ޔޫއޭއީގައި ޔަހޫދީންނަށް ޚާއްސަ ސަހަރެއް ބިނާކުރުމަށް ރާވާފައިވާ ކަން ޔޫއޭއީގެ ޔަހޫދީންގެ ކައުންސިލްގެ އެންމެ ފާދިރީ ރާބާއި އީލީ އީބާދީ އިއުލާން ކުރެއްވުމާ ގުޅިގެން މީސް މީޑިއާގައި މީހުން ވަނީ މިކަމާ މެދު ވަރަށް ބޮޑަށް ބަހުސްކުރަން ފަށާފައެވެ.
އިޒްރޭލުގެ ނޫހެއް ކަމަށްވާ ޖެރޫސަލަމް ޕޯސްޓުން ނެރުނު ރިޕޯޓެއްގައި އީބާދީއާ ހަވާލާ ދީ ބުނެފައި ވަނީ ޔަހޫދީންގެ ފައްޅިއަކާއި ގެތަކާއި ސްކޫލް، ކޮމިއުނިޓީ ސެންޓަރަކާއި ހޮޓާ ހިމެނޭނެކަމަށެވެ. އަދި މިއީ ގަލްފުގެ ގައުމެއްގައި ނުވަތަ މުޅި އަރަބި ދުނިޔޭގައިވެސް ހުރި އެންމެ މިޒަމާނުގެ ޔަހޫދީ ބަސްތީ ކަމަށް ރާބާއި ވިދާޅުވިއެވެ.
ރާބާއި ނޫހަށް ވިދާޅުވީ ޔޫއޭއީގައި 2000 އެއްހާ ޔަހޫދީން ދިރިއުޅެމުންދާ ކަމަށެވެ. އަދި މިއިން 500 ޔަހޫދީނަކީ އެމީހުންގެ ދީނަށް އުޅޭ އުސޫލީ ޔަހޫދީން ކަމަށް ވިދާޅުވިއެވެ.
ޔޫއޭއީން ވަނީ އިޒްރޭލާއެކު ފުރިހަމައަށް ގުޅުން ގއިމް ކުރުމަށް 2020 ވަނަ އަހަރު ސޮއިކޮށްފައެވެ. އަދި އެއަށްފަހު ޔޫއޭއީގައި ޔަހޫދީންގެ އަދަދު ދެގުނައަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޔޫއޭއީގެ ފަރާތުން ޔަހޫދީ އަވަށްތަކެއް އުފެއްދުމަށް އެއްވެސް އިއުލާނެއް އަދި ޕްލޭނެއް ވެސް ކޮށްފައި ނުވެއެވެ. ނަމަވެސް ރާބާއި ވަނީ ޔޫއޭއީގައި ޕްރޮޕަޓީ ޑިވެލޮޕަރުންގެ ތެރެއިން ބަޔަކާ އެކު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އީލީ އީބާދީ އަކީ ބަހްރެއިނާއި ކުވައިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގައި އުފއްދާފައިވާ ޔަހޫދީންގެ ޖަމުއިއްޔާގެ ރައިސްގެ މަގާމުގައެވެ. މިއީ 2021 ވަނަ އަހަރު އުފެއްދި "ގަލްފް ޔަހޫދީ ކޮމިއުނިޓީސް އެސޯސިއޭޝަން" ގެ ނަމުން ނަން ދެވިފައިވާ ޖަމްއިއްޔާއެކެވެ.
ޔޫއޭއީގާއި ވެރިކަމާއި ގާތް ފަރާތްތަކާއި ވިޔަފާރީގެ މަސްލަހަތު އޮންނަ ފަރާތްތަކުން މިކަމަށް ފުޅާކޮށް މަރުޙަބާ ކިޔާފައިވީނަމަވެސް އާންމުގެންފަރާތުން މިކަމަށް ދެކޮޅު ހަދައި މީސްމީޑިއާގައި ޓުއީޓް ކޮށްފައި ވެއެވެ.
އެމިރޭޓްސްގެ ޕޮލިޓިކަލް ސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ އަބްދުލް ޚާލިގު އަބްދުالله ވަނީ ހަމައެކަނި ޔަހޫދީންނަށް ޚާއްސަ ބަސްތީއެއް ބިނާކުރުމުގެ ވާހަކަ ދައްކަން ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުބީ މިކަމުގެ ސަބަބުން ޔޫއޭއީގެ ހަމަޖެހުމާއި އަމާން ކަމަށް އަސަރު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޔަހޫދީން ފަދައިން 200 ވައްތަރުގެ އަގީދާއާއި ދަރިކޮޅުގެ މީހުން ޔޫއޭއީއަށް އައިސް އުޅޭ ކަމަށެވެ.
ރާޝިދު މުހަންމަދު ރާޝިދު އަލް-އަބީބީ ވަނީ އަބްދުލް ޚާލިގު އަބްދުاللهގެ ޓުވީޓަށް ތާއީދު ކޮށްފައެވެ. އޭނާ ބުނީ ޔަހޫދީން އެމީހުންގެ އަމިއްލަ އަވަށް ބިނާކުރުމަށް އެދުނު އެދުމަކީ ބަރުދަނެއް ހުރި ވާހަކައެއް ނޫން ކަމަށާއި އެއީ އެމިރޭޓްސްގެ މުޖުތަމައުން ބަލައިގަންނާނެ ކަމެއް ނޫން" ކަމަށެވެ.
ސައޫދީ އަރަބިއްޔާއިން ބަދަލު ހޯދަންވެސް ބައެއް ޔަހޫދީން ބޭނުންވާކަމަށް ބުނެ ޓުއީޓް ކޮށްފައި ވެއެވެ. އެމީހުން ބުނެފައި ވަނީ ޚައިބަރުގައި އެމީހުންގެ މުއްސަނދި އާއިލާތަކުން ބިން ގެންގުޅުކަމުގެ ލިޔުން އަދިވެސް އަތުގައި އެބަހުރި ކަމަށާއި އެމީހުން ބަދަލުގައި ބޭނުން ވަނީ ސައޫދީ ޚައިބަރުން ފެހި ދަނޑު ބިން ލިބެން ކަމަށެވެ.
ޚައިބަރު ފަތަޙަ ކުރެއްވުމަށްވަހު އެތަނުން ޔަހޫދީން ވިއްސިވިހާލި ކޮށްލާފައި ވެއެވެ. ޔަހޫދީންގެ އާބާދީގެ ވީރާނާތައް އަދިވެސް ޚައިބަރުގައި ފެންނާން އެބަހުއްޓެވެ.