ލިއޮނަލް މެސީ ފަންސަވީސް ޔާޑް ދުރުން ކާމިޔާބު ކުރި ހިތްގައިމު ލަނޑުން ލެންސް އަތުން ބަލިނުވެ ފަރުޖައްސައިގެން ފްރާންސްގެ ލީގުގެ ޗެމްޕިއަންކަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ރޭ ހޯދައިފިއެވެ.
ބާސެލޯނާގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެކްލަބުގެ ކޮންޓްރެކްޓް އާކުރުމަށް ފުރުސަތު ނުލިބުމުގެ ސަބަބުން މަޖުބޫރީ ހާލަތެއްގައި މިސީޒަނުގައި ޕީއެސްޖީއަށް ބަދަލުވާން ޖެހުނު މެސީގެ ލަނޑު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ލެންސްގެ ސެންސާކަލްގެވެސް ނޭމާ ދިން ޕާހެއް ކޮންޓްރޯލް ކޮށްލުމަށްފަހު އުއްޑައެއްހެން މެސީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ލެންސްގެ ގޯލުގެ އަރިމަތީ ކަނަށެވެ. އޭގެ ކުރިން 57 ވަނަ މިނެޓުގައި ލެންސްގެ ކެވިން ޑަންސޯއަށް ރަތްކާޑް ދައްކާ ދަނޑުން ވަނީ ފޮނުވާލާފައެވެ. އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ލެންސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗް ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް ކޮރެންޓިން ޖީންއެވެ.
މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ލީގް ޗެމްޕިއަންކަން ހޯދި 8 ވަނަ ފަހަރެވެ. މިދިޔަ ދިހަ އަހަރު ތެރޭގައި އެޓީމަށް ލީގް ޗެމްޕިއަންކަން ގެއްލުނީ 2017 ވަނަ އަހަރުގެ އިތުރުން ނިމިގެންދިޔަ ސީޒަނުގައެވެ.
މިފަހަރު ލީގް ޗެމްޕިއަންކަން ޕީއެސްޖީއިން ހޯދުމާއެކު 10 ފަހަރު ޗެމްޕިއަންކަން ހޯދައިގެން ލީގުގެ އެންމެ ކާމިޔާބު ކްލަބުގެ ޝަރަފް ދަމަހައްޓަމުން އަންނަ އޭއެސް ސެއިން އެޓިއެން ދަމަހައްޓަމުން ދިޔަ ރެކޯޑާއި ޕީއެސްޖީއިން މިވަނީ އެއްވަރު ކޮށްފައެވެ.
ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ކުޅެމުން އަންނަ ޕީއެސްޖީއިން މިސީޒަނުގައި ލީގް ޗެމްޕިއަންކަން ހޯދިނަމަވެސް އެކްލަބުގެ ސަޕޯޓަރުން ތިބީ ހިތްހަމަ ޖެހިފައެއް ނޫނެވެ. ރޭގެ މެޗުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މެޗް ނިމެން ފަނަރަ މިނެޓަށް ވެފައި ވަނިކޮށް ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ.
ޕީއެސްޖީގެ ސަޕޯޓަރުންނަށް ލީގް ޗެމްޕިއަންކަން ހާއްސަ ނުވިނަމަވެސް، މެސީގެ އިތުރުން މިސީޒަނުގައި އެކްލަބާ ގުޅުނު ރެއާލްގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޮސްއަށް މިއީ ވަރަށް ހާއްސަ ކާމިޔާބީއެކެވެ. ދުނިޔޭގެ އެންމެ ހައިބަތު ބޮޑު އަދި ސަޕޯޓަރުން ގިނަ ދެކްލަބު ކަމުގައިވާ ރެއާލް މެޑްރިޑާއި ބާސެެލޯނާގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއް ވަންދެން ކުރި މެސީ އާއި ރާމޯސް ސްޕެއިނުން ބޭރު ލީގެއްގެ ޗެމްޕިއަންކަން ހޯދި މިއީ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ޕީއެސްޖީގެ ކޯޗް އާޖެންޓީނާގެ ޕޮޗެޓީނޯއަށްވެސް ލީގް ޗެމްޕިއަންކަން ހޯދުނު މިއީ ފުރަތަމަ ފަހަރެވެ.