ދެމީހަކު ކައިވެންޏެއްކުރަނީ ވަރަށްބޮޑަށް ލޯބިވެގެންނެވެ. ވަރަށްބޮޑަށް އިތުބާރު ކޮށްގެންނެވެ. ވަރަށްބޮޑަށް ގަޔާވެގެންނެވެ. ވަރަށް ބޮޑު އުންމީދުތަކާއެކުގައެވެ. އެއީ އުމުރަށް އެކުގައި އުޅުމުގެ އުންމީދެވެ. އެހެނަސް ކައިވެންޏަށްފަހު އެ އިތުބާރާއި އެ ލޯބި ދެމެހެއްޓެނީ މަދު ބަޔަކަށެވެ. ކޮންމެވެސް ކަމަކާހެދި ކުރިންވި ލޯތްބާއި އިތުބާރު ގެއްލެއެވެ. އިހުތިރާމާއި ގަދަރު ނެތިންގެން ދެއެވެ. އެންމެ ކުޑަމިނުން ދެމަފިރީންކަން ވެސް ހަނދާނެއް ނުވެއެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ހައްގުތަކެއްވާކަން ވެސް ހަނދާނެއްނުވެއެވެ. އެހާވެސް ދުރުވެއެވެ. މިއީ ދިވެހި މުޖުތަމައުގައި ވެސް ހިނގާކަންކަމެވެ.

ދެމަފިރީންނަށް ވާހިސަބުން ދެމީހަކު އެ ބަދަލުވަނީ އެކަކަށެވެ. ދެ ހަށިގަނޑެއްގައިވާ އެއްފުރާނަ ފަދައިންނެވެ. އެކަކުއަނެކަކަށް އެހީތެރިވާންޖެހެއެވެ. ބަލިވީމައި އަޅާލާންޖެހެއެވެ. ދަރީން ލިބިއްޖެނަމަ ހެޔޮ ގޮތުގައި ތަރުބިއްޔަތުދީ ބޮޑުކުރަން ޖެހެއެވެ. އެއްވެސް އުޒުރެއްނެތިއެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ.

ކައިވެންޏަށްފަހު އަނބި މީހާ ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންވާންޖެހެއެވެ. ފިރިމީހާ އަނބިމީހާއަށް ހެޔޮކޮށް ހިތަންޖެހެއެވެ. އެކަކުއަނެކަކަށް ހިތަށް ތަދުވާ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. ކުރެވިއްޖަނަމަ މައާފަށް އެދޭށެވެ. މައާފުކުރާށެވެ. އެއީ ދިރުމެއްވާ ކަމެކެވެ.

ދަރީން ލިބުމަށްފަހު

ދަރީން ލިބުމަށްފަހު އެންމެ އިސްކަމެއް ދޭންޖެހޭނީ ދަރީންނަށެވެ. އެކުދީންނަށް ވަގުތު ހުސްކުރާންޖެހެއެވެ. އެކުދީންގެ މުސްތަގުބަލް ބިނާކޮށްދޭންޖެހެއެވެ. ތައުލީމް އުނގަންނައިދޭންޖެހެއެވެ. މިއީ ދެމަފިރީންގެ ޒިންމާއެކެވެ. ކުރުކޮށް ބުނާކަމަށްވާނަމަ ދަރީން ލިބުމަށްފަހު ދެމަފިރީން ވެސް ވަގުތު ހުސްކުރަންވީ ﷲ ހަވާލު ކުރެއްވި އެ އަމާނާތް ﷲ އެންގެވި ގޮތަށް ބެލެހެއްޓުމަށެވެ. މިކަން އެންމެ ފުރިހަމައަށް ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ވަގުތު ހުސްކުރުން

ދަރީންނަކީ ދެމަފިރިއެއްގެ ލޯބީގެ މޭވާއެވެ. ކައިވެނީގެ ހަގީގީ ނަތީޖާއެވެ. އެހިސާބުން ދިރިއުޅުން ފައްކާވީއެވެ. ދިރިއުޅުން އުފާވެރިވީއެވެ. އެ އުފާވެރިކަން ދެމެހެއްޓުމުގެ ފުރިހަމަ ޒިންމާވެސް އަދާކުރަން ޖެހުނީއެވެ. ދެމަފިރީން އެއްބަސް ކިޔައިގެންނެވެ.

ދަރީންލިބުމަށްފަހު ދެމަފިރީން އެކަކުއަނެކަކަށް އެއްގޮތަކަށް ވެސް ވަގުތު ނުދެވެންޏާ އެއީ މައްސަލައެކެވެ. އެހެން ކަމުން ދެމަފީރީންނަށް ވަގުތު ހުސްކުރާނޭގޮތް ވެސް ވާހަކަ ދައްކައިގެން ހަމަޖެހޭނެއެވެ. އެގޮތެއް ނިންމާނީ ދެމަފިރީން މަޝްވަރާކޮށް އެނިންމާ ގޮތަކަށެވެ.

ދެމަފިރީންގެ ކަންކަމާއި ދަރީންގެ ކަންކަމާއި ގޭތެރޭގެ ކަންކަމާއި ޚުދު އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުމަކީ ވެސް ދެމީހުންގެ ކަމެކެވެ. މިކަމުގައި އަނބިމިހާގެ ދައުރު ބޮޑެވެ. އެއީ އުނދުޅި އޮންނާނީ އަނބިމީހާގެ އަތުގައޭ ބުނާ އުސޫލުންނެވެ.

މައްސަލަ

މައްސަލަޖެހެނީ މިވެނިކަމަކާހެދިއޭ ނުބުނަމާ ހިނގާށެވެ. ކޮންމެފަދަ ކަމަކާހެދި ވެސް މައްސަލައެއް ޖެހިދާނެއެވެ. މައްސަލައޭ ބުނުމުގެ ބަދަލުގައި ޚިޔާލު ތަފާތުވުމޭ ވެސް މިފަދަ ކަންކަމަށް ކިއިދާނެއެވެ.

މިފަދަ ޙާލަތުގައި ކޮންމެވެސް އެކަކު އިސްނަގައިގެން މަޝްވަރާ ކުރާށެވެ. ވާހަކަ ދައްކާށެވެ. ޖެހޭ މައްސަލައަކީ ކޮންމެވެސް އެކަކަށް ތާކުންތާކު ނުޖެހޭ ކޫސަނި ކަމަކަށް ވެދާނެއެވެ. އެހެނޭ ކިޔާފައި އެކަމެއް ދޫކޮށްނުލާށެވެ. ކިތަންމެ ކުޑަކަމަކާ މައްސަލަ ޖެހުނަސް އެކަމަށް ފަރުވާކުޑަނުކޮށް ސީރިއަސްކޮށް ނަގާށެވެ. އެކަކުއަނެކަކަށް ހިތްހަމަޖައްސައިދޭށެވެ. ހަގީގަތް ބުނެދޭށެވެ. މަޑުމައިތިރިކަމާއި އޯގާތެރިކަން އެކަކުއަނެކެއްގެ މައްޗަށް އިސްކުރާށެވެ. ދޮގުހަދައި އުޅުވާލުމަކީ ނެތްކަމަކަށް ހަދާށެވެ. ހަގީގަތާ ކުރިމަތިލާށެވެ. އޭރުން އިތުބާރު ބޮޑުވާނެއެވެ. އެއްވެސް ކަމެއްގައި އޮޅުވާނުލާނޭ ކަމުގެ އިހުސާސް ކުރެވޭނެއެވެ.

މައްސަލައެއް ދިމާވާއިރަށް ދެމީހުން ގޮތްދޫނުކޮށް ޒުވާބު ކުރުމުގެ ބަދަލުގައި ގޮތްދޫކޮށް މާއާފަށް އެދޭށެވެ. ނުވަތަ ޒުވާބު ހުއްޓާލުމަށްފަހު ސުލްހައަށް އިސްކަންދޭށެވެ. ކިތަންމެ ރުޅިއަޔަސް މަޑުމައިތިރި ކަމާއެކު މައްސަލަ ހައްލު ކުރުމަށް ކުރިމަތިލާށެވެ. ދެމީހުންކުރެ މީހަކު ގޮތްދޫނުކޮށް އެކަމަކާ ހިފާކަމަށްވާނަމަ މައްސަލަ ހައްލުކުރާނީ ކާކުހެއްޔެވެ؟ އޭގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްކޮށް ހިތްވަސްވާސްކުރުމަށް ޝައިތާނާ އެދޭތެރެއަށް ވަންނާނޭކަން ދެމީހުން ވެސް ހަނދާން ކުރަންވާނެއެވެ. ދެމީހުންގެ ދިރިއުޅުމުގެ މުސްތަގުބަލަށްޓަކައި އެކަކުއަނެކަކަށް ގިނަކަންކަން ގުރުބާން ކުރަންޖެހެއެވެ. އެއީ ދަށުވުމެއް ނޫނެވެ.

އިތުބާރު

އެކަކު އަނެކަކަށް އިތުބާރު ނުކުރެވެންޏާ ދިރިއުޅުން ވެގެންދާނީ ހީރަސް ނެއްޓިފައިވާ ބިޔަ ފޮތްބަޔަކަށެވެ. މުސީބާތަކަށެވެ. އެހެން ކަމުން އިތުބާރުކޮށް އެއިތުބާރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަކަށް ސިއްރުކުރަންޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. އެފަދަ ކަމެއް ދިމާވިޔަސް ލަސްނުކޮށް އެވާހަކަ ހިއްސާ ކުރެވެންވާނެއެވެ. އަދި އެކަމަށް ހައްލުހޯދަންވާނެއެވެ. އެއީ ދެމަފިރީންގެ ވެސް ވަރަށްބޮޑު ޒިންމާއެކެވެ. ކޮންމެ ހާލަތެއްގައި ވެސް ތެދުވެރިވާށެވެ. ﷲއަށްޓަކައެވެ.

އަނބިމީހާ ހިތްހަމަނުޖެހޭ ކަންކަމާއި ހިތްހަމަނުޖެހިދާނޭހެން ހީވާކަންކަމުން ދުރުވެހުރުމަކީ ދިރިއުޅުމުގެ އުފަލާއި އިތުބާރު ދެމެހެއްޓުމަށް ފިރިމީހާ ކުރަންޖެހޭނޭ ކަމެކެވެ. ހަމަ މިގޮތަށް އަނބިމީހާ ވެސް އަމަލުކުރަންވާނެއެވެ. މިއިން އެއްވެސް ކަމަކަށް އުޒުރުދައްކައި ވާހަކަގިނަކޮށް ޒުވާބުދިނުމަކީ ހިތުތެރޭގައި އޮންނަ ލޯތްބާއި ކުލުނާއި އަޅާލުމަށް ބުރޫއަރައި އެކަކު އަނެކަކަށް ފޫހިވާން ފަށާނޭ ކަމެކެވެ. މިކަންކަމުން އެނގެނީ ދިރިއުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

ދިރިއުޅުމުގެ ބިންގަލަކީ އިހުތިރާމެވެ. އަޅާލުމެވެ. އިތުބާރެވެ. ދެ މީހުން އަކަކު އަނެކަކަށް ހުޅުވިފައިވާ ފޮތެއްފަދައިން ނުވާހިނދަކު ދާއިމީ ހައްލެއް މައްސަލަތަކަށް ނުލިބޭނެއެވެ. އެއީ މިނިވަންކަމަށް އަރައިގަތުމެއްނޫނެވެ. އެންމެ ރަނގަޅު ގޮތަކީ މައްސަލަތަކަށް ހައްލުހޯދުމަށް އިސްލާމީ ދިރިއުޅުމުގެ ތެރެއިން މަސައްކަތް ކުރުމެވެ.