މިސީޒަން ނިމުމުން މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން އެކްލަބަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު ޕައުލް ޕޮގްބާ ނިންމާފައިވާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް ރަލްފް ރަންގްނިކް ބުނެފިއެވެ.
ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަހު ހަމަވާއިރު ކޮންޓްރެކްޓް އާކުރުމުގެ އެއްވެސް މަޝްވަރާއެއް ސީރިއަސް ގޮތެއްގައި މިހާތަނަށް ކޮށްފައެއް ނުވެއެވެ. ރަންގްނިކް ބުނީ ކޮންޓްރެކްޓް އާކުރަން ޕޮގްބާ ބޭނުން ނުވާ ކަމަށެވެ. "ޕޮގްބާ ބޭނުމެއް ނުވޭ ކޮންޓްރެކްޓް އާކުރާކަށް. ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެނުމުގެ ފުރުސަތު ބޮޑީ އެހެން ކްލަބަކުން" ރަންގްނިކް ބުންޏެވެ.
2009-11 ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ޔޫތު ޓީމަށް އަދި ޖެހިގެން އައިސީޒަނުގައި ސީނިއަރ ޓީމަށް ކުޅުމަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން 16-2012 އަށް ޕޮގްބާ ކުޅުނީ ޔުވެންޓަސްގެ ސީނިއަރ ޓީމަށެވެ. ދުނިޔޭގެ ފުޓްބޯޅަައިގެ ބޮޑެތި ބާރުތަކުގެ ސަމާލުކަން ޕޮގްބާއަށް ލިބުނީ ޔުވެންޓަސްއަށް ކުޅެމުން ދިޔަ ދުވަސްވަރުއެވެ. އޭރު އޭނާ ގަތުމަށް ސްޕެއިނުގެ ބޮޑު ދެބާރު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޖަރުމަނުގެ ބޮޑު ބާރު ބަޔާން މިޔުނިކް މަސައްކަތް ކުރިއެވެ. އެކަމަކު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުން ޕޮގްބާވެސް ބޭނުން ނުވުމާއެކު އޭރު ޕޮގްބާ ވިއްކާލުމަށް މެން.ޔުނައިޓެޑުން އެއްބަސްނުވީއެވެ.
ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ ބޭނުންވާ މައިގަނޑު އެއްސަބަބަކީ ކްލަބް ލެވެލްގައި އޭނާ ހޯދަން ބޭނުންވާ ކާމިޔާބީތައް ޔުނައިޓެޑާއެކު ހޯދި ދާނެ ކަމަށް ގަބޫލް ނުކުރެވޭތީ އާއި ދޭތެރެ ދޭތެރެއިން ސަޕޯޓަރުންގެ ފުރައްސާރަ ކުރިމަތިވަމުންދާތީއެވެ. 2016 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑުގައި މުހިއްމު ދައުރެއް އަދާ ކުރަމުން އަންނަ ޕޮގްބާއަށް މިހާތަނަށް އެކްލަބާއެކު ކާމިޔާބު ކުރެވިފައިވާ ހަމައެކަނި ބޮޑު މުބާރާތަކީ ޔުރޮޕާ ލީގެވެ.
ފްރީ ޓްރާންސްފާއެއްގެ ދަށުން އެހެން ކްލަބަކަށް ބަދަލުވުމަށް ފުރުސަތު ލިބިފައިވާ ޕޮގްބާ ކުރިއަށް އޮތް ސީޒަނުގައި ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ފްރާންސްގެ ޕީއެސްޖީ ނުވަތަ ބާސެލޯނާއިން ކަމަށް މީޑިއާ ބައެއް ރިޕޯޓުތައް ބުނެއެވެ.