެ، ރޮއި ހޭރި ރަނގަޅަށް ކާއެއްޗެއް ނުކައި ނުނިދާ އޭނާ އެތައް ރެއެއް ހޭދަކުރިއެވެ. މިހާރު އޭނަ މިވަނީ މިކަމަށް ހޭނިފައެވެ. ފާތުމަ އޭނާގެ ދަރިފުޅު ބޭއްވުމަށްފަހު ތަޅަން ސާފުކުރުމުގައި މައިދައިތައާ ބައިވެރިވިއެވެ.

ފާތުމަގެ ފިރި އަޙުމަދަކީ ޢާޝިޔާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ރަށު ސުކޫލު ނިންމުމަށްފަހު އެތައް ތަނަކަށް ސިޓީ ލައިގެން ވެސް ރަނގަޅު ވަޒީފާ ގަނޑެއް ނުލިބި އެތައް ދުވަހަކު ތެޅި ބޭލުމަށްފަހު ވަޒީފާއެއް ލިބުނީ ރަށު ފެނަކަ އިންޖީނު ގެއިންނެވެ. ވަޒީފާއަށް ދިޔަސް ގިނަ ދުވަހު ދަނީ ގަޑިޖެހިގެންނެވެ. މަސައްކަތަށް އެހާ ފަރުވާކުޑައެވެ. އިންޖީނު ގޭގައި އުޅެންޖެހޭ ވަގުތަށް ވުރެ ގިނައިން އުޅެނީ ރަށުގައި ހުޅުވިފައި ހުންނަ ކެފޭތަކުގައެވެ. ބްރެކްފާސްޓެއް ނޫނީ ކޮފީއެއްގައެވެ. ސެކްޝަންގެ ހެޑުން ނަސޭޙަތް ދިނުމުން ވެސް އޭނާގެ އުޅުމަކަށް ބަދަލެއް ނައެވެ. ނަސޭހަތާއި އިންޒާރުގެ ލިޔުންތަކުގައި ވެސް ސޮއި ކުރެވިއްޖެއެވެ. އެންމެފަހުން މިހާރު ހުރީ އެންމެފަހުގެ އިންޒާރާއެކުގައެވެ.

މި ކަންކަން އަޙުމަދަށް ރަނގަޅު ނުކުރެވުމުގެ ނަތީޖާއަކީ ވަޒީފާއިން ވަކިކުރުމެވެ. އެއާއެކު އޭނާގެ އުޅުމަށް ކުރިއަށްވުރެ ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އޭނަގެ އެކުވެރިންނާއެކު ގެއިން ބޭރުގައި ރޭގަނޑު ހަތަރުދަމު ހޭދަކުރަން ފަށައިފިއެވެ. ފާތުމަ ކުރާ އާދޭހަކަށް ބެލުމެއްނެތިއެވެ. ޢާޝިޔާ ރޮއިރޮއިފައިދޭ ނަސޭހަތް އަޑުއެހުމެއްނެތިއެވެ. ގެއަށް އަންނައިރު މުޅި ގައިން ދުވަނީ ސިނގިރެޓް ނުބައި ވަހެވެ. މިއީ ފާތުމަ އެންމެ ހިތްހަމަ ނުޖެހޭ އެއްކަންތަކެވެ.

ދުވަސްކޮޅަކުން ގެއަށް ސިނގިރެޓް ގެ ބަދަލުގައި "އެހެން ބްރޭންޑް" ތަކުގެ އެއްޗެހި ވެސް އެތެރެވާން ފަށައިފިއެވެ. ފާޚާނާއާއި ކޮޓަރީގެ އެކި ތަންތަނުން ފެންނަ ކުނޑި ޕަކެޓްތަކާއި ތެޔޮ ޕެކެޓްތައް ފެނުމުން ފާތުމަގެ ބޮލުގެ ރިހުން އިންތިހާއަށް ހިނގައްޖެއެވެ. އަޙުމަދު ވަންހަނާކޮށް އެ ޢަމަލު ކުރިކަމުގައި ވިޔަސް އެ ހުރިހާ ޢަމަލެއް އެބަ ހިނގާކަން އެނގިއްޖެއެވެ. ދުވާލުދާ ހަތަރު ދަމު ނިދާފައި ރޭގަނޑު ބުޅާގަނޑެއްހެން ހޭލާ ހިތުހުރިގޮތަކަށް ރަށުތެރޭ އުޅުމަށްފަހު ގެއަށް އަންނަ އިރު ހިތްހަމަނުޖެހޭ އެއްޗެއް ބުނެލިއަސް ހަޅޭއްލަވައިގަނެއެވެ. ވަށިވަށިން އެތިވަރު ގޮވައިގަނެއެވެ. ޖެހުނު އެއްޗެއް ނަގާ ހޫރާލައެވެ. ބިރު ދައްކައެވެ. ރުޅިއައިސްގެން ހުރި ވަގުތެއް ނަމަ ފާތުމައަށް އަނިޔާ ވެސް ކުރެއެވެ. މިކަމާ މިހާރު ކުޑަ މީހާ އުރާލަން ދޭން ވެސް ބިރުގަނެއެވެ. ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެތީއެވެ. ހަމަ ހޭގައި ނެތް މީހަކު ކޮށްފާނެ ކޮންމެފަދަ ކަމަކަށްޓަކައެވެ. ފާތުމަ މިކަމާ މެދު ކިތަންމެ ވަރަކަށް ވިސްނިޔަސް ހައްލެއް ނުލިބުނެވެ. އޭނާގެ ދިރިއުޅުން މިއޮތީ "ހަތަރުއުދަރެސް ފެނުޖެހިފައެވެ." އޮއިދެމޭ ގަދަފަދަ ކަނޑެއްގައި އޮޔާ ދެކޮޅަށް ފަތަފަތާ އޭނާ ގައިން މިހާރު ޖޯރު ހުސްވެއްޖެއެވެ.

މިރޭ އަހުމަދު ގެއަށް އައިރު އާދަޔާޚިލާފު ބިރުވެރިކަމެއް މޫނުމަތިން ފެންނަން ހުއްޓެވެ. ބޮޑު ބިރެއް ފެނި އެއިން ރައްކާތެރިވާން އުޅޭހެން ހީވާކަހަލައެވެ. އޭނާ އަށް އައިސްފައިހުރި ބަދަލު ފެނިފައި ވާހަކަ ދައްކާލަން ފާތުމަ ބޭނުންވިއެވެ. ނަމަވެސް މިހާރު އެ ހިތްވަރެއް ފާތުމަގެ ކިބައިގައި ނެތެވެ. ނަސޭހަތްދީ އާދޭސްކޮށް ވަރުބަލިވެއްޖެއެވެ. ނަމަވެސް ހިތްވަރުކޮށްފައި ފާތުމަ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ދަރިފުޅުގެ ހައްޤުގައި ކެތް ކުރެވިއްޖެކަމާއި ދެން ތިކަން ހުއްޓާ ނުލާނަމަ އޭނާއާ ވަކިވާން ބޭނުންވާ ވާހަކަ ބުނެވިއްޖެއެވެ. މިއީ ފާތުމަ މިހާރު އެންމެ ބޭނުންވާ ކަންތަކެވެ. މިވާހަކަ ދައްކަން އޭނާ ޖެހިލުންވަނީއެވެ. މި ވާހަކަ ދައްކަން އޭނާ ވިސްނާތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. އެންމެ ފަހުން ހިތްވަރު ކޮށްފައި އޭނާ ބޭނުންވާ ކަންތައް ސާފުކޮށް އަހުމަދަށް ކިޔައިދީފިއެވެ. އެއާއެކު އަޙުމަދު ހަޅޭއްލަވަން ފަށައިފިއެވެ. އަޑުގެ ކޮޅަށެވެ. އަވަސް ޙަރަކާތަކާއެކު ޖީބުގައި އޮތް ފިޔޮހި ނަގައި ފާތުމައާ ދިމާއަށް ހޫރާލިއެވެ. ފަޅިސިކުންތެއްގެ ތެރޭގައި އެ ވަޅި ވައި ކަފަމުން ގޮސް ހެރުނީ ފާތުމަ ބުރަކައްޓަށެވެ. އެއާއެކު ފާތުމަގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވިއެވެ. ފާތުމަގެ ބޮލަށް ބަރުވާން ފެށިއެވެ. އެނބުރުންގަނޑާއެކު ބިންމައްޗަށް ވެއްޓި ދެމިއްޖެއެވެ.

ޢާޝިޔާގެ ކުރިމަތިން މިފެންނަން މަންޒަރަކީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ހިތަށް ކިތަންމެހާވެސް އަސަރު ކުރުވާހާ ހިތްދަތިވާ މަންޒަރެކެވެ. ވޭނާއި އުދާސް ގެނުވާ ކަމެކެވެ. ޢާޝިޔާ ލަސްނުކޮށް އަތޮޅު ޕޮލިސްޓޭޝަނަށް ގުޅައިފިއެވެ. ދެން އިވުނީ ޕޮލިސް ކާރުގެ އަޑެވެ. ފުލުހުން އައިސް އަޙުމަދު ހައްޔަރު ކޮށްގެން ގެންގޮސްފިއެވެ. އަނެއްބައި ފުލުހުން އަވަސްވެގަތީ ރޯ މަހެއްހެން ތެޅިތެޅި ތަޅުން މަތީ އޮތް ފާތުމަ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށެވެ.

މިމަންޒަރު ބަލަން ޢާޝިޔާ ހުރީ ގޮތް ހުސްފައެވެ. އޭނާ އަށް މިކަންތައް ތަޙައްމަލު ކުރެވޭހާ ހިތްވަރެއް ނެތެވެ. މި ހަގީގަތް ގަބޫލުކުރަން ހިތް ދެކޮޅުހަދައެވެ. ދެލޮލުން ހޯސް ލާފައި ކަރުނަތައް އޮހޮރެން ފެށިއެވެ. އަޑުން އަޑު ނަގާ ގިސްލާ ރޯން ފެށިއެވެ. ކުއްލިއަކަށް ތުއްތުތުއްތު މާމަ ދަރިފުޅު ރޯން ފެށި އަޑު ކަންފަތުގައި ޖެހުނެވެ. އަވަހަށް އެ ދިމާއަށް ޢާޝިޔާ ހިނގައިގަތެވެ. އެ ކުޑަ ދަރިފުޅު ތަންމަތިން ނަގާ ގަޔާ ބޮނޑިކޮށްލިއެވެ. އެއާއެކު ޢާޝިޔާގެ ދެލޯ މަރާލިއެވެ. އެވަގުތު ޢާޝިޔާގެ ދެލޮލަށް ވެރިވެގަތީ މުޅިން އެހެން މަންޒަރެކެވެ.

މީގެ އެތަކެއް އަހަރު ކުރިން ވެސް މި ގޮތުގައި މި ދުވަސް އޭނާއާ ބައްދަލުކުރިއެވެ. އެ ދުވަހު ވެސް އޭނާ މިކަމާ ކަރުނަ އެޅިއެވެ. ރޮވުނެވެ. އެކަމަކު ފިރިމީހާއަށްޓަކައި މަރު ދުވަހަށް ވެސް ސިއްރު ކުރީއެވެ. މިއަދު ވެސް ތަކުރާރުވަމުން މިއައީ އެ މަންޒަރެވެ. އެކަންތަކެވެ. ތަފާތަކީ ފިރިއަކާއި ދަރިއެއްގެ ތަފާތެވެ.

ޢާޝިޔާގެ ފިރި ޢަޠީފަކީ ވެސް ފަތުގެ ބޮޑު މީހެކެވެ. ޑްރަގު ނެގި މީހެކެވެ. ޢާޝިޔާގެ ޒުވާން ޙަޔާތް ވެސް ބަރުބާދު ވެގެން އޭރު ދިޔައީ މިކަމާ ވިސްނާ ފިކުރު ކުރުމުގައެވެ. ފިރިމީހާ މިކަމުން ސަލާމަތް ކުރެވޭތޯ އަންހެނަކަށް މިފަދަ ކަމެއްގައި ކުރެވޭނެ ހުރިހައި ކަމެއް އޭނާ ކުރިއެވެ. ރަށުގެ ރައްޔިތުންނަށް އެނގިދާނެ ކަމަށްޓަކައި ކިތަންމެ ކަމެއް ސިއްރުކޮށް އަމިއްލަ ލެއާ ދިރުވަމުން ގެންދިޔައީ އަޅާ ވޭން ކުޑަވެގެނެއްނޫނެވެ. ދުނިޔޭގެ ލަދުން ސަލާމަތްވުމަށްޓަކައެވެ. އެންމެފަހުން އޯވަރޑޯޒް ވެގެން މަރުވީ އިރުވެސް އޭނާ ބުނަމުން ދިޔައީ ގުދުރަތީ މަރަކުން މަރުވީ ކަމުގައެވެ. ރޭގައި ނުލާހިކު ރަނގަޅަށް ވާހަކަދައްކާ ހީސަމާސާކޮށް ހެދިކަމުގައެވެ. ވަރަށް ލޯބިން އުޅެފައި ފަތިހު ނިދާ ނުހޭލައިގެން ބެލިއިރު މަރުވެފައި އޮތީ ކަމުގައެވެ.

ޢަޠީފު މަރުވި ސަބަބު އަދި ޢަދަދަށް ދަންދެން ވެސް އޭނާ ސިއްރުކުރީ ގިނަ ސަބަބުތަކަށްޓަކައެވެ. މަސްތުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި އުޅުނު ކިތަންމެ ރެއަކާއި ދުވާލެއް އޭނާ ގެއިން ނުކުމެދާނެތީ ހިފެހެއްޓީ އިޞްލާހެއް ވެދާނެކަމަށްޓަކައެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް ދިޔައީ ގޯހުން ގޯހަށެވެ. ގެއިން ފައިސާ ގެއްލުމާއި ހަރު މުދާތައް ގެއްލެން ފެށުމުން އުއްމީދުތައް ފެނަށްވެ ދެން އަތުނުވާނެކަން އޭނާއަށް އެ ދުވަހު ވެސް ޔަޤީންވިއެވެ. މިއަދު އޭނާ ހިތާމަކުރަނީ އެކަން ސިއްރު ކުރެވުނީމައެވެ. ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ނުކުރެވުނީމައެވެ.

ކުއްލިއަކަށް ފޯން ރިންގުވާ އަޑަށް ސިހިގެންގޮސް އޭނާގެ މާޒީގެ ފަރުދާ ކެހިގެން ދިޔައެވެ. އޭނާގެ ހަޤީޤީ މާޒީން ނިކުމެވުނެވެ. އެކޮޅުން ވާހަކަ ދައްކަމުންދަނީ އަތޮޅު ހޮސްޕިޓަލުންނެވެ. ފާތުމަގެ ބުރަކައްޓަށް ލިބިފައިވާ ގެއްލުން ކުޑަ އޮޕަރޭޝަނެއް ކޮށް މިހާރު ނިމިއްޖެކަމާއި މިވަގުތު ޙާލު ރަނގަޅު ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި ގެއަށް ދެވޭނެކަމަށް ވާހަކަ ދެއްކި މީހާ ބުނުމުން ޢާޝިޔާއަށް "އަލްޙަމްދުލިއްﷲ "އޭ ބުނެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

މިއަދު ޢާޝިޔާ ހިތަށް އަރައެވެ. މައިންބަފަންގެ ފަރާތުން މިފަދަ ކަންކަން ވާރުތަވާ ވާހަކައަކީ އަބަދުވެސް އިވޭ އަޑެކެވެ. ދަރީންނަށް މިފަދަ ކަންކަން ވާރުތަވަނީ ހަމައެކަނި އުޅޭ މާޙައުލަކުންނެއް ނޫނެވެ. ﷲ ތަޢާލާ މައިބަފައިންނާއި ދަރީން ޤުދުރަތީގޮތުން ވެސް ގުޅިފައިވުމުގެ ނިޢުމަތް ދެއްވާފައިވެއެވެ. އެކަން ވާރުތަ ކުރަނީވެސް ގުދުރަތީ ބާރަކުންނެވެ. އެހެންކަމުން މިފަދަ ކަންކަމާމެދު ވިސްނާ ފިކުރު ހިންގުމަކީ މި ޖީލުގެ ކޮންމެ މައެއް ބަފައެއްގެ ވެސް ފުރިހަމަ ޛިންމާއެކެވެ. މުޖުތަމަޢުން ގެއްލިދާ މިފަދަ ޒުވާނުން ގެއްލިގެން އެދަނީ ނަމޫނާ ދައްކަން ތިބި ބައެއްގެވެސް އިޙުމާލު ނެތިއެއް ނޫނެވެ.

5 އަހަރު ފަހުން މިއަދު ރިހިބިލިޓޭޝަނުން އަޙުމަދު އެނބުރި އައިއިރު އޭނާގެ އުޅުމާއި ގުޅުމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މިއަދު އޭނާގެ އަތަކު ރަބަރެއް ޕެކިނެއް ނެތެވެ. ކަރަކު ފަށެއް ޗޭނެއް ނެތެވެ. ކަންފަތަކު ބޮޅެއް މުންޖެއް ނެތެވެ. ހާމުންޑިއެއްހެން ކުރިން ހުރި ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑު މިއަދު ފެންނަނީ ރީތި ވަރަކަށް ކޮށާ ސާފުކޮށްފައި ހުރިތަނެވެ. ކުރިން ލައި އުޅޭ ބިރުވެރި ޢިބާރާތްތައް ޖެހި ޓީޝާޓްތަކުގެ ބަދަލުގައި މިއަދު ލައިގެން އެހުރީ އަރަބިން ލައިއުޅޭ ކަހަލަ ޖުންބާއެކެވެ. ގައިން ދުވަނީ ސިނގިރޭޓް ވަހުގެ ބަދަލުގައި މީރު ހުވަނދު އަތަރުގެ ވަހެވެ. ހުކުރު ދުވަހެއްކަމުން މިއަދު އަޙުމަދު ހުކުރަށް ދިޔައީ އޭނާގެ ކުޑަ ދަރިފުޅު ނާވީ ވެސް ގޮވައިގެންނެވެ. މިކަމާ މިއަދު އެންމެ ބޮޑު އުފަލެއް ވެފައިތިބީ ފާތުމައާއި ޢާޝިޔާއެވެ.

-ނިމުނީ-