އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އިރާކޮޅު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑް 1-3 އިން ބަލިކޮށް ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ދެކޭ ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމާއި ކައިރިއަށް ޖެހިލައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އާސެނަލްއިން ލީޑް ނެގީ މެޗް ފަށައިގެން 3 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ވާތު ބެކް ނޫނޯ ޓަވަރޭޒްއެވެ. މިލަނޑު ޖެހުމަށް ޓަވަރޭޒްއަށް ފުރުސަތު ލިބުނީ ޔުނައިޓެޑުގެ ޑިފެންޑަރު ވަރާން އާއި ޓެލަސްއަށް ޔުނައިޓެޑުގެ އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅަ ދިފާއު ނުކުރެވުމުންނެވެ. އާސެނަލްގެ ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މިހާރު ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސި ވިންގަރ ބުކަޔޯ ސަކާއެވެ.
އެކަމަކު އޭގެ ދެމިނެޓް ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކުން ޔުނައިޓެޑުން އުއްމީދު ހޯދިއެވެ. މިއީ އިނގިރޭސި ލީގުގައި ރޮނާލްޑޯ (ފޮޓޯ) ކާމިޔާބު ކުރި 100 ވަނަ ލަނޑެވެ. މިލަނޑު އޭނާ ހާއްސަ ކުރީ، މިދިޔަ ހަފްތާގައި ވިހެއުމުގެ ތެރޭގައި މަރުވި އޭނާގެ ތުއްތު ފިރިހެން ދަރިފުޅަށެވެ. އަނެއްކޮޅުން މިލަނޑާއެކު ރޮނާލްޑޯއަށް ވަނީ ޔޫރަޕުގެ ބޮޑު ދެލީގުގައި 100 ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފްވެސް ލިބިފައެވެ. މީގެ ކުރިން ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑަށް ރޮނާލްޑޯ ވަނީ 311 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުން ދަނިކޮށް އާސެނަލްއިން ތިންވަނަ ލަނޑު ޖަހައި ލީޑް ފުޅާ ކުރީ 70 ވަނަ މިނެޓުގައި ސްވިޓްޒަލޭންޑުގެ މިޑްފީލްޑަރު ގްރަނިޓް ޝަކާއެވެ.
މިއީ ތިން ދުވަސްތެރޭގައި އާސެނަލްއިން ހޯދި ބޮޑު ދުވަނަ މޮޅެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އާސެނަލްއިން ވަނީ ޗެލްސީގެ ދަނޑުގައި އެޓީމުގެ މައްޗަށް 4-2 އިން ކުރި ހޯދާފައެވެ. މިރޭ ޔުނައިޓެޑް އަތުން ހޯދި 3 ޕޮއިންޓާއެކު އާސެނަލް މިވަގުތު އޮތީ 60 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ. އާސެނަލް އަތުން ބަލިވުމުން، ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ޔުނައިޓެޑުން ދެކޭ ހުވަފެން މިވަނީ ބިލާހަކަށް ވުމަށް ކައިރިއެވެ. ޔުނައިޓެޑަށް ލީގުގައި ބާލީ 4 މެޗް އޮތްއިރު މިވަގުތު ތާވަލުގެ 6 ވަނައިގައި އޮތީ 54 ޕޮއިންޓާއެކުއެވެ.