މާލޭ ތެރޭގައި 2000 އަށްވުރެގިނަ ޑިސްޓްރިބިއުޝަން ބޮކްސް ނުވަތަ ކަރަންޓު ފޮށިތައް ހުންނާނޭ ކަމަށާއި އޭގެ ތެރެއިން އެއްވެސް ފޮށްޓެއް މަރާމާތު ނުކުރެވިވާކަމަށްވާނަމަ އަންގަވައި ދެއްވުމަށް ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ޝަރީފް އެދިވަޑައިގަންނަވައިފިއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ފޮށިތަކުގެ ތެރެއިން ހަލާކުވެފައި ފޮށްޓެއް ހުއްޓަސް ސްޓެލްކޯގެ ސަމާލުކަމަށް ނައިސް ވެސް ހުރެދާނޭ ކަމަށެވެ. އެހެން ކަމުން އެފަދަ ފޮށްޓެއް ހުރިނަމަ އެލަރޓް ކޮށްދެއްވުމުން އިސްލާހު ކުރައްވާނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ މާލޭގައި ބަހައްޓާފައިވާ އެފަދަ ބައެއް ފޮށިތަކަށް ގެއްލުން ލިބި، މަރާމާތުކުރަންޖެހޭ ހިސާބަށް ގޮސްފައިވާތީއެވެ. ބައެއް މީހުން ވަނީ އެފަދަ ފޮށްޓެއްގައި އަލިފާން ރޯވެގެން ރިޕޯޓު ވެސް ކޮށްފައެވެ. ޝަރީފް ވިދާޅުވެފައިވަނީ އާންމުންނާއި ސްޓެލްކޯއާ މެދު ކޮމިޔުނިކޭޝަން ލިންކެއް އުފެދިފައިވާ ކަމަށެވެ. އެކަމަށްޓަކައި އުފާ ކުރައްވާ ކަަމަށް ވެސް ވިދާޅުވެފައިވެއެވެ. ޝަރިފް މިހެން ވިދާޅުވީ މާލޭގައި ހުޅުވާފައިހުރި އެފަދަ ފޮށްޓެއްގެ ފޮޓޯއާއެލު މީހަކު ޓުވީޓުކުރުމުން އެއަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ގެންދަވަނީ ސްޓެލްކޯގެ އެމްޑީ ކަމާ ހަވާލުވުމަށްފަހު މިހެން ހުންނަ ކަންކަން ފާހަގަކުރައްވައި އެކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެކަމުގައި ރައްޔިތުންގެ އެހީތެރިކަން ވެސް ބޭނުންވެއެވެ.