މާލޭގައި ހިންގާ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރުކުރާ އިރު ފޮތި ކޮތަޅު ބޭނުންކުރާ ނަމަ ހަދިޔާ ދޭ ކެމްޕޭނެއް ފަށައިފި އެވެ.

މިއަދު "ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް" ގެ ނަމުގައި ފެށި ކެމްޕޭންގެ މަގުސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށްޓަކައި ބާޒާރުކުރުމަށް ފޮތިކޮތަޅު ބޭނުންކުރުން އާދަކުރުވުމެވެ.

މިއީ މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކު ހިންގާ ކެމްޕޭނެކެވެ.

މި ކެމްޕޭނުގައ އެސްޓީއޯގެ އިތުރުން ދިރާގު ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

"ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް" ފެށުމާ ގުޅިގެން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ފޮތި ކޮތަޅުތަކުގައި އެންއެފްސީ ޗިޕެއް ހަރުކޮށްފައިވެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެ އެވެ. އަދި ވަކި ވަރަކަށް ވިޔަފާރިކުރުމުން ލިބޭ ޕޮއިންޓްތައް ބަދަލުވެގެންދާނީ ރިވާޑްސް ނުވަތަ ހަދިޔާއަށެވެ. ހަދިޔާއަކަށް ލިބޭނީ ދިރާގު ޑާޓާ، އަދި އެސްޓީއޯއިން 100-500ރ. އާ ދެމެދުގެ ފައިސާގެ ތަކެއްޗެވެ.