އިނގިރޭސި ސަރުކާރުގެ ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލް، މުވައްޒަފުންނަށް ބުލީކުރެއްވިކަން ސާބިތުވި ނަމަވެސް، އޭނާ މަގާމުން ވަކިކުރައްވަން ނުވަތަ އެކަމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅުއްވަންވެސް ބޮޑުވަޒީރު ބޮރިސް ޖޯންސަން ދެކޮޅު ހައްދަވައިފިއެވެ.

ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލް، ދާޚިލީ ވުޒާރާގެ މުވައްޒަފުންނަށް ބުލީކުރެއްވި މައްސަލަ ފެންމަތިވެ، ކަމާބެހޭ ފަރާތްތަކުންވަނީ އެކަން ތަހްގީގުވެސް ކޮށްފައެވެ.

އަދި، ތަހްގީގު ރިޕޯޓްގައި ބުނެފައިވަނީ، މިނިސްޓަރ ޕްރިތީ، އޭނާގެ މިނިސްޓްރީގެ މުވައްޒަފުންނަށް ބުލީކުރެއްވިކަން ސާބިތުވާ ކަމަށެވެ.

އަދި، ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލްގެ ކިބައިގައި ސަރުކާރުގެ ވަޒީރެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ނެތްކަމަށާއި، މުވައްޒަފުންނާމެދު އޭނާ އަމަލުކުރެއްވި ގޮތްތަކަކީ ބުލީކުރުމުގެ ގޮޅިއަށް ފެތޭ ކަންތައްތައް ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

އިނގިރޭސި ސަރުކާރުގެ ވަޒީރަކު، މިނިސްޓީރިއަލް ކޯޑާ ޚިލާފްވާ މިޒާތުގެ ކަމެއް ކުރައްވައިފިކަން ސާބިތުވެއްޖެއްޔާ، އާންމު އުސޫލުން މަގާމުން އިސްތިއުފާ ދެއްވަންޖެހެއެވެ.

އެހެން ނަމަވެސް، އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދާޚީލީ ވަޒީރު ޕްރިތީ ޕަޓޭލްއަށް ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން މިނިސްޓީރިއަލް ސްޓޭންޑަރޑްސްގެ ކަންކަމުގައި ބޮޑުވަޒީރަށް ލަފާދެއްވާ މިނިވަން މުޝީރު އެލެކްސް އެލަންވަނީ އިސްތިއުފާ ދެއްވާފައެވެ.

ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލް ބުލީކުރެއްވި މައްސަލަ ތަހްގީގު ކުރުމުގައި އިސްކޮށް އުޅުއްވީވެސް އޭނާއެވެ.

އެލެކްސް އެލަން ވިދާޅުވީ، ވަޒީރަކު މަގާމުގައި ހުންނަވައިގެން ކުރައްވާ ކަމެއްގެ ސަބަބުން އެ ވަޒީރަކު މަގާމުން ވަކި ކުރެއްވުމާމެދު ގޮތެއް ނިންމަވާނީ ބޮޑުވަޒީރުކަން އެނގިވަޑައި ގަންނަވާ ކަމަށާއި، އެހެން ނަމަވެސް، މިހިނގި ކަންތަކުގެ ސަބަބުން އޭނާ ދެން އިތުރަށް މަގާމުގައި ދެމިހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.

ޕްރިތީ ޕަޓޭލް މުވައްޒަފުންނަށް ބުލީ ކުރައްވާ މައްސަލައިގެ ތަހްގީގު ފެށުނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އެއީ، އެތައް ސިވިލް ސާވަންޓުން އޭނާ ބުލީކުރައްވާ ކަމަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

ދާޚިލީ ވަޒީރު މިނިސްޓްރީގެ މުވައްޒަފުން ނިކަމެތިކޮށް، މުވައްޒަފުންގެ މެދުގައި ބިރުވެރިކަމުގެ މާހައުލެއް ގާއިމް ކުރައްވައިފި ކަމަށް ވިދާޅުވެ، ދާޚީލީ ވުޒާރާގެ އެންމެ އިސް ސިވިލް ސާވަންޓު މާޗްމަހުގެ ފަހުކޮޅުވަނީ އިސްތިއުފާވެސް ދެއްވާފައެވެ.

ޕްރިތީ ޕަޓޭލް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ފަހުން ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ޕްރިތީ ޕަޓޭލް ވިދާޅުވީ، ނުތަނަވަސްކަންމަތީ ހުންނަ ވަގުތުތަކުގައި އޭނާއަށް ފަހަރުގައި ގޯސްކޮށް ކަންތައް ކުރެވިފައި ހުރެދާނެ ކަމަށެވެ. ނަމަވެސް އޭނާ މައާފަށް އެދިވަޑައި ނުގަންނަވައެވެ.