ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނައުޓް ވަރަށް ކުޑައިރު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ކަންގަނާ މިހެން ބުނެފައިވަނީ އޭނާ ކުރިއަށް ގެންދާ ރިއަލިޓީ ޝޯވް، ލޮކްއަޕް ގެ ތެރެއިންނެވެ.

ކަންގަނާގެ ހަޔާތުގައި ކުޑައިރު ގިނަ ކަންތައް ދިމާވެފައިވާ ކަމަށް މީގެ ކުރިންވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް ޖިންސީގޯނާގެ އަނިޔާ ލިބިފައިވާ ކަމަށް މިފަހަރު ބުނީ އެޝޯވްގެ ބައިވެރިޔަކު އޭނާގެ އުމުރުން 5-6 އަހަރާ ދެމެދުގައި އާއިލާ މީހަކު ޖިންސީ ގޯނާ ކުރިވާހަކަ ހިއްސާ ކުރުމުންނެވެ.

ކަންގަނާ އޭނާގެ ވާހަކަ އަޑު އަހަން އިނދެފައި ބުނީ، ހަނގު އުމުރުގައި އެތައް ކުޑަކުއްޖަކަށް މި އަނިޔާ ލިބިފައިވާނެ ކަމަށެވެ. މިކަން އެ އުމުރުގައި ގިނަކުދިން ތަހައްމަލް ކުރަމުން ދާއިރު މިއީ ކޮންކަމެއްކަން ނޭގުނަސް ބޮޑުވަމުން އަންނަ އިރު އެދިމާވި ކަންތައް އެއީ ގޯސްކަންތަކެއް ކަން ކުދިންނަށް އެނގޭ ކަމަށެވެ. ހަމަ އެގޮތަށް ކަންގަނާގެ އުމުރުން 5 އަހަރުގައި، އޭނާ އަށް ވުރެ 3 އަހަރު ދޮށީ ފިރިހެން ކުއްޖަކު އޭނާ އަށް ޖިންސީ ގޯނާ ކޮށްފައި ވާކަމަށެވެ. އަދި އޭރު އޭނާ އަށް އެއީ ގޯސްކަމެއްކަން ނުއެނގޭހާ ކުޑަ ކަމަށާއި އެކަންތައް ވިސްނުނީ މާފަހުން ކަމަށް އޭނާ ބުންޏެވެ.

އިންޑިއާ އަކީ މުޅިދުނިޔޭންވެސް އެންމެ ގިނައިން ކުޑަކުދީން ރޭޕްކުރާ ކަމަށް ލޭބަލް ކުރެވިފައިވާ ހަމަ އެކަނި ގައުމެވެ. އިންޓަޕޯލް ދިރާސާތަކުން ދައްކާ ގޮތުގައި އިންޑިއާގައި، 2.4 މިލިއަން ޖިންސީ ގޯނާގެ މައްސަލަ އޮންލައިންކޮށް 2017 އިން 2020 އާހަމަ އަށް ހުށަހަޅާފައި ވެއެވެ.