ދަތުރުވަރެއްގައި މާލެ އައިސް ހުރި ޒަމާންވީ ރައްޓެއްސެއްގެ އެދިލެއްވުމުގެ މަތިން ސީދީބެ ބޮޑުތިލަދުންމަތީ ގަމާރުފުއްޓަށް ޒިޔާރަތް ކުރުމަށް ތައްޔާރުވަނީއެވެ. މިއީ ރަށުގެ މީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. ސީދީބެއަށް ޓަކައި ރަށުގެ މަގުތަކާއި ގޯޅިތައް ތަނަވަސްކުރިއެވެ. ގެއެއް، ބަދިގެއެއްގައި ފައިންޕުޅު "އަޅުއްވާނެ" ކަމަށް ދޮންވެލީގެ ދޫލަ އެޅިއެވެ. މަގު ވަށައިގެން މާމެލާމެލީގެ ބަގީޗާތައް އިންދިއެވެ.

ކޮންމެވެސް އެއްއިރަކު ސީދީބެއަށް ފަރިއްކޮޅު އެރުވުމަށް މީރު މޮޅު ކެއުން ހޯދުމަށް ބުރަ މަސައްކަތާއި ބޮޑު ޚަރަދު ކުރިއެވެ. އަމިއްލަ މީސްމީހުން ރަށުގައި ގެންގުޅެ ބޮޑުކޮށް މަސްޖަހާފައިވާ ކުކުޅު ހައުތައް ހިފާ އެއްސިއެވެ. ކަނޑު އަޑީންނާއި އެއްގަމުން މަސް ކައި އުޅޭ ހުރިހާ ބާވަތްތަކެއް ހިފައި ބާނައި ކޮށިކޮށީގައި ދިރުވާފައި ބެހެއްޓިއެވެ. ސީދީބޭ މާލެ ފުރާ ވަޑައިގަންނަވާއިރަށް ހަދިޔާބަދިޔާތައް ހޯދައި ޖަމާކުރަމުން ގެންދިޔައެވެ. އަމިއްލަ ރަށަށް ނިޞްބަތްވާ ހަދިޔާބަދިޔާތައް ވެސް ހައިނުކޮށް ހަދަމުން ގެންދިޔައެވެ. ދަނޑުވެރިން ފަތް ކޭލާއި ދޮންކޭލާއި ބަބުކޭލާ ގަސްގަހުން ކަނޑާ ތިރިކުރިއެވެ.

ރަށުގެ އެންމެން އިންތިޒާރު ކުރަމުން ދިޔައީ ސީދީބެއަށެވެ. ސީދީބޭ ވަޑައިގަންނަވާނެ ދުވަހަކަށެވެ. ރަށުގެ އެންމެންހެން ކަހަލަ ގޮތަކަށް މިކަމުގައި ޙަރަކާތްތެރިވަމުން ގެންދިޔައީ ނުހަނު ޖޯޝާއި ފޯރީގައެވެ. ބައެއް މީހުން ހިތަށް އަރައެވެ. އަހަރެމެން ސީދީބެއަށްޓަކައި މިވަރު ކޮށްދޭއިރު ސީދީބޭ މިރަށު މީހުންނަށް ކޮށްދޭނީ ކޮންކަމެއްބާވައެވެ؟

ކޮންމެއަކަސް ރަށު މީހުން އިންތިޒާރުކުރި ދުވަސް އަތުވެއްޖެއެވެ. އެންމެން ތިބީ ހަމަހިމޭނުންނެވެ. ސީދީބެ ކުރާނެ ކަމެއް ކުރުމަށް ހިތް ދޫކޮށްލައިގެންނެވެ. ސަރުކާރުން ރަށުގެ މީހުން ބާލަން އުޅޭތީ ސީދީބެ ހިރިގަލެއްގައި ލިޔުއްވައި ކުރައްސަވައި ހުކުރު މިސްކިތުގެ ބިންގަލުގެ އަޑީ ވަޅުލައްވާ ދެއްވިއެވެ. މަންމައިންނާއި ބައްޕައިން ކުރިމަތީ ތިން އަހަރުވެސް ނުފުރޭ ކުދިންގެ ބޮލުގައި ފިރުންމަވާ ފުމެ ހެއްދެވިއެވެ. ދަރިފުޅު ބޮޑުވެ މޮޅު މީހަކަށް ވާނެއޭ ވިދާޅުވަމުންނެވެ. ހުން އަންނަ މީހުންނާއި ބޭރަށް ހިންގާ މީހުން ރަނގަޅު ކޮށްދެއްވައެވެ. ބޮޑުއަށީ އުތުރުކޮޅުގައި އިށީނދެވަޑައިގެން ތުން ތަޅުވަމުން ފުމެ ލައްވަމުން ހައްދަވާ ފެންތައްޓެއް ބޯން ދެއްވައިގެންނެވެ. ގެއާއި ބަދިގޭގޭގެ ބިންގާ ރަނގަޅު ހެޔޮ ސާޢަތުގައި އަޅުއްވައި ދެއްވައެވެ.

ރަށުގައި މަޑު ކުރެއްވެވި ދުވަސްތަކުގައި ސީދީބޭ ވަރަށް އަވަހަށް އަވަހާރަފުޅު ލައްޕަވައެވެ. ދެން އެންމެން ނިދާ ރަށުތެރެ ހިމޭންވެ ހިލަވަލު އޮބުނީމާ ވަޑައިގަންނަވަނީ ދަމު ނަމާދަށެވެ. ރަށުގައި ހުންނަނީ އެންމެ މިސްކިތެކެވެ. ސީދީބެ ދަމު ނަމާދަށް ވަޑައިގަންނަވަނީ އެކި ރޭ އެކި މިސްކިތަށެވެ. ފިރިމީހާ ރަށުގައި ނެތް ރެއަކު އެކަނި އޮންނަ އަންހެނަކު ނިދާނީ ސީދީބެއާ އެއް މިސްކިތެއްގައެވެ. ދުވާލު ގޭގޭ ދޮށުންނާއި ދަނޑުތަކުން ހިންގަވާ ބައްލަވާފައި ވަޑައިގަންނަވާނީ މިރޭ އެރޭނެ ރަނގަޅު މިސްކިތެއް ބައްލަވާފައެވެ. ކޮންމެއަކަސް މިބާވަތުގެ "މިސްކިތަށް" ވަޑައިގެންފައި ގެއަށް ވަޑައިގެން އަވަހާރަލައްޕަވާނީ ފަތިހަށް ދޮންވާން ތައްޔާރަށްވެފައިވަނިކޮށެވެ. ދެން ތެދުވެ ވަޑައިގަންނަވާނީ ހެނދުނު ނާސްތާ ތައްޔާރުވީމައެވެ. ގޭ މީހުންނަށް އެނގޭ މިންވަރަކީ ސީދީބެ ކޮޓަރިކޮޅުގައި ދަމު ނަމާދު ކުރައްވައި ފަތިސް ނަމާދު ކުރައްވައިގެން އިރު އަރާން ކައިރިވީމާ ނިދިކުރައްވާކަމެވެ.

ޒުވާން އަންހެން ކުދީންގެ ނަޞީބު އޮތީ ކިހިނެއްތޯ ބެލުމަށް ހެނދުނާއި ހަވީރު އެކުދީންގެ މައިބަފައިން ސީދީބޭ ގާތަށް ޒިޔާރަތް ކުރަމުން ގެންދިޔައެވެ. އެކި ކުދީންގެ އަތްތިލައިގެ ނާރުތަކާއި ކުރެހުންތަކަށް ބަލައިގެން ނަޞީބު ހުރިގޮތް ބުނެދެއްވައެވެ. ކިރިޔާ ވެސް ސީދީބޭ ގަޔާވާ ކުއްޖަކު ހުރިނަމަ މިއިން ކޮންމެ ކުއްޖެއްގެ މަޔާ ގުޅާލައެވެ. އެގެއަށް ގިނަގިނައިން ޒިޔާރަތް ކުރައްވާ ހައްދަވައެވެ. މީރު ޝަރުބަތްތަކާއި ގަހުވަތައް ހިއްޕަވާ ހައްދަވައެވެ. އެކުދިކުދިންގެ އަތުން އަޑަފިކޮޅު ހައްދަވާ ދުން ބޮއި ހައްދަވައެވެ. ބަފައިން ރަށުން ބޭރުވާ ދަނޑިވަޅު ބަލާފައި ސީދީބޭ އަވަހާރަފުޅު ލައްޕަވަނީ ވެސް މިއިން ކޮންމެވެސް ގެއެއްގައެވެ. އެއްދޮނުގައި ދެބުޅި ޖަހާލުމުގެ ނަޞީބު ވެސް ބައެއް ރޭރޭ ހޯއްދައެވެ.

ރަށު މީހުން ދެކޭގޮތުގައި ސީދީބެއަކީ މޮޅު މީހެކެވެ. މާތް މީހެކެވެ. ބުއްދިވެރިއެކެވެ. އެ މީހުންގެ ގަމާރު ކަމެއް އެ މީހުންނަކަށް ނޭނގެއެވެ. ސީދީބޭގެ އެދުމާއި ހާޖަތްތައް ފުއްދަނީ އެތަކެއް ބައެއްގެ ބޮލުގައި އިލްޒާމްތައް އަޅުވަމުންނެވެ. ސީދިބެ ރަށަށް ވަޑައިގަތް މި ދަތުރުގައި ވެސް ދެތިން މީހަކު ރަށުން ފޮނުވާލި ވެސްމެއެވެ. އެކަކަށް އަނެކަކަށް ކިޔޭނެ އެކައްޗެއް ވެސް ނޯވެއެވެ. ސީދީބޭގެ މައްޗަށް ބަހެއް ބުނެލަން ކެރޭ އެކަކު ވެސް ނޫޅެއެވެ. ގަންނާކުރައްވާ ބިރެއްގެ ބޮޑުކަމުންނެވެ. ސީދީބޭގެ ފަރާތުން ޙަމަލައެއް އަތުވެދާނެތީއެވެ.

އެއްދުވަހަކު ސީދީބޭ އުޅުއްވާ ގެކޮޅުގައި ބަޔަކާ ވާހަކަފުޅު ދައްކަވާން އިންނެވިއެވެ. ސީދީބޭ އިންނެވީ ބޮޑު އަށީގައެވެ. ބޮޑު އަށީގައި ހުންނަނީ މަޅު އަޅާ މަޅު މަތީ ކުނާ އަޅާފައެވެ. އަރިމަތީ ފިލާ ޖަހާ ތަންދޮށް ނުފެންނާނެހެން ބަންދުކޮށްފައެވެ. ކުރީގައި މިގޮތަށް ހަދާފައި ހުންނަނީ ބޮޑުއަށި ތަންދޮށުގައި ކާށްޓާއި ހިފާ ގެންގުޅޭ ބައެއް މުދާ ރައްކާ ކުރާށެވެ. އެހެންކަމުން މީދަލާއި ކުރަފިފަދަ ދިރޭ ތަކެތިވެސް މިތާ އުޅެއެވެ. ކޮންމެއަކަސް ސީދީބޭގެ މާތްކަމުން މިތަނުން ހަމަ އެކަކަށްވެސް ބޮޑު އަށީގައި އިންނާކަށް ނުކެރުނެވެ. މި މީހުން ތިބީ ދިމާ އެނދު އުތުރު އެނދުގައެވެ. ކުއްލިއަކަށް ވާހަކަ މެދުކަނޑާލައްވާފައި ސީދީބެ ތެދުވެ ވަޑައިގެންފިއެވެ. އަދި ބޮޑު އަށީ ކުނާ ހިއްލަވާލައްވައި މަޅުގަނޑެއް ނެންގެވިއެވެ. ދެން މިތާނގައި ހުރި ފެން ރުނބަޔަކަށް އަތްޕުޅު ބާނާލައްވައި އަވަހަށް ތެދުވެ ވަޑައިގެން އަވަހަށް މަޅު އަޅުއްވާ ކުނާ ރީތިކޮށްލެއްވިއެވެ. އޭރު ސީދީބޭގެ އެހެރަ ހުދު ރިވެތި ގަމީސްކޮޅުގެ ކިހިލިފަތްޕުޅާ ހަމައަށް ތެމި ފޯވެ ފެންތިކިތައް ޖަހައެވެ. މިތަނުން މީހަކު ސީދީބޭ ތިޔަ ކުރެއްވީ ކީއްތޯއޭ ދެންނެވިއެވެ. ސީދީބޭ ވިދާޅުވީ ކާށިދޫ ކަނޑުން ދަތުރު ކުރަމުންދިޔަ އޮޑިއެއް ފެތެނިކޮށް ސަލާމަތް ކުރެއްވީއެވެ. މިތަނުން ހަމަ އެކަކަށްވެސް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އެހެންތާއެވެ. ބޮޑުއަށީ ތަންދޮށުގައި ފެން ރުނބައެއް ހުންނާނޭ ކަމަކަށް ގޭ މީހުންވެސް ހީއެއް ނުކުރެއެވެ.

މިފަދަ އެހެން ދުވަހެކެވެ. ސީދީބޭ ހެނދުނުގެ ނާސްތާ ކުރައްވައިގެން ވަރަށް ހެދިލައްވައިގެން އަތްޕުޅުން ކުޑަކޮޅު ހިއްޕަވައިގެން ހިންގަވާ ލައްވަނިކޮށް ފެނިވަޑައިގަތީ މިސްކިތު ވަޅު ހިއްކަން ބަޔަކު އުޅެނިކޮށެވެ. ސީދީބޭ ވަޑައިގެން ވަޅަށް ބައްލަވާ ލެއްވިއިރު ގަމަދުރު ވަޅެކެވެ. ވެލި ވަޅެކެވެ. ވަޅުގެ ފުލެއް ފެނުގެ އަޑީގައި ފާރެއް ގަލެއްނެތެވެ. އަޑީގައި ހޮހަޅަ ހެދިފައެވެ. މިފަދަ އެހެން ވަޅެއް ވެސް މިރަށުގައި ހުރެއެވެ. އެއީ ރަށު މީހުން ބޯފެން ނަގަން ދެކުނު ކޮޅުގައި ކޮނެފައި ހުރި ވަޅެކެވެ. ވައު ބޯ ހިސާބުގައެވެ. މިދެ ވަޅު ދޭތެރޭ އެންމެ ގާތް ގޮތަކަށް ވެސް ފަނަރަ ސަތޭކައެއްހާ ފޫޓު ހުންނާނެއެވެ. ސީދީބޭ ކުޑައިރުކޮޅަކު ފިކުރުފުޅުކޮށްލައްވާފައި މިތާ ތިބި މީހުން ގާތުގައި ވިދާޅުވިއެވެ. ތިމަން މިވަޅަށް ފައިބައި މިރަށު ބޯފެންވަޅުން އަރާފާނަމެވެ. ދެން މި މީހުން ހައިރާންވެ އެކަކު އަނެކަކަށް ބަލާލާފައި އަޅެ ތިޔަހެން ހައްދަވާ ބައްލަވާށޭ ބުނެފިއެވެ. ސީދީބޭ ވިދާޅުވިއެވެ. ކަލޭމެން އެވަޅުދޮށަށް މަ ބުނާގޮތަށް ދާށެވެ. ބިމުގައި ވަރަށް ބާރަށް ފައިތަޅަމުން ލަސްލަހުންނެވެ. އެއީ އަހަރެން އަޑިން ފީނާފައި ދާއިރު ވަޅުހުރި މިސްރާބު އެންގުމަށްޓަކައެވެ. ދެން މި މީހުން އާދޭހާއެކު ދަންނަވައިފިއެވެ. ސީދީބޭގެ ކުޑަކޮޅު ވަޅު ކައިރީ ބަހައްޓަވާފައި ވަޅަށް ފުންމަވާލައްވައިފިއެވެ. ދެން ގަމުދުރު ދޮށަށް ވަދެ ނިވާވުމުން އެއްކަލަ މީހުން ގުންފައި ތަޅަމުން ހިނގައިގެންފިއެވެ. ސީދީބޭ އެމީހުން ދިޔަކަން އެނގިވަޑައިގަތުމުން ވަޅުން އެރުއްވޭތޯ ބައްލަވަނީއެވެ. ސީދީބޭއަކީ ދުވަހަކުވެސް މިގޮތަށް އުޅުއްވި ބޭފުޅެއް ނޫންކަމުން ވަޅުން އަރާވަޑައިގަތުންވީ ވަރަށް ބޮޑު ކަމަކަށެވެ. އެހެންނަމަވެސް ބޭޒާރު ނުވަނީސް މިކަން ކުރެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ފައިންޕުޅުން އެތައް ތަނެއް ޒަޚަމްވެ ހެދުންކޮޅު ވީދި، ފެހި އުނގުޅި ކޮންމެއަކަސް ވަރަށް ވަރުފުޅު ބަލިވެގެން ނަމަވެސް ވަޅުން އަރާ ވަޑައިގެންފިއެވެ. ދެކޮޅު ހޯދާ ބައްލަވާ ލެއްވިއިރު އެއްވެސް މީހަކު ފެންނާކަށް ނެތުމުން ވަލާ ދިމާއަށް ދުވެވަޑައިގަތެވެ. ކިތަންމެ ތަދުވެފައި ގައިކޮޅުގައި ރިހިވަޑައިގެން، ވަރުބަލިފުޅުކަމާއެކު ދުވެ ވަޑައިގެން ވަލުތެރެއަށް ދުވެވަޑައިގަތެވެ. ބޯގަސްތަކާއި ހަނި މަގުތަކުން ފެން ވަޅާ ހަމައަށް ވަޑައިގަތްއިރު ގައިކޮޅުން އެތައް ތަނެއް ދުޅަވެ ރަތްވެފައިވެއެވެ. ދެލޯ ފުޅު ބޮޑުވެ ދާފޮދު މާނޭވާ ހިއްލާ ހާލު އަވަސް އަވަހަށް ވަޅަށް ފުންމަވާ ލައްވައިފިއެވެ. އެއްކަލަ މީހުން ބިމުގައި ފައިން ތަޅަމުން ވަޅާ ހަމައަށް އައީ ރަށުގެ އެންމެންހެން ކަހަލަ ގޮތަކަށް ފަހަތުލައިގެންނެވެ. ސީދީބޭ ބިމުގެ އަޑީގައި ފީނާ ވަޑައިގެން އެވަޅުން އަރާ ވަޑައިގަންނަވާތަން ދެކޭށެވެ. މި މީހުން އައިސް ވަޅަށް ބަލައިލިއިރު ވަޅަކު ސީދީބެއެއް ނެތެވެ. އެހެނަސް ސީދީބޭ އެއިރު ވަޅުގެ ގަމަދުރު ތެރޭ ނިވައިވެގެންހުރެ ދުޅަވެފައިވާ ތަންތަނަށް ތަދުފުޅުވެފައިވާތީއާއި ހަންފުޅު މެށިފައިވާ ތަންތަނުން ދިލަފުޅު ނަންގަވާވަރުން ކީރިތި ކުރައްވަން ހުންނެވިއެވެ. މީހުންތައް އައިސް ޖަމާވެއްޖެކަން ގައިމުވުމުން ސީދީބޭ ލިބެން އުޅޭ މޮޅު ފަޚުރަށް ޓަކައި ރިއްސާ ތަންތަނާއި ދިލަފުޅު ނަގާ ތަންތަން ހަނދުމަފުޅު ނައްތާލައްވާފައި ކުއްލިއަކަށް ވަޅުތެރެއަށް ފީނާ ވަޑައިގެން ތެދުވެ ވަޑައިގެންފިއެވެ. އެހިނދު އެންމެންގެ ޝަހާދަތް އިނގިލިގޮސް ނޭފަތު ކުރީގައި ޖައްސާ އަނގަތައް ހުޅުވިއްޖެއެވެ. ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލާން ފެށިއެވެ. މިވަގުތު ސީދީބޭ އަވަސް އަވަހަށް ވަޅުން ނަންގަވައި ދެއްވުމަށް ވިދާޅުވިއެވެ. ދެން ދެމީހަކު ވަޅަށް ފައިބާ ސީދީބެއަށް އަނިޔާއެއް ނުވާނޭހެން ސީދީބޭ ވަޅުން ނަގައިފިއެވެ.

ސީދީބޭ ވަޅުން އަރާ ވަޑައިގަތްއިރު އެތާ ރަށުގެ އެންމެން ކަހަލަ ގޮތަކަށް ތިއްބާ ފެނިވަޑައިގެންފައި ވަރަށް އުފާފުޅު ވެއްޖެއެވެ. އެއިރު ހަށިކޮޅުން ބައެއް ތަންތަނުން ލޭ އޮހޮރެއެވެ. ބައެއް ތަންތަން ދުޅަވެ އަރާފައިވެއެވެ. މިވަގުތު އެންމެންގެ ތެރެއިން ތަންކޮޅެއް ހަލަނި މީހަކު "ސީދީބޭ މިހާވަރު ވެވަޑައިގަތީ ކީއްވެތޯއޭ؟" ދަންނަވައިފިއެވެ. ސީދީބޭ ވިދާޅުވީ " ކަލޭމެން މާބާރަށް ހިނގާފައި އައިމާ އަވަސްކުރަން އުޅެން ހަދައިގެންނާއި ރަށުގެ އަޑީގައި ތޫނު މުރަކައާއި ބޮޑެތި ގައު ގިނަކަމުން ވީގޮތެއް ކަމުގައެވެ." އިތުރު މީހަކަށް އެއްޗެއް ދަންނަވާކަށްވެސް ނުކެރުނެވެ. ކޮންމެއަކަސް މިކަމުގެ ސަބަބުން ސީދީބޭގޭ ގަދަރާއި މާތްކަން ރަށުގައި އެތައް ގުނައަކަށް އުފުލިއްޖެއެވެ.

ރަށުގެ ގިނަ މީހުން މި ޙާދިސާއަށްފަހު ދެކެނީ ސީދީބެއަކީ ވަލީވެރިއެއް ކަމުގައެވެ. ސީދީބޭ ހަދާ ކޮންމެ ފަންޑިތައެއް ސިހުރު ހާހޫރައެއް އިސްތިރި ވަރިތޮޅިއެއް ކާމިޔާބު ކަމުގައެވެ. ރަށުގެ އެކި ޢުމުރުފުރާގެ މީހުންނަށް ވެސް ސީދީބެ ގެނައި މަޤުޞަދު ޙާޞިލް ކުރެވިއްޖެއެވެ. މިކަން ކާމިޔާބު ނުކުރެވި މިހާރު ތިބީ ހަމައެކަނި ދަރީން ލިބުމުން މަޙުރޫމްވެފައިތިބި ބައެކެވެ. މިކަމާ އެއް ދުވަހަކު މީހަކާ ދެކެވުނު ވާހަކައިން އެކަން ވެސް ސީދީބެ ކާމިޔާބު ކޮށްދޭނެކަމަށް ބުނުމުން އެތައް ފިރިންނެއް ސީދިބެއާ ބައްދަލު ކޮށްފިއެވެ. އަދި ކަންކުރަންވީގޮތް އަހާ އޮޅުންފިލުވައިފިއެވެ. ދުނިޔަވީ ކާންބޯން ކުރާ މަސައްކަތް ހުއްޓާލާފައި ވެސް އެ މީހުން ތިބީ އެކަން ސީދީބޭގެ ފަންޑިތައަކުން ނަމަވެސް ކާމިޔާބު ވޭތޯ އެދިއެދިއެވެ. އެހެންނަމަވެސް ކާންބޯން ކުރާ މަސައްކަތް ހުއްޓާލާފައި ރަށުގައި މަޑުކުރާކަށް ސީދިބޭ ނޭދުނެވެ. މިފަހަރު ވެސް ސީދިބޭ ހަދާލީ ބޮލުގެ އެއްޗެކެވެ. ފިރިން ކާންބޯން ކުރާ މަސައްކަތަށް ފޮނުވާފައި ސީދިބޭ ކޮށްދޭންޖެހޭ މަސައްކަތް ހެޔޮހިތުން ކޮށްދެމުން ގެންދަނީ އިޚްލާޞްތެރި ކަމާއެކުގައެވެ. ހެނދުނެއް މެންދުރެއް ރޭގަނޑެއް ވަރުބަލިކަމެއް ނެތިއެވެ. ދަމު ނަމާދާއި ޟުޙާ ނަމާދާއި އެނޫން ނަމާދުތައް ވެސް ކުރަމުންދަނީ މިއިން ކޮންމެވެސް ގެއެއްގައެވެ.

މަސް ދުވަސްވީއިރު ކެނޑިނޭޅި ކޮށްދެމުންދިޔަ މަސައްކަތުގެ އަސަރުތައް ފެންނަން ފަށައިފިއެވެ. މުޑުވައްތަކުން ގަސްފަޅައި ފޯދި މޭވާތައް ނިކުންނަން ފަށައިފިއެވެ. ފިރިންނަށް މި ހުރިހާ ދުވަހު މިކަމަށް މަސައްކަތެއް ނުކޮށް އަތް އުރާލައިގެން ތިބެވުނީތީ އަމިއްލަ ނަފުސަށް މަލަމާތް ކުރެވެން ފަށައިފިއެވެ. ކުރިން ސީދިބެއާ ބައްދަލު ނުވީތީ ހިތާމަކޮށް އެވާހަކަ ދައްކަން ފަށައިފިއެވެ. ފިރިންގެ ހުރިހައި ޝުކުރެއް ސީދީބޭގެ ކަންފަތް ބުޑަށް ވިރުވާ އަޅަމުންދާއިރު ލާނެތް ހިނިތުންވުމަކުން ސީދީބެ ހިނިތުންވެ ވަޑައިގެންފައި އެ އިންނަ ސަބަބެއް މިއިން އެއްވެސް މީހަކަށް ނޭނގެއެވެ. އެނގޭނަމަ މިއަދު އެހެނެއް ނުތިބީހެވެ. އަޞްލު ޙަޤީޤަތް އެނގޭނަމަ އެއިން ކޮންމެ މީހެއްގެ އަތްތިލަ ނުވަތަ ގޮށް މުށް އަރާނީ ސީދީގެ ކަންކަށްޓަށް ނުވަތަ ކޯތާފަތް މައްޗަށްކަން ޔަޤީނެވެ.

ކޮންމެއަކަސް މިދަތުރަކީ ސީދިބެއަށް މިހާތަނަށް ކުރެވުނު އެންމެ ކާމިޔާބު ދަތުރަށް ވެގެން ހިނގައްޖެއެވެ. މިއަދު ގަމާރުފުށިން މާލެ ދިއުމަށް ސީދީބޭ އެފުރަނީ އުމުރުގައި ވެސް އަލާ ނުކެނޑޭވަރަށް މުހުތާދުތައް ފުއްދައިގެންނެވެ. އަދިވެސް ކިތަންމެ ހަނި ފުރުޞަތެއް ލިބުނަސް މިރަށަށް އެނބުރި އައުމަށެވެ.

-ނިމުނީ-