އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖުކުރުމާމެދު އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް އިންޑިޔާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ގްރޫޕެއް ކަމުގައިވާ ޖީ-16 ("ޖީ ސިކްސްޓީން") ގެ 32 ވަނަ ބައްދަލުވުން މިއަދު މާލޭގައި ފަށައިފިއެވެ.

މިއީ ދިވެހިރާއްޖެއިން އިސްނަގައިގެން އިންތިޒާމްކުރި ބައްދަލުވުމެކެވެ. މި ބައްދަލުވުން ޝަރުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ހަސަނެވެ.

ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، އަންނަ މެއި މަހުގެ 08 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ އަހަރީ އާއްމު ބަދައްލުވުމަށް ތައްޔާރުވުމުގެ ގޮތުން އިންޑިޔާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތް ކުރަމާއި އައްސޭރިފަށުގެ ގައުމުތަކުން ވަކާލާތުކުރާނެ ކަންކަމާމެދު މަޝަވަރާކޮށް އެއްބަސްވުމަކަށް އައުމެވެ.

ދެ ދުވަހުގެ މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކޮމޮރޮސް، އިންޑިޔާ، އީރާން، ކެންޔާ، މަޑަގަސްކަރަ، މެލޭޝިއާ، މޮރިޝަސް، މޮޒަމްބީކް، އޮމާން، ޕާކިސްތާން، ސައުތް އެފްރިކާ، ސީޝެލްސް، ސްރީ ލަންކާ، ސޯމާލިއާ، ޓެންޒޭނިއާ އަދި ތައިލެންޑް ގެ މަސްވެރިކަމުގެ ދާއިރާގެ އިސްވެރިނާއި ފަންނީ މާހިރުން އަދި ތިމާވެއްޓާއި ގުޅުންހުރި މައްސަލަތަކުގައި ޙަރަކާތްތެރިވާ ޖަމުޢިއްޔާތައް ހިމެނޭގޮތަށް 37 ފަރާތަކުން ބައިވެރިވެއެވެ.

އިންޑިއާ ކަނޑުގައިކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ، ތިމާވެއްޓާއި ރައްޓެހި އަދި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކަށް އެމަސްވެރިކަމުގެ ނަފާ އެންމެ ފުޅާ ދާއިރާއެއްގައި ކުރާ މަސްވެރިކަމެއްގެ ގޮތުގައި ހެދުމަށްޓަކައި ދިވެހިރާއްޖެއިން އިސްނަގައިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ މަސައްކަތައްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން އައި.އޯ.ޓީ.ސީގެ މިއަހަރުގެ އާއްމު ބައްދަލުވުމަށްވެސް ދިވެހިރާއްޖެއިން އިސް ނަގައިގެން ތިން ޤަރާރެއް ހުށަހެޅުމަށްވަނީ ހަމަޖެހިފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ފަރާތުން ހުށެހެޅުމަށް ނިންމާފައިވާ ޤަރާރުތަކަކީ ރީނދޫއުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ހުށަހަޅާ ޤަރާރަކާއި، އިންޑިއާ ކަނޑުގައި މިހާރު ތަންފީޒު ކުރަމުންދާ ކަޅުބިލަމަހުގެ [ހާރވެސްޓް ކޮންޓްރޯލް ރޫލް] ހަރުދާނާކުރުމަށް ހުށަހަޅާ ޤަރާރަކާއި، އަދި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދިވެހިރާއްޖެފަދަ ކުދި ޖަރީޒާ ޤައުމުތަކަށް ލިބޭ ގެއްލުންތަކަށް ރިޢާޔަތްކުރުމާއި ގުޅޭގޮތުން ހުށަހަޅާ ޤަރާރެކެވެ.

އައި.އޯ.ޓީ.ސީގެ އަހަރީ އާއްމު ބައްދަލުވުގައި ފާސްކުރުމަށް ދިވެހިރާއްޖެއިން ހުށައަޅާ އިސްވެދެންނެވުނު ޤަރާރުތައް ހުށަހެޅުމުގެ ބޭނުމަކީ، އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ ސްޓޮކް ދަށަށް ގޮސްފައއިވާތީވެ އެކްސްޕޯޓްކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް އިނގިރޭސިވިލާތުގެ މެރިން ސްޓެވާރޑްޝިޕް ކައުންސިލް (އެމް.އެސް.ސީ) އިން ދީފައިވާ "ދެމެހެއްޓެނިވި މަސްވެރިކަމުގެ ސެޓިފިކެޓް" އުވިދިޔަނުދީ ހިފެހެއްޓުމެވެ. އަދި މިމަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކަށް، ޚާއްޞަކޮށް ރީދޫ އުރަހަ ކަންނެއްޔާއި ކަޅުބިލަމަހުގެ އުފެއްދުންތަކަށް، ބޭރުގެ ބާޒާރުތަކުން އައު އިތުރު ފުރުސަތުތައް ހޯދުމަށާއި ބޭރުގެ ބާޒާރުގައި ދިވެހި މަހަށް މަތީއަގު ހޯދުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަންއަކީ 1996 ގައި ދުނިޔޭގެ ކާނާއާއި ކަނޑުވެރިމުގެ ޖަމުއިއްޔާ އާއި އިންޑިޔާ ކަނޑުގެ މަސްވެރިކަން ކުރަމުން އަންނަ ޤައުމުތަކުން އިސްނަގައިގެން އުފައްދާފައިވާ ޖަމާއަތެކެވެ. އައިއޯޓީސީ އިން ރާވާހިންގާ ބަލަހައްޓަނީ ކަނޑުމަހާއި ކަނޑުމަހާއި ގުޅުންހުރި، އަދި އެބާވަތެއްގެ ސްޓޮކް މުޅި އިންޑިޔާ ކަނޑަށް ފެތުރިފައިވާ 16 ބާވަތެކެވެ. 32 ޤައުމު އެކުލެވޭ މިޖަމާއަތުގެ ސެކްރެޓޭރިއޭޓް ޤާއިމުކުރެވިފައިވަނީ ޝީޝެލްސްގައެވެ. އައިއޯޓީސީގައި ދިވެހިރާއްޖެ ފުރިހަމަ މެމްބަރަކަށް ވެފައިވަނީ 2011 ވަނައަހަރުގައެވެ. ދިވެހިރާއްޖެއަކީ އިންޑިޔާކަނޑުގައި ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ހިފާ މެމްބަރ ޤައުމެވެ.

ޖީ.16 އަކީ އައި.އޯ.ޓީ.ސީގެ 32 މެމްބަރުގައުމުގެ ތެރޭގައި ހިމެނޭ އިންޑިއާކަނޑުގެ އައްސޭރިފަށުގެ 17 މެމްބަރު ގައުމުން އެކުލަވާލައިފައިވާ ނުރަސްމީ ގްރޫޕެކެވެ. މި ގްރޫޕުގެ މަޤްޞަދަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތައް މެނޭޖްކުރުމަށް އައި.އޯ.ޓީ.ސީގައި ކުރެވޭ މަސައްކަތްތަކުގައި އައްސޭރިފަށުގެ ގައުމުތަކުގެ ވިސްނުން އިތުރަށް އެއްގޮތްކޮށް ކަނޑުމަހުގެ މަސްވެރިކަމަށް ބަރޯސާވާ އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ އިންޓެރެސްޓް ހިމާޔަތްކުރުމަށް ގްރޫޕެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމެވެ.