ރަށްވެހި ފަތިހެއްގެ ހިތްފަސޭހަކަން ދުނިޔެ މައްޗަށް ވެރިވެފައިވަނީ އާޝޯޚް ކުރުވާ މިންވަރަށެވެ. ރަތުރަން ފަތްގަނޑެއްހެން ދޮންވެފައިވާ އިރުމަތީ ފަރާތު އުދަރެސް ފައްކާވެފައިވަނީ ތަފާތު ބައްޓަމަށް އުފެދިފައިވާ ކުލަކުލައިގެ ވިލާތަކުންނެވެ. މާލޭގެ ހެދިގޮނޑުދޮށާވީ ސަރަޙައްދުގައި ކަސްރަތަށް ކޮޅުކޮޅަށް ހޭލަމޭލަވަމުންދާ މީހުންގެ ނަޒަރު ހުއްޓިފައިވަނީ ކޮޅުކޮޅަށް ދަތުރުކުރަމުންދާ އުޅަނދު ފަހަރަށެވެ. ބާރު ސްޕީޑުގައި އައިސް ފަޅުތެރެއަށް ވަދެ ގޮނޑު ކުރަމުންދާ ލާންޗް ފަހަރަށެވެ. ވައި ކަފާ ރަށްމަތިން އުދުހެމުން ދިމާ ކުރިމަތިން ފެންނަން އޮތް ވައިގެ ބަނދަރަށް ޖައްސަމުންދާ ބޯޓް ފަހަރަށެވެ. މިއީ ބަލާ ފޫހިނުވާ ފަދަ ހިތްގައިމު މަންޒަރެކެވެ. މިއީ މިފަދަ ކޮންމެ ފަތިހެއްގެ ވެސް އާދައެވެ.
ކަސްރަތުން ނިމިގެން ގެއަށް އައިސް ވަންތަނުން އެންމެ ފުރަތަމަވެސް ރީސާގެ ލޮލުގައި އަޅައިގަތީ ކޮފީ ޓޭބަލް މަތީގައި އޮތް ވާހަކަ ފޮތުގައެވެ. ރީސާ ފަރުވާތެރިކަމާއެކު ވާހަކައިގެ ބޭރުގަނޑަށް ބަލައިލިއެވެ. "ފިރިމީހާ" ފަލަ އަކުރުން ލިޔެ ބިންވަޅު ނަގާފައިވެއެވެ. ހަމައެއާއެކު އޭނާގެ ނަޒަރުގޮސް ހުއްޓުނީ ވާހަކައިގެ ބޭރުގައި ޖަހާފައިވާ ފޮޓޯއަށެވެ. މި ފޮތް ފޮތެއްގެ ސިފައިގައި ފިރިމީހާއާ ގުޅިގެން ނެރެން އޭނާ މަސައްކަތް ކުރާތާ ލައްކަ ދުވަސްވެއްޖެއެވެ. އޭނާގެ ފަހުގެ ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ވެސް މި ފޮތަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެކަން ވަނީ އޭނާ ސިއްރުކޮށްފައެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ އޭނާގެ މާޒީވި ޙަޔާތެވެ. ފޮތުގެ ލޭ އައުޓް ހަދާފައިވާލެއް ފުރިހަމަކަމުން އޭނާގެ މިހާރުގެ ފިރިމީހާއަށް ހިތުން ޝުކުރު އަދާ ކުރެވުނެވެ. ނަމަވެސް ވާހަކަ ލިޔާ މީހެއްގެ ޙައިސިއްޔަތުން ރީސާ ވަނީ އޭނާއަށް ހުރިހާކަމެއް އޮޅުވާލާފައެވެ. އަމިއްލަ ނަން ވާހަކައިގެ މައިގަނޑު ޝަޚްޞިއްޔަތަށް މިފަހަރު ދީގެންނެވެ. ރީސާ މަޑުމަޑުން ފޮތް ހުޅުވާލިއެވެ.
_______________________________
އެއީ ޑިސެންބަރެއްގެ ފަހު ކޮޅެވެ. ރޭ ދުވާތައް ހިތްދަތިކަމާއި ވޭނުގައި ތަކުރާރުވަމުންގޮސް ޢަމީރު ފުރާ ދުވަސް ކައިރިވަމުން ދިޔަދިޔަހެން ރީސާގެ ހިތް ވެސް ދިޔައީ ތެޅެމުންނެވެ. އެރެއަށް އިރު އޮއްސުނީ ރީސާގެ ޙަޔާތުގައި ހިތާމައިގެ ކުލަތަކެއް ޖައްސާފައެވެ. ރީސާ އިންތިޒާރު ކުރަމުން ދިޔައީ ޢަމީރާ ބައްދަލުވާނެ ހިނދުކޮޅަކަށެވެ. އެކަމަކު ދައްތަ ގޭތެރޭގައި އުޅޭތީ އެފުރުޞަތެއް ނުލިބިގެން އުޅޭކަން ރީސާއަށް އެނގެއެވެ. ފުރުޞަތަކަށް ފާރަލައިގެން ރީސާ ހުއްޓާ އެފުރުޞަތު ލިބުނީ ގޭތެރެ ހަމަހިމޭންވެ ދައްތަ ނިދި ފަހުންނެވެ. ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޖަހަމުންދިޔަ ޓަކިތަކަށް ރީސާ ހަމަ އެހާ މަޑުމަޑުން ތަންޑު ނައްޓާލިއެވެ. އަމީރު ކޮޓަރީގެ ދޮރުމަތީގައި ހުއްޓާ ފެނުނެވެ. ކަޅުވެނެއް އޭގެ ހޮރުތެރެއަށް ދެމިގަންނަހާ އަވަހަށް ޢަމީރު ރީސާގެ ކޮޓަރި ތެރެއަށް ދެމިގަތެވެ. ތުރުތުރުއަޅާ އަތަކުން ރީސާ ތަންޑު އަޅުވާލިއެވެ. އެވަގުތު ޢަމީރު އައިސް ރީސާގެ ޒުވާން ހަށިގަނޑުގައި ބައްދައިގަތެވެ. އަދި ވައި އަޑަކުން ބުންޏެވެ.
"ރީ!.... މިނޫން އެހެން ތަނަކަށް ބައްދަލު ކޮށްލަން ހިނގާ! އަހަރެން ކަލާ ގާތުގައި ދައްކަންވެފައި ހުރި ލައްކަ ވާހަކަ އެބަހުރި." ރީސާ ގޮވައިގެން ޢަމީރު ނައްޓާލީ ހުޅުމާލެއަށެވެ. ސިނަމާލެ ހިތްގައިމު ދާލަ ހުރަސްކޮށް އެ އެކަނިވެރި މެންދަމުގައި ދުއްވަމުން ދިޔައިރު ރީސާގެ ހުރިހައި ބަރުދަނެއް ދޫކޮށްލެވިފައިވަނީ ޢަމީރުގެ ފުޅާ ބައިމައްޗަށެވެ. ޢަމީރުގެ ސައިކަލުގޮސް މަޑުކޮށްލީ ހުޅުމާލޭގެ ޔޫތު ސަހަރުގެ ހިތްގައިމު އަތިރިމައްޗަށެވެ. މުޅި ގޮނޑުދޮށް ވަނީ ރެނދަނުން ދިއްލާލާފައެވެ. ހީވަނީ ނޫކުލައިގެ ކުދި ބޮކިތަކެއް ވިދާ ބަބުޅަމުންދާހެންނެވެ. އޭރު ސާދަ ވިލޭރެއްގެ ހަނދު އޭގެ އުޖާލާ ކަމާއެކު ދަތުރުކުރަމުންދަނީ ރޭގެ ދަތުރު ނިންމާލެވޭތޯއެވެ. ކަނޑުގެ ރާޅުތައް ވެސް ވަނީ ހުއްޓި ހިމޭންވެފައެވެ. މާދުރުދުރުން އަންނަ ވައިގެ ރޯޅިތައް ބީހިލާފާ ދާއިރު ހަށިގަނޑަށް ކުރުވަނީ ފޮނި މަސްތެކެވެ. މުޅި މާޙައުލުވެސް ހީވަނީ ޢަމީރަށް އަލްވަދާޢު ކިޔުމަށް މާކުރިއްސުރެވެސް ތައްޔާރަށް އޮތް ހެންނެވެ. ހިމޭން ވަގުތުކޮޅަކަށްފަހު ޢަމީރު ބުންޏެވެ.
"ރީ....! މާދަމާ އަހަރެން ފުރަނީއެވެ. އަހަރެން ފުރައިގެން މިދަނީ މި ލޯބީގެ ހުރިހައި އިޙުސާސެއް ހިފައިގެންނެވެ. އަހަރެން ވަކިވެ ދިޔަސް އަހަންނަށްޓަކައި އިންތިޒާރު ކުރާށެވެ. މާލަހެއްނުވެ އަހަރެން އަނެއްކާވެސް އެނބުރި އަންނާނަމެވެ. މިއީ ކޯހުގެ އެންމެ ފަހު ދުވަސް ކޮޅެވެ. އައުމަށްފަހު ކަލާ އަހަރެންގެ މީހަކަށް ހަދާނަމެވެ."
"ޢަމީރެވެ! އަހަންނަށް އިތުބާރު ކުރާށެވެ! އަހަރެން ކަލާއަށް އިންތިޒާރު ކުރާނަމެވެ. ކަލާ ފުރައިގެން ދިއުމަށްފަހު ދުނިޔެއަށް ޖެހޭ ވައި ރޯޅިއަކަށްވެސް މި ދެމެދަކަށް ނުވަދެވޭނެއެވެ!." ރީސާ އޭނާ ޢަމީރަށް އިތުބާރުކުރާވަރު ހާމަކޮށްދިނެވެ.
"ވަރަށް އުފާކޮށްފިން. މިލޯބީގެ ބިންގާ އެޅިފައިވަނީވެސް ތިޔަހެން ޖެހޭ ވައިރޯޅިއަކަށްވެސް ފުޑުފުޑުކޮށްނުލެވޭ ވަރުގަދަ އެކަތައިން. އެހެންކަމުން އެފަދަ ތޫފާނެއް މިލޯތްބަށް ކުރިމަތި ނުވާނެކަމަށް އުއްމީދު ކުރަން."
" ޔަޤީންކުރޭ!... އެހެރަ ހަނދާއި ތަރިތައް ހެކިކޮށް ވަޢުދުވަން. ވިލާތަކާއި އެއޮއް ބަބުޅާ ރެދަން ގޮނޑުދޮށް ގަންދީ ހުވާކުރަން. ސާފު ހިމޭން ލޮނުގަނޑު ހެކިކޮށް އަހުދުވަން. ކަލާ އަހަންނާއެކު ހުރިހާ ހިނދަކު މިލޯބީގައި ތެދުވެރިވާނަން. ލޯބީގައި ދެމި ހުންނާނަން." ރީސާގެ ޖަޒްބާތުތައް ބަންޑުން ޖަހާލިއެވެ.
"ތި ކުރެވުނީ ވަޢުދެއް. ކަލާ ދުނިޔޭގެ ދަޅަތަކަށް ނުހެއްލޭނެކަމަށް ހީކުރަން ކަލާނޫން މީހަކާ ނުއިނުމަށް ހުވާކުރަން."
އެތާރީޚީ ގޮނޑުދޮށުން އެކަކު އަނެކަކަށް ވަޢުދާއި އަހުދުތައް ކުރަމުން ވަކިވެ ގެއަށް އައިސް ވަދެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށެވެ. ދައްތަ ހޭލާ އުޅެފާނެތީ އަމީރާއި ރީސާ ތިބީ ވަރަށް ބިރުންނެވެ. އެކަމަކު އެފަދަ އެއްވެސް ބިރުވެރިކަމެއްނެތެވެ. ދައްތަ އޮތީ ނިދާފައެވެ.
ޢަމީރު ފުރައިގެން ދިއުމަށްފަހު "މަތިވެރި ނަޞީބު"އަށް އައީ ހިތާމަވެރި ދުވަސްތަކެކެވެ. ކުއްލިއަކަށް ފާއިޒާ ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފިއެވެ. ފާއިޒާއާ އެހީތެރިވާން ހުރި މީހަކީ މިހާރު ހަމައެކަނި ރީސާއެވެ. ދައްތަގެ ބަލި އެނގުމާއެކު ރީސާގެ ނޭވާ ނުހުއްޓުނީ ކިރިޔާއެވެ. ދެ ކިޑްނީ އެއްކޮށް ފޭލްވީއެވެ. ލިބުނު ޚަބަރުން ނަފްސާނީގޮތުން ފާއިޒާއަށްޝޮކެއް ލިބުނު ކަހަލައެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިޒާގެ ޙާލު ދިޔައީ ބޮޑުވަމުންނެވެ. މި ބަލީގައި ފާއިޒާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢުކީ ރީސާގެ ހިތް ރޮއްވާލާފައެވެ. އެވަގުތު ރީސާ އަނބުރައިގަނެގެން ހުރި ތަނަށް ވެއްޓުނެވެ. ހޭވެރިކަންވީއިރު ކޮންމެވެސް ނުދަންނަ މީހަކު ކައިރީގައި އިނެވެ. އެއީ ކާކުތޯ އަހާލާނެ ހިތްވަރު ވެސް ރީސާގެ ނެތެވެ.
ރީސާއަށް ފަހުން އެނގުނު ގޮތުގައި އެއީ ދަތުރުކުރަންދިޔަ ދައްތަގެ ފިރިމީހާ ޝިފާޒެވެ. ރީސާގެ ޅިޔަންބެއެވެ. ޅިޔަންބެގެ އޯގާތެރިކަން ފެނިފައި ރީސާ ޙައިރާންވިއެވެ. ހޮސްޕިޓަލްގައި އެތައް ދުވަހެއް ހޭދަ ކުރުމަށްފަހު އޭނާއަށް ގެއަށް އާދެވުނީ ޝިފާޒުގެ އެހީތެރިކަމާއެކުގައެވެ.
ގެއަށް އައި ފަހުން ވެސް ޝިފާޒުގެ އެހީތެރިކަން ރީސާއަށް ލިބެމުން ދިޔައީ ޙައިރާންވާ ވަރަށެވެ. ދައްތަގެ ހަނދާންތައް ރީސާގެ ހިތުން ފިލުވާލުންވީ ވަރަށް ބޮޑު ކަމަކަށެވެ. އެހެންނަމަވެސް ދުވަސްވީ ވަރަކަށް އެ ހަނދާންތައް ދިޔައީ މަޑުމަޑުން ފަނޑުވަމުންނެވެ. ނަމަވެސް ކޮންމެވެސް ފިކުރެއްގެ ތެރޭގައި ޝިފާޒު ހުންނަންހެން ރީސާއަށް އިޙުސާސް ވަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ޅިޔަންބޭގެ ހުރިހާ ވެސް މީހަކީ ދައްތައެވެ. ދައްތަ އެހާ ކުއްލި ގޮތަކަށް ނިޔާވުމުން އެ ފިކުރު ގައި ހުރުމަކީ ވުންއެކަށީގެންވާ ކަމެއްކަމަށް ރީސާއަށް ގަބޫލު ކުރެވެއެވެ. ޝިފާޒުގެ އެ ޙާލަށް ރީސާ ހަމްދަރުދީވެއެވެ. ޝިފާޒު އަބަދުވެސް އުފަލުގައި ހުރުމަކީ ރީސާ ވެސް އެދޭ ގޮތެވެ. އޭނާގެ ދުޢާ އެވެ.
ދައްތަ ވަކިވެ ދިއުމުން ޝިފާޒުގެ ހުރިހައި މަސައްކަތެއް ކޮށްދޭން ޖެހުނީ ރީސާއަށެވެ. ޝިފާޒުގެ އެކަނިވެރިކަން ރީސާއަށް އިޙުސާސްވެއެވެ. ޝިފާޒު އެހެން މީހަކާ އިނދެގެން އެހެން ދިރިއުޅުމެއްގައި އުފަލުގައި ދިރިއުޅޭތަން ރީސާ ދެކޭހިތްވެއެވެ. އެފަދަ ދުވަހެއް ފެންނާނީ ކޮން ދުވަހަކުންބާވައޭ ރީސާ ހިތަށް އަރައެވެ. ފަހަކަށް އައިސް ގޭތެރެއިން ޝިފާޒު ފެންނަ ކޮންމެ ފަހަރަކުވެސް ރީސާއަށް ހީވަމުންދަނީ ކޮންމެވެސް ވާހަކައެއް ނުބުނެވިގެން ހުންނަ ހެންނެވެ. ރީސާއަށް މި ހީވި ހީވުން ޔަގީންވެގެން ދިޔައީ ވިއްސާރަ ރެއެއްގައި ކޮފީ މޭޒުދޮށުގައި ތިބި ވަގުތު ކޮޅުގައެވެ. ޝިފާޒުގެ ލޮލުން ދޫވެގެންދިޔަ ޖަޒްބާތީ ސިގުނަލްތަކުންނެވެ. ދިއްކޮށްލި ކޮފީތަށީގައި ހިފުމަށް އަތުގެ އިނގިލިތައް މުޑިއަރައިގެންދިޔަ ގޮތުންނެވެ. އަތަށް ލެވުނު ބާރުގައި ދަމައިގަންނަން ވެސް ނޭނގުމުންނެވެ. އެއާއެކު ދުލުން ބަންޑުން ވެގެންދިޔަ ލަފުޒުތަކުންނެވެ. ރީސާގެ ޖަވާބަކަށް އިންތިޒާރު ކުރުމަށްފަހު ޝިފާޒު އިސްޖަހާލައިގެން ނިކުމެގެން އެދިޔަގޮތް މިހާރުވެސް ރީސާއަށް ސިފަކުރެވެއެވެ.
އޭގެ ފަހުން ރީސާ ފެންނަ ހިސާބަށް ވެސް ޝިފާޒު ނިކުމެއެއް ނޫޅެއެވެ. އަބަދު އޮންނަނީ ކޮޓަރީގައެވެ. ނުވެސް ކައެވެ. އެކަން ރީސާއަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. ކަންދިމާވިގޮތުން އެ ކޮޓަރިއަށް ވަންނަން ވެސް ރީސާއަކަށް ނުކެރުނެވެ. ޝިފާޒުގެ ބައްޔަކީ ކޮބައިކަން ރީސާއަށް އެނގެއެވެ. އެހެންކަމުން ރީސާގެ ޟަމީރު ގޮވަމުން ދިޔައީ ޝިފާޒަށް އެހީތެރިވުމަށެވެ. ހަމްދަރުދީ ވުމަށެވެ. އެކަމަކު ރީސާ އެކަން ކުރާނީވެސް ކިހިނެއްހެއްޔެވެ؟ ރީސާ ހުރިހާ ކަމަކަށް އެއްބަސް ވިޔަސް އެކަމަކާ އެއް ބަހެއް ނުވެވޭނެއެވެ. ކިތަންމެ ވަރަކަށް އޭނާގެ ޟަމީރު އެދި ގޮވިޔަސް އެ ގޮވުމަކަށް އިޖާބައެއް ނުދެވޭނެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ އެހެން މީހަކު ދެކެ ލޯބިވެވިފައެވެ.
މިހާސްކަމުގެ ތެރޭގައި އުޅެނިކޮށް ރީސާއަށް ލިބުނީ އަނެއްކާވެސް ހިތާމަވެރި ޚަބަރެކެވެ. ޢަމީރު އެހެން އަންހެން ކުއްޖަކާ ކައިވެނި ކުރި ޚަބަރެވެ. އެޚަބަރު ގެނެސްދިނީވެސް ޚުދު ޝިފާޒެވެ. ރީސާއާއި ޢަމީރުގެ އެއްވެސް ގުޅުމެއް ނޭނގޭނެކަމަށް ޤަބޫލުކުރާ އަމީރުގެ ބޭބެއެވެ. އެޚަބަރު ލިބުމާއެކު މުޅި ދުވަސް ރީސާއަށް ހީވީ ދިޔައީ އޮއިދެމޭ ކޯރެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. ކެތް ނުކުރެވޭ ވަރަށް ބޮލުގައި ރިއްސަމުން ދިޔައެވެ. މުޅި ދުނިޔެ ވެސް އެނބުރޭހެން ހީވަމުން ދިޔައެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަހިނގާ ހުއްޓާ އޭނާ އަނބުރައިގަނެގެން ކޮޓަރިތެރެއަށް ވެއްޓުނުކަން އެނގެއެވެ. އޭގެ ފަހުން ދެންވީ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. ރީސާއަށް ހޭވެރިކަންވީ އެނދުމަތީގައި އޮއްވައެވެ. ކޮންމެވެސް ކުލުނުވެރި އަތަކުން އޭނާގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އެމީހަކީ ޝިފާޒެވެ. ރީސާއަށް ބޭސްދީފައި ޝިފާޒު ބުންޏެވެ.
"ކޮއްކޯ!....ކިހިނެއްވީ؟....ދެރަ ނުވޭ..... ކޮއްކޮ މާ ބޮޑަށް ވިސްނަނީތަ.... ދައްތަ ދުނިޔޭގައި ނެތަސް މިއަދު ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ. ކޮއްކޮއަކަށް އެއްވެސް ދެރަގޮތެއް ނުވާނެ... ކޮއްކޮއަށް ތިވީގޮތް ބުނެބަލަ!..."
ޝިފާޒު އެހެން ބުންޏަސް އޭނާ އެވާހަކަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ޢަމީރަކީ ޝިފާޒުގެ ކާކުކަން އޭނާއަށް އެނގެއެވެ. އަދި ޝިފާޒަށް އެކަން އެނގިއްޖެއްޔާ ހީކުރާނެގޮތް ވެސް ވިސްނެއެވެ. ދެން މިހާރު ޢަމީރަށް ރީސާ އިންތިޒާރު ކުރުމުގެ ބޭނުމެއް ވެސް ނެތެވެ. އޭނާއަކީ މިހާރު އެހެން މީހެއްގެ މީހެކެވެ. ބޭވަފާތެރިއެކެވެ. މަކަރުވެރިއެކެވެ. ހީލަތްތެރިއެކެވެ. މި ހުރިހާ ކަމަކަށް ވިސްނާފަ ޝިފާޒާ ގުޅުމަށް ރީސާ އެއްބަސްވީ މިވަގުތު އެނޫންގޮތެއް އޭނާއަށް ނެތީމައެވެ. މިގޭގައިވެސް އޭނާއަށް ނުހުރެވިދާނެކަމަށްޓަކައެވެ. ދެން އުޅެން ޖެހޭނެގޮތެއް އަމުދުން ފެންނަން ނެތީމައެވެ. މަޖުބޫރަށްޓަކައެވެ.
ރީސާ މިހެން ހިތްވަރަށް ނިކުމެ އުޅެން ފެށުމުން ޝިފާޒު ވެސް ހަމަޖެހިފައި ހުންނަކަން ރީސާއަށް ޤަބޫލު ކުރެވުނެވެ. އެހެންކަމުން ދެން އައި ދުވަސްތަކުގައި ރީސާއާއި ޝިފާޒުގެ ކައިވެނީގެ ތައްޔާރީތައް ހިނގައިގެންފިއެވެ. ކައިވެނީގެ ޙަފްލާގައި ހުރިއިރުވެސް ރީސާ ހަނދާންވަމުން ދިޔައީ އެހެން މީހެއްގެ މަތިންނެވެ. ކައިވެނީގެ ދަރުބާރުގެ ކުލަކުލައިގެ ބޮކިތަކާއި ދިއްލުންތަކުން ވިދާ ބަބުޅަނީއެވެ. އެހެނަސް ރީސާގެ އެތެރެ ހަށީގައި އަނދާ ހުލިވަމުންދަނީ މުޅިން އެހެން އަލިފާނެކެވެ.ގަޑިން 11 ޖަހަން ކައިރިވެފައިވަނިކޮށް ކުއްލިއަކަށް ރީސާމެންގެ ކުރިމައްޗަށް ހުއްޓާލި ކާރު ފެނިފައި ރީސާގެ ދެލޯ އެދިމާއަށްގޮސް ހުއްޓުނެވެ. ކާރުން ފޭބި ޒުވާނާ ފެނިފައި ކައިރީގައި ހުރި ފިރިމީހާގެ އަތުގައި އޭނާއަށް ހިފަހައްޓާލެވުނީ ކިހާ ބާރުމިނެއްގައިކަންވެސް އޭނާއަށް ނޭނގުނެވެ. އޭނާ އެއައީ އެއަރޕޯޓުން ހަމަ ފޭބި ގޮތަށެވެ. ޢަމީރު އައިސް ފުރަތަމަ ސަލާންކުރީ ރީސާއާއެވެ. ދެން އޭނާގެ ލޯބިވާ ބޭބެއާއެވެ.
"ބޭބެގެ ނިންމުން ގޯހެއް ނޫން. އެކަމަކު އަހަރެން ބަލަނީ އަންހެން ކުދިންގެ ވަކިތަކުން ސަލާމަތް ވެގެން ހުންނަން." ބޭބެޔާ ސަލާންކޮށްފައި އަމީރު އެބުނި ޖުމްލައިން ރީސާ ޙައިރާންވިއެވެ.
ކޮންމެއަކަސް މާ ގިނައިރަކު ޢަމީރު ޕާޓީގައި ހޭދައެއް ނުކުރެއެވެ. ދަތުރު ވަރުބަލީގައި ހުރުމުން ޕާޓީ ނުނިމެނީސް ދިޔައީކަމަށް ރީސާއަށް ހީކުރެވުނެވެ. ރީސާމެން ގެއަށް ދިއުމުގެ މާކުރިން އޭނާ ގެއަށް ހިނގައްޖެއެވެ. ރީސާ ހީކުރީ އޭނާ ހުރީ ވަރަށް ރަކިވެފައި ކަމަށެވެ. ކަން ކުރެވުނު ގޮތުން ލަދުން މިތާ ހުންނަން ނުކެރުނީ ކަމުގައެވެ.
ޢަމީރު ދިއުމުން ވެސް ރީސާއަށް ޚިޔާލު ކުރެވެމުން ދިޔައީ އޭނަޔާ މެދުގައެވެ. އެވަގުތު ޢަމީރު އެއްވެސް ޖެހިލުމެއްނެތި އެހެން އެބުނީ ކީއްވެބާވައޭ އޭނާ ހިތަށް އެރިއެވެ. ކޮންމެއަކަސް އެ އުފާވެރި ކައިވެނީގެ ރޭވެސް ރީސާ ހޭދަކުރަން ޖެހުނީ ކަރުނައިގެ ތެރޭގައެވެ. ޢަމީރާމެދު ޚިޔާލު ނުކޮށް އޮންނަން ބޭނުންވިޔަސް އެ ހަނދާންތައް ހިތް ތޮރުފާ ކުދިކުދި ކުރަމުންދަނީއެވެ. ޝިފާޒަށް މިވީ އެއްވެސް ކަމެއް ނޭނގޭކަމަށް އޭނާ ހީކުރިއެވެ. ފިރިމީހާގެ ކައިރީގައި އޮތަސް ހިތުތެރޭގައި އަނދަމުން ދިޔައީ ޢަމީރުގެ ހަނދާންތަކެވެ. ޢަމީރާއެކު ހޭދަކޮށްލެވުނު އުފާވެރި ހިނދުކޮޅުތަކެވެ. ފަތިސް ވަންދެންވެސް އޮންނަން ޖެހުނީ ނުނިދިފައެވެ.
ހެނދުނުގެ އިރު ދުނިޔެ މައްޗަށް ފާއްދާލުމާއެކު ލިބުނު ޚަބަރުން ރީސާ އަނބުރައިގަތެވެ. އަރި އަޅާލައިގެން އެނދު މައްޗަށް ވެއްޓުނުކަން އޭނާއަށް އެނގެއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވީއިރު ކޮޓަރީގައި އެއްވެސް މީހަކު ނެތެވެ. ޝިފާޒު ކޮބައިބާވައޭ ހިތަށް އެރިއެވެ. އަދި ޢަމީރުގެ ޖަނާޒާ ނުނިމެނީކަމަށް އޭނާ ހީކުރިއެވެ. ކުއްލިއަކަށް ރީސާގެ ލޮލުގައި އަޅައިގަތީ ޒީނަތްތެރިވާ މޭޒު މަތީގައި އޮތް ސިޓީ އުރައެވެ. އޭގެ ބޭރަށް އޭނާ ބަލައިލިއެވެ. ރީސާއަށް އެޑްރެސް ކޮށްފައި އޮތް ސިޓީއެކެވެ. ޢަމީރުގެ ސިޓީއެކެވެ. އެހެންކަމުން އެއްވެސް ޖެހިލުމެއްނެތި އެ ކަނޑާލިއެވެ. އެއީ ސިޓީއެކޭ ކިޔުމަށްވުރެ ރަނގަޅީ ހަލާކުވަމުންދިޔަ ލޯބިވެރިއެއްގެ ހިތުގެ އެތިކޮޅުތަކެކޭ ކިޔުމެވެ. އޭގެ ކޮންމެ ޖުމްލައަކުން ރީސާ ރޮއްވާލިއެވެ. އެސިޓި ރީސާއަށް ކިޔާ ލެވުނީ ހިތް އޭގެ ޖާގައިގައި ބާއްވައިގެނެއް ނޫނެވެ.
"ހިތުގެ ވިންދުކަމަށް ދުށް އެންމެ ލޯބިވާ ރީ އަށް!
އަހަރެން ފުރަން އޮތް ރޭވެސް ކިހާ ވަރަކަށް އަހަރެމެންގެ ލޯތްބާމެދު ވާހަކަ ދެއްކިން ހެއްޔެވެ؟ މިހުރިހައި ވާހަކައެއް ދައްކަން ޖެހުނީވެސް އޭރުވެސް މިހެން ވެދާނެކަމަށް ހިތް ބުނަމުންދާތީއެވެ. ކަން ނިމިފައިވަނީވެސް އަހަރެންގެ ހިތް ބުނެދިން ގޮތަށެވެ.
ރީއެވެ! ކިޔެވުން ނިންމާލާފައި މިރޭ މާލެ މިއައީ ހާދަ ފޮނިފޮނި އުއްމީދުތަކާއެކުގައެވެ. އެއްވެސް މީހަކަށް އަންގާލުމެއްނެތި ސަޕްރައިޒެއް ދިނުމަށެވެ. އެހެންނަމަވެސް މި ބިމުގައި ފައި އެޅުމާއެކު އެހުރިހާ އުފަލެއް ވިއްސި ވިހާލިވެގެން ހިނގައްޖެކަން އެނގިއްޖެއެވެ. ހިތަކީ އަހަރެންގެ އެއްޗެއްކަމުގައިވިޔަސް ލޯތްބަކީ އެހެން މީހެއްގެ އެއްޗެއްކަން އެނގިއްޖެއެވެ. ކަލާ ބޭބެއާ ކައިވެނި ކުރި ޚަބަރު އެހީ ހިތް އޭގެ ޖާގައިގައި ބާއްވައިގެނެއްނޫނެވެ.
ރީއެވެ. އަހަރެމެންގެ ލޯތްބަށް ވިހަލީ ދުރު މީހެއް ނޫނެވެ. ބޭބެއަށް ހުރިހާ ކަމެއް ވެސް އެނގޭނެއެވެ. އެކަން އަހަރެން ބޭބެއާ ދެކެވުނު މުޢާމަލާތެއްގައި ޙިއްޞާ ކުރީމެވެ. އޭނާ ކަލާޔާ ކައިވެނި ތިޔަކުރީ ހުރިހާ ކަމެއް އެނގި ހުރެއެވެ. އަހަރެމެން ދެމީހުން ކިތަންމެ ލޯބިވިޔަސް ދުނިޔޭގެ ޚީލަތްތެރިންގެ ކުރިމަތީގައި ކުރެވޭނެ ކަމެއް ނޯންނާނެއެވެ. މިހާރު އަހަންނަށް ދުނިޔޭގައި ހުރެވިދާނެ ކަމުގެ އެއްވެސް އުއްމީދެއްނެތެވެ. ކަލާވެސް އަހަންނަށް ހެޔޮ އެދެންޏާ "މަތިވެރި ނަޞީބު" ން މިވަގުތު ނިކުމެގެއިން ދާށެވެ. ކަލާގެ މިލްކަކަށް ތިގޭ ވަންދެންނެވެ. މިއީ އަހަރެމެން ކަހަލަ މީހުންނަށް ހުރި "މަތިވެރި ނަޞީބެއް" ނޫނެވެ. ފަހަރެއްގައިވެސް ކަލާގެ "ފިރިމީހާ" އަހަރެންގެ ލޯބިވާ ބޭބެ ކަލާއަށް ހެޔޮ އެދެއޭ ހީނުކުރާށެވެ. އޭނާއަށް އެއްވެސް އެއްޗެއް ނުވިސްނުނީތީ ވަރަށް ދެރަވަމެވެ. ލޯތްބަކީ ފޭރިގަނެގެން ޙާޞިލް ކުރެވޭ އެއްޗެއްކަން ހަމަ އޭނާއަށް ނޭނގެނީ ބާވައެވެ.؟ މުއްސަނދިކަމަކީ ވަގުތީ ކަމެކެވެ.
ރީއެވެ! ބޭބެއަށާއި ދައްތައަށް ލިބިފައިވާ މުއްސަނދިކަމުގެ ސިއްރަކީ ހަމަ ކަލާގެ ބައްޕައެވެ. ޢާއިލާގެ ތެރެއިން އުފެދިގެންދިޔަ ހަމަނުޖެހުންގަނޑުގައި އެހުރިހާ އެއްޗެއް "ބައްކޮށްލާ" ކަލާގެ މައިންބަފައިން އަތުން ފޭރިގަތީ ކަލާގެ ދައްތައާއި ޅިޔަނެވެ. އެ ނަފުރަތާއި ޙަސަދަ ކަލާއަށާއި ކަލާގެ މައިންބަފައިންނަށް ކުރި ފަދައިން އަހަރެމެންގެ ލޯތްބަށްވެސް ކުރީއެވެ. އެ ހުރިހާ އެއްޗެއް ގެއްލިދާނެކަމުގެ ބިރަށެވެ. އޭނާ ކަލާއާ ކައިވެނި ކުރީ އެއްވެސް ކުލުނެއް ލޯތްބެއް އޮވެގެނެއް ނޫނެވެ. ދަހިވެތި ކަމުގައެވެ. އެހުރިހައި ފަތްފުށްތަކެއް އަހަރެންގެ ލިޔާ މޭޒު ވަތްގަނޑުގައި ހުންނާނެއެވެ. ކަލާ ބޭނުންނަމަ އެކިޔާލާށެވެ. މިއީ އަހަރެން މަރުމަތީގައި ކަލާއަށް ކުރާ ވަޞިއްޔަތެކެވެ. އާއިލީ ބޮޑު ސިއްރެކެވެ.
ރީއެވެ. އަހަރެންގެ ވަގުތު ކުޑަތަންވެއްޖެއެވެ. ކަލާ އަހަރެން ދެކެ ލޯބިވަންޏާ ތި ވަކިތަކުން ސަލާމަތް ވާށެވެ. އަހަރެންގެ ހުރިހައި ހެޔޮ އެދުމެއްވަނީ ކަލާޔާ އެކުގައެވެ.
-ލޯބިވާ ޢަމީރު-
ރީސާއަށް އިނދެވުނީ ގަނޑުވެފައި އިން ކަހަލަ ގޮތަކަށެވެ. އޭނާ ހިތަށް އަރާ ފައިބަމުންދެއެވެ. ފައިސާއާއި ދަހިވެތި ކަމަކީ ކިހާ ތަފާތު އެއްޗެއް ހެއްޔެވެ؟ އެއް ބަޔަކު ބިކަ ޙާލުގައި އުޅެމުން އަނެއް ބަޔަކު އުފަލުގައި ހޭދަކުރަމުން އެދަނީ ޙަޤީޤަތް ފަރުދާ ކުރަމުންނެވެ. މުޅިން އެހެން މަންޒަރެއް ދުނިޔޭގެ ލޯތަކަށް ދައްކައިގެންނެވެ. އެހެން މީހުންގެ ޙައްޤުތައް ނާޖާއިޒު ގޮތުގައި ހޭދަކުރަމުންނެވެ.
މަކަރުވެރި ފިރިމީހާ އަހަރެމެންގެ ލޯތްބަށް ވިހަލީ ފަދައިން، އަހަރެންގެ ޢާއިލާ ނަފުރަތުގެ ތެރޭގައި ބޭތިއްބި ފަދައިން، އޭނަޔާމެދު އަހަރެންގެ ހިތުގައި މިއަނދަމުންދާ ނަފުރަތުގެ އަލިފާން ދުވަހަކުވެސް ދެން އަދާ ހުލިވެގެން ނުދާނެއެވެ. ޢަމީރު އެދުނު ފަދައިން ޝިފާޒާ ވަކިވެ އޭނާ ޙަޔާތް ވޭތުކުރަމުން އެ ދަނީ އެ ނަފުރަތާއެކުގައެވެ. ހިތުގައި އަނދަމުންދާ މި ގިނިން ސަލާމަތްވުމަށެވެ. ކޮންމެވެސް ދުވަހަކުން އޭނާއަށް ޙައްޤު އިންޞާފު ލިބޭނެއެވެ. އިންތިޒާރު ކުރެވެމުން މިދަނީ ފިރިމީހާގެ މައްޗަށް ޝަރުޢީ ކޯޓުގައި އޭނާ އުފުލާފައިވާ ދަޢުވާގެ ނިމުން އަންނާނެ ދުވަހަކަށެވެ. ޢަމީރުގެ އެ ވަޞިއްޔަތް ފުރިހަމަ ކުރުމަށެވެ. މައިންބަފައިންގެ ފުށުން ފޭރިގަތް މިލްކިއްޔާތު ޙާޞިލްވަންދެނެވެ.
-ނިމުނީ