މިޝިގަންގެ ގަވަރްނަރު ވަގަށް ނަގަން އުޅުނު، ހަނގުރާމަވެރި ޖަމާއަތުން ސްޓޭޓްގެ ގާނޫނު ހަދާ މަޖިލިސް މެންބަރުންނާއެކު އަންދާލުމަށް ރާވާފައި އޮތްކަމަށް ޕްރޮސެކިއުޓަރުން ބުނެފިއެވެ.
އެމެރިކާގެ މިޝިގަން ސްޓޭޓުން ކޮވިޑް19އާ ގުޅިގެން ފުރަބަންދު ކުރުމަށް ނިންމުމުން އެކަމާ ދެކޮޅަށް ހަތިޔާރު އެޅި މިޝިގަން މިލީޝިއާ ހަނގުރާމަވެރި ޖަމާއަތުން ރޭވީ ސްޓޭޓްގެ ގަވަރުނަރު ވަގަށް ނަގާށެވެ. އެފްބީއައިން އެޅި ފިޔަވަޅުތަކުން މިމީހުންނަށް މިކަން ކާމިޔާބެއް ނުކުރެވުނެވެ.
މިމައްސަލާގައި ތުހުމަތު ކުރެވިފައިވާ މީހުންގެ ޝަރީއަތް ދަނީ ކުރެވެމުންނެވެ.
މިޝިގަން މިލީޝިއާއަކީ ހުއްދަނަގައިގެން ހަތިޔާރު ހިފައިގެން އޮޕަރޭޓް ކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ. މިމީހުންގެ ހަރަކާތްތައް ފަށާފައި ވަނީ 1990ގައެވެ.
މިދިޔަ މަހު އެފްބީއައިއަށް ލިބުނު ޖާސޫސީ މަޢްލޫމާތުން އެނގިފައި ވަނީ މިޝިގަން މިލީޝިއާއިން ސްޓޭޓްގެ ގަވަރުނަރު ވަގަށް ނަގައި، އޭނާ ސްޓޭޓަށް ޚިޔާނާތްތެރިވީ ކަމަށް ކަނޑައަޅައި އޭނާ ދަންޖައްސަން ރާވާފައިވާ ކަމަށެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ 14 މީހުންގެ ޝަރީއަތުގައި ސްޓޭޓްގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ މި މީހުންގެ ރޭވުންތައް އޮތީ މިވަރުން ފުއްދާލާ ގޮތަކަށެއް ނޫނެވެ.
މިމީހުން ރާވާފައި އޮތީ އިތުރު މަސްއޫލުވެރިންތަކެއް ވަގަށް ނަގައިގެން އެމީހުންވެސް ކޮންމެ ދުވާލަކަށް މީހެއް މަގުން ހަފްތާއެއްގެ ތެރޭގައި ލައިވް ޓީވީގައި އެންމެން ދަންޖައްސާ ގޮތަށެވެ. އަދި އެރޭވުން ފެއިލް ވެއްޖެނަމަ، ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހައި މެންބަރުންނާއެކު އެތާނގައި ތަޅު އަޅުވައި އިމާރާތް އެއްކޮށް އަންދާލާ ގޮތަށެވެ.
މި ހަނގުރާމަވެރި، ޖަމާއަތުގެ 200 މީހުން މިކަމުގައި ބައިވެރިވާކަމަށް ވެއެވެ.
މީގެ އިތުރުން ވަރޖީނިއާގެ ގަވަރްނަރުވެސް ވަގަށް ނެގުމަށް މިމީހުން ރާވާފައި އޮތެވެ. އަދި އިލިނޮއި ސްޓޭޓްގެ ގަވަރުނަރު މިދިޔަ ހަފްތާގައި މީޑިއާއަށް ވިދާޅުވެފައިވަނީ އޭނާއަށް އަދިވެސް މި ޖަމާއަތުން މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށެވެ. މިއިންޒާރުތަކާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން މިހާރު ދޫކޮށްލާފައިވާތީ އޭނާ ނުތަނަވަސްވެ ވަޑައިގަންނަވާ ކަމަށްވެސް ގަވަރްނަރް ވިދާޅުވިއެވެ.
ކޮވިޑް19 އާގުޅޭ ގޮތުން މިޝިގަން ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގައި ބަހުސް ކުރަމުން ދިޔައިރު މިޝިގަން މިލީޝިއާއިން ވަނީ އެމީހުންގެ ދިދަ ހިފައިގެން މަޖިލީހުގެ ބޭރުގައި މުޒާހަރާ ކޮށްފައެވެ. އަދި އެއް ހާދިސާއެއްގައި ހަތިޔާރު އަޅައިގެން ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހަށް ވަދެ ބިރު ދައްކާފައި ވެސް ވެއެވެ.
ހުދު ދަރިކޮޅުގެ ކްރިސްޓިއަން މީހުން ބައިވެރިވާ މި ޖަމާއަތާ ދެކޮޅަށް މިހާދިސާތަކުގައިވެސް ޓެރަރިޒަމް ދައުވާ ކޮށްފައެއް ނުވެއެވެ. އަދި މިއީ މަނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާކަށްވެސް މަސައްކަތެއް ނުކުރެއެވެ.