އަބޫ ޢަބްދުﷲ މުޙައްމަދު އިބްނު ބަޠޫޠާ އަކީ ސައްޔާޙެކެވެ. މިހާރުގެ ގޮތަށް ބުނާނަމަ އެޑްވެންޗަރ ޓުއަރިސްޓެކެވެ. އޭނާ އޭޝިއާއާއި ޔޫރަޕާއި އެފްރިކާތެރޭގައި 75000 މޭލުގައި ދަތުރުކުރެއްވިއެވެ. އެ ދަތުރުތަކުގައި 44 ރަށަށް ޒިޔާރަތްކުރެއްވިއެވެ. އެ ރަށްރަށުން 23 ކައިވެނިކުރައްވައި 70 ދަރީން ލިބިވަޑައިގަތެވެ.

އިބްނު ބަޠޫޠާ ދުނިޔެއަށް އުފަންވީ މަޢްރިބުކަރައިގެ (މިހާރުގެ މޮރޮކޯގެ) ޓެންޖިއަރގައި 1304 ގައެވެ. އޭނާގެ ދަތުރުތައް ފެއްޓެވީ ޙައްޖުވެވަޑައިގަތުމުގެ ބޭނުމުގައެވެ. ދަތުރުތަކުގެ އަނެއް ބޭނުމަކީ ދުނިޔެ ބައްލަވައިލެއްވުމެވެ. އެ ދުވަސްވަރު ދަތުރުކުރުމަކީ ދަތިއުނދަގޫ އަދި ނުރައްކާތެރި ކަމެކެވެ. އިބްނު ބަޠޫޠާ އެ ކަންކަމާ ކުރިމަތިލެއްވީ ހިތްވަރާއި ޢަޒުމާއި އެކީގައެވެ. އޭނާގެ ދަތުރުތަކުން އެކި ފަންތީގެ މީހުންނާ ބައްދަލުވެ، ރައްޓެހިވިއެވެ. އަދި އެ މީހުންގެ ފަރާތުން ހެއުކަމާއި އެހީތެރިކަން ލިބިވަޑައިގަތެވެ.

އިބްނު ބަޠޫޠާ 1333 ގައި ތުރުކީގެ އިސްތަންބޯލަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގެ އިސްލާމީ ޙަޟާރަތު ދިރާސާ ކުރެއްވިއެވެ. އޭނާ މި ނޫން ވެސް އެ ހިސާބުގެ ރަށްރަށަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ފާރިސްކަރައަށް ވެސް ވަޑައިގެންނެވިއެވެ.

އޭނާ އިންޑިއާއަށް ވަޑައިގެން ދިއްލީއަށް ދަތުރު ކުރެއްވިއެވެ. އެއިރު ދިއްލީގައި ރަސްކަލަކަށް ހުންނެވީ މުޙައްމަދު ބިން ތުޣްލަޤްއެވެ. އޭނާ އެ ދަތުރުގައި ހިންދީ ދީނާއި އިސްލާމް ދީނުގެ ފަލްސަފާ ދިރާސާކުރެއްވިއެވެ.

ރެހެންދި ޚަދީޖާގެ ރަސްކަމުގައި އިބްނު ބަޠޫޠާ ރާއްޖެއަށް ވަޑައިގަތެވެ. އޭނާ ދޮޅު އަހަރެއްހާ ދުވަހު ރާއްޖޭގައި ހުންނެވިއެވެ. އެދުވަސްވަރުގެ އިސްވެރިންގެތެރެއިން އެއް ވަޒީރެއް ފިޔަވައި އެހެން ބޭފުޅުންނާއެގު އޭނާ ގާތް ގުޅުން އުފެއްދެވިއެވެ. އޭނާ ރާއްޖޭގެ ފަނޑިޔާރުކަން ވެސް ކުރެއްވިއެވެ. އަދި މީހުންނާ ކައިވެނިކުރައްވައި ބޭފުޅަކު ވެސް ލިބިވަޑައިގަތެވެ.

އިބްނު ބަޠޫޠާގެ ދަތުރުތަކުގައި އެފްރިކާގެ (ޚާއްސަކޮށް ސެނެގާލްގެ) އެ ދުވަސްވަރުގެ ހާލަތާ ބެހޭ މުހިންމު ސިއްރުތަކެއް އޭނާއަށް ހާމަވެފައިވެއެވެ. މިގޮތުން އޭނާއަކީ އެ ދުވަސްވަރު އެފްރިކާގެ އެންމެ ގިނަ މަޢްލޫމާތު އެއްކުރެއްވި ބޭފުޅާއެވެ.

އިބްނު ބަޠޫޠާ އޭނާގެ ދަތުރުތައް ނިންމާލެއްވީ އުމުރުފުޅުން 50 އަހަރުގައެވެ. އެ ދަތުރުތަކުން އޭނާގެ ޢިލްމްވެރިކަމާއި ފުދުންތެރިކަން އިތުރުވިއެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 73 އަހަރުގައެވެ.

އިބްނު ބަޠޫޠާގެ ދަތުރުތަކުގެ ދަތުރުނާމާ ލިޔުއްވީ އޭނާގެ ދަރިވަރު މުޙައްމަދު ބުނު ޖަޒުޔުލް ކުލަބީއެވެ. އެ ފޮތުގެ ނަމަކީ ތުޚުފަތުލް އަންޡާރު ފީ ޣަރާއިބިލް އަމްޞާރި ވަ ޢަޖާއިބިލް އަފްޞާރިއެވެ.